بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ ތިން ކެންޑިޑޭޓުންނާ މިއަދު ހެނދުނު އަޅުގަނޑު ބައްދަލުކުރީމު. ފުރަތަމަވެސް މިބައްދަލުވުމަށް އެ ތިން ކެންޑިޑޭޓުން ވަޑައިގެންދެއްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު އެހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދު އަޅުގަނޑުމެންނަށް އެބަޖެހޭ، މިނިވަން އިންތިޚާބެއް ބާއްވަން. އަދި މި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވަން. އިންތިޚާބެއް ނުބޭއްވުމަކީ އެއީކީ ވެގެންވާނެ ގޮތެއް ނޫން. އަޅުގަނޑު ވަރަށް އުފަލާއެކީގައި، އެހެންވީމާ، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތީ، އަޅުގަނޑުމެން ބައްދަލުކޮށްފައި، ވާހަކަ ދެއްކި ދެއްކުމުގައި، ހުރިހާ ކެންޑިޑޭޓުންވެސް އެއްބަސްވެވަޑައިގަންނަވާ، މިއަންނަ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވެވުމަށް. އަދި ވޯޓަރ ލިސްޓްގައި ހުރިހާ ކެންޑިޑޭޓުންގެ ފަރާތުންވެސް ސޮއިކުރައްވާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް ވަނީ ދެއްވާފައި. އެހެންވީމާ، ވަރަށްބޮޑު ހިތްހަމަޖެހުމަކާ އެކީގައި، އަޅުގަނޑު މިހުރީ، 9 ވަނަ ދުވަހު އޮންނަ އިންތިޚާބު އޮންނާނެ ކަމަށް. ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް، މި އިންތިޚާބަށް އަޅުގަނޑުމެން ދޭނަން.

އަޅުގަނޑުގެ ދުޢާއަކީ، މި އިންތިޚާބުގައި ކޮންމެވެސް އެއްބޭފުޅަކު ހޮވިވަޑައިގަތުން. އޭރުން އިރާދަކުރެއްވިއްޔާ، ނޮވެންބަރު 11 ވަނަ ދުވަހު އަޅުގަނޑުމެންނަށް އިންތިޚާބުވެފައި ހުރި ރައީސަކު، ރައީސްކަމާ ޙަވާލުވެވަޑައިގެންނެވޭނެ.

އަޅުގަނޑުމެން މަޝްވަރާ ކުރީމު، ފުރަތަމަ ބުރުން ވަކި ކެންޑިޑޭޓަކު ހޮވިވަޑައިނުގެންފިއްޔާ، ދެން ހަދާނެ ގޮތަކާ ބެހޭގޮތުން. ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަތީ، މީގައި އޮތް އެންމެ ރަނގަޅު ގޮތަކީ، ވީހާވެސް އަވަހަކަށް ދެވަނަ ބުރު ބޭއްވުންކަން. އެގޮތުން، 10 ވަނަ ދުވަހު ހަމަ، ނޫނީ އެންމެ ލަސްވިޔަސް 11 ވަނަ ދުވަހު އިންތިޚާބުގެ ދެވަނަ ބުރުވެސް ބޭއްވެވުމަށް ބޭނުންފުޅުވާ ކަމަށް ހުރިހާ ބޭފުޅުންވެސް ވިދާޅުވި. އެހެންވީމާ، އަޅުގަނޑުވެސް އެ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރަން. އަޅުގަނޑުމެން އެބަޖެހޭ، ވީހާވެސް އަވަހަކަށް އިންތިޚާބު ބާއްވައި، އިންތިޚާބުވާ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމު ޙަވާލުކުރަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މިއޮތީ ވަރަށް ނާޒުކު ވަގުތެއްގައި ދިވެހިރާއްޖެ. މި އިންތިޚާބު ބޭއްވިގެން ކާމިޔާބުވުމަކީ އެއީ މުހިންމު ކަމެއް. އަޅުގަނޑުމެންނަށް ނޮވެންބަރު 11 އާ ހަމައަށް ކެންޑިޑޭޓަކު، އިންތިޚާބުވެފައި ހުރި ރައީސަކު ނެތްކަމަށްވަންޏާ، ނިކުންނާނެ މައްސަލަތަކެއް ހުންނާނެ. ދެން އެކަންކަން ޙައްލުކުރުމާ ބެހޭގޮތުންވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެން ވާހަކަ ދެއްކީމު. އެހެން ނަމަވެސް، ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގެންނެވި ގޮތަކީ، ހަމައެކަނި އޮތް ޙައްލަކީ، 10، 11 ގައިވެސް އިންތިޚާބު ބާއްވައިގެން، ބޭފުޅަކު ޢައްޔަނު ކުރުންކަން، ހޮވުންކަން، އިންތިޚާބު ކުރެވުންކަން. އެއީ، އަޅުގަނޑުމެންގެ ވާހަކަތައް މިއަދު ދިޔަ ހިސާބަކީ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ނޮވެންބަރު 10، 11 ގައި ދެވަނަ ބުރު ބާއްވަވަން ނިންމެވި ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ބަހެއް މީގައި ނުހޯއްދަވައި މިކަން ވެދާނެތޯ؟ ކޮންމެގޮތެއްވިޔަސް. އެހެންވީމާ، އެބޭފުޅުންނާ ސަރުކާރާ އެއްވެސްވަރަކަށް މިހާރު ވާހަކަ ދައްކަން ނިންމާފައި އެބައޮތްތޯ، 10 ނުވަތަ 11 ގައި ދެވަނަ ބުރު ބޭއްވުމާ ގުޅޭގޮތުން،
އަނެއް ސުވާލަތަކީ ހަމަ އެތައް ބައެއްގެ ހިތުގައި އުފެދިފައި އޮތް ސުވާލެއް. މިހިސާބަށް ކަންތައްދިޔަ ނަމަވެސް، ތިޔަބޭފުޅުންގެ މަޝްވަރާގައި މަނިކުފާނު ދެވަނަ ބުރު 11ގެ ކުރިން ނުބޭއްވިއްޖެނަމަ، ދެން ހައްދަވާނެ ގޮތަކާ ބެހޭގޮތުން. އިސްތިޢުފާ ދެއްވާނަންތޯ، ނޫނީވިއްޔާމު، ކުރިން ސުޕްރީމް ކޯޓުގެ ރޫލިންގގައި އެ އޮތްގޮތަށް ހަމަ މަޤާމުގައި ދެމިހުންނަވާނީތޯ؟ ކޮބައިތޯ މިހާރުގެ ވިސްނުންފުޅަކީ، މި 11ގެ މުއްދަތު ކައިރިވަމުންދާއިރުގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެހެންވީމާ، 10، 11 ގައިވެސް ދެވަނަ ބުރުވެސް ހަމަ ބޭއްވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނަމު. އެގޮތުން، ވާހަކަ ދައްކަންޖެހޭ ހުރިހާ ފަރާތްތަކާވެސް އަޅުގަނޑުމެން ވާހަކަ ދައްކާނަން.

ދެން އަޅުގަނޑުވެސް މި އުންމީދު ކުރަނީ، ތިޔަ ވިދާޅުވި ދެވަނަ ޙާލަތަށް ނުދާނެ ކަމަށް. އެހެންވީމާ، 11އާ ހަމައަށް އަޅުގަނޑުމެންނަށް ބޭފުޅަކު ކަނޑައެޅިގެން އެނގިފައި ނެތިއްޔާ، ހަދާނެގޮތަކާ ބެހޭގޮތުން ވަކިގޮތެއް އަދި ނުނިމޭ. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދަންނަވާފައި އޮންނާނީ، އަޅުގަނޑު ބޭނުމެއް ނޫނޭ، ހަމަ އެންމެ ދުވަހަކުވެސް އިތުރަށް ހުންނާކަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އޭގެކުރިން އެކަމަށްވެސް ކޮންމެވެސް ޙައްލެއް ފެންނާނެ ކަމަށް.

މުރުޝިދު ޢަބްދުލްޙަކީމް– ސަންއޮންލައިން:

މިއަދު މި މަޝްވަރާތަކަށްފަހު، ސަރުކާރުން އިލެކްޝަންސް ކޮމިޝަނާ މިކަމުގައި މަޝްވަރާ ކުރައްވާނީ، ކޮންއިރަކުންތޯ. މިކަންކަމުގައި އިލެކްޝަންސް ކޮމިޝަނަށް ހުރި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން އިސްވެ، މިކަމުގައި ވާހަކަ ދައްކާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދޭނަން. ޙައްލުކުރަންޖެހޭ ހުރިހާ ކަމެއް، އަޅުގަނޑުމެންނަށް ޙައްލުކުރެވެންހުރި ކަމެއްވިއްޔާ، ޙައްލުކޮށްދޭނަން.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ އެއް ސުވާލު މީގެކުރިން ކުރެވިއްޖެ. އަދި މީގެކުރިން މަނިކުފާނުވެސް ހަމަ މީޑިއާގައިވެސް، ބޭރުގެ މީޑިއާއަށް ވިދާޅުވި ކަމަށް އެބައޮތް، އާދެ! ނޮވެންބަރު 11ގެ ފަހުން ވެރިކަމުގައި ނުހުންނަވާނެ ކަމަށް. ދެން ދެންމެވެސް ވިދާޅުވެއްޖެ، ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށް، އެންމެ ދުވަހަކުވެސް އިތުރަށް ހުންނަވާކަށް. ވަރަށް ސާފުކޮށް ވިދާޅުވެދެއްވަފާނަންތޯ ހަމަ، ނޮވެންބަރު 11ގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުން ފޭއަށް ޖެހިވަޑައިގަތުމަށް ވިސްނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑެއް ނުވިސްނަން، އެއްގޮތަކަށްވެސް ހުންނާކަށް އިނގޭތޯ. ދެން އެހެންވީމާ، އެކަމުގައި ކޮންމެވެސް ޙައްލެއް ނުކުންނާނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ. އަޅުގަނޑު ދެންނެވިން، ތިން ބޭފުޅުންނަށްވެސް، ތިން ކެންޑިޑޭޓުންނަށްވެސް، މިކަމުގެ ޙައްލު، ޙަޤީޤަތުގައި އޮތީ އެބޭފުޅުންގެ އަތްޕުޅުމަތީގައޭ. ޤާނޫނީ ޙައްލެއްވެސް އަޅުގަނޑުމެންނަށް ހޯދިދާނެ. އެހެން ނަމަވެސް، ސިޔާސީ ޙައްލެއް ޙަޤީޤީ ޙައްލަކީ. އެ ތިން ބޭފުޅުންގެ އަތްޕުޅުގައި، މިކަން ޙައްލުކުރުމުގެ ބާރު މިއަދު އެބައޮތް. އަޅުގަނޑު ދެންނެވިން، އެ ތިން ބޭފުޅުންނަށްވެސް، ރައްޔިތުންގެ މަޖިލީހުން ކޮންސްޓިޓިއުޝަނަލް އެމެންޑްމަންޓެއް ގެންނަވާށޭ. އެއީއޭ އޭގެ އެންމެ ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑަށް ޤާނޫނީ ލަފާ މިހާ ހިސާބަށް ލިބިފައި އޮތް ގޮތަކީ. އެބޭފުޅުންގެ އަތްޕުޅުގައި އެ ބާރު އެބައޮތް. އެހެންވީމާ، މާދަމާވެސް ރައްޔިތުންގެ މަޖިލިސް އެއްކުރައްވާފައި، ގާނޫނުއަސާސީއަށް ބަދަލެއް ގެންނެވިދާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވަން ކަމުގައިވީ ނަމަވެސް، ނޫނީވިއްޔާ އުއްތަމަ ފަންޑިޔާރު ހުންނަވަން ކަމުގައިވީނަމަވެސް، އެ އެބޭފުޅުންގެ އަތްޕުޅުގައި އޮތް ކަމެއް އެއީ. އެހެންވީމާ، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އެބޭފުޅުން ސިޔާސީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް.

ޢާއިޝަތު ލީޒާ – ޓީ.ވީ.އެމް:

އާދެ! އަޅުގަނޑުގެ ސުވާލަކީ، ވިދާޅުވެއްޖެ ދެވަނަ ބުރު 10 ގައި ނުވަތަ 11 ގައި ބޭއްވޭ ކަމަށްވަންޏާވެސް، އެގޮތަށް ކުރިއަށް ގެންދިޔުމަށް. މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ، 9 ގައި ފުރަތަމަ ބުރު ބާއްވާފައި، 10 ނުވަތަ 11 ގައި ދެވަނަ ބުރެއް ބޭއްވިދާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް ވަސީލަތްތަކުގެ ދަތިކަމާއި، އެހެން ކަންކަން ފާހަގަކުރައްވާފައި އޮތުމާ އެކީގައި.

ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިއަދުގެ ބައްދަލުވުމުގައި އެއްވެސްވަރަކަށް މަޝްވަރާ ކުރެއްވުނުތޯ، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމާ ގުޅޭގޮތުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ހުރިހާ ކެންޑިޑޭޓުންވެސް ތިއްބެވީ ވަރަށް ފްލެކްސިބްލްކޮށް އިނގޭތޯ. 10، 11 ގައި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖިއްޔާ، ބޭއްވޭނެ ގޮތްތަކެއް ހޯއްދެވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ފްލެކްސިބްލްކޮށް. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކުރެވޭ، ކެންޑިޑޭޓުންގެ މަންދޫބުންނާއި އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކަވައިގެން، ގޮތެއް ހޯއްދެވޭނެ ކަމަށް. އޭގެކުރިން އެހެންވީމާ، ކުރަންޖެހޭ ތައްޔާރީތަކެއްވެސް ހުރެދާނެ. އެހެން ނަމަވެސް، މި ވިސްނުމުގައި މިހާރުއްސުރެ މަސައްކަތް ކުރީމާ، ޙައްލެއް ހޯދިދާނެ ކަމަށް އަޅުގަނޑަށް ވިސްނެނީ.

ކޮންސްޓިޓިއުޝަން އެމެންޑްމަންޓެއް، ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނައުމާ ބެހޭގޮތުން އަދި މާ ތަފުޞީލުކޮށެއް ވާހަކައެއް ނުދެކެވޭ. އެހެން ނަމަވެސް، އެއީވެސް ކޮންމެވެސްވަރަކަށް މެންޝަން ކުރެވުނު.

އަޙްމަދު ޖަދުއާން – ދި ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖައީމު ދެންމެވެސް، ސިޔާސީ ޙައްލެއް މިކަމަށް ބޭނުންވާ ކަމަށް. ދެން ސިޔާސީގޮތުން މިކުރެވޭ މަސައްކަތްތަކުގައި، ސިޔާސީ ތިން ކެންޑިޑޭޓުން ތިއްބެވިއިރު، ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން މި ތިއްބެވި ތިން ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓުން ވަރަށް ބޮޑަށް އިލެކްޝަން ކޮމިޝަނުން މިފަހަރުގެ އިންތިޚާބު ބާއްވަން މިކުރާ މަސައްކަތާމެދުވެސް ވަރަށް ބޮޑަށް ސުވާލު އުފައްދަވާ. އެންމެ ރަނގަޅަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މަސައްކަތް ނުކުރައްވާ ކަމަށް ނުވަތަ އެއްބާރުލުން ނުދޭކަމަށް، މިނިވަން އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންތައްތައް ނުކުރައްވާ ކަމަށް އެބަ ތުހުމަތު ކުރައްވާ. މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ، ސަރުކާރުން އިލެކްޝަންސް ކޮމިޝަނާ އެކީގައި މިހާރު ކުރައްވަމުން ގެންދަވާ މަޝްވަރާތަކާއި އަދި އެކޮމިޝަންގެ ޢަމަލުތައް ހުރިގޮތުން، އެކޮމިޝަނުން އެންމެ އެދެވޭގޮތުގައި، މި މައްސަލަތައް ޙައްލުކުރުމަށް ސިޔާސީގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް މަޝްވަރާ ކުރުމަށްފަހު، އެންމެ ރަނގަޅަށް މަސައްކަތްކުރާ ކަމަށް. އެއީ އެއް ސުވާލު.

ދެވަނަ ސުވާލަކީ، ޤާނޫނުއަސާސީއަށް ބަދަލެއްގެންނަ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރާ ވާހަކަ ދައްކާއިރު، މިހާރު މަޖިލީހުގެ ޙާލަތު އޮތްގޮތުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރޫޙު މިހާރު އޮތްގޮތުން، މަޖިލިހުގެ ތެރެއިން ހުރިހާ ސިޔާސީ ފަރާތްތަކަށް ނުވަތަ މުޅި ޤައުމަށް ހަމަޖެހުން ގެނެވޭވަރުގެ މަސައްކަތެއް ކުރެވިދާނެ ކަމަށް ޤަބޫލުކުރެއްވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އިލެކްޝަންގެ ޕްރޮސެސްގެ ތެރޭގައި މިހާރުވެސް މައްސަލަތަކެއް ހުރި ކަމަށް ބައެއް ބޭފުޅުން ފާހަގަކުރެއްވި. އެހެން ނަމަވެސް، އެ މައްސަލަތައް ހުރިކަމުގައިވީ ނަމަވެސް، ތިމަންނަމެން ބޭނުންފުޅުވަނީ، 9 ވަނަ ދުވަހު އިންތިޚާބައިގެން ކުރިއަށްދާށޭ ވިދާޅުވީ. އެހެންވީމާ، އޭގެ ސަބަބުން ހޮނިހިރު ދުވަހު އޮންނަ އިންތިޚާބަކަށް އެއްވެސްކަހަލަ ހީނަރުކަމެއް އަންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާރު އެތިއްބެވި ކެންޑިޑޭޓުންނަކީ، މުޅި ރާއްޖޭގެ އާބާދީ ތަމްސީލު ކުރައްވާ ތިން ބޭފުޅުންނަކީ. އެހެންވީމާ، އެ ތިންބޭފުޅުންގެ އަތްޕުޅުގައި އެބައޮތް، ކަންކަން ޙައްލުކުރުމުގެ ބާރު. އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުވެސް އަދި އިއްތިފާޤުވެސް ހޯއްދެވިދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، އެބޭފުޅުން އެހެންވީމާ، އެ ނެރުއްވަންޖެހޭ ޙައްލެއް ނެރުއްވައި، މި ޤައުމު ހަމަނުޖެހުމެއްގެ ތެރެއަށް ދިޔަކަނުދެއްވާނެ. އެ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް.

ޢަލީ ސިނާން – ސީ.އެން.އެމް:

މަޖިލީހުން މިހާރު އެބައޮތް ރިޒޮއުލިޝަނެއް ފާސްކޮށްފައި، މަޖިލީހުގެ ރައީސަށް ވެރިކަންކުރާ ގޮތަށް، ނޮވެންބަރު 11 ގެ އިންތިޚާބުވެފައި ހުރި ރައީސެއް ނެތްނަމަ. ކިހިނެއްތޯ، މަނިކުފާނު އެ ނިންމުން ޤަބޫލު ނުކުރައްވަނީތޯ، ކޮންސްޓިޓިއުޝަނަލް އެމެންޑްމަންޓެއް ގެންނަން ތިޔަ ވާހަކަ ދެކެވެނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އަޅުގަނޑުވެސް، އަޅުގަނޑު އަހަންޖެހޭ ފަރާތްތަކުގައި ޤާނޫނީ ލަފާ އަހަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑަށް ލަފާދެއްވާ ބޭފުޅުން ވިދާޅުވަނީ، މީގެ އެންމެ ރަނގަޅު ގޮތަކީ، އާދެ! ކޮންސްޓިޓިއުޝަނަލް އިޝޫއަކަށްވާތީ، ޤާނޫނުއަސާސީއާބެހޭ މައްސަލައަކަށްވާތީ، ޤާނޫނުއަސާސީގައި ނެތް މައްސަލައަކަށްވާތީ، އެކަމުގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމޭ، އެންމެ ރަނގަޅު ގޮތަކީ.

ދެންއަޅުގަނޑު ދެންނެވިހެން، ޤާނޫނީ ޙައްލެއް ހޯދިދާނެ އަޅުގަނޑުމެންނަށް. އެހެން ނަމަވެސް، މީގައި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި، ރައްޔިތުންގެ ތެރޭގައި ވީހާވެސް ޞުލްޙަވެރިކަމާއެކީގައި، ދެން އޮތް ތާނގައި ކުރިއަށް ދިޔުމަށްޓަކައި، އެބަޖެހޭ ސިޔާސީގޮތުން އެއްބަސްވުންތަކަކަށް އަންނަން. ސިޔާސީ ޙައްލެއް ހޯދިގެން ހަމަޖެހުން ހޯދޭނީ އަޅުގަނޑުމެންނަށް.

ޢަބްދުއްލަޠީފް އާދަމް - މިއަދު ނޫސް

މަނިކުފާނު ޢާންމުކޮށް ދެއްވާ ޖަވާބެއް ހަމަ މުއައްސަސާއެއްގެ ވާހަކަ ދަންނަވާއިރަށް، ތިމަންނަ މިނިވަން މުއައްސަސާތަކަކާ ނުބެހެމޭ. އެކަން އަޅުގަނޑު ޤަބޫލުކުރަން އިނގޭތޯ. އެހެން ނަމަވެސް، އަޅުގަނޑު މި ސުވާލު ދަންނަވާނަން. އަޅުގަނޑުމެންގެ މި ޑިމޮކްރަސީގެ މި ޅަފަތުގައި، އަޅުގަނޑުމެންނަށް ހަމަ އެންމެންނަށްވެސް ޤަބޫލުކުރެވޭ ގޮތުގައި، ރައީސްވެސް އަދި އެހެން ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ، އިންތިޚާބުތަކޭ އެންމެ މުހިންމީ. އެއީއޭ ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަނބުތަކަކީ. އެހެންކަމަށްވާއިރު، މިފަހަރުގެ އިންތިޚާބުގައި އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ، ސިޔާސީ ލީޑަރުން ކުރެއްވި މަސައްކަތްތަކާއި، އެބޭފުޅުންގެ ވާދަވެރިކަމަށްވުރެ ބޮޑަށް، އިލެކްޝަންސް ކޮމިޝަންގެ މައްސަލަތަކެއް ނުކުމެގެންދިޔަތަން. އަދި ސުޕްރީމް ކޯޓުގެ ޙުކުމާ، ހުރިހާ އެއްޗަކަށް ބަލާއިރުވެސް، އިލެކްޝަންސް ކޮމިޝަން މިކަމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާކަން ހަމަ އެއޮތީ ވަރަށް ރަނގަޅަށް ސާބިތުވެފައި. އަޅުގަނޑުމެންނަށް އެއަކާ ދެކޮޅު ހެދޭކަށެއް ނެތް. އެހެން ކަމަށް ބަލާއިރުގައި، މިފަހަރުގެ މުޅި އިންތިޚާބު، އޯވަރއޯލްކޮށް މިހެންވެގެން، މިފަދަ ޓެންޝަނަކަށް ޤައުމު ވެއްޓެން މިޖެހުނު ސަބަބާމެދު މަނިކުފާނު ކީކޭތޯ ވިދާޅުވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުގެ ޚިޔާލެއް ތީގައި ކޮންމެހެން އަޅުގަނޑަށް ހީވަނީ ދޭކަށްނުޖެހޭހެން. ޙަޤީޤަތް އޮތްގޮތް، އެކިގޮތްގޮތަށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. ޚާއްޞަކޮށް، ރިޕޯޓަރުންނަށް މާރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށްވުރެ ބޮޑަށް. އަޅުގަނޑު އަދިވެސް ހަމަ ޔަޤީންކުރަނީ، ރައްޔިތުން އެދޭގޮތަށް، އަޅުގަނޑުމެންނަށް ހަމަ އިންޞާފުވެރި އިންތިޚާބެއް ބާއްވައިގެން ކުރިއަށް ދެވޭނެ ކަމަށް. ދެން ކޮންމެ ކަމެއްވެސް، މިހާރު މި އިންތިޚާބަކީވެސް މިއީ އެއްގޮތަކުން އާ އިންތިޚާބެއް. އެއީ، މިކަހަލަ މާޙައުލެއްގައި އިންތިޚާބެއް ބޭއްވޭ ފުރަތަމަފަހަރު މިއީ. ހަމައެހެން، އަޅުގަނޑުމެންގެ ތެރޭގައި، ޚާއްޞަކޮށް، އިންތިޚާބެއްގެ އިންޞާފުވެރިކަމާ ދޭތެރޭގައި، މިހާބޮޑަށް މަސައްކަތް ކުރެވުނު އިންތިޚާބެއް މީގެކުރިއަކުން ނާދޭ. އަޅުގަނޑުމެން އަބަދުވެސް މިބުނަނީ، މިނިވަން، އިންޞާފުވެރި އިންތިޚާބެއް ބާއްވަންޖެހޭ ކަމަށް. އެހެންވީމާ، މިނިވަން އިންތިޚާބު، ހުރިހާ އެންމެންނަށް ގޮސްގެން ވޯޓްލެވެންޏާ. އެހެން ނަމަވެސް، އެ ލެވޭ ވޯޓަކީ އެއީ، ހުރިހާ އެންމެންގެ ވޯޓް ގުނޭ، ވޯޓްލާންޖެހޭ މީހުން ވޯޓްލާފައި، ވޯޓްނުލެވޭ މީހުން ނުލާފައި، އެއީ އިންޞާފުވެރިކަން އޭގައި ޤާއިމްކުރާގޮތަކީ. އެހެންވީމާ، އެކަމަށްޓަކައި ކިތަންމެ ދަތީގައި ނަމަވެސް ކިތަންމެ އުނދަގުލުގައި ނަމަވެސް، މިއަހަރުގެ އިންތިޚާބުގައި ވަރަށްބުރަ މަސައްކަތެއް މިހާރު ހުރިހާ ފަރާތްތަކުން އެވަނީ ކުރައްވާފައި. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކުރެވޭ، އޭގެ ނަތީޖާއެއްގެ ގޮތުން، ދެން ކުރިއަށް އޮތް ތާނގައި މިބޭއްވޭ އިންތިޚާބުތައް، ކުރިއަށްވުރެން އިންޞާފުވެރިކަމާއެކީ ބޭއްވެންވާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ބޭފުޅުން މިއަދު ވަޑައިގެންދެއްވި ކަމަށްޓަކައި.

ޝުކުރިއްޔާ!