بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى ގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަން.

ދިވެހި ދައުލަތުގެ ކެބިނެޓްގެ މަޤާމުތަކަށް ހަމަޖެއްސުމަށް އަޅުގަނޑު ނިންމާފައިވާ ހުރިހާ ބޭފުޅުން ހަމަޖައްސައި މިރޭ މި ނިމުނީ. އެންމެފަހު މަޤާމެއް ގޮތަށް، އަޅުގަނޑުމެންނަށް މި ހަމަޖެހިގެންދިޔައީ ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަޤާމު. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ކެބިނެޓްގެ ހުރިހާ ވަޒީރުން، ޤާނޫނުއަސާސީގެ މާއްދާތަކުގައި އެބުނާ އުޞޫލުތަކުގެ މަތިން އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް ދެމެހެއްޓުމަށް ކުރައްވަންޖެހޭ މަސައްކަތްޕުޅުތަކާއެކީ، ދިވެހި ދައުލަތަށް، އަޅުގަނޑަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކީ މަސައްކަތް ކުރެއްވުން. އަދި ހަމައެހެންމެ، ދިވެހި ރައްޔިތުން އެދޭ އުފާފާގަތި ދުވަސްތައް ގެނެސްދެއްވުމަށްޓަކައި، ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކޮށްދެއްވުން.

އަޅުގަނޑު މި ހަމަޖެއްސި ކެބިނެޓް ހަމަޖެއްސުމުގައި، އަޅުގަނޑުމެންނާއެކީ ބައިވެރިވެވަޑައިގަންނަވާ ޕާޓީތަކުން ބޭބޭފުޅުންގެ ނަންފުޅު ހުށަހެޅިފައިވޭ. އަދި ހަމައެހެންމެ، މިހުރިހާ ނަންފުޅުތައް ދިރާސާ ކުރުމަށްފަހު، އަޅުގަނޑުމެން މި އެކުލަވައިލި ކެބިނެޓަކީ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑު ޤަބޫލުކުރާގޮތުން ވެއްޖިއްޔާ، ދިވެހިރާއްޖޭގައި މިވަގުތު މިދާއިރާތަކުން ފެންނަން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ޢިލްމީ، ވަރަށް ޤާބިލު އަދި ތަޖުރިބާ ހުރި ބޭފުޅުންކޮޅެއް. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކުކަމެއް ނެތް. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން މިދަންނަވާ އުޞޫލުތަކާއި ޕޮލިސީތަކުގައި ކަނޑައަޅާފައި އެހެރަ ކަންކަމާއި ޚިދްމަތްތައް، އަޅުގަނޑުމެންގެ މެނިފެސްޓޯތަކުގައި އެބުނާ ފަދައިން، ތެދުވެރިކަމާއެކީ ދިވެހި ރައްޔިތުންނަށް ފޯރާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ޝައްކެއްނުކުރަން. އަދި މިކަމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ، ވީހާ އަވަސްމިނެއްގައި ދިވެހި ރައްޔިތުންނަށް، މި ޚިދްމަތްތައް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާގެ ކުރީކޮޅު ކެބިނެޓްގެ ޖަލްސާއެއް އަޅުގަނޑު ބާއްވަން ޚިޔާލުކުރަން.

އަޅުގަނޑު އެދެނީ، ދިވެހި ދައުލަތަށް ހުރިހާވެސް ކުރިއެރުމެއް. ދިވެހި ރައްޔިތުންނަށް ހުރިހާވެސް ކުރިއެރުމެއް. އަދި އަޅުގަނޑު ދެކެން ބޭނުންވަނީ، ކެބިނެޓްގައި ވަރަށް އިޚްލާޞްތެރިކަމާއެކީ، ވަޒީރުންނާއެކީ އަޅުގަނޑަށް މަސައްކަތް ކުރުމުގެ ފުރްޞަތު ﷲ މިންވަރު ކުރެއްވުން.