ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އިންތިޚާބު ބޭއްވެވުމަށްޓަކައި ކުރައްވަންޖެހޭ ކަންތައްތައް، ދައުލަތުގެ މުއައްސަސާތަކުން ކުރައްވަމުން ގެންދަވަނީ، ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބައްލަވައި، 2013 އޮކްޓޫބަރު 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކަންތައްތައް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްގެންދެވުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ދަށުގައިވާ މުއައްސަސާތަކުން ކުރައްވަންޖެހޭ ކަންތައްތައް ކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް މިއަދު އަންގަވައިފިއެވެ. އަދި މި އިންތިޚާބާ ބެހޭގޮތުން ހިނގަމުންދާ ކަންތައްތަކުގެ ފުރިހަމަ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވަމުން ގެންދެވުމަށްވެސް ވަނީ އަންގަވާފައެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ މި އެންގެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅުއްވާފައިވާތީއެވެ.

އެނގިވަޑައިގަންނަވަނެފަދައިން 2013 ސެޕްޓެންބަރު 7 ވީ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގައި ބާއްވާފައިވާ ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދަޢުވާއާ ގުޅިގެން، 2013 އޮކްޓޫބަރު 7 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 42/SC-C/2013 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގައި، އެ އިންތިޚާބުގެ ޝަރުޢިއްޔަތު ގެއްލިފައިވާކަން ބަޔާންކުރައްވައި، އެ އިންތިޚާބަކީ ބާޠިލު އިންތިޚާބެއްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އިންސާފުވެރިކަމާއި މިނިވަންކަމާއެކު ބޭއްވެވުމަށް ގައިޑްލައިންތަކެއް ކަނޑައަޅުއްވައި، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން، މިހިނގާ 2013 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހުގެ ކުރިން، އަދި ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހިއްޖެނަމަ، 2013 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހުގެ ކުރިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޚާބު ބޭއްވުން ކަށަވަރުކޮށްދޭ އިންތިޒާމުތައް ހަމަޖެއްސެވުމަށް، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަންގަވައި، ސުޕުރީމް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.