މާލެއަތޮޅު ދިއްފުށީ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސްކޫލަށް ލިބުނު ގެއްލުންތަކަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔޫ ހޮންގްޔާއޯ މިއަދު ވިދާޅުވެއްޖެއެވެ. ޗައިނާ ސަފީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޗައިނާއަކީ ރާއްޖެއާއި އަބަދުވެސް ވަރަށް ޚާއްޞަ ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވަމުން، މިގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރުވެސް ރާއްޖޭގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރި ކަމަށާއި އެއްބާރުލެއްވުމަށް ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ދޭދޭ، އިޖުތިމާޢީ އަދި ޘަޤާފީ ގުޅުންތައް ބަދަހިކުރެއްވުމާ ގުޅޭގޮތުން ނައިބު ރައީސާއި ޗައިނާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ޗައިނާ ސަރުކާރުގެ އެހީގައި ނޭޝަނަލް ޔުނިވަރސިޓީގައި މިހާރުވެސް ޗައިނާ ބަސް ދަސްކޮށްދޭ ކޯސްތައް ހިންގަމުން ގެންދާކަން ފާހަގަކުރައްވަމުން، މުސްތަޤްބަލުގައި މިހާރަށްވުރެ ފުޅާކޮށް މިކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ރާއްޖޭގެ ރަށްތަކަށް ސާފުބޯފެން ފޯރުވައިދިނުމާއި، ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، އާ ސަރުކާރު ވެރިކަމާ ހަވާލުވުމާ ގުޅިގެން، ރާއްޖޭގައި ހަމަޖެހުން ޤާއިމުވަމުންދާތީ، ޗައިނާގެ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިން ވިޔަފާރި ކުރުމުގެ ޝައުޤުވެރިކަން ހާމަކުރަމުން އަންނަ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން މިސްޓަރ ޔޫ ހޮންގްޔާއޯ، ރާއްޖެއަށް އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ސަފީރަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޝިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.