بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލީ، މިވަގުތު މި ޤައުމަށް އެންމެ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ، މިނިވަން އިންޞާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުން ކަމަށް ދެކޭތީ، މިވަގުތު އަޅުގަނޑުމެން މިހާ ހިސާބަށް ކޮށްފައިވާ މަސައްކަތާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށްޓަކައި.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު އަޅުގަނޑަކީ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓެއް ނޫން. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑުގެ ހުރިހާވެސް މަޞްލަޙަތަކީ، މި ޤައުމުގެ މަޞްލަޙަތު. އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އެންމެ ރަނގަޅު ގޮތަކަށް ކަންތައް ކުރަމުން ގެންދިޔުން. ވަކިފަރާތަކަށް ނުޖެހި، ވަކި ކެންޑިޑޭޓަކަށް ސަޕޯޓް ނުކުރާނެ ވާހަކަ އަޅުގަނޑު ވާނީ ދަންނަވާފައި.

އެހެންވީމާ، މިހާރު ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި މި ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި، މި ދިމާވާ އެކިއެކި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފަރާތެއް ނޫން ސަރުކާރަކީ. ސަރުކާރުގެ ހުރިހާވެސް މަސްއޫލިއްޔަތަކީ، އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ހުރިހާ އެހީތަކެއް ވެދިނުން. އެ އިންތިޚާބަކީ ހުރިހާ ބޭފުޅުންވެސް އެދިވަޑައިގަންނަވާ ގޮތަށް، އިންޞާފުވެރި، މިނިވަން އަދި ކެނޑިޑޭޓުންނަށް، ހުރިހާ ކެނޑިޑޭޓުންނަށްވެސް ބައިވެރިވެވޭ އިންކްލޫސިވް އިންތިޚާބަކަށް ހެދުން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ގެންދަނީ.

އިންތިޚާބު ބޭއްވުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ނިންމެވުން ނިންމެވުމާ ގުޅިގެން، ހަމަ އޭގެ އަނެއް ދުވަހު އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސާ އަޅުގަނޑު ބައްދަލުކުރިން. ބައްދަލުކޮށްފައި އަޅުގަނޑު އެބޭފުޅުންނަށް ޔަޤީންކަން އެރުވިން، ސަރުކާރުގެ ހުރިހާ އެހީތެރިކަމެއް އޮންނާނެ ކަމަށް. މާލީގޮތުންވެސް، މުވައްޒަފުންގެ ގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް. އެވަގުތު އެބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުވި، އެހާ ކުރު މުއްދަތެއްގެ ތެރޭގައި، 20 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބޭއްވުމަކީ އެއީ މުސްތަޙީލު ކަމެކޭ. އެކަމެއް ނުކުރެވޭނޭ، އެހާ ކުރު މުއްދަތެއްގެ ތެރޭގައި. އެހެންވީމާ، ތިމަންނަމެން އެދިވަޑައިގަންނަވަނީ، ތަންކޮޅެއް އިންތިޚާބު ލަސްކޮށްލުމަށޭ. އެހެންވީމާ، އަޅުގަނޑުމެން ވާހަކަ ދެއްކީ، 26 ވަނަ ދުވަހު އިންތިޚާބު ބޭއްވުމާ ބެހޭގޮތުން. އެބޭފުޅުން އެދިވަޑައިގެންނެވީ އެގޮތަށް. އަޅުގަނޑު އެއްބަސްވިން، އަޅުގަނޑު އުއްތަމަ ފަނޑިޔާރަށް ތިޔަ ވިދާޅުވިގޮތަށް އަޅުގަނޑުވެސް ސަޕޯޓް ކުރާކަމަށް ދަންނަވާނަމޭ. އެމަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުގެ ފަރާތުން ބަންޑާރަ ނައިބުވެސް މަސައްކަތް ކުރެއްވި. ނަމަވެސް، ހަމަ އެދުވަހު ހެނދުނު ބައްދަލުވުން އޮތީ. އެދުވަހުގެ އިރުއޮއްސުނުއިރު އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތަކީ، މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއޭ، ހަމަ 19 ވަނަ ދުވަހު އިންތިޚާބު ބާއްވަން.

ދެން އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ ކެނޑިޑޭޓުންގެ ތެރެއިން ދެބޭފުޅަކު އިންތިޚާބުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވާތަން. އެއީ ވޯޓަރ ރަޖިސްޓްރީއާ ބެހިގެން އުފެދުނު ބައެއް ދެބަސްވުންތަކާ ގުޅިގެން. އެހެންވީމާ، އެކަމުގައި ޙައްލެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރިން. އެގޮތުން، އަޅުގަނޑު ދެންނެވިން، އިލެކްޝަންސް ކޮމިޝަންގެ ރައީސަށް، ތިޔަބޭފުޅާ ވީނޫންތޯއޭ، ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުންނާ އެކީގައި އިށީނދެވަޑައިގެން، މަޝްވަރާ ކުރައްވަން. ވާހަކަފުޅު ދައްކަވަން. އެހެންހުރި މައްސަލަތައް ޙައްލު ކުރައްވަން. އަޅުގަނޑުގެ އެ އެދުމުގެ މަތިން، 18 ވަނަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގައި އެ ބައްދަލުވުން ބޭއްވެވި އެރޭ 9 ޖެހިއިރު. އަދި އެބައްދަލުވުމަށް ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުންވެސް ވަޑައިގެންނެވި. އެހެން ނަމަވެސް، އެ ބައްދަލުވުމުގައިވެސް އެބޭފުޅުންގެ ތެރޭގައި ހުރި ދެބަސްވުންތަކެއް ޙައްލެއް ނުކުރެވުނު. މާބޮޑު ދޫކުރެއްވުމެއް އެއްވެސް ފަރާތަކުން ނުދެއްކެވި. އެހެންވީމާ، 19 ވަނަ ދުވަހުވެސް އިންތިޚާބު ބޭއްވޭގޮތެއްނުވި.

ދެން އެއަށްފަހު، 20 ވަނަ ދުވަހު އަނެއްކާވެސް އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބު ރައީސާ އަޅުގަނޑު ބައްދަލުކުރިން ރައީސް އޮފީހުގައި. ބައްދަލުކޮށްފައި ދެންނެވިން، އެހެންވީމާ، ދެން އެންމެ އަވަހަށް ބޭއްވޭނެ ތާރީޚެއްގައި އަނެއްކާވެސް ބާއްވަވަން މަސައްކަތް ކޮށްދެއްވާށޭ. މިހާރު ތިޔަ ކުރައްވަމުން ގެންދެވި މަސައްކަތް، އެ މަސައްކަތުގެ ދުވެލި ހުއްޓަވައިނުލައްވައި، އެ މޮމެންޓުން ދޫވިޔަނުދެއްވައި މަސައްކަތް ކުރިއަށް ގެންގޮސްދެއްވާށޭ. ގެންގޮސް 26 ގައި ބާއްވައިދެއްވާށޭ. ވިދާޅުވި 26 ގައި ނުބޭއްވޭނެއޭ. އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެން ތިމަންނަމެންނަކަށް މި ނުބޭއްވޭނެއޭ. އެންމެ އަވަހަށްވެސް ބޭއްވޭނީ ނޮވެމްބަރު 2 ގައޭ. އެހެންވީމާ، އެދުވަހު އަޅުގަނޑުމެން އެކީގައި ތިބެގެން، އެބޭފުޅުން ތައްޔާރުކޮށްދެއްވި ތާވަލެއް. އެއީ 20 އާއި 2 އާ ދޭތެރޭގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށްދެއްވި. އެ ތާވަލުގައި، ކިތައް ދުވަސްތޯ ވޯޓަރ ރަޖިސްޓްރީ ޗެކް ކުރުމަށް ނަގާނީ. ކިތައް ދުވަސްތޯ ޕްރިންޓް ކުރަން ނަގާނީ. މިހުރިހާ ތަފްޞީލުތަކެއް އެބޭފުޅުން އަމިއްލައަށް ލިޔުއްވީ. ލިޔުއްވާފައި ވިދާޅުވީ، ތިމަންނަމެން ދެމީހުންނޭ މިހާރު މިތިބީ. އެހެންވީމާ، ތިމަންނަމެން އެބަޖެހެޔޭ، ދެން ތިއްބެވި ދެ މެންބަރުންނާވެސް މަޝްވަރާ ކުރައްވަން. އަޅުގަނޑު ދެންނެވިން، ރަނގަޅޭ ވަޑައިގަންނަވާށޭ. މިރޭ އެހެންވީމާ، އަޅުގަނޑުމެންނަށް ޖަވާބެއް ދެއްވާނެ ކަމަށް އަޅުގަނޑު ހީކުރަމޭ.

އެހާ ހިސާބުން އަޅުގަނޑު މިކަންކަން ކުރިއަށް ގެންދިޔުމުގައި، އެއްބަސްވުމަކަށް އައުމަށްޓަކައި ކެންޑިޑޭޓުންގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށް ވިސްނާފައި، އަޅުގަނޑު ކަނޑައެޅީ، ޑިފެންސް މިނިސްޓަރ ނާޒިމް މީޑިއޭޓަރެއްގެ ގޮތަށް މިކަން ފަހިކޮށްދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވަން. ހުރިހާ ކެންޑިޑޭޓުންނާއި އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދައްކަވައިގެން، ހުރިހާ ބޭފުޅުންނަށް އެއްބަސްވާ ޑޭޓެއް، ތާރީޚެއް ހޯދުމަށްޓަކައި މަސައްކަތް ފަށްޓަވައިދެއްވުމަށް. އެގޮތުން، ނާޒިމް ހުރިހާ ބޭފުޅުންނާ ބައްދަލުކުރެއްވި. އެމް.ޑ.ޕީ.ގެ މަންދޫބުންނާވެސް ބައްދަލުކުރެއްވި. ޖޭ.ޕީ.ގެ މަންދޫބުންނާވެސް ބައްދަލުކުރެއްވި. އަދި ޕީ.ޕީ.އެމް.ގެ ބޭފުޅުންނާވެސް ބައްދަލުކުރެއްވި. އަދި އޭގެފަހުން އެތައް ބައްދަލުވުންތަކެއް ބޭއްވިއްޖެ. އެންމެފަހުން ރޭ 9 ން ފެށިގެންވެސް ބައްދަލުކުރެއްވި. ރޭ 12 ޖެހިއިރުވެސް ބައްދަލުކުރެއްވި. މިހާ ހިސާބަށް އައިއިރުގައި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ އެކިއެކި ތާރީޚުތައް ހުށަހަޅުއްވާފައި. ބައެއް ބޭފުޅުން އެބަ ހުށަހަޅުއްވާ 2. އަނެއްބައި ބޭފުޅުން އެބަ ހުށަހަޅުއްވާ 30 ވަނަ ދުވަސް އިންތިޚާބު ބާއްވަން. އިލެކްޝަންސް ކޮމިޝަނުން މިހާރު ވިދާޅުވަނީ، އެންމެ އަވަހަށްވެސް އިންތިޚާބެއް ބޭއްވޭނީ 9 ވަނަ ދުވަހުއޭ. އަދި އެތައް ބައިވަރު ދަތިތަކެއް އެބަހުއްޓޭ. އެހެންވީމާ، އެހާ އަވަހަކަށް އިންތިޚާބެއް ނުބޭއްވޭނެއޭ މި ވިދާޅުވަނީ.

އަޅުގަނޑުގެ ވާހަކައަކީ، ކޮންމެ ކަމެއް ޤާނޫނީގޮތުން އަދި ޙައްލުކުރަން އުޅެގެނެއް ޙައްލެއްނުވާނެ. މިއީ ސިޔާސީ ކަމެއް. އެހެންވީމާ، ސިޔާސީ ބޭފުޅުން، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަ ދައްކަވައިގެން، ދޫކުރައްވަންޖެހޭ ތަންތާނގައި ދޫކުރައްވައިގެން، އެއްބަސްވުމަކަށް ވަޑައިގަންނަވައިގެން މިކަން ކުރެވޭނީ. ދެންވެސް ތާރީޚެއް އަދި ކަނޑައެޅިޔަސް، އެ ތާރީޚެއްގައި އެކަން ކާމިޔާބާއެކީ ކުރެވޭނީވެސް ހުރިހާ ކެންޑިޑޭޓުން އެއްބަސްވެވަޑައިގަންނަވައިގެން، އެކަމުގައި އެހީތެރިވެދެއްވައިގެން.

އެހެންވީމާ، އަޅުގަނޑު މިއަދުވެސް އިލްތިމާސް ކުރަން، ހުރިހާ ކެންޑިޑޭޓުންނަށް، މިކަމުގައި އެބޭފުޅުން ވާހަކަފުޅު ދައްކަވައިގެން، މީގައި ޙައްލެއް ނެރުއްވައިދެއްވަން. ހަމައެހެން، އިލެކްޝަންސް ކޮމިޝަނަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން، ވީ އެންމެ އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވައިދެއްވުމަށް. މި ރިޔާސީ ދައުރު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ނިމޭއިރުގައި، ދިވެހިރާއްޖޭގައި އިންތިޚާބުވެފައިވާ ރައީސަކު ނެތުމަކީ، އެއީ ރާއްޖޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އެންމެ ރަނގަޅު މަޞްލަޙަތެއް ނޫން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހި ރައްޔިތުންނަށްވެސް އޮތް އެންމެ ފައިދާބޮޑު ގޮތަކީ، އިންތިޚާބު ކުރެވިފައި ހުރި ރައީސަކު، ނޮވެމްބަރު 11 ވަނަ ދުވަހު މަޤާމާ ޙަވާލުވެވަޑައިގަތުން. މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން އަދިވެސް ވެވެންހުރި ހުރިހާ އެހީއެއް ވެދޭނަން.

އެހެންވީމާ، މިހާތަނަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތް، ތިޔަބޭފުޅުންނަށް ދަންނަވާލުމަށްޓަކައި އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މިބައްދަލުކުރީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަޞްލަޙަތު، އަޅުގަނޑުމެންގެ މައްސަލަތައް އަމިއްލައަށް ޙައްލު ނުކުރެވުނީމާ ކަމަކުނުދާނެ. މިޤައުމުގެ ޞުލްޙައާއި، ޤައުމުގެ އަމާންކަން ދެމިއޮންނާނީ، ދިވެހި ރައްޔިތުން، ރައްޔިތުންގެ ކަންތައްތައް ޙައްލުކުރީމާ. އެހެންވީމާ، އަޅުގަނޑު މިއަދު ހުރި މަޤާމުގެ ޙައިޘިއްޔަތުން އަޅުގަނޑު މި އިލްތިމާސް މިކުރަނީ. އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ވަކި ބޭފުޅަކަށް ތަޢައްޞުބެއްނެތި، އަޅުގަނޑު މަސައްކަތް ކުރަން މިހުރީ. އަޅުގަނޑު ހީކުރަން، މި ފުރުޞަތު ގެއްލުވައިނުލައްވާނެ ކަމަށް. ވަގުތަކީ ވަރަށް މުހިންމު އެއްޗެއް. ކޮންމެ ކަމަކަށްވެސް އޮންނާނެ ވަގުތެއް. އެވަގުތު ފާއިތުވީމަކާ ދެނެއް އަޅުގަނޑުމެންނަކަށް އެ ފުރުޞަތެއް އަނބުރައެއް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑު ހީކުރަން، ހުރިހާ ބޭފުޅުންވެސް ޤައުމުގެ މަޞްލަޙަތު، މިވަގުތު އިސްކުރައްވާނެ ކަމަށް. އިންތިޚާބު ބޭއްވުމަކީ ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތު. އަޅުގަނޑުމެންނަށް ހަމައެކަނި އެހީތެރިވެދެވޭނީ. އަޅުގަނޑުމެން އެންމެންގެވެސް މަޞްލަޙަތު، ޤައުމުގައި އަމަންއަމާންކަން ޤާއިމުވެފައި އޮތުމަކީ. މިހާތަނަށް ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް އަމާންކަމާއެކީގައި އާދެވިއްޖެ. ކުރިއަށް އޮތް ތާނގައިވެސް ރައްޔިތުން އަމާންކަމާއެކީގައި، ހަމަނުޖެހުމެއް ނުއުފެދި، ކުރިއަށް ދިޔުމަކީ އެއީ އެންމެ މުހިންމު އެއްކަންތައް. މި ރާއްޖެއަކަށް އެފޯޑެއް ނުކުރެވޭނެ، ރާއްޖޭގައި ހަމަނުޖެހުން އުފެދޭކަށް. ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަމެއް އަންނާކަށް.

އެހެންވީމާ، މިފުރުޞަތުގެ ބޭނުން ހުރިހާ ބޭފުޅުން ހިއްޕަވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. އަދިވެސް އަޅުގަނޑުމެން މިތިބީ އެހީތެރިވެދޭން. އެހެން ނަމަވެސް، މިއީ ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން އިންތިޚާބު ބޭއްވުމަކީ. އެކަމަށްޓަކައި ދައުލަތުގެ މުއައްސަސާއެއް ކަނޑައެޅިފައި އެއޮތީ. އެ މުއައްސަސާއިން އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެކަން ކުރައްވާއިރުގައި، އެކަން ކުރައްވަންވާނީ ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއި، ހަމަހަމަކަމާއެކީ، ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް. އެއީ އަޅުގަނޑު މިއަދު ދަންނަވަން އޮތް ވާހަކައަކީ.

އެހެންވީމާ، ތިޔަބޭފުޅުން ކުރައްވަން ސުވާލެއް އޮތް ކަމަށްވާނަމަ، އަޅުގަނޑު އެ ސުވާލަކަށް ޖަވާބު ދަންނަވާނަން.

މުޙަންމަދު އަފްޒަލް – އެމް.ބީ.ސީ:

އަޅުގަނޑުގެ ތިން ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، އިންތިޚާބާ ގުޅިގެން މި އައި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ބައެއް މީޑިއާތަކުގައިވެސް ފެތުރިގެންދިޔަ އެއް ވާހަކައަކީ، އިންތިޚާބުގެ ތާރީޚަކާމެދު ސިޔާސީ ޕާޓީތަކަށް އެއްގަލަކަށް ނާދެވިއްޖިއްޔާ، މަނިކުފާނު އިސްތިޢުފާ ދެއްވާނެ ކަމަށް ވިދާޅުވި ވާހަކައެއް ހަމަ ބޭރުގެ ނޫހަކާ ޙަވާލާދީ، ރާއްޖޭގެ މީޑިއާތަކުގައި ފެތުރިފައިވޭ. ކިހިނެއްތޯ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އެއްގަލަކަށް ނޭރި، ރޭގައިވެސް ގާތްގަނޑަކަށް ހަތަރުގަޑިއިރަށް، ފަސްގަޑިއިރަށްދިޔަ، މި މަޝްވަރާތައް ނިމިގެންދިޔަ ތަން. ކީކޭތޯ މަނިކުފާނު ވިދާޅުވަނީ އެކަމާ؟

އަޅުގަނޑުގެ ދެވަނަ ސުވާލަކީ، މިއަދު މަޖިލީހަށް ހުށަހެޅިގެން އުޅޭ ކުއްލި މައްސަލައިގެ ތެރޭގައި، އެމް.ޑީ.ޕީ. އިން ބުނަމުން އެބަދޭ، އެމް.ޑީ.ޕީ. އިން ބޭނުންވަނީ، އިންތިޤާލީ މަރްޙަލާއެއް ޤާއިމުކުރުމަށްފަހު، އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދާށޭ. މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތެއްތޯ؟

އަޅުގަނޑުގެ ހަމަ އެންމެފަހު ސުވާލެއްގެ ގޮތުގައި ދަންނަވާލަން، އަޅުގަނޑުމެންނަށް ރޭގައި އިލެކްޝަންގައި މަޝްވަރާތައް ނިމުމަށްފަހުގައި، އިލެކްޝަނުން ވިދާޅުވީ، އެބޭފުޅުންނަށް އެންމެ ފަސޭހަ ތާރީޚަކީ 9 އެކޭ. 9 ގައި އިންތިޚާބު ބާއްވާފައި، ދެވަނަ ބުރަކަށް ދާންޖެހިއްޖިއްޔާ، ނޮވެމްބަރ 11ގެ ކުރިން ޔަޤީނުންވެސް ނުބޭއްވޭނެ. ނޮވެމްބަރ 11ގެ ކުރިން އިންތިޚާބު ނިމި، އާ ރައީސަކު ޢައްޔަނު ނުކުރެވިއްޖިއްޔާ، މަނިކުފާނު މަޤާމުގައި ދެމިހުންނަވާނަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އެންމެ އިސްކުރަންޖެހޭނީ ޤައުމުގެ މަޞްލަޙަތު މިވަގުތު. އެހެންވީމާ، އަޅުގަނޑު އަދި އުންމީދު ދޫކޮށެއްނުލަން. އަޅުގަނޑު އަދިވެސް ޔަޤީންކުރަނީ، އިންތިޚާބު ބާއްވާނެ ތާރީޚަކާމެދު، ހަމަ ދާދި އަވަހަށް ހުރިހާ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާނެ ކަމަށް. އަދި 9 ވަނަ ދުވަހު އިންތިޚާބު ބޭއްވި ކަމުގައިވީ ނަމަވެސް، އެ އިންތިޚާބަކީ އެއީ، ހުރިހާ ކެންޑިޑޭޓުން އެއްބަސްވާ އުޞޫލުތަކެއްގެ މަތިން، އެންމެން ބައިވެރިވެގެން ބާއްވާ އިންތިޚާބަކަށް ވެއްޖިއްޔާ، އަޅުގަނޑު ވަރަށް އުފާކުރާނަން. ދެން ތިޔަ ވިދާޅުވިހެން، ދެވަނަ ބުރަކަށް ދާންޖެހިއްޖިއްޔާ، ދާން ނުޖެހޭނެ ކަމަށް އަޅުގަނޑުވެސް މި އުންމީދު ކުރަނީ. އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް، ކޮންމެވެސް އެއްބޭފުޅަކު. އެހެންނަމަވެސް، ދެވަނަ ބުރަކަށް ދާންޖެހިއްޖިއްޔާ، ދެން ހަދާނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ ދަންނަވާކަށް. އަޅުގަނޑު ބޭނުމެއްނުވޭ، ނޮވެމްބަރު 11އިގެ ފަހުން ހަމަ އެންމެ ދުވަހަކުވެސް މަޤާމުގައި ދެމިހުންނަވާކަށް.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުވެސް އެބައޮތް ތިން ސުވާލު. ފުރަތަމަ ސުވާލަކީ، ދެން އަފްޒަލް އެކުރެއްވި ހަމަ ސުވާލާ ވިއްދައިގެން، އެމް.ޑީ.ޕީ. އިން އެ ވިދާޅުވާގޮތަށް މި އިންތިޤާލީ މަރްޙަލާއަކަށް ދާން މަނިކުފާނު އެއްބަސްވެވަޑައިގަންނަވާނަންތޯ؟

ދެވަނަ ސުވާލަކީ، މިއަދު މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވި، އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރަންޖެހޭ ކަމަށާއި، އެކަން ނުކުރެވޭނަމަ، އިމަރޖެންސީ އިޢުލާނު ކޮށްގެން ނަމަވެސް، އެކަން ކުރަންޖެހޭ ކަމަށް. މަނިކުފާނުގެ ވިސްނުންފުޅަކީ މިކަމުގައި ކޮން ގޮތެއްތޯ؟

ދެން އަންނަ މަހު 9 ގައި އިންތިޚާބު ބާއްވާ ކަމަށްވަންޏާމު، ދެވަނަ ބުރެއް ނެތް. އެހެންވެއްޖެ ކަމަށްވަންޏާމު، ދެން މަނިކުފާނުގެ ވިސްނުންފުޅުގައި، އެއީ އެންމެ ރަނގަޅު ތާރީޚެއްތޯ؟ ދެވަނަ ބުރަކަށް ހިނގައްޖެ ކަމަށްވަންޏާމު، ބޮޑެތި މައްސަލަތަކެއް ދިމާވާނެ، ނޮވެމްބަރު 11ގެ ފަހުން، ނޮވެމްބަރު 11 ގައި އާ ރައީސަކު ނުހުންނާނެ ޤައުމަކު. ހުވައެއް ނުކުރާނެ. އެހެންވީމާ، އެހިސާބުން ބޮޑެތި މައްސަލަތަކެއް އުފެދޭނެ ނޫންތޯއޭ. ކޮންގޮތަކަށްތޯ މަނިކުފާނު އިލެކްޝަންސް ކޮމިޝަނަށް އެޑްވައިސް ދެއްވަންޏާ ދެއްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މިހާރު އަޅުގަނޑުމެން ވާހަކަ ދައްކާފައި މިއޮތީ އިލެކްޝަންސް ކޮމިޝަނާ އިނގޭތޯ، ކިތަންމެ ފަހަރަކުވެސް. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި، ނައިބު ރައީސްވެސް ވިދާޅުވެފައި އޮތީ، އަޅުގަނޑު ކައިރީގައި، ނޮވެމްބަރު މަހުގެ 2 ވަނަ އިންތިޚާބު ބޭއްވިދާނެޔޭ އިނގޭތޯ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ، ކޮމިޝަންގެ ތެރޭގައި އެކަމާބެހޭގޮތުން މިހާރު އަދިވެސް ޚިޔާލު ތަފާތުވުމެއް އުޅެނީހެން. އަޅުގަނޑު އެދޭ ގޮތަކީވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޤައުމަށް އެންމެ ރަނގަޅު ގޮތަކީވެސް 2 ވަނަ ދުވަހު އިންތިޚާބު ބޭއްވުން. ދެން 2 ވަނަ ރައުންޑެއް ބާއްވަން ޖެހިއްޖިއްޔާ 9 ވަނަ ދުވަހު ބާއްވަން. އެގޮތަށް އަޅުގަނޑުމެން ވާހަކަ ދެއްކީ. އަދި ވޯޓަށް އިތުރަށް ރަޖިސްޓްރީ ކުރަންޖެހޭ މީހުން، ރަޖިސްޓްރީ ކުރާއިރުގައިވެސް އެދެތާރީޚަށް ރަޖިސްޓްރީ ކުރާގޮތަށް އަޅުގަނޑުމެން އެދުވަހު ވާހަކަ ދެއްކީ. އެހެންވީމާ، އެކަން ކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ.

ދެން ތިޔަ ވިދާޅުވިހެން، ނޮވެމްބަރު 11ގެ ފަހުން ކޮން އެރޭންޖްމަންޓަކަށްތޯ ދާނީ؟ މީގައި އެކަން އަޅުގަނޑެއް ނޫން ނިންމާނީކީ ދޮއެއްތޯ. އެކަމަށް މަސްއޫލިއްޔަތު ނަންގަވަންޖެހޭ އެހެން ފަރާތްތައްވެސް އެބަހުރި. އޭގެތެރޭގައި، ހަމައެކަނި އަޅުގަނޑު އެކަން ނިންމުމަކުން ހިއެއްނުވޭ ރަނގަޅުވާނެހެނެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސުޕްރީމް ކޯޓުވެސް އަދި ރައްޔިތުންގެ މަޖިލީސްވެސް މިކަމާ ބެހޭގޮތުން މިހާރު އެބަޖެހޭ ވިސްނާވަޑައިގަންނަވަން. މިޤައުމުގެ މަޞްލަޙަތަކީ، މިއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ މަޞްލަޙަތެއް ނޫން. މި ޤައުމު ހިންގަން މިޖެހެނީ ތިން ބާރުން. އެގްޒެކެޓިވް ބްރާންޗުންވެސް، ލެޖިސްލެޓިވް ބްރާންޗުންވެސް، ޖުޑީޝަރީންވެސް. އެހެންވީމާ، މި ޤައުމު ހިންގުމުގައި، މި ތިންބާރުގެ އިސްކޮށް ތިއްބެވި ތިންބޭފުޅުން އެބަޖެހޭ، ޤައުމަށްޓަކައި ވިސްނާވަޑައިގަންނަވައިގެން އެންމެ ރަނގަޅު ގޮތެއް ނެރުއްވަން. އަޅުގަނޑުގެ އަމިއްލަ މަޞްލަޙަތު މިއަދު މިހުރީ އަޅުގަނޑު ދޫކޮށްލައިގެން. އަޅުގަނޑު އުންމީދު ކުރަން، އެހެން ބޭފުޅުންވެސް ތިއްބަވާނީ ހަމަ އެގޮތަށް ކަމަށް.

ދެން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި، އިލެކްޝަންސް ކޮމިޝަނަށްވެސް ވަރަށް ބޮޑެތި ދަތިތަކާވެސް ކުރިމަތިވެއްޖެ. ޝައްކެއްނެތް. ވަރަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި އެބޭފުޅުން ވަރަށްބޮޑު މަސައްކަތެއް ކުރައްވަން މަސައްކަތް ކުރައްވައިފި. އެހެންވީމާ، އެބޭފުޅުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުންވެސް އަޅުގަނޑަށް ކޮންމެވެސްވަރަކަށް މަޢުލޫމާތުވެސް ލިބިފައި ހުރީ. އަޅުގަނޑު ނުދަންނަވާނަން، މިއީ އަދި އެބޭފުޅުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ވަގުތު ކަމަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ފުރުޞަތު އެބައޮތް އެކީގައި މަސައްކަތް ކުރަން. މަސައްކަތް ކޮށްގެން ޙައްލެއް މިކަމުގައި ނެރުން.

އަޅުގަނޑުމެންނަށް އުނދަގޫ ދުވަސްތަކާ ކުރިމަތިވެއްޖެ މީގެކުރިންވެސް. އަޅުގަނޑުމެން އުނދަގޫތަކުން މިތިބީ އިރާދަކުރެއްވިއްޔާ ސަލާމަތްވެގެން. މިފަހަރުވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަމުން ސަލާމަތްވެވޭނެ. އެއްވެސް މީހަކު ނުބުނޭ، ޑިމޮކްރަސީއަކީ ފަސޭހަ އެއްޗެކޭ. ޑިމޮކްރަސީ ހިންގުމުގައި އަބަދު ވަރަށް އުފަލުގައި، ވަރަށް ހިތްފަސޭހަކަމާ އެކީގައޭ އުޅެންޖެހޭނީ. ބޮޑެތި ޤައުމުތަކުން އެތައް ޒަމާނެއް ވަންދެން، ޑިމޮކްރަސީ ހިންގާފައި ހުރި ޤައުމުތަކުން ފަހަރެއްގައި ހަނދާންނެތިދާނެ، އެބޭފުޅުންނަށްވެސް، އެޤައުމުތަކުގައިވެސް ކުރީކޮޅުގައި، ކުރީގެ އަހަރުތަކުގައި އުޅެންޖެހުނީ ހަމަ މިފަދަ ޙާލަތެއްގައިކަން. އަޅުގަނޑުމެން اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކުރަންޖެހޭ. މިހާތަނަށް ދިޔައިރުވެސް އަޅުގަނޑުމެންގެ މި ބިންގަނޑަށް އެއްވެސް މީހެއްގެ ލޭ އޮހޮރުވާނުލައި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ހީނަރުކަމެއް ނައިސް، އަޅުގަނޑުމެންގެ ސްކޫލް ކުދިންނަށް ސްކޫލަށް ދެވިގެން، ބަލިމީހުންނަށް ބޭސްކުރެވިގެން، ވަޒީފާއަށްދާ މީހުންނަށް މުސާރަ ލިބިގެން، ކާބޯތަކެއްޗަށް ދަތިނުވެ، މިހާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނީމަ. ޑިމޮކްރަސީއަށް މަސައްކަތްކުރާ އެހެނިހެން ޤައުމުތަކުން މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އެ މަންޒަރެއް ނޫން. މިޞްރުގައި ވާގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. ޓިއުނީޝިޔާގަޔާއި ލީބިޔާގައި ވާގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ ޙާލަތެއްގައެއް ނޫން އަޅުގަނޑުމެން މިތިބީކީ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ގައުމު މެނޭޖް ކުރެވޭނެ. އަޅުގަނޑުމެންގެ ޤައުމުގައި މިއަދު ތިބީކީ، އެހެނިހެން ޤައުމުތަކުގައި އަދި ހުޅަނގުގެ ޤައުމުތަކުގައިވެސް ތިބި މީހުންނަކަށްވުރެ ވަކި ދެރަ މީހުންނެއް ނޫން. ނުކިޔަވާ ތިބި މީހުންނެއްވެސް ނޫން. ނާޤާބިލު މީހުންނެއްވެސް ނޫން. އަޅުގަނޑުމެންނަށް އެމީހުންނާއެކީގައި އެއްހަމައެއްގައި ފައި އެއްވަރުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިކަން ޙައްލުކުރެވެންޖެހޭނެ މިއަދު. އަޅުގަނޑުމެން ކައިރީގައި އައިސް، އަޅުގަނޑުމެން ކަންތައް ކުރަންވާގޮތުގެ ވާހަކަ ކިޔައިދޭކަށްވެސް ނުޖެހޭ. އަޅުގަނޑުމެންވެސް އުޅެފީމު ވަރަށް އުނދަގޫ ތަންތާނގައި. އެ އަޅުގަނޑުމެންނަށް ފިލާވަޅު ކިޔަވައިދޭން މިއަންނަ މީސްމީހުން އުޅުނު ޙާލަތަށްވުރެ މާ އުނދަގޫ ޙާލަތުގައި އުޅުނީ. އަޅުގަނޑު އުޅެފީމު. އަޅުގަނޑަށް އެނގޭ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނުރައްކަލާއި، ރާއްޖެއަށް އޮތް ފުރްޞަތުތައް.

އެހެންވީމާ، އަޅުގަނޑުމެން މިކަންކަން މިކުރަނީ، އެހެން މީހުންގެވެސް ލަފަޔާ އެކީގައި. ކޮމަންވެލްތްގެވެސް ލަފަޔާ އެކީގައި. އަދި އެހެނިހެން ސަރުކާރުތަކުންވެސް ފޮނުވާ މީސްމީހުންގެވެސް ލަފަޔާ އެކީގައި. އެހެން ނަމަވެސް، މިކަން އެންމެފަހުގެ ނިންމުން ނިންމާނީ އަޅުގަނޑުމެން. މީހުން އެއްޗެހިވެސް ކިޔާނެ. އަޅުގަނޑާ ދިމާލަށް ވަރަށްގިނަ، ވަރަށް ހުތުރު އެއްޗެހިވެސް އެބަ ކިޔާ. އިންޓަރނޭޝަނަލް މީޑިއާތަކުގައިވެސް މިއަދު އަޅުގަނޑަށްވުރެ ގޯސް މީހަކު ނެތް. އެހެން ނަމަވެސް، މިއަދު އަޅުގަނޑު ބަލަންޖެހޭނީ މީހުން ދައްކާ ވާހަކައަކަށް ނޫން. މިއަދު އަޅުގަނޑު ބަލަންޖެހޭނީ، މިޤައުމުގެ މަޞްލަޙަތަކަށްޓަކައި. މިޤައުމުގައި ލޭ އޮހޮރުވާނުލައި، މި ޤައުމު ކުރިއަށް ގެންދެވޭތޯ. އަޅުގަނޑުގެ ވޮޗްގައި، އަޅުގަނޑު މި މަޤާމުގައި ހުއްޓަކާ އިރާދަކުރެއްވިއްޔާ އެ ޙާލަތަކަށް ނުދާނެ.

އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން، އެކަން ނިންމާނީކީ އަޅުގަނޑެއް ނޫން. އަޅުގަނޑުގެ މަސްއޫލިއްޔަތެއް ނޫން އެއީކީ.

ޢަބްދުﷲ ޖަމީލް – ސަން އޮންލައިން:

އަޅުގަނޑުމެންނަށް އެބައޮތް، އިންތިޚާބު ބާޠިލު ކުރުމަށްފަހުގައި ސުޕްރީމް ކޯޓުގެ ޙުކުމެއް އައިސްފައި. ދެން އެ ޙުކުމުގައި އެބައޮތް، 16 ޕޮއިންޓްގެ ގައިޑްލައިނެއް ކަނޑައަޅުއްވާފައި، އިންތިޚާބު ބާއްވާނެ ގޮތްތައް ކަނޑައަޅުއްވާފައި. އެހެން ނަމަވެސް، އަޅުގަނޑަށް އިއްޔެގައި މި އަޑުއިވިގެން ދިޔައީ، އޭގެތެރެއިން ބައެއް ކެންޑިޑޭޓުން އެ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބުގައި ބައިވެރިވާން ބޭނުންނުވާ ވާހަކަ. ދެން އަނެއްބަޔަކު މިބުނަނީ، ޢާންމު އިންތިޚާބުތަކާ ބެހޭ ޤާނޫނާ އެއްގޮތަށޭ، އިންތިޚާބު ބާއްވަންޖެހެނީ. މީގެތެރޭގައި މިހާތަނަށް ޢަމަލުކުރަމުން އައީ، އިންތިޚާބުތަކާބެހޭ ޤާނޫނާ އެއްގޮތަށް، އިންތިޚާބުތައް ބާއްވަމުން އައީ. މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ކުރިއަށް މިއޮތް އިންތިޚާބު ބާއްވަންޖެހޭނީ، މީގެތެރެއިން ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޤާނޫނަކީ އެންމެންވެސް ބޯލަނބަންޖެހޭ އެއްޗެއް. އަދި ސުޕްރީމް ކޯޓުގެ ޙުކުމްތަކަކީވެސް އެންމެން ބޯލަނބަންޖެހޭ އެއްޗެއް. މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅެނީ ޤާނޫނީ މައްސަލައެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅެނީ ސިޔާސީ މައްސަލައެއް. ސިޔާސީ މައްސަލަ ނިންމޭނީ ސިޔާސީ ލީޑަރުންނަށް. އެހެންވީމާ، މިޤައުމުގެ މަޞްލަޙަތަށްޓަކައި ލީޑަރޝިޕް ނަންގަވަން ތިއްބެވި ބޭފުޅުން މިއަދު ރިޔާސީ އިންތިޚާބާ ކުރިމަތިލައްވައިގެން މިއުޅުއްވަނީ. ތިންބޭފުޅުން. އެ ތިންބޭފުޅުންގެ އިސްތަށިފުޅުގައި އޮތް ޒިންމާއެއް، މިކަން ޙައްލުކުރެއްވުން. ދިވެހިރާއްޖެ ލޭއޮހޮރުވުމެއްގެ ތެރެއަށް ގެންދާ ބަޔަކު އެއީ، މި ޤައުމުގެ ވެރިކަން ކުރާވަރުގެ ބަޔަކަށް ނުވާނެ. އެހެންވީމާ، މިފުރްޞަތު އަދިވެސް އެބައޮތް. ޙައްލެއް ހޯދޭނެ.

ޒަހީނާ ރަޝީދު – މިނިވަން ނިއުސް:

އިލެކްޝަންސް ކޮމިޝަނުން އޮކްޓޯބަރ 19 ގައި ވިދާޅުވެފައި އެބައޮތް، ފުލުހުން އިލެކްޝަނަށް ހުރަސްއެޅީޔޭ. އިލެކްޝަން ހުއްޓުވާލީޔޭ. ދެން ފުލުހުން އެ އެކްޝަން ނެގިއިރު، މަނިކުފާނަށް ކިހާވަރަކަށް އެނގިވަޑައިގަންނަވާތޯ، ފުލުހުން އެކަންތައްތައް ކުރިއަށް ގެންދިޔަގޮތް. މަނިކުފާނާ އެއްވެސްވަރަކަށް ވާހަކަ ދެކެވިގެންތޯ، އެ ޑިޒިޝަނަށް އައީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

19 ވަނަ ދުވަހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، އަޅުގަނޑުވެސް ސީދާ ސުޕްރީމް ކޯޓުގެ ޗީފް ޖަސްޓިސްއާވެސް އަޅުގަނޑު ދެފަހަރަށް ވާހަކަ ދެއްކިން. އަޅުގަނޑު އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާވެސް ވާހަކަ ދެއްކިން. އެރޭ ހަތަރުދަމު އަޅުގަނޑުވެސް އެކިބޭފުޅުންގެ ލަފާ ހޯދަމުން ގެންދިޔައީ. ސަރުކާރުގެ ޕޮޒިޝަނަކަށްވީ، ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ޙުކުމާ ޚިލާފަށް، އެންމެ ކެންޑިޑޭޓަކު ބައިވެރިވެގެން ބާއްވާ އިންތިޚާބަކަށް ސަރުކާރަކުން ތާއީދެއް ނުކުރެވޭނެއޭ. އެ ޕޮޒިޝަން އަޅުގަނޑުމެން ނެގީ. އެހެންވީމާ، ފުލުހުން ވިދާޅުވި، ފުލުހުން ލިޔުމަކުން އެންގެވި އިލެކްޝަންސް ކޮމިޝަނަށް. ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާ ޚިލާފަށް ބާއްވާ އިންތިޚާބަކަށް އެއްބާރުލުމެއް ނުދެވޭނެއޭ. އެއްބާރުލުމެއް ނުދެވޭނެއޭ ބުނުމާ، އިންތިޚާބު ހުއްޓުވާލުމާ އެއީ، ވަރަށްބޮޑު ތަފާތެއް. އަދިވެސް އަޅުގަނޑު ދަންނަވާނީ މިހެން. މި ރާއްޖޭގެ މަޞްލަޙަތުގައި އޮތް ކަމެއް ނޫން، އެންމެ ކެންޑިޑޭޓަކަށް ބައިވެރިވެވޭ ގޮތަށް އިންތިޚާބު ބޭއްވުން. މުޅި އިންޓަރނޭޝަނަލް ކޮމިއުނިޓީ އަޅުގަނޑަށް ޕްރެޝަރ ކުރަމުން ގެންދިޔައީ، ވޭތުވެދިޔަ ދޮޅުއަހަރު ދުވަސް ވަންދެން، ރައީސް ނަޝީދަށް ބައިވެރިނުވެވޭ އިންތިޚާބެއް ރާއްޖޭގައި ބާއްވައިގެން ނުވާނެޔޭ. ކިތަންމެ ފަރާތަކުން ރައީސް ނަޝީދާ ދޭތެރޭގައި ފިޔަވަޅު އަޅަން މަސައްކަތްކުރި. އަޅުގަނޑު މިއަދު އުފާކުރަން، ރައީސް ނަޝީދަށް ބައިވެރިވެވަޑައިގެންނެވޭތީ. ހަމަ އެގޮތަށް، ރައީސް ނަޝީދު އުފާކުރައްވަން ޖެހިވަޑައިގަންނަވާނެ، އެހެން ކެންޑިޑޭޓުންނަށްވެސް ބައިވެރިވެވަޑައިގެންނެވޭތީ. އެހެން ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭ އިންތިޚާބެއްގައި، ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިގެން ނުވާނެ. އެގޮތަށް ހިއްޕަވައިފިއްޔާ، އެބޭފުޅާގެ މޯރަލް ޕްރިންސިޕަލްސްއާ ދޭތެރޭގައި އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނެ. ގަދަބާރުންނެއް ރާއްޖެއަކުއެއް އިންތިޚާބެއް ނުބޭއްވޭނެ. ގަދަބާރުން ބާއްވާ އިންތިޚާބެއްގައި ލޭއޮހޮރުވުމަކަށްދާނީ. އެ ފުރުޞަތު އަޅުގަނޑެއް ނުދޭނަން އެއްވެސް މީހަކަށް. އިންޓަރނޭޝަނަލް ކޮމިއުނިޓީ ކޮންމެ އެއްޗެއް ކިޔަސް އަދި ސިޔާސީ ޕާޓީތަކުން ކޮންމެ އެއްޗެއް ކިޔަސް. މިއަދު އަޅުގަނޑުގެ އެންމެމަތީ މަޞްލަޙަތަކީ، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން. އެހެންވީމާ، އެ ފުރުޞަތު ނުދޭނަން އަޅުގަނޑު. މި ރާއްޖޭގައި ބާއްވާ އިންތިޚާބު ވާންޖެހޭނީ، އިންޞާފުވެރި، ހުރިހާ ކެންޑިޑޭޓުންނަށް އެއްބަސްވެވޭ އުޞޫލުތަކެއްގެ މަތިން، ގިނަ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިޚާބަކަށް.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އާދެ! ކޯޓު ޙުކުމާ އެއްގޮތަށް ރާއްޖެ ޓީ.ވީ. އަށް ވަރަށްގިނަ ދުވަސްތަކަށްފަހު، މިއޮފީހުން ދަޢުވަތު ދެއްވީތީ، އެންމެ ފުރަތަމަ އަޅުގަނޑު ޝުކުރު އަދާކުރަން. އެއަށްފަހު، އަޅުގަނޑު ސުވާލައިގެން ކުރިއަށް ދާނަން.

އިންތިޚާބު ހުއްޓުވީ ފުލުހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން އެބަ ވިދާޅުވޭ. ދެން އޭގެކުރީ ދުވަހު އަޅުގަނޑުމެންނަށް ފެނިގެންދިޔަ، މަނިކުފާނު ވަނީ ވިދާޅުވެފައި، ހުރިހާ ފަރާތްތަކުންވެސް މި އިންތިޚާބަށް އެއްބާރުން ދެއްވައި، އެފަރާތްތަކަށް ކުރެވެން އޮތް މަސައްކަތެއް ކޮށްދިނުމަށް. އަދި ސަރުކާރުގެ މުއައްސަސާތަކުންވެސް. އަޅުގަނޑުމެންނަށް މި ފެނިގެންދަނީ، އިންތިޚާބު މި ހުއްޓުވީ ކަމަށް ފުލުހުން އެބަ ވިދާޅުވޭ، މަނިކުފާނާވެސް މަޝްވަރާ ކުރެއްވުމަށްފަހު. އަދި އެޓަރނީ ޖެނެރަލްގެ ލަފާވެސް ހޯއްދަވައި އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގައިވެސް އެބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހު، ޤައުމު ބޮޑު ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމަށް، އެބޭފުޅުންނަށް އިތުބާރު ހުރި މަޢުލޫމާތުތަކެއް ލިބިގެން ކަމަށް. ކޮންކަހަލަ މަޢުލޫމާތުތަކެއް ހުށަހެޅުއްވިގެންތޯ، އިންތިޚާބެއް ހުއްޓުވާލަން މަނިކުފާނުވެސް އެގޮތަށް ލަފާދެއްވީ؟

ދެވަނަ ސުވާލަކީ، ނޮވެމްބަރު 11 ވަނަ ދުވަހު ކޮންމެ ގޮތެއްވިޔަސް ދައުރު އެބަ ހަމަވޭ. ދެން އޭގެ ސުވާލުތަކެއް ވަރަށް ބޮޑަށް މިތަނުގައި ކުރެވިގެން ހިނގައްޖެ. ވަރަށް ސާފުކޮށް ވިދާޅުވެދެއްވަފާނަންތޯ، މަނިކުފާނު ނޮވެމްބަރު 11 އަށްފަހު، ވެރިކަމުގައި ހުންނަވާނަންތޯ ނުވަތަ ނޫންތޯ. އެއީ ކޮންމެގޮތެއްވިޔަސް ދައުރު ހަމަވެއްޖެ، އެހެން ނޫންތޯ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން އަޅުގަނޑުގެ ދައުރެއް އޮތް ކަމަކަށްވެސް ތިޔަބޭފުޅުން ގަބޫލެއް ނުކުރައްވާ މިހާތަނަކަށް. އެހެންވީމާ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުގެ ދައުރެއް އޮތް ކަމަށް ޤަބޫލު ކުރެއްވީތީ، ފުރަތަމަވެސް.

އާދެ! އަޅުގަނޑަކަށް ހިއެއްނުވޭ، އެއްވެސް ސިޔާސީ ޕާޓީއަކުން ބޭނުންވާނެހެނެއް، ހަމައެކަނި އެންމެ ކެންޑިޑޭޓެއް ބައިވެރިވާ އިންތިޚާބެއް ބާއްވާކަށް. އަދި ގަދަބާރުން ސިފައިންނާއި ފުލުހުން ނެރެގެން ބާއްވާ އިންތިޚާބެއްގައި، އެހެނިހެން ޕާޓީތަކުން ނުކުމެ ހަމަނުޖެހުން އުފައްދާކަށްވެސް. މީގައި އޮތް ސޮލިއުޝަނަކީ އެންމެން ވާހަކަ ދައްކައިގެން މިކަން ކުރުން. މީގައި މިހާރު ސޮލިއުޝަނަކީ، އެކަކު އަނެކަކާ ދިމާއަށް އިނގިލި ދިއްކުރުމެއް ނޫން. އަޅުގަނޑު ކުރިން ދަންނަވައިފިން، ނޮވެމްބަރު 11ގެ ފަހުން މި މަޤާމުގައި ހުންނާކަށް އަޅުގަނޑެއް ބޭނުމެއް ނޫނޭ. އަޅުގަނޑު ހީކުރަން، އެ ސުވާލުގެ ޖަވާބު ލިބިވަޑައިގެންފި ކަމަށް.

އާދެ، ނިންމާލަން އެބަޖެހޭ، މިހާރު ތިޔަބޭފުޅުންގެ ޚަބަރު ގަޑިވެސް ޖެހިފައި މިއޮތީ. އަދި އިތުރު އެއްބޭފުޅަކު ސުވާލު ކުރައްވަން.

ޢަލީ ނަހީކް ބިން ސަޢުދު ޔޫސުފް – މިނިވަން ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، އެބަ ދަންނަވާ މަނިކުފާނު ބޭނުންފުޅެއް ނުވެޔޭ ހުންނަވާކަށް ވެރިކަމުގައި ނޮވެމްބަރު 11 އަށްފަހު. އެހެން ފަރާތްތަކުން ބޭނުންވެއްޖިއްޔާ. މިސާލަކަށް، ޕީ.ޕީ.އެމް. އިން މިހާރު އެއޮތީ، ކައުންސިލުން ފާސްކޮށްފައި ބޭނުންވެޔޭ. ދެން އެއަށް ކޮން ޖަވާބެއްތޯ ދެއްވާނީ؟

ދެން އޭގެއިތުރުން އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، ޤާސިމް އަދި ޔާމީނަށް ވޯޓަރސް ރަޖިސްޓްރޭޝަން ލިސްޓްގައި ސޮއިނުކުރެއްވީމާ، މަނިކުފާނު އެއްވެސްވަރަކަށް އެބޭފުޅުންނާ ވާހަކަ ދެއްކެވިންތޯ ސޮއިކުރެއްވުމަށް. ދެން ކީކޭތޯ އެބޭފުޅުން ދެންނެވީ؟ އެ ދެ ސުވާލު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު އޭރުވެސް މަސައްކަތް ކުރަމުން ގެންދިޔައީ، އެބޭފުޅުން އޭގައި ސޮއިކުރެއްވުމަށްޓަކައި ބާރުއަޅަމުން. އަދި މިހާރުވެސް އަޅުގަނޑުމެން ބާރުއަޅަމުން މިގެންދަނީ. ދެން އެންމެ ސިޔާސީ ޕާޓީއަކުން އެދިގެންނެއް އަޅުގަނޑު ކޮންސިޑަރއެއް ނުކުރާނަން، އަޅުގަނޑުގެ ޕޮޒިޝަނެއް އިނގޭތޯ. އަޅުގަނޑު މިދެންނެވިހެން، އަޅުގަނޑު ތަމްސީލު ކުރަނީ، ވަކި ސިޔާސީ ޕާޓީއެއް ނޫން މިހާރަކު. އެހެންވީމާ، އެދުވަސް އައިމަ، އަޅުގަނޑު ބަލާނަން ކިހިނެއްތޯ. އަޅުގަނޑު ހަމަގައިމުވެސް ބޭނުމެއްނުވޭ، އެންމެ ޕާޓީއަކުން އެދިގެން، ނޫނީ އަދި ދެޕާޓީއަކުން އެދިގެންވެސް، އަޅުގަނޑު ކޮންމެހެން މަޤާމުގައި ހުންނާކަށް. މިއަދު އަޅުގަނޑަށް މުހިންމީކީ އަޅުގަނޑުގެ މަޤާމެއް ނޫން. އަޅުގަނޑަށް މިއަދު މުހިންމީ ޞުލްޙަވެރި، އިންޞާފުވެރި، އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެއް ބާއްވައި، މި ޤައުމުގައި އާ ރައީސެއް އިންސްޓޯލް ކުރުން.

ޝުކުރިއްޔާ، ވަރަށް ބޮޑަށް ހުރިހާ ބޭފުޅުން ވަޑައިގެންދެއްވި ކަމަށްޓަކައި.

والســّلام عليــكم