މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވި، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާއަކީ، ދުނިޔެ ދުށް އެންމެ ވަރުގަދަ ސިޔާސީ ޝަޚްޞިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުޅުއްވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި މިއަދު ސޮއިކުރައްވައި ލިޔުއްވި ބަޔާނުގައެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، މިނިވަންކަމަށްޓަކައި ވަރަށް ދިގު މުއްދަތެއް ވަންދެން މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުތަކާއި، "ރެއިންބޯ ނޭޝަން"ގެ ކާމިޔާބީއާއި އަދި ހިތްވަރާއި، ހަމަހަމަކަމާއި އިންސާފުގެ މައިދާނުގައި އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ އުސޫލުތައް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ އެތައް މިލިއަން މީހުންނަށް ފެނިގެންދާނީ ވިދަވިދާހުރި އަލިތަކެއްގެ ގޮތުގައި ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މަންޑޭލާގެ ހިތްޕުޅުގައި އޮތް ވަޠަނީ ލޯތްބާއި އިންސާނީ ކަރާމާތް ހިމާޔަތް ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެތަކެއް ޖީލުތަކަކަށް ދެމިގެންދާނެ އަދި ހަނދާނުން ފިލައިގެން ނުދާނެ މަސައްކަތްޕުޅުތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.