ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ޖެންޑަރ ކަމަށް ހެންވޭރު މީނާޒް ޑޮކްޓަރ ހާލާ ޙަމީދު ޢައްޔަނު ކުރައްވައިފިއެވެ.

ޑޮކްޓަރ ހާލާ ޙަމީދު، ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާފައިވަނީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިއާގައި ޖެންޑަރ އެންޑް ޑިވެލޮޕްމަންޓްގެ ރޮނގުންނެވެ.

ޑޮކްޓަރ ހާލާ ޙަމީދު މިހާތަނަށް ހުންނެވީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައެވެ. މި ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު އެކޮމިޝަނުގެ މެންބަރުކަމުންނާއި ނައިބު ރައީސް ކަމުން ޑޮކްޓަރ ހާލާ އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާގެ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައި، ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވާފައެވެ.