ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތައް ކުރިއަރާފައިވަނީ، އެކި ޤައުމުތަކުގައި އެކި މިންވަރަށް ކަމަށްވުމާއެކު، ޑިމޮކްރަސީގެ ފުރިހަމަ ފައިދާ، ރައްޔިތުންނަށް ފޯރުވައިދިނުމަށްޓަކައި، ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހަދާ މަޖިލީސްތަކާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް ސަމާލުކަން ދިނުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ރާއްޖޭގައި ފެށުނު، ސާކް ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކުގެ ރައީސުންނާއި، އަދި މަޖިލީސް މެންބަރުންގެ 7ވަނަ ބައްދަލުވުން އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓުގައި މިއަދު ހަވީރު މި ބައްދަލުވުން އިފްތިތާޙު ކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަކީ، ޑިމޮކްރެޓިކް ނިޒާމެއްގެ ބިންގާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖެފަދަ، ވެރިކަމުގެ ބާރުތައް ވަކިކުރެވިފައިވާ ޤައުމެއްގައިވެސް، ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހަދާ މަޖިލީސްތަކާ ދެމެދު އެއްބާރުލުމާއި މަޝްވަރާ އިތުރުކުރުމަކީ، ހަރުދަނާ ވެރިކަމުގެ ނިޒާމެއް ޤާއިމު ކުރުމަށް ކޮންމެހެން ލާޒިމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޚާއްޞަކޮށް، ޑިމޮކްރަސީގެ ޅަފަތުގައިވާ ޤައުމުތަކާއި ކުދި ޤައުމުތަކުގައި، ޤާނޫނުހަދާ މަޖިލީސްތަކުގެ ދައުރަކީ، ހަމައެކަނި ޤާނޫނު ހެދުމަށްވުރެ މާ ފުޅާ ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލީސްތަކަކީ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ އިތުރުން، ދައުލަތުގެ ބަޖެޓު ކަނޑައެޅުންފަދަ މުހިންމު މަސައްކަތްތަކެއްވެސް ކުރާ މަޖިލިސްތަކެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މިއަދު މި ފެށުނު ބައްދަލުވުމުގައި ވަރަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މި ބައްދަލުވުމުން ނިންމާ ނިންމުމުންތައް ވެގެންދާނީ، ސާކް މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް ދިގުމުއްދަތަކަށް ދެމިގެންދާނެ އަސަރުތަކެއް ކުރާނެ ނިންމުންތަކަކަށް ކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާއިރު، ބިލިއަނެއްހާ ރައްޔިތުންގެ ހާލަތާމެދު ވިސްނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، އާމްދަނީގެ ފަރަޤު ކުޑަކޮށް، ފަޤީރުކަން ނައްތާލުންފަދަ މައުޟޫޢުތަކަކީ ކުރިއަށް އޮތް އެތަކެއް އަހަރަކަށްވެސް މުހިންމު މައުޟޫޢުތަކަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޢާންމު ރައްޔިތުންގެ އުންމީދުތަކަށް އިސްކަންދީ، އިންތިޚާބުކުރެވޭ ފަރާތްތަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވަމުންނެވެ.