އާ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޗައިނާ ސަރުކާރުން ރާއްޖެއަށް 50 މިލިއަން ޔުއާން (8.2 މިލިއަން ޑޮލަރު)ގެ ހިލޭ އެހީއެއް ދެއްވުމަށް ނިންމަވައިފިއެވެ. ޗައިނާ ސަރުކާރުން މިކަން މިގޮތަށް ނިންމެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޔޫ ހޮންގްޔާއޯ މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް މިފަދަ އެހީއެއް ދެއްވުމަށް ނިންމެވިކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން އުފެދުނުތާ 41 އަހަރު ވެފައިވާކަން ބަޔާންކުރައްވަމުން، މިގުޅުން ބަދަހިކުރެއްވުމަށް ޗައިނާ ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާއަށް އެކިބޭނުންތަކުގައި ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަތަކެއް ހަމަޖެއްސެވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އެއްޤައުމަކުން އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އުންމީދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ޓޫރިސްޓުންގެ ޢަދަދު، މުސްތަޤްބަލުގައި އަދި މިއަށްވުރެވެސް އިތުރުވެގެން ދިޔުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައިވާކަން ހާމަކުރެއްވިއެވެ. މިގޮތުން ޗައިނާއާއި، އިންޑިއާއާއި، އެމެރިކާއާއި އަދި ޖަޕާންފަދަ ރާއްޖެއާ ޚާއްޞަ ގުޅުން އޮންނަ ޤައުމުތަކާއެކު ކުރެވޭ މުޢާމަލާތުތައް އިތުރަށް ފުޅާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މި ޤައުމުތަކަށް ޚާއްޞަ ޑިވިޝަންތަކެއް އުފެއްދެވުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމުގައި އިޤްތިޞާދީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ދިވެހި ސަރުކާރުގެ އިޤްތިސާދީ ދާއިރާތަކުގެ ބޭފުޅުންނާއި، ވިޔަފާރީގެ ފުންނާބު އުސް ބޭފުޅުން ހިމެނޭ ވިޔަފާރި ވަފުދެއް ޗައިނާއަށް ޒިޔާރަތެއް ކުރެއްވުމާ ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ، ރިޔާސީ ދައުރު ފެށްޓެވުމާ ގުޅިގެން، އެމަނިކުފާނަށް ޗައިނާ ސަފީރު މަރްޙަބާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޙަސަން ޝިފާޢު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ އިސްބޭފުޅުންވެސް މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.