ރައީސުލްޖުމްހޫރިއްޔާ، ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމަށް ދަފްތަރު ނަންބަރު 5095 އަލްފާޟިލާ ޚަދީޖާ ޙުސައިން، ޢައްޔަނު ކުރައްވައިފިއެވެ. ޚަދީޖާ ޙުސައިން، މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.
ޚަދީޖާ ޙުސައިނަކީ، އެކައުންޓިންގ ދާއިރާއިން ބެޗްލަރސް ޑިގްރީއާއި، މާސްޓަރސް ޑިގްރީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓެރީ ކަމުގެ މަޤާމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެކައުންޓެންޓް ކަމާއި، ސީނިއަރ އެކައުންޓެންޓް ކަމާއި، ޑިރެކްޓަރ، އެކައުންޓްސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެތާނގެ އިންޓަރނަލް އޮޑިޓަރކަމުގެ މަޤާމުގައެވެ.