بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އަޅުގަނޑުގެ ކެބިނެޓްގައި މިއަދު މި ހިމެނިގެންދާ ޢިއްޒަތްތެރި 6 ވަޒީރުންނަށް މަރްޙަބާ ދަންނަވަން. އަދި ތިޔަ އެންމެ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ސަރުކާރު އެކުލެވިގެން މިވަނީ، އިއްތިޙާދެއްގެ ސަރުކާރެއްގެ މައްޗަށް. އެހެންވީމާ، ސަރުކާރުގައި މަސައްކަތް ކުރައްވާއިރު، ސަރުކާރުން އެންމެ އިސްކަމެއްދޭނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އަދި އަޅުގަނޑުމެން ޢާންމުކޮށް ޤަބޫލުކުރާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެން ގުޅިފައިމިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންތައްތައް ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކީ އަދި އެންމެ އަވަސްމިނެއްގައި ފޯރުކޮށްދެއްވުމަށްޓަކައި.

އެހެންވީމާ، މިކަމުގައި އަޅުގަނޑު އެދެނީ، ޕާޓީގެ ފިކުރަކަށް ބެއްލެވުމެއްނެތި، މިހާރުގެ މެނިފެސްޓޯއަކީ އަޅުގަނޑުމެން ހުރިހާ އެންމެން، ދިވެހި ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނުމަށްޓަކައި، އަދި ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމީ ހިދާޔަތުގެ މަތީގައި ތިބުމުގެ މަސައްކަތް ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ ދިވެހި ދައުލަތަކީ، މަޞްލަޙަތާއި ޞުލްޙަވެރި ތަނަކަށް ހަދައި، ބައިބައިވުން ނައްތާލައި، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހޭ މުޖްތަމަޢެއް ޤާއިމްކޮށް، އަޅުގަނޑުމެންގެ ދައުލަތަކީ އޯގާތެރި ދައުލަތަކަށް ހެދުމާއެކީ، ހުރިހާ ރައްޔިތުންގެ ފަރުދީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއެކީ، ދިވެހި ދައުލަތަކީ، ދިވެހި ރައްޔިތުންނަކީ، އުފާ ފާގަތިކަމާއެކީ މުއްސަނދިކަންމަތީގައި އުޅޭނެ ބަޔަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް.

މި މަސައްކަތް ކުރެއްވުމުގައި އަޅުގަނޑު އެދެނީ، މިއަދު ހުވާކުރެއްވި 6 ވަޒީރުންގެ ފަރާތްޕުޅުންވެސް ކެބިނެޓްގައި ދައުލަތަށް އެއްބާރުލެއްވުން ދެއްވުމަށް. ރައީސުލްޖުމްހޫރިއްޔާއަށް، އަޅުގަނޑަށް އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް ފުރިހަމައަށް އެއްބާރުލުން ދެއްވައި، އަޅުގަނޑުމެން ދިވެހި ރައްޔިތުން މިދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި އެއްވެސްކަހަލަ ވަރުބަލިފުޅުވުމެއްނެތި އަދި ޤާނޫނީ ހުވާ މަތީގައި ތިއްބަވައިގެން ރައްޔިތުންނަށް ދެއްވަންވާ ޚިދްމަތްތައް އަދި ޤާނޫނު ދިފާޢު ކުރުމާއި، ޤާނޫނު ޙިމާޔަތް ކުރުމާއި، އިސްލާމްދީން ޙިމާޔަތް ކުރުމަށް އެއްވެސް ބެލުމެއްނެތި، ފިކުރެއްނެތި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނިޔާކުރާގޮތާއި، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުތައް ނިޔާކުރާ ގޮތުގެ މަތިން، އަޅުގަނޑުމެންނަށް ވެވުނު އެންމެ މަތިވެރި ޚިދްމަތެއްދީ، ޤުރްބާންވާން ޖެހިއްޖެ ހިނދެއްގައި ޤުރްބާންވާންވުމަށް. އެހެންވީމާ، މިކަމުގައި އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން އަޅުގަނޑަށާއި، އަޅުގަނޑުގެ ސަރުކާރަށް އަދި ދިވެހި ރައްޔިތުންނަށް މިބޭނުންވާ ކުރިއެރުން ހޯއްދަވައިދެއްވުމަށްޓަކައި އަޅުގަނޑުގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށް.

އަދި މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކެބިނެޓްގެ މަސައްކަތްތައް ރައްޔިތުން ވަރަށް ކައިރިން އެބަ ބަލައޭ. އަޅުގަނޑުމެން މިފަހަރު އިރާދަކުރެއްވިއްޔާ، މި ޒަޢާމަތާ މި ޙަވާލުވީ، ރައްޔިތުންގެ ވަރަށްގިނަ އުންމީދުތަކެއް ފުރިހަމަކޮށްދިނުމަށްޓަކައި. އުންމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި. އަޅުގަނޑުމެންގެ ހަމަ ކޮންމެ ވަޒީރަކީ އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރައްވާ ބޭފުޅަކަށްވުމުގެ އިތުރުން، އަޅުގަނޑު މި މަސައްކަތް މިކުރަނީ، ޓައިމްލައިނެއް ހަދައިގެން. އަޅުގަނޑު މަސައްކަތް މިކުރަނީ، ކުރު މުއްދަތެއްގެ ތެރޭގައި، އަޅުގަނޑުމެން މިދެކެން ބޭނުންވާ ޙަޤީޤަތާ ހަމައަށް ވާސިލުވުމަށްޓަކައި މަސައްކަތްތަކެއް ކުރަން. އެހެންވީމާ، ކޮންމެ ބޭފުޅެއްގެވެސް ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމަ މިނެއްގައި، އަޅުގަނޑު ބޭނުންވަނީ މަސައްކަތުގެ ސްޕީޑް އަވަސްކުރައްވަން. ރައްޔިތުން އެތިބީ ކެތްތެރިކަން މަދުވެފައި. އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ހަމަ ވީރާނާވަމުންދާ މުއައްސަސާތަކެއް. މުއައްސަސާތައް އާރާސްތުކުރަން އެބަޖެހޭ. އަދި ހަމައެއާއެކީ، ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭން އެބަޖެހޭ. ރައްޔިތުންނަށް ކަށަވަރުކަން ހޯދައިދޭން އެބަޖެހޭ. އަދި ދިވެހިރާއްޖޭގައި ޤާނޫނީ ޙުކޫމަތް ދަމަހައްޓާނެ ކަމުގެ ކަށަވަރުކަން، ރައްޔިތުންނަށް އެބަ ހޯދައިދޭންޖެހޭ.

މިކަންކަން ކުރުމުގައި ފަސްޖެހިވަޑައިގަތުމެއްނެތި، ވަރުބަލިފުޅުވުމެއްނެތި، މަސައްކަތުގައި މަޝްޣޫލުވެވަޑައިގެން ތިއްބަވައިގެން އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް ތިޔަބޭފުޅުންގެ އިޚްލާޞްތެރި ޚިދްމަތް ދެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް. އަދި ދިވެހި ރައްޔިތުން އެކަމުގެ އިންތިޒާރުގައި ތިބި ކަމެއް. ތިޔަބޭފުޅުންގެ ފަރާތްޕުޅުން މި އެއްބާރުލުން ލިބޭނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޓީމުގެ މަސައްކަތް ކުރިއަށްދާނީ، އަދި ނިމިގެންދާނީ އަޅުގަނޑުމެން މި ޙާޞިލުކުރަން ބޭނުންވާ ތަޞައްވުރު ޙާޞިލުކޮށްގެން. އަދި އޭގެ ނަތީޖާއަކަށް ވެގެންދާނީ، އަޅުގަނޑުމެންގެ 5 އަހަރަކީ، ދިވެހި ރައްޔިތުންނަށް ދުވަހަކުވެސް ނުދެކޭފަދަ އުފާފާގަތި، މަޞްލަޙަތު އޮތް، ޞުލްޙަވެރިކަމާއެކީ ދިވެހި ރައްޔިތުން ކުރިއަށް ދިޔުމުގެ މިޞްރާބު ޖަހައިދޭ 5 އަހަރެއް ކަމަށް ދައްކަމުން.

ހުރިހާ ޢިއްޒަތްތެރި 6 ވަޒީރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅަށް ހަމަ މިއަދު ވަޑައިގަންނަވަންވީ. ވަރަށް އަވަހަށް ކެބިނެޓް ބައްދަލުވުމެއް ބާއްވާނަން. އަދި އެ ކެބިނެޓް ބައްދަލުވުމުގައި، ދިވެހި ރައްޔިތުން މިއެދޭ ކަންކަމުގެ އެންމެ ބޮޑެތި ކަންކަން އެކުލެވޭ 100 ދުވަހުގެ ރޯޑްމެޕެއް ހުށަހެޅުމުގެ ޚިޔާލު އަޅުގަނޑުގެ އެބައޮތް. މިއާއެކީ މި މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށް. އެހެންވީމާ، އަޅުގަނޑު ދެކެން ބޭނުންވަނީ، ތިޔަބޭފުޅުންނާއެކީ، ގާތް ގުޅުމަކާއެކީ މަސައްކަތް ކުރުމުގެ އުފާވެރި ވެށްޓެއް ޤާއިމްވެގެންދިޔުން. ވަޒީރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

_____________________________