މި ޑިސެމްބަރު މަހުގެ 16 ވި ހޯމަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި 'ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު' ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ތަޞްދީޤްކުރައްވައިފިއެވެ. ތަޞްދީޤްކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަކީ، ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ރާއްޖޭގެ ޖަލުތައް ހިންގުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، ޖަލުތަކުގައި ހުންނަންވާ ފެންވަރު ކަނޑައަޅައި ހިފެހެއްޓުމާއި، ޖަލުގައި މީހުން ބަންދުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާއި، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި އެއްވެސް މީހަކު ބަންދުކޮށްފައި ބަހައްޓަން ޖެހިއްޖެނަމަ އެފަދަ ފަރާތްތައް ބަންދުގައި ބައިތިއްބާނެ އުސޫލުތަކާއި ތަންތަން ކަނޑައެޅުމާއި، މިފަދަ ތަންތަނާއި، ޖަލުތަކުގައި ކަންތައް ކުރަންވާނެ ގޮތް ކަނޑައެޅުމާއި، ޤައިދީން ޖަލުގައި އުޅެންވާނެގޮތާއި، ޤައިދީންނަށް ލިބޭ ޢިނާޔަތްތަކާއި ޙައްޤުތަކާއި، ޖަލު ބަލަހައްޓާ ފަރާތްތަކަށް ލިބިފައިވާ އިޚްތިޔާރުތަކާއި ޙައްޤުތަކާއި ބާރުތައް ތަފްޞީލުކޮށް ބަޔާންކުރުމާއި، ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި ޕެރޯލްގެ ފުރުޞަތު ދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުން ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖަލުތަކުގެ ނިޒާމަކީ ހަރުދަނާ އުސޫލަކުން ހިނގާ ނިޒާމެއް ކަމުގައި ހެދުމާއި، "މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް" ގެ ނަމުގައި ވަކި ޚިދުމަތެއް އުފައްދައި، އެ ސަރވިސް ހިންގަމުން ގެންދާނެ އުސޫލުތައް ކަނޑައެޅުމާއި، ޤައިދީންނަށް ޖަލުގައި ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ޤާއިމުކުރުމާއި، ޤައިދީންނަށް ތަފާތު އެކި ރޮނގުރޮނގުން ތަމްރީނުދީ، އެކިއެކި ހުނަރު ދަސްކޮށްދިނުމާއި، ޤައިދީން ކުށްކުރުމުން ދުރުހެލިކޮށް ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށް ބާރުއެޅުމާއި، ޝަރީޢަތުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ޙުކުމް ތަންފީޛުކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ޤާނޫނަކުން ބާރު ލިބިގެން ތަޙްޤީޤުކުރާ އިދާރާތަކުން ތަޙްޤީޤު މަރުޙަލާގައާއި ޝަރީޢަތުގެ މަރުޙަލާގައި މީހުން ބަންދުގައި ބައިތިއްބާނެ ތަންތަނާއި އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު ތަޞްދީޤްކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ބަންޑާރަނައިބު އެރުވި ލަފާފުޅުގައި ބިލުގައި ހުރި 13 މައްސަލައެއް ވަރަށް ތަފްޞީލުކޮށް ފާހަގަކުރައްވާފައިވެއެވެ. އަދި 29 އޯގަސްޓް 2013 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރެއްވި 'ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު' އާ ގުޅޭގޮތުން ފާހަގަކުރެވުނު ގިނަ ކަންކަމަށް ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކުރައްވާފައިނުވާކަންވެސް ބަންޑާރަނައިބު ފާހަގަކުރައްވާފައިވެއެވެ.

އިސްވެދެންނެވި ކަންކަމާއި، ބިލުގައި ޤާނޫނީ އަދި އުޞޫލީ މައްސަލަތަކާއި، ތަންފީޛުކުރުމުގައި ދަތިތައް ދިމާވާނެ ކަންކަން ހުރިނަމަވެސް، މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިމިވަނީ ހަތަރުވަނަ ފަހަރަށް ކަމަށްވެފައި، ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ އިއްތިފާޤުން ކަމަށްވާތީ، އެކަމަށް ރިޢާޔަތްކުރައްވައި ބިލު ތަޞްދީޤްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީއެވެ. އަދި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމުގެ ގޮތުން ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރު ފެށުމުގެ ކުރިން ސަރުކާރުން ހުށަހެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.