މިހާރު ހިނގަމުންމިދާ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގައި އިންތިޚާބުވެފައިވާ ރައީސަކު ނެތުމަކީ، ރާއްޖޭގެ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް އޮތް އެންމެ ރަނގަޅު މަޞްލަޙަތު ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މިއަދު އެމަނިކުފާނު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހި ރައްޔިތުންނަށްވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތަކީ، އިންތިޚާބު ކުރެވިފައި ހުރި ރައީސަކު، ނޮވެމްބަރު 11 ވަނަ ދުވަހު މަޤާމާ ޙަވާލުވެވަޑައިގަތުމެވެ. މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން ވެދެއްވެން ހުރި ހުރިހާ އެހީއެއް ވެދެއްވާނަމެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މިވަގުތު ޤައުމަށް އެންމެ މުހިންމީ، މިނިވަން އިންޞާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރިޔާސީ އިންތިޚާބު ބޭއްވުމަށް މިހާތަނަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވިއެވެ. މިހާ ހިސާބަށް އައިއިރު، ހުރިހާ ކެންޑިޑޭޓުންވެސް ވަނީ އެކިއެކި ތާރީޚުތައް ހުށަހަޅުއްވާފައި ކަމަށާއި، އިންތިޚާބު ބޭއްވުމުގައި ގިނަ ދަތިތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންމެ ކަމެއް ޤާނޫނީގޮތުން ޙައްލުކުރަން އުޅެގެން ޙައްލެއްނުވާނެ ކަމަށާއި، މިއީ ސިޔާސީ ކަމަކަށްވާއިރު، މިކަން ޙައްލުވާނީ ސިޔާސީ ބޭފުޅުން، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަ ދައްކަވައިގެން، ދޫކުރައްވަންޖެހޭ ތަންތާނގައި ދޫކުރައްވައިގެން، އެއްބަސްވުމަކަށް ވަޑައިގަންނަވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެން ތާރީޚެއް ކަނޑައެޅި ކަމުގައިވިޔަސް، އެ ތާރީޚެއްގައި އެކަން ކާމިޔާބުކަމާއެކު ކުރެވޭނީވެސް، ހުރިހާ ކެންޑިޑޭޓުން އެއްބަސްވެވަޑައިގަންނަވައިގެން، އެކަމުގައި އެހީތެރިވެދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުރިހާ ކެންޑިޑޭޓުން މަޝްވަރާ ކުރައްވައިގެން، މިކަމުގައި ޙައްލެއް ނެރުއްވައިދެއްއްވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސް ކުރެއްވިއެވެ. އަދި ވެވަޑައިގެންނެވި އެންމެ އަވަސް ތާރީޚެއްގައި އިންތިޚާބު ބާއްވަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޤައުމުގެ ޞުލްޙައާއި، ޤައުމުގެ އަމާންކަން ދެމިއޮންނާނީ، ދިވެހި ރައްޔިތުން، ރައްޔިތުންގެ ކަންތައްތައް ޙައްލުކުރީމާ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހުންނެވީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައި، ވަކި ބޭފުޅަކަށް ތަޢައްޞުބެއްނެތި މަސައްކަތް ކުރެއްވުމަށް ކަމަށް ވިދާޅުވެ، މި ފުރްޞަތު ނަގައިނުލުމަށް އިލްތިމާސް ކުރެއްވިއެވެ. [ވަގުތަކީ ވަރަށް މުހިންމު އެއްޗެއް. ކޮންމެ ކަމަކަށްވެސް އޮންނާނެ ވަގުތެއް. އެ ވަގުތު ފާއިތުވީމަކާ، ދެނެއް އަޅުގަނޑުމެންނަކަށް އެ ފުރްޞަތެއް އަނބުރައެއް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑު ހީކުރަން، ހުރިހާ ބޭފުޅުންވެސް ޤައުމުގެ މަޞްލަޙަތު މިވަގުތު އިސްކުރައްވާނެ ކަމަށް.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ރިޔާސީ އިންތިޚާބާ ގުޅޭގޮތުންނާއި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.