ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ޢާންމުކޮށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި ފަސް ބޭފުޅުންގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ހެންވޭރު މީނާޒް އަލްއުސްތާޛު މައުމޫން ޙަމީދުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އިޢުލާނު ކުރެއްވުމުން، އެކަމަށް އިޖާބަ ދެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ މަޢުލޫމާތަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮނުއްވާފައެވެ. އެބޭފުޅުންނަކީ، މައްޗަންގޮޅީ ބިންމާވިލާ އަލްއުސްތާޛު އިސްމާޢީލް ވަޙީދާއި، މާފަންނު ވައިނުޖެހޭގޭ ޑޮކްޓަރ މަރްޔަމް ޒުލްފާ އާއި، ދަފްތަރު ނަންބަރު 5514 އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދާއި، ހެންވޭރު ހިޔާކަން އަލްއުސްތާޛު ޙުސައިން ޝަމީމެވެ.