ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދެމިހުންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި 16 ވަނަ ދުވަހުގެ ނިޔަލަށް މަޤާމު ދޫކޮށްލައްވާނެ ކަމަށާއި، މިގޮތަށް މިނިންމެވީ، ކަމާބެހޭ ގިނަ ފަރާތްތަކަކުން މިމަހުގެ 16 ގައި އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަޤީންކަން ދެއްވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން އެމަނިކުފާނުގެ ޒިންމާއަކަށްވާނީ، ޤައުމުގެ އެންމެ އިސް މަޞްލަޙަތުތައް ޙިމާޔަތް ކުރެއްވުންކަން ހާމަކުރެއްވިއެވެ. ދިވެހިންގެ ގިނަ ބަޔަކާއި، ބޭރުގެ ޤައުމުތަކާއި ޖަމްޢިއްޔާތަކުން ބާރުއަޅަނީ، އިސްތިޢުފާ ދެއްވުމަށްފަހު، ވަގުތީގޮތުން ސަރުކާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ޙަވާލުކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއަށްވުރެ ގިނަ ޢަދަދެއްގެ ރައްޔިތުން ބާރުއަޅަނީ، މިވަގުތު ޤައުމު ދޫކޮށްނުލައްވައި، ޤައުމުގެ ހިންގުމާ ޙަވާލުވެވަޑައިގެން ހުންނަވައި، ޤައުމީ ވާޖިބު އަދާކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ޤައުމާ މުޚާޠަބު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއިން އެއްވެސް ނިންމުމަކީ، މިޤައުމަށް އަދި އެމަނިކުފާނަށްވެސް ފަސޭހަ ނިންމެވުމެއް ކަމުގައި ނުވާނެ ކަމަށެވެ. ކޮންމެ ގޮތަކަށް ކަންކުރިޔަސް، ކުރިއަށް އޮތް ދުވަސްތަކަކީ، ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ 21 މަސްދުވަހުގެ ތެރޭގައި، އެމަނިކުފާނު އެންމެބޮޑު އިސްކަމެއް ދެއްވާފައިވާނީ، ބައިބައިވުން ކުޑަކޮށް، އެންމެން އެއްގަލަކަށް އެރުވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އެކިއެކި ސިޔާސީ ވިސްނުމުގައި ތިބި މީހުން ގޮވައިގެން އުޅެވޭތޯ ބެއްލެވުމަށް ކަމަށާއި، 7 ސެޕްޓެންބަރާ ހަމައަށް، އެކަން އެގޮތަށް ކުރެއްވުނީ، ވަރަށްބުރަ މަސައްކަތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޭގެ 12.00 އާ ހަމައަށް މިހާރު މިހިނގާ ރިޔާސީ ދައުރު ހަމަވާނެތީ، މިހިސާބަށްދާއިރު ކަންކުރާނެގޮތެއް ޤާނޫނުއަސާސީގައި ލިޔެވިފައި ނެތުމުގެ ސަބަބުން ޤައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ބިރުވެރިކަން އޮތުމާއެކު، އެކަން ޙައްލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެހެން ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި ޙައްލެއް ނުލިބި އަދި ޤާނޫނުއަސާސީގައި އެހެން ގޮތެއް ކަނޑައަޅާފައި ނެތުމުން، ޤައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ބަދަލުގައި ސަރުކާރު ދެމިއޮންނާނޭ ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާތީއާއި އަދި މިނޫން ދުސްތޫރީ ހަމައެއް، ރާއްޖޭގެ ޤާނޫނުއަސާސީގައި ނުވާކަމުގައިވެސް ކަނޑައަޅުއްވާފައިވާތީ، އެކަންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.