މި އޮކްޓޫބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް މި އެދިވަޑައިގަތީ، ހަމަޖެހިފައިވާ ތާރީޚުގައި އިންތިޚާބު ނުބޭއްވި ލަސްވަމުންދާތީއާއި، އެކަމާ އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ، ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވާ، މިނިވަން، ސުލްހަވެރި އިންތިޚާބެއް ބޭއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.

މި މަހުގެ 26 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުރިހާ ކެންޑިޑޭޓުންނާ މަޝްވަރާ ކުރައްވައި، އިންތިޚާބު ބޭއްވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށް މި ފުރުޞަތުގައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި އެބޭފުޅުން ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީތަކުންވެސް، އިންތިޚާބާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައެވެ.