މި ޑިސެންބަރު މަހުގެ 3ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފިއެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ޓްރެފިކް ކުރުމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، ޓްރެފިކް ކުރުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި، އެނޫންވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، މީހުން ޓްރެފިކް ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ހިންގޭ، މީހުން ޓްރެފިކް ކުރުމުގެ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމާއި، މި ޤާނޫނުގެ ދަށުން ކުށްކުރާ މީހުންނަށް ކަމާ އެކަށީގެންވާ އަދަބު ދިނުމާއި، މި ޤާނޫނުގެ ދަށުން ކުށްކުރާ މީހުންގެ މައްސަލަތައް، އެކަށީގެންވާ ގޮތަކަށް ތަޙުޤީޤު ކުރެވި، އެމީހުންގެ މައްޗަށް ދަޢުވާ ކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމެވެ. މީގެއިތުރުން، ޓްރެފިކް ކުރުމުގެ ޝިކާރައަކަށްވާ އަދި ޝިކާރައަކަށްވެދާނެ މީހުންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ މީހުންގެ އިންސާނީ ޙައްޤުތައް ކުރިއަރުވައި ރައްކާތެރި ކުރުވުމާއި، ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅިގެން މަސައްކަތް ކުރުންވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މިޤާނޫނު ކިޔަންވާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އެއްވެސް ހަނިކަމެއް ނާންނާނޭ ގޮތުގެ މަތިން ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ޝަރުޢީ ކޯޓުތަކުން މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތައް މާނަކުރުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމުޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެ އުޞޫލުތައް ނެގެހެއްޓުމާއެކު، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވާ ކަމާގުޅޭ އުޞޫލުތަކަށް ރިޢާޔަތް ކުރަންވާނެ ކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.