بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ޙައްޖުގެ މަތިވެރި އަޅުކަން ނިމުމަކަށް އައުމާއެކު، މިއަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވި އެންމެހައި އަޚުންނާއި އުޚުތުންނަށް މަރްޙަބާ ދަންނަވައި، ޙައްޖުގެ ފުރިހަމަ ސަވާބާއި ދަރުމަ ދެއްވުން އެދި اللّـه سبحـانـه وتعـالى އަށް ދުޢާ ދަންނަވަން. ހަމައެއާއެކު، ޢީދުލްއަޟްޙާގެ ހެޔޮއެދުންތަކާއި ތަހުނިޔާ، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.

މިއީ، އަޅުގަނޑުމެންގެ ބޮޑު ޢީދު. މިއީ، އުފާވެރިކަމުގެ ވަގުތު. މިއީ، މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ސަލާން ބަދަލުކުރުމުގެ ވަގުތު. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއްވެސް ފަރާތަކުން އެހީތެރިކަމެއް ލިބިފައިވާނަމަ، ނުވަތަ ލޯތްބާއި ހަމްދަރުދީ ލިބިފައިވާނަމަ، އެކަމަށް ޝުކުރުވެރިވާންވީ ވަގުތު. ހަމައެހެންމެ، އެކަކު އަނެކަކަށް މަޢާފު ކުރުމާއި މަޢާފު ލިބިގަތުމުގެ ވަގުތު.

މި ޢީދު ދުވަހު އަޅުގަނޑުމެން ހަނދާންކުރަންވީ އިބްރާހީމް ޢަލައިހިއްސަލާމް، ދެއްކެވި ފުރިހަމަ ނަމޫނާ. އެކަލޭގެފާނުގެ އަމިއްލަފުޅު އުފަލާއި މަޞްލަޙަތު ޤުރުބާން ކުރެއްވުމަށް ނިންމެވި ނިންމެވުން. އަދި އެ މިސާލަކީ، މުޅި އިސްލާމީ އުންމަތަށް ޢިބުރަތެއް ކަމުގައި މިއަދު މިވަނީ ދައްކަވާފައި.

އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންގެ ސިފައަކަށްވާންވާނީ އެކަކު އަނެކަކަށް އޯގާތެރިވުން. އެކަކު އަނެކަކު ދެކެ ލޯބިވުން. ޙަޤީޤީ އުފަލަކީ ފުއްދަންޖެހޭ ބޭނުންތައް މަދުވެ، ފުދުންތެރިކަން އިތުރުވުމުން ލިބޭ އެއްޗެއް. މިވަގުތަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުގައިވާ ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުމާ ދޭތެރޭގައި ވިސްނަންވީ ވަގުތު. އަދި ކުރިއަށް އޮތް ދުވަސްތަކަކީ، ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކަކަށް ހެދުމަށްޓަކައި ޢަޒުމު ކަނޑައަޅައި އެކަމަށްޓަކައި މަސައްކަތް ފަށަންވީ ވަގުތު.

ޢީދު ދުވަހަކީ، އަޅުގަނޑުމެން އެންމެން އުފާކުރާދުވަސް. ޢީދުގެ ކުޅިވަރު ކުޅޭ ދުވަސް. ޢީދު ދުވަހަކީ، އަނބިދަރިންނާއި މައިންބަފައިންގެ ގާތްކަމާއި ލޯބި ވަރަށް ބޮޑަށް އިޙްސާސްކޮށް އުފާކުރާ ދުވަސް. ހަމައެހެންމެ، ޢީދުގެ މި މަތިވެރި ތަޖުރިބާއިން ޢިބުރަތް ލިބިގަނެ، ޙަޔާތުގެ ކޮންމެ ދުވަހަކީވެސް ޢީދު ދުވަހެއް ކަމުގައި ހެދުމުގެ ޢަޒުމު އާކުރުމުގެ ދުވަސް. އޭރުން ކޮންމެ ދުވަހަކީވެސް ހިތްހަމަޖެހޭ ހިތްފަސޭހަ ދުވަހަކަށްވާނެ. ލޯބިދޭ، ލޯބި ލިބޭ ދުވަހަކަށްވާނެ. ޝައްކެއްނެތް، މި ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އުފާވެރި ޙަޔާތެއް ލިބުން.

އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އެކަކު އަނެކެއްގެ އުފަލާއި ހިތްހަމަޖެހުން އިތުރުކުރެވޭނީ، އެކަކު އަނެކަކަށް އޯގާތެރިވެގެން. އެކަކު އަނެކާގެ ޙައްޤުތަކަށް ރައްކާތެރިވެގެން.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

މި އުފާވެރި ޢީދުގެ ދުވަސްތައް ނިމުމަކަށް އަންނާނީ، މި ރާއްޖޭގެ ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިއަކު ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުން. އަދި އިންތިޚާބު ކުރެވޭ ރައީސަކުވާނީ، ކުރިއަށް އޮތް 5 އަހަރު ދުވަހު އަޅުގަނޑުމެން އެންމެން ގޮވައިގެން، މި ޤައުމާއިގެން ކުރިއަށް ވަޑައިގަންނަވާނެ ޒަޢީމަކަށް. މި އިންތިޚާބައިގެން ކުރިއަށްދާއިރު ދިވެހިންގެ ހިތްތަކުގައިވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމަކާއި ހާސްކަމެއް ވެރިވެފައިވޭ.

އިންތިޚާބު ކުރެވޭ ބޭފުޅަކީ، އަޅުގަނޑުމެން އެންމެންގެ މެދުގައި ހަމަޖެހުމާއި އުފާވެރިކަން އުފައްދައިދޭނެ ބޭފުޅެއްތޯ ނުވަތަ ހާސްކަމާއި ދެކޮޅުވެރިކަން އިތުރުކުރައްވާނެ ބޭފުޅެއްތޯ މިވަނީ ސުވާލު އުފެދިފައި. އަލަށް އިންތިޚާބު ކުރެވޭ ވެރިއަކީ، މިހާރު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކޮށްދެއްވޭނެ ބޭފުޅެއްތޯ ނުވަތަ އިތުރު ހަލަބޮލިކަމަކާއި އުނދަގޫތަކެއް ކުރިމަތިކުރުވާނެ ބޭފުޅެއްތޯ މިވަނީ ސުވާލު އުފެދިފައި. އަދި އަލަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އެބޭފުޅަކާ ޚިޔާލު ތަފާތުވާ ބައެއް، އެކަހެރި ކުރައްވައި ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަންތައްތައް ކުރައްވާނެ ބޭފުޅެއްތޯ ނުވަތަ ކުރިއަށް އޮތް 5 އަހަރަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ، މަޢާފުކުރުމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްތޯވެސް މިވަނީ ސުވާލު އުފެދިފައި.

މި ސުވާލުތައް ކުރަންޖެހޭ ސަބަބުތައް އެބަހުރި. އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުވަނީ ވަރަށް ބޮޑަށް ބައިބައިވެފައި. އެކަކުއަނެކަކަށް ޖެއްސުން ކުރުމާއި ބަދަލުހިފުމުގެ ރޫޙު މިވަނީ ވަރަށް ބޮޑުވެފައި. ތެދާއި ދޮގަކީ ކޮބައިކަން މިވަނީ އޮޅުވާލެވިފައި. އަދި ސިޔާސީ ބޭނުމަށްޓަކައި ފިތުނަފަސާދަ އުފެއްދުމާއި ރުޅިވެރިކަން މިވަނީ ޢާންމު ކުރެވިފައި. "ކިތަންމެ ވަރަކަށް ދޮގުކުރިނަމަވެސް ތެދެއްވާނީ ހަމަ ތެދަކަށް. ކިތަންމެ ވަރަކަށް ތެދުކުރަން އުޅުނަސް ދޮގެއްވާނީ ހަމަ ދޮގަކަށް."

މިއަދު ޤައުމުގެ ހާލަތަކީ ސިޔާސީގޮތުން ނުރައްކާތެރިވެދާނެ ހާލަތެއް. އިޤްތިޞާދީގޮތުން ރައްޔިތުން ނިކަމެތިވެދާނެ ހާލަތެއް. ވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތުގެ މަތިން އަދި ޤައުމުގެ މަތިން މިވަނީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައި. ރައްޔިތުންނަކީ، ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރެވޭ ހަތިޔާރަކަށްވަނީ ވެފައި. އެއްބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އަނެއްބަޔަކު ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައި. ވީމާ، ދޫ ދިނުމަކީ، ބަލި ޤަބޫލުކުރުމަކީ، ދިރިތިބުމާ މަރުވުމާ ދޭތެރޭގައި އޮތް ކަމަކަށްވަނީ ވެފައި. މި ދަރަޖައަށް ސިޔާސީ ކަންކަން ގެންދެވިފައިވާއިރު މި ޤައުމުގެ ގިނަ ރައްޔިތުންނަކީ ސުލްހަވެރި، އުފާވެރި، ހަމަޖެހޭ ދުވަސްތަކަކަށް އިންތިޒާރު ކޮށްގެން ތިބި ބައެއް.

ލޮބުވެތި ރައްޔިތުން؛

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، ރާއްޖޭގެ އެންމެ މަތީ ފަނޑިޔާރުގެއިން ބާޠިލުކުރީ ވަރަށް ބޮޑެތި އޮޅުންތަކެއް ހުރިކަމަށް ސާބިތުވާތީ. އެ އިންތިޚާބުގައި އަޅުގަނޑަށް އެންމެ ފަސްޕަސެންޓް ވޯޓު ލިބުނުކަމަށް ނިންމާފައިވާތީ، މިއަދު ދިވެހި ރައްޔިތުންގެ ޙައްޤުގައި ބަސްބުނުމަކީ، އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ދެކޭ ބަޔަކު އެބައުޅޭ. އެކަން އަޅުގަނޑު ޤަބޫލެއް ނުކުރަން. ސަބަބަކީ، އެއީ، ބާޠިލު ވޯޓެއްގެ ނަތީޖާ ކަމަށްވާތީ. އަދި އަޅުގަނޑުގެ މަޤާމުގެ ގޮތުން މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، މި ޤައުމުގެ ގިނަ ރައްޔިތުންތަކަކަށް އޭގެ އަސަރުކުރާނެ ފިޔަވަޅުތަކަކަށް ވާތީ. މިއަދު މި ޤައުމުގެ ހާލަތާއި ކުރިމަގާ ދޭތެރޭ އަޅުގަނޑަށްވުރެ ވަކިން ބޮޑަށް ވިސްނާ މީހަކު ނުހުންނާނެ. އަދި ރައްޔިތުންގެ ޙައްޤުގައި ބަސްބުނަން، އަޅުގަނޑަށްވުރެ ވަކި ލާއިޤު އެހެން މީހަކުވެސް ނުހުންނާނެ. ވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކަ، ހުރިހާ ބޭފުޅުންވެސް ކަނުލައި އަޑުއައްސަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

ފުރަތަމަ ކަމަކަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ޞުލްހަވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ނިންމަމާ ހިންގަވާ. އެކަމުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުން އެދެން.

ދެވަނަ ކަމަކަށް އިންތިޚާބުވާ ރައީސަކާ 11 ނޮވެމްބަރުގައި ވެރިކަން ހަވާލުކުރަންޖެހޭނެ. އެކަމުގައި އެއްވެސް ފަރާތަކުން ފަސްނުޖެހޭނެކަމަށް އަޅުގަނޑު ޔަޤީން ކުރަން.

މިދެކަންތައް ކުރެވޭނީ، މިހާރު ތިއްބެވި ކެންޑިޑޭޓުން، މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިންތިޚާބާބެހޭގޮތުން ދޫ ދެއްވެން އޮތް އެންމެ ބޮޑަކަށް ދޫ ދެއްވައި، އިންތިޚާބައިގެން ކުރިއަށް ވަޑައިގަތުމުން. މި ފަހުވަގުތުގައި އެއްވެސް ކެންޑިޑޭޓެއް، އިންތިޚާބުން ބޭރުކޮށްލުމަށް މަސައްކަތް ނުކުރެއްވުމުން. އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރިކަމާއެކު އިލެކްޝަންގެ ކަންކަން ކޮށްދެއްވުމުން. އަދި ހަމައެހެންމެ، ކޮންމެ ބޭފުޅަކު މޮޅުވިޔަސް ދެންތިބި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް މަސައްކަތް ކޮށްދިން ރައްޔިތުންނަށް އޯގާތެރިވާނެކަމުގެ ފުރިހަމަ ޔަޤީންކަން ބަހުންނާއި ޢަމަލުން ދައްކުވައި ދެއްވުމުން.

އަޅުގަނޑު ވަކި ބޭފުޅަކަށް ތާއީދު ނުކުރަން ގަސްދުކުރީ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ތާއީދު ކުރާތީ. ތިޔައިން ކޮންމެ ބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް، އެއީ، އަޅުގަނޑަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ކާމިޔާބީއެއްކަމަށް ދެކޭތީ. ތިޔަބޭފުޅުންގެ ޤައުމީ ވާޖިބެއް، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްފަސޭހަކަން ގެނެސްދެއްވުމަކީ. ތިޔަބޭފުޅުންގެ ޤައުމީ ވާޖިބެއް، އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން ނެރެދެއްވުމަކީ. ތިޔަބޭފުޅުންގެ ޤައުމީ ވާޖިބެއް، މި ޤައުމުގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ.

މީގެ 5 އަހަރު ކުރިން އަޅުގަނޑާ ހަވާލު ކުރެއްވި އަމާނާތް، މި ޤައުމު، އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް، ޞުލްޙަވެރިކަމާއެކު ލޭއޮހޮރުވުމަކާ ނުލައި މިއަދާ ހަމައަށްވެސް މިވަނީ ގެނެސްދީފައި.

އަޅުގަނޑުގެ ދުޢާއަކީ، ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކުގައި މާތްﷲ މި ޤައުމު ސަލާމަތް ކުރައްވައި، ލޮބުވެތި ރައްޔިތުން ރައްކާތެރިކޮށްދެއްވުން. ދިވެހި ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.