ނެލްސަން މަންޑޭލާ އަވަހާރަވުމުން، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދެކުނު އެފްރިކާގެ ރައީސް ޖޭކަބް ޒޫމާއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނެލްސަން މަންޑޭލާއަކީ މިއަދުގެ ޖީލުތަކުގެ ދަރިން އެކި ކަންކަމަށް ލޯ ހުޅުއްވައިދެއްވި، އެފަދަ ދެވަނައެއް ނެތް ލީޑަރެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި ނެލްސަން މަންޑޭލާއަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާ ޝަޚުޞިއްޔަތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ދެކުނު އެފްރިކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދެކުނު އެފްރިކާއަކީ މިނިވަން، ޞުލްޙަވެރި ޤައުމަކަށް ހެއްދެވުމަށްޓަކައި މަންޑޭލާ ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ވަޠަނީ ލޯބީގެ އަލިގަދަ ދަލީލެއް ކަމުގައި ވިދާޅުވެފައިވެއެވެ. ނެލްސަން މަންޑޭލާ އަވަހާރަވުމުން މުޅި ދުނިޔެއަށްވެސް ގެއްލިގެން އެ ދިޔައީ ހަރުދަނާ ޒަޢީމެއް ކަމަށާއި، އެމަނިކުފާނުގެ ހަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބުނު ހިތްވަރާއި ފިލާވަޅުތަކަކީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އަޅުގަނޑުމެންނަށް މަގުދައްކައިދޭނޭ ވަސީލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަހުގެ ތާރީޚު ދުށް، އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކީ ނެލްސަން މަންޑޭލާކަން ފާހަގަކުރައްވަމުން، އެމަނިކުފާނަކީ ދެކުނު އެފްރިކާގެ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ "މަޑީބާ" ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނެލްސަން މަންޑޭލާ އަވަހާރަވިކަމުގައި ވީނަމަވެސް، މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި އެމަނިކުފާނު ކުރެއްވި ދިގު ދަތުރު ނިމުމަކަށް ނާންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، މިނިވަން، ޞުލްޙަވެރި، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދެކުނު އެފްރިކާ ހެއްދެވުމަށްޓަކައި މަންޑޭލާ ގެންގުޅުއްވި އުއްމީދާއި ތަޞައްވުރު، މަންޑޭލާދެކެ ލޯބިވާ، އަދި އިޙްތިރާމުކުރާ ހުރިހާ ރައްޔިތުން އެކުގައި ޙިއްޞާ ކުރާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަޑީބާގެ އެ ހުވަފެންފުޅު ޙަޤީޤަތަކަށް ހެދުމަށް ދެކުނު އެފްރިކާއިން ކުރަމުންގެންދާ މަސައްކަތްތަކުގައި، ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ދިވެހިރާއްޖެ ފަހަތަށް ނުޖެހޭނެ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ނެލްސަން މަންޑޭލާގެ އަނބިކަނބަލުންނާއި ޢާއިލާގެ ބޭފުޅުންނަށާއި، ދެކުނު އެފްރިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ރައްޔިތުންގެ އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވަމުންނެވެ.