ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ސާކް ޕާލަމެންޓަރީ ގްރޫޕްތަކުގެ ރައީސުން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު ބަނޑޮސް އައިލެންޑް ރިސޯޓްގައި އޮތް މި ބައްދަލުކުރެއްވުމުގައި، މިއަދު ފެށުނު 7 ވަނަ ސާކް ސްޕީކަރސް އެންޑް ޕާލަމެންޓޭރިއަންސް ކޮންފަރެންސާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މި ކޮންފަރެންސްގެ ތެރޭގައި މަޝްވަރާކުރެވޭ މައިގަނޑު ދެ މައުޟޫޢު ކަމަށްވާ، މުއައްސަސާތައް ތަރައްޤީކޮށްގެން ޑިމޮކްރަސީ ހަރުދަނާ ކުރުމާއި، ސާކުގެ ސާސްކަފު ލަޑުދަނޑިތައް ޙާސިލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި ޕާލަމެންޓަރީ ގްރޫޕްގެ ރައީސުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން، އެމަނިކުފާނުވެސް ހުންނެވީ ރާއްޖޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ކަމަށާއި، ޤާނޫނުހަދާ މަޖިލީހުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، އެބޭފުޅުންނާ ވަރަށް ގާތްކަމެއް އިޙްސާސް ކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން، ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤްވާމީ ފުރަތަމަ ބައްދަލުވުންކަން ފާހަގަކުރައްވަމުން، ސާކްގެ މިހާރުގެ ޗެއަރގެ ހައިސިއްޔަތުން ރާއްޖެއިން ސާކުގެ ކަންތައް ކުރިއެރުވުމަށް ވަރަށް އިސްކަމެއް ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި ސާކުން މިހާރަށްވުރެ ބޮޑު ދައުރެއް އަދާކޮށް، މިހާރަށްވުރެ ހަރަކާތްތެރި ޖަމާޢަތަކަށް ސާކު ބަދަލުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

ސާކް ޕާލަމެންޓަރީ ގްރޫޕްތަކުގެ ރައީސުން ދެއްކެވި ވާހަކަފުޅުގައި، ސާކް ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ތަޖުރިބާ ޙިއްސާ ކުރުމަކީ، ހުރިހާ ފަރާތަކަށްވެސް އެއިން ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި، މި ބައްދަލުވުން ރާއްޖޭގައި ބާއްވަވައި، މިހާ ފުރިހަމަ ގޮތެއްގައި މި ބައްދަލުވުން އިންތިޒާމްކޮށްދެއްވިކަމަށްޓަކައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ސަރުކާރަށް އެބޭފުޅުން ޝުކުރުއަދާކުރެއްވިއެވެ.