މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ބޭރުގެ ބައެއް ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރެއްވީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ ސިސޯންއާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން ރެންކިންއާއި، ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޑޮކްޓަރ ޔަރގަން މޯހަރޑްއާއި، ނޯވޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގްރެޓެ ލޮޗެންއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި ކަންތަކާ ބެހޭގޮތުން މިބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ނޮވެންބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށް ހުރިހާ ކެންޑިޑޭޓުން އެއްބަސްވެވަޑައިގެންފައިވާތީ، އެކަން ސަފީރުން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިކުރެއްވި މަސައްކަތަށް، އެބޭފުޅުން މަރުޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބުގެ ކަންކަން، ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް، ސަރުކާރުގެ ފަރާތުން ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ސަފީރުންނަށް އެރުވިއެވެ.