"މެރިޓައިމް ލޭބަރ ކޮންވެންޝަން 2006" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފިއެވެ. މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި މުޢާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމަކީ، ބޭރު ޤައުމުތަކުގެ ބަނދަރުތަކަށް ދިވެހިރާއްޖެއިން ގޮސް އައިސްވާ އުޅަނދުތަކަށާއި، ދިވެހިރާއްޖެ ނޫން އެހެން ޤައުމުތަކުގެ ބޯޓުފަހަރުގައި މަސައްކަތްކުރާ ދިވެހިންނަށް، މި ކޮންވެންޝަންގެ ދަށުން ލިބިދޭ ޙައްޤުތައް ލިބިދިނުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖެ ވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ 183 ވަނަ މެންބަރު ޤައުމެއްގެ ގޮތުގައި، 15 މެއި 2009 ގައި ހިމެނިފައެވެ.

"މެރިޓައިމް ލޭބަރ ކޮންވެންޝަން 2006" ގައި ރާއްޖެއިން ބައިވެރިވުމަށް، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް، އެމަޖިލީހަށް މިކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް ހުށަހަޅުއްވާނެއެވެ.