ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް އިތުރު 3 މެންބަރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. މި 3 ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު 10 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި 3 މެންބަރުންނާއި، އެބޭފުޅުން ޢައްޔަން ކުރެއްވި މަޤާމުތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަޤާމަށް، ގަލޮޅު ކުދިރުވާލިގޭ ޑޮކްޓަރ ޢާއިޝަތު ޝިހާމް.
2. މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ކަމުގެ މަޤާމަށް ގަލޮޅު މަނާމް ޑޮކްޓަރ މަރްޔަމް ޝަކީލާ.
3. މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ކަމުގެ މަޤާމަށް ފުވައްމުލަކު ދޫޑިގަމް ކުނަހަނގާލިގޭ އަލްފާޟިލް މުޙަންމަދު މަލީހު ޖަމާލް.