ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ވިދާޅުވެ، އޮސްޓްރޭލިޔާގެ އާ ބޮޑުވަޒީރު ޓޯނީ އެބޮޓް ސިޓީފުޅެއް ފޮނުއްވައިފިއެވެ. މި ސިޓީފުޅު، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވީ، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ރޮބިން މުޑީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާނގައި މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން ބައްލަވައިލެއްވިއެވެ.

މީގެ އިތުރުން، އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖޭގެ ކިޔަވާ ކުދިންނަށް ދެމުން ގެންދާ ސްކޮލަޝިޕް ފުރުޞަތުތައް އިތުރު ކުރެއްވުމާއި، ތަޢުލީމީ މުއައްސަސާތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.