ސަރުކާރުގެ ސްކޮލަރޝިޕްގައި ފުރަތަމަ ޑިގްރީ ޙާޞިލުކޮށްގެން އަންނަ މެޑިކަލް ޑޮކްޓަރުންނާއި، އަލަށް ތަމްރީނުވެގެން ނުކުންނަ ނަރުހުން، ޤައުމަށް ޚިދުމަތް ކުރުމަށް އެއްބަސްވާ މުއްދަތުގެ ތެރެއިން މަދުވެގެން އެއް އަހަރު ޚިދުމަތް ކުރަންވާނީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އިން ކަނޑައަޅުއްވާ މަރުކަޒެއްގައި ކަމަށް ސޯޝަލް ކައުންސިލުން ނިންމަވައިފިއެވެ. މިގޮތަށް މި ނިންމެވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް އެކަށީގެންވާ ފެންވަރުގެ ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތް، ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސެވުމާއި އެތަންތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައެވެ.

ސޯޝަލް ކައުންސިލުން ނިންމަވާފައިމިވާ ގޮތުގެ މަތިން، މިކަންތައް މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އިން ކުރެއްވުމަށް، އެމިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރުވަނީ އަންގަވާފައެވެ. އަދި މިކަންތައް ކުރެއްވުމަށް ހަމަޖައްސަވާ ގޮތާއި، މިކަން ހިނގަމުންދާނެ ގޮތުގެ ތަފްޞީލު އެކުލަވައިލެއްވުމަށްފަހު، މި ޑިސެންބަރު މަހުގެ 15ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެއޮފީހަށް ފޮނުއްވައި ދެއްވުމަށްވެސް ވަނީ އެމިނިސްޓްރީގައި ދަންނަވާފައެވެ.