بســم اللّـه الرّحمـن الرّحيــم

ދިވެހި ލޮބުވެތި ރައްޔިތުން!

މިވޭތުވެދިޔަ 21 މަސްދުވަހުގެ ތެރޭގައި އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، ބައިބައިވުން ކުޑަކޮށް، އެންމެން އެއްގަލަކަށް އަރުވަން. އެކިއެކި ސިޔާސީ ވިސްނުމުގައި ތިބި މީހުން ގޮވައިގެން އުޅެވޭތޯ ބެލުމަށް. 7 ސެޕްޓެމްބަރ 2013 އާ ހަމައަށް އެކަން އެގޮތަށް ކުރެވުނީ، ވަރަށްބުރަ މަސައްކަތުން. މިއަހަރު ބޭއްވޭ އަދި ބާއްވަން މަސައްކަތް ކުރެވޭ ރިޔާސީ އިންތިޚާބާ ގުޅިގެން ހިނގާފައިވާ އަދި ހިނގަމުންދާ އެކިއެކި ޝަރުޢީ އަދި އެހެނިހެން މައްސަލަތަކުގައި ސަރުކާރުގެ ފަރާތުން ވާނީ ނިންމުންތަކެއް ނިންމާފައި. ކޮންމެ ނިންމުމެއްވެސް އަދި ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅާފައިވާނީ، އެވަގުތެއްގެ ޙާލަތަށް ބަލާފައި، އެ ފިޔަވަޅަކީ ޤައުމާއި ރައްޔިތުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތް ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތަށް. ޤައުމުގެ ހުރިހާ މަޞްލަޙަތުތަކަށް ވިސްނައިގެން. އަދި މި ނިންމުންތަކުގެ ސަބަބުން އެއްވެސް މީހަކު ނުވަތަ ބަޔަކު މަގުމަތިނުކޮށް، ކިތަންމެ މަޑުމަޑުން ނަމަވެސް، ކަންކަންވަނީ ކުރިއަށް ގެންދެވިފައި. ބައެއްފަހަރު ހުއްޓޭކަމަށް ޤަބޫލުކުރެވޭ ޙާލަތު އައިނަމަވެސް، ޙަޤީޤަތަކީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅައި ކުރިއަށް ގެންދެވިފައިވާކަން.

ހުރިހާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމަންއަމާންކަމާއެކު، ހަމަޖެހުމުގެ ތެރެއިން އިންތިޚާބެއް ބޭއްވޭތޯ އަޅުގަނޑުގެ ޤާބިލުކަން ތަންދިން އެންމެމަތީ މިންވަރަކަށްވާނީ މަސައްކަތްކޮށްފައި. އެއީ ޤައުމުގެ އެންމެމަތީ މަޞްލަޙަތުތަކަކީ، ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭ، ޤައުމުގެ އެންމެން ޤަބޫލުކުރާނޭ އިންތިޚާބެއް ބޭއްވުން ކަމުގައިވާތީ. އެއްވެސް ބަޔަކު ބައިވެރިނުވާ ނުވަތަ އެއްވެސް ބަޔަކު ޤަބޫލުނުކުރާ ނުވަތަ އެއްވެސް ބަޔަކު މަގުމަތީގައި ތިބޭނޭފަދަ ޙާލަތެއްގައި އިންތިޚާބެއް ބޭއްވިއްޖެނަމަ، އެކަމަކީ މުސްތަޤްބަލުގައި ހަމަޖެހުމަށްވުރެ، ހަމަނުޖެހުމުގެ އިތުރު ކުރިތައް ފެޅުން ގާތް ކަމަކަށްވާނެތީ.

މިރޭގެ 12އާ ހަމައަށް، މިހާރު މިހިނގާ ރިޔާސީ ދައުރު ހަމަވާނެ. އަދި މިހިސާބަށްދާއިރު، ކަންކުރާނޭ ގޮތެއް ޤާނޫނުއަސާސީގައި ލިޔެވިފައި ނެތުމުގެ ސަބަބުން، ޤައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ބިރުވެރިކަން އޮތުމުން އަދި މިކަން ޙައްލުކުރެވޭނީ ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެސްގެން ކަމުގައިވާތީ، މި މައްސަލަ ޙައްލުކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ވާނީ ހުށަހަޅާފައި. އެހެނަސް ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެންނެވުމުގެ ބަދަލުގައި، މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމުން، އެގޮތަކީ ޤާނޫނީގޮތުން ކަންކުރެވޭނޭ ގޮތެއް ނޫން ކަމުގައި ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓުން ވަނީ ކަނޑައަޅުއްވާފައި. ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން، މައްސަލަ ޙައްލުކުރުމަށް އަޅުގަނޑު ނިންމީ، އެއީ މިފަދަ މައްސަލަތަކަކީ އެންމެން ޤަބޫލުކުރާ ގޮތަށް ނިންމަންޖެހޭ ކަމެއް ކަމުގައި ވާންޖެހޭނޭ ކަމަށް އަޅުގަނޑު ޤަބޫލުކުރާތީ. ޤާނޫނުއަސާސީ، ގިނަ ބައެއްގެ ރުހުމާއެކު ނޫންގޮތަކަށް އިޞްލާޙު ނުކުރެވޭނޭ ގޮތަށް ހަމަޖައްސާފައިވެސް ވަނީ އެ ސަބަބަށްޓަކައި. އަދި ހަމައެޔާއެކު، އެންމެންނަށް އެއްބަސްވެވޭ ޙައްލެއް ލިބޭތޯ ހުރިހާ ކެންޑިޑޭޓުންނާވެސް އަޅުގަނޑު ވާނީ މަޝްވަރާކޮށްފައި. ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ޙައްލެއް ނުލިބި، އަދި ޤާނޫނުއަސާސީގައި އެހެން ގޮތެއް ކަނޑައަޅާފައި ނެތުމުން، ޤައުމު ދުސްތޫރީ ހުސްކަމަކަށް ދިޔުމުގެ ބަދަލުގައި، ސަރުކާރު ދެމިއޮންނާނޭ ކަމުގައި ސުޕްރީމް ކޯޓުން މިހާރުވަނީ ކަނޑައަޅުއްވާފައި. އަދި މިނޫން ދުސްތޫރީ ހަމައެއް، ރާއްޖޭގެ ޤާނޫނުއަސާސީގައި ނުވާކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައި.

މިއަދު ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން އަޅުގަނޑުގެ ޒިންމާއަކަށްވާނީ، ޤައުމުގެ އެންމެ އިސް މަޞްލަޙަތުތައް ޙިމާޔަތް ކުރުން. ދިވެހިންގެ ގިނަ ބަޔަކާއި، ބޭރުގެ ޤައުމުތަކާއި ޖަމްޢިއްޔާތަކުން ބާރުއަޅަނީ، އަޅުގަނޑު އިސްތިޢުފާ ދިނުމަށްފަހު، ވަގުތީގޮތުން ސަރުކާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ޙަވާލުކުރުމަށް. އަނެއްކޮޅުން، އެއަށްވުރެ ގިނަ ޢަދަދެއްގެ ރައްޔިތުން ބާރުއަޅަނީ މިވަގުތު ޤައުމު ދޫކޮށްނުލައި، ޤައުމުގެ ހިންގުމާ ޙަވާލުވެ ހުރުމަށް. ޤައުމީ ވާޖިބު އަދާކުރުމަށް. މިއިން އެއްވެސް ނިންމުމަކީ، މި ޤައުމަށް އަދި އަޅުގަނޑަށްވެސް ފަސޭހަ ނިންމުމެއް ކަމުގައި ނުވާނެ. ކޮންމެ ގޮތަކަށް ކަންކުރިޔަސް، ކުރިއަށް އޮތް ދުވަސްތަކަކީ، ފަސޭހަ ދުވަސްތަކަކަށްވެސް ނުވާނެ. މިހެންކަމުން، ވަރަށްގިނަ ފަރާތްތަކަކާ މަޝްވަރާ ކުރުމަށްފަހު، އަދި މިވޭތުވެދިޔަ 21 މަސްދުވަހު އަޅުގަނޑު މަސައްކަތް ކޮށްފައިވާނީ، އަމާންކަމާއި އޮމާންކަމާއެކު ޤައުމު ހިންގައި، އިންތިޚާބެއް ބޭއްވުމާ ދިމާއަށް ކަމުގައިވުމުން އަދި މިމަހުގެ 16 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާތީ، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި އަޅުގަނޑު ދެމިހުންނާނޭ ކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. އެހެނަސް 16 ވަނަ ދުވަހުގެ ނިޔަލަށް އަޅުގަނޑު މަޤާމު ދޫކޮށްލާނޭ ކަމުގައިވެސް ދަންނަވަން. މިގޮތަށް އަޅުގަނޑު މިނިންމީ، ކަމާބެހޭ ގިނަ ފަރާތްތަކަކުން މިމަހުގެ 16 ގައި އިންތިޚާބު ބޭއްވޭނޭ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ދެއްވުމުން.

ތިޔަ ލޮބުވެތި ރައްޔިތުންނަކީ، އަޅުގަނޑުގެ ހިތާ އެންމެ ގާތް އަދި އެންމެ ލޯބިވާ ބޭފުޅުން ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. މިޤައުމަކީ އަޅުގަނޑު އެންމެ ލޯބިވާ ފަސްގަނޑު. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ލޮބުވެތި ވަޠަން ރައްކާތެރިކުރެއްވުން. ތިޔަ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުން. އާމީން.