ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު މިއަދު ސޮއިކުރައްވައިފިއެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ލިޔުއްވި ބަޔާނުގައި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށާއި، ފަރުދީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށާއި، ހަމަހަމަކަން ޤާއިމުކުރެއްވުމަށް ރައީސް މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ. އަދި މަންޑޭލާ، އަޅުގަނޑުމެންނާ ހަމައަށް ދޫކުރައްވާފައި އެވަޑައިގަތީ، ހަމުގެ ކުލައަކަށް، ނަސްލަކަށް ބެއްލެވުމެއްނެތި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ހިތްވަރުދޭނެ ތަރިކައެއް ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ބަޔާނުގައި، މަންޑޭލާގެ ޙަޔާތްޕުޅުން ދުނިޔެ ފިލާވަޅު ލިބިގަނެ، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ އަގު އަބަދުވެސް ވަޒަން ކުރަމުން ގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.