ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވުމާ ގުޅިގެން، ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާއަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ނެލްސަން މަންޑޭލާ އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، މަންޑޭލާއަކީ ހީރޯއެއް ކަމަށް ސިފަކުރައްވާފައިވެއެވެ. އަދި، ޤައުމަށްޓަކައި އެމަނިކުފާނު ވެވަޑައިގެންނެވި ޤުރުބާނީގެ މައްޗަށް ބައްލަވައިލައްވަމުން، ނަސްލީ އިމްތިޔާޒުގެ ސިޔާސަތު މުޅި ޤައުމުން ފުހެލައްވައި، ދެކުނު އެފްރިކާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި، އުފާ ފާގަތިކަން ހޯއްދަވައިދެއްވި ބޭފުޅެއްގެ ގޮތުގައި ނެލްސަން މަންޑޭލާގެ ހަނދާންތައް ދެމިގެންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އެކި ފިކުރުތަކުގެ މީހުން އެއްބައިވަންތަ ކުރެއްވުމަށާއި، ދުނިޔޭގެ ޞުލްޙަޔާއި ހަމަޖެހުމަށް ނެލްސަން މަންޑޭލާ ކުރެއްވި ވަރުބަލިފުޅުވުމެއްނެތް މަސައްކަތްޕުޅުތަކަށް އަޅުގަނޑުމެން ދަރަނިވެރިވެފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ނާއިބު ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް ޖޭކަބް ޒޫމާއަށާއި، ދެކުނު އެފްރިކާގެ ސަރުކާރަށާއި ރައްޔިތުންނަށާއި، ނެލްސަން މަންޑޭލާގެ ޢާއިލާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި، ނާއިބު ރައީސްގެ ނަންފުޅުގަޔާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވަމުންނެވެ.