ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަޤާމަށް، އައްޑުއަތޮޅު ފޭދޫ ސީނިޔާގޭ އަލްއުސްތާޛު މުޙަންމަދު އަނިލް ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިރޭ ދެއްވައިފިއެވެ.

އަލްއުސްތާޛު މުޙަންމަދު އަނިލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ ބަންޑާރަ ނައިބު ކަމަށް ބޭފުޅަކު ޢައްޔަނު ކުރެއްވުމާއެކު، ކެބިނެޓްގެ މަޤާމުތަކަށް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ހުރިހާ ބޭފުޅުން ހަމަޖައްސަވައި ނިމުނީކަން ފާހަގަކުރެއްވިއެވެ. އަދި ކެބިނެޓްގެ ހުރިހާ ވަޒީރުންވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ މަތިން އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް ދެމެހެއްޓެވުމަށް ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށާއި، ދިވެހި ދައުލަތަށާއި، ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގައި ބައިވެރިވާ ޕާޓީތަކުން ކެބިނެޓްގެ މަޤާމުތަކަށް ހުށަހެޅުއްވި ނަންފުޅުތައް ދިރާސާ ކުރެއްވުމަށްފަހު، މިއެކުލަވައިލެއްވި ކެބިނެޓަކީ، މާތްﷲގެ ރަޙްމަތްފުޅާއެކު، މިވަގުތު މިދާއިރާތަކުން ފެންނަން ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ޢިލްމީ، ވަރަށް ޤާބިލު އަދި ތަޖްރިބާހުރި ބޭފުޅުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.