ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންވެސް، އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވައިގެން، މެނިފެސްޓޯގައިވާ ކަންކަން، މި ފަސްއަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ހެނދުނު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ކެބިނެޓްގެ މަސައްކަތްތައް ހިންގާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ޙައްލުކޮށްދެއްވުމަކީ، މެނިފެސްޓޯގެ އެންމެ މުހިންމު މަޤްޞަދުކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާނީ، އިޤްތިޞާދީ ދާއިރާއަށާއި، ޒުވާނުންނަށާއި، އިޖްތިމާޢީ ދާއިރާއަށް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ފަހިކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މީގެއިތުރުން، އިޖްތިމާޢީ ދާއިރާތަކުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ދާއިރާތަކަށް އިސްކަން ދެއްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިކޮނޮމިކް އެންޑް ޔޫތު ޑިވިޜަނަކާއި، ސޯޝަލް ޑިވިޜަނެއް އުފައްދަވައިފި ކަމަށާއި، މެނިފެސްޓޯގައިވާ ކަންކަން ތަންފީޛު ކުރުމުގައި، މި ދެޑިވިޜަންގެ ދައުރު ވަރަށްބޮޑުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެތެރެއިން އިކޮނޮމިކް އެންޑް ޔޫތު ޑިވިޜަން ހިނގަމުންދާނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށާއި، ސޯޝަލް ޑިވިޜަން ހިނގަމުންދާނީ، ސީދާ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކަމުގައިވެސް ވިދާޅުވިއެވެ.

ވަޒީރުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ހިންގުން ހަރުދަނާކޮށް ހަލުވިކުރަންޖެހޭ ކަމަށާއި، ހިންގުން ހަލުވިވެ، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފަސޭހަކަމާއެކު ލިބިގެންދާތަން ފެނިގެންދިޔުމަކީ، ރައްޔިތުން ވަރަށް ބޮޑަށް އެދޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެޔާއެކު، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަންކަން، ވެވަޑައިގެންނެވިހާ އަވަހަކަށް ތަންފީޛުކޮށްދެއްވުމަށްވެސް ވަޒީރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވަޒީރުންގެ މަޖިލީހުގައި ތަފާތު ސިޔާސީ ޕާޓީތަކެއް ތަމްސީލުވެގެން ދިޔަކަމުގައިވިޔަސް، މިއީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކޯލިޝަންގެ ބަދަހިކަމަކީ، މި ސަރުކާރުގެ ތެރެއިން ރައްޔިތުން އެދޭ ކަންތައްތައް، ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ފޯރުވައިދިނުން ކަމުގައި ވިދާޅުވިއެވެ. ހަމައެޔާއެކު، ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރުގެ މަސައްކަތްތަކަށް ބޭނުންފުޅުވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ވަޒީރުންނާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް ބޭއްވެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅު ދެއްކެވިއެވެ. އަދި ކޮންމެ ވަޒީރަކުވެސް އެބޭފުޅެއްގެ ދާއިރާއާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކުގެ ޗެއަރމަނުންނާއި، މެނެޖިންގ ޑިރެކްޓަރުންނާ ބައްދަލުކުރައްވައި، އެ ކުންފުނިތަކުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައްވެސް، ވީހާވެސް ފަސޭހަކަމާއެކު ދެއްވުމަށްޓަކައި ކުންފުނިތަކުގެ އެއްބާރުލެއްވުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ސަރުކާރަކީ ރައްޔިތުންގެ މަންދޫބުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގާތް ގުޅުމެއް ބާއްވަވަން ބޭނުންފުޅުވާ ސަރުކާރެއް ކަމަށް ވިދާޅުވެ، އެގޮތުން، މަޖިލީހުގެ މެންބަރުންނާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން ބޭނުންވާ ކަންކަން ހަލުވިކަމާއެކު ކުރިއަށް ގެންދެވުމުގައި، ކަމާބެހޭ ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލެއްވުން، އެފަރާތްތަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ވަޒީރުންނަކީ، އެބޭފުޅުންގެ މަސައްކަތުގެ ދާއިރާއިން ކަމާބެހޭ މުއައްސަސާތަކާ ބަދަހިގުޅުމެއް ބާއްވަވައި، އަދި އެ ގުޅުން ދަމަހައްޓަވާ ބޭފުޅުން ކަމުގައި ވެވަޑައިގަތުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.