ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ރާޖަޕަކްސަ ފޮނުއްވި ސިޓީފުޅުގައި، ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހޯއްދެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ސިޔާސަތުތަކަށާއި އިސްނެންގެވުންތަކަށް ދިވެހި ރައްޔިތުން ދެއްވި ޔަޤީންކަމާއި އިތުބާރު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްެޖެއާއި ސްރީލަންކާއަކީ، ޒަމާންވ ގާތް ގުޅުމެއްް އޮތް ދެ ޤައުމުކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ފަރާތުން ސްރީލަންކާއަށް ލިބެމުންދާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން މި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމުގައި ސްރީލަންކާގެ ރައީސް ވިދާޅުވެފައިވެއެވެ.