މި ޑިސެންބަރު މަހުގެ16 ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި "އެންޓި ޓޯޗަރ ބިލު 2013" ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.

އެނޓި ޓޯޗަރ ޤާނޫނަކީ، ދިވެހިރާއްޖޭގައި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކުރުމާއި، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން އެކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެކެވެ.

މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ޓޯޗަރއިން މިނިވަންވެގެންވުން އެއީ، ދިވެހިރާއްޖޭގައި ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާ މުޠްލަޤް ޙައްޤެއް ކަމާއި، އިންސާނީ ކަރާމާތަށް ހުރިހާ ޙާލަތެއްގައިވެސް ހަމަ އެންމެންމެ އިޙްތިރާމް ކުރަންޖެހޭނެކަމާއި، އެ އިންސާނީ ކަރާމާތަށް ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމާއި، ޓޯޗަރގެ ކުށް އެއީ ދިވެހިރާއްޖޭގައި، އޭގެ ޒާތުގައި، ވަކި ކުށެއް ކަމަށް ކަނޑައެޅުމާއި އަދި އެ ކުށުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ. އަދި މި ޤާނޫނުގައި ޖިނާއީ އެހެން ކުށްކުށާއި ޖިނާއީ އެހެން ޤާނޫނުތަކާއި މި ޤާނޫނާ ހުރި ގުޅުން އެކަށައަޅައިދީފައިވެއެވެ. އަދި ޓޯޗަރކުރެވޭ ފަރާތްތަކަށް ލިބުނު ގެއްލުމުގެ އިންސާފުވެރި ބަދަލު ހޯދޭނެ މަގު ތަނަވަސްކޮށްދިނުންވެސް މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ހިއުމަން ރައިޓްސް ކޮމިޝަނަށް، ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ ދަށުން ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، މި ޤާނޫނުގެ ދަށުން ދިވެހި ރާއްޖޭގައި ޓޯޗަރކުރުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކުރުމާއި، މިޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ހުރިހާ ބާރު ކޮމިޝަނަށް މި ޤާނޫނުން ލިބިދެއެވެ.

އަދި މި ޤާނޫނާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރުމުގެ ބޭނުމަށްޓަކައި، ރާއްޖޭގައި ޤާއިމުކުރެވޭ ނޭޝަނަލް ޕްރިވެންޓިވް މެކެނިޒަމްއަކީ، ކޮމިޝަން ކަމުގައި މި ޤާނޫނުން ކަނޑައަޅައި، އެމަސްއޫލިއްޔަތު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާ ޙަވާލުކޮށްފައެވެ.

އަދި ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން، މަދަނީ އަދި ސިޔާސީ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާއާއި، ކުޑަކުދިންގެ ޙައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އަންހެނުންނާ ދެކޮޅަށް ކުރެވޭ ހުރިހާ ބާވަތެއްގެ ތަފާތުކުރުންތަކެއް ނައްތާލުމުގެ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އަނިޔާކުރުމާއި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ އެހެނިހެން ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި ޤަރާރުތަކާއި ޕްރޮޓޮކޯލްތަކުގެ ތެރެއިން ދިވެހިރާއްޖެ ބައިވެރިވެފައިވާ ނުވަތަ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކާއި ޤަރާރުތަކާއި ޕްރޮޓޮކޯލްތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޢަމަލުކުރުމަށް މި ޤާނޫނު ލާޒިމްކުރެއެވެ.