بســم اللّـه الرّحمـن الرّحيــم

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އާދެ! ޕީ.ޕީ.އެމް.ގެ ރައީސް، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، ރައީސް އޮފީހަށް މި ވަޑައިގަތީ، އަޅުގަނޑަށާއި ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދަށް ހިތްވަރު ދެއްވައި އަދި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް ފޯރުކޮށްދިނުމުގައި، ދެއްވަންވާ ހުރިހާ ސިޔާސީ އެއްބާރުލުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޕާޓީގެ ފަރާތުން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވުމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް ދެއްވުމަށް. މިކަމަށްޓަކައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެން ޝުކުރު ދަންނަވަން.

އަޅުގަނޑުމެން މިއަދު ހަމަ ދަންނަވާލަން ބޭނުންވަނީ، އިއްޔެއިން ފެށިގެން އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯގައި ހުރި ކަންތައްތައް އަދި ގުޅިފައި ހުރި، އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރާ އެހެން ޕާޓީތަކުގެ މެނިފެސްޓޯގައި ހުރި ކަންތައްތައްވެސް އަޅުގަނޑުމެން އިމްޕްލިމެންޓް ކުރަން، ތަންފީޒު ކުރަން އިއްޔެ ފަށައިފީމޭ. ދެން އެ ކަށަވަރުކަން އަޅުގަނޑު ރައީސް މައުމޫނަށްވެސް މިދެންނެވީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް މެނިފެސްޓޯގައި އެހެރީ. މީގެ ފައިދާ ރައްޔިތުންނަށް ވީހާ އަވަހަކަށް ރައްޔިތުންނަށް ފެނިގެން ދިޔުމަކީ އަޅުގަނޑުމެން ބޭނުންވާ ކަމެއް. އެގޮތުން، ރައީސް އޮފީހުގެ މަސައްކަތުގެ ތެރޭގައިވެސް އަޅުގަނޑުމެން މިކުރަނީ، އަޅުގަނޑުމެން ޕާޓީގެ މެނިފެސްޓޯ، އާދެ! ރައްޔިތުންނަށް މިވަގުތު ބޭނުންވެފައި ހުރި ބޮޑެތި ޚިދްމަތްތައް ދިނުމުގެ ކަންތައްތައް، ވީހާ ފަސޭހަކަމާއެކީ، އަވަސްކަމާއެކީ އެބަދަލުތައް ސަރުކާރުގެ ތެރެއިން ގެނެވޭތޯ. ދެން އަޅުގަނޑުމެން މިކަންކަން ކުރުމުގައި، ސިޔާސީގޮތުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއި، އަޅުގަނޑުމެން ގުޅިފައިމިވާ އިއްތިޙާދުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުން އަޅުގަނޑަށް ބޭނުންވާނެ. ސިޔާސީ ހުރިހާ ލީޑަރުންވެސް ވަނީ މި އެއްބާރުލެއްވުން، މި ޕީ.ޕީ.އެމް. ސަރުކާރަށް، އާދެ! އަޅުގަނޑުމެން އިއްތިޙާދުން އުފެދިފައި މިއޮތް ސަރުކާރަށް، އަޅުގަނޑަށާއި ޖަމީލަށް މި އެއްބާރުލުން ދެއްވާނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައި. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް ކަށަވަރުވެގެން މިދަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ކަންތައްތައް ކުރިއަށް ގެންދެވޭނެ ކަމަށް.

ދެން މިހެން ދަންނަވާއިރުވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިކަންތައްތައް ކުރުމުގައި އެންމެބޮޑަށް ބޭނުންވާ ވަސީލަތަކީ، ފައިސާގެ ވަސީލަތް. ދެން އަޅުގަނޑު މިހާރު މި މަސައްކަތް ކުރަނީ، ފައިސާ ހޯދުމަށާއި، އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށްގެން، އަޅުގަނޑުމެން މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދިނުމުގައި މިހާރު ދަތިވެފައި ހުރި ކަންތައްތައް ފިލުވައިލެވޭތޯ ބެލުމުގެ މަސައްކަތްތައް މިކުރަނީ. އަޅުގަނޑުމެންގެ މަސައްކަތްތައް އަމާޒުވެގެންދާނީ، ވީހާ އަވަސް ފުރްޞަތެއްގެ ތެރޭގައި، ރައްޔިތުންނަށް އަޅުގަނޑުމެން ދޭން ބުނެފައި، ކަށަވަރުކޮށްދީފައި މިހުރި ޚިދްމަތްތައް ކަށަވަރުކޮށްދިނުމަށްޓަކައި ނޫނީ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. ދެން މިގޮތުން ރައީސް މައުމޫން ދެންމެ އަޅުގަނޑުމެންނަށް ޒިޔާރަތް ކުރައްވައި، ޕާޓީގެ ފަރާތުން އަދި އަޅުގަނޑުމެންނާ ގުޅިފައިވާ އިއްތިޙާދުގެ ފަރާތުން މި ކަށަވަރުކަން އަޅުގަނޑުމެންނަށް ލިބިގެންދާތީ، ރައީސް މައުމޫން ދެންމެ އެ ކަށަވަރުކޮށްދެއްވީ ޕާޓީގެ ފަރާތުން ކޮށްދެއްވަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެންނަށް ކޮށްދެއްވާނެ ކަމަށް. އަޅުގަނޑުމެންނަކީ ހަމަ އެއް ޕާޓީއެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެން ސަރުކާރުގެ ތެރެއިން މިކުރާ ކަންތައްތައް ކުރާނަން. ދެން ސިޔާސީގޮތުން މިކުރަންޖެހޭ މަސައްކަތްތައް، އަޅުގަނޑުމެން ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލް މެންބަރުން މި މަސައްކަތް ކޮށްދެއްވާނެ.

ދެން ހަމަ މިކަމުގެ ވާހަކަތައް ދަންނަވާލާށާއެކީ އަދި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އަޅުގަނޑަށް ދެއްވާ ތާއީދަށް ޝުކުރު ދެންނެވުމުގެ ގޮތުން އަޅުގަނޑު މިއަދު އެބަ ޕާޓީގެ ކައުންސިލްގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ކުޑައިރުކޮޅެއްފަހުން އެބަ ބައްދަލުވެސް ކުރަން. މިބައްދަލުވުމުގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްވެސް ބައިވެރިވެވަޑައިގެން ދެއްވާނެ. އަދި އަޅުގަނޑާ އެކުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދުވެސް ވަޑައިގެންދެއްވާނެ. އަޅުގަނޑުމެންނަކީ އެއް ޕާޓީއެއް. އަޅުގަނޑުމެން ގުޅިގެން މިކުރަނީ މަސައްކަތް. އަޅުގަނޑުމެން ބޭނުންވަނީ ހަމަ މިމަސައްކަތްތައް އިތުރަށް ހަރުދަނާވެ ބަދަހިވެގެންދިޔުން. އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލްގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެނޭޖްމަންޓާ ގުޅިގެން މި މަސައްކަތްތައް ދާނީ.

އެހެންވީމާ، އެ ކަށަވަރުކަމާއި އެ އިތުބާރު ޕާޓީގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެރުވުމަށްޓަކައި އަޅުގަނޑު ކުޑައިރުކޮޅެއްގެ ފަހުން އެބޭފުޅުންނާ ބައްދަލުކުރުމަށްވެސް ދާން އެބަ ޚިޔާލުކުރަން.

އަދިވެސް އެއްފަހަރު، އަޅުގަނޑުމެންނަށް ހިތްވަރު ދެއްވައި، އަދި އެ ވިދާޅުވިގޮތަށް ސިޔާސީގޮތުން ޕާޓީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެން ބޭނުންވާ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށް، ރަސްމީގޮތުން ރައީސް އޮފީހަށް ޒިޔާރަތެއް ކުރައްވައި، އެކަމުގެ ކަށަވަރުކަން ދެއްވީތީ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އަޅުގަނޑާއި ޑޮކްޓަރ ޖަމީލް ނިހާޔަތަށް ޝުކުރު ދަންނަވަން.

ދެން އެނގިވަޑައިގަންނަވާނެ، ކެމްޕެއިން ފެށިގެން އައި ހިސާބުން ފެށިގެން ހަމަ ރައީސް މައުމޫންގެ ތާއީދާއި މަދަދުވެރިކަން އަޅުގަނޑުމެންނަށް އަބަދުއަބަދުމެ ލިބޭ. އެހެންވީމާ، މިއަދު އެކުރެއްވި ޒިޔާރަތަކީވެސް ހަމަ މިކަން ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތެއް. އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް އިޙްތިރާމާއެކީ ޝުކުރު ދަންނަވަން.