ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މި ނޮވެންބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި ކަންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބަކީ ކާމިޔާބު އިންތިޚާބަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސަރުކާރުން ދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.