ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން، ފަސޭހަފުޅު ތާރީޚެއްގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް، އެ ޤައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ ދަޢުވަތު އަރުވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ. މި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑަބްލިޔޫ.ޑަބްލިޔޫ. އެމް.އާރ.އެސް. ޑެލާ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ސްރީލަންކާއާއި ރާއްޖެއާ ދެޤައުމަކީ ވަރަށް ތާރީޚީ ގާތް ގުޅުމެއް އޮންނަ ދެޤައުމުކަން ފާހަގަކުރެއްވަމުން، މި ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރެއްވުމާ ބެހޭގޮތުން ސަފީރާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮކްޓަރުންގެ ދަތިކަމަށް ޙައްލެއް ހޯއްދެވުމަށް ސްރީލަންކާގެ އެހީތެރިކަން ލިބޭނެ ގޮތްތަކާ ބެހޭގޮތުންނާއި، ތަޢުލީމީ ދާއިރާއާއި ދިފާޢީ ދާއިރާގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ސްރީލަންކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އެކުވެރިއެއް ކަމަށާއި، ރާއްޖެއަށް ވެދެވެން ހުރި އެހީތެރިކަމެއް ވެދެއްވުމަށް ސްރީލަންކާ ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ސަރުކާރުން ސްރީލަންކާ ސަރުކާރަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންތައްތައް، ނިމިގެންދިޔަ ގޮތާމެދު ތަޢުރީފު ކުރައްވައި، ރާއްޖޭގައި މި ބޭއްވުނު ސުލްޙަވެރި އިންތިޚާބަކީ، މި ސަރަޙައްދަށްވެސް ނަމޫނާ އިންތިޚާބެއް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަލްފާޟިލް ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.