މި މަހުގެ 19 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކި ބޭފުޅަކަށް ތާއީދު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގަސްދުކުރެއްވީ، ހުރިހާ ބޭފުޅުންނަށް ތާއީދު ކުރައްވާތީ ކަމަށާއި، ކޮންމެ ބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް، އެއީ، އެމަނިކުފާނަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ކާމިޔާބީއެއްކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މިއަދު ހެނދުނު 10 ޖެހިއިރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްފަސޭހަކަން ގެނެސްދެއްވައި، އުފެދިފައިވާ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން ނެރެދެއްވައި، މި ޤައުމުގައި އުފެދިފައިވާ ރުޅިވެރިކަމާއި ފިތުނަފަސާދައިގެ ތެރެއިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަކީ، އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންގެ ޤައުމީ ވާޖިބެއް ކަމަށެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މީގެ 5 އަހަރު ކުރިން ރައްޔިތުން، އެމަނިކުފާނާ ހަވާލު ކުރެއްވި އަމާނާތް ކަމަށްވާ މި ޤައުމު، ޞުލްޙަވެރިކަމާއެކު ލޭއޮހޮރުވުމަކާ ނުލައި މިއަދު މި ހިސާބަށް މިވަނީ ގެނެސްދެއްވާފައި ކަމުގައި ވިދާޅުވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އަޅުގަނޑުމެން އެންމެންގެ މެދުގައި ހަމަޖެހުމާއި އުފާވެރިކަން އުފައްދައިދޭނެ ބޭފުޅެއްތޯ ނުވަތަ ހާސްކަމާއި ދެކޮޅުވެރިކަން އިތުރުކުރައްވާނެ ބޭފުޅެއްތޯ މިވަނީ ސުވާލު އުފެދިފައިކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް އިންތިޚާބު ކުރެވޭ ވެރިއަކީ، މިހާރު ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކޮށްދެއްވޭނެ ބޭފުޅެއްތޯ ނުވަތަ އިތުރު ހަލަބޮލިކަމަކާއި އުނދަގޫތަކެއް ކުރިމަތިކުރުވާނެ ބޭފުޅެއްތޯވެސް ސުވާލު އުފެދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެހެންމެ، އަލަށް އިންތިޚާބު ކުރެވޭ ބޭފުޅަކީ، އެބޭފުޅަކާ ޚިޔާލު ތަފާތުވާ ބައެއް، އެކަހެރި ކުރައްވައި ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަންތައްތައް ކުރައްވާނެ ބޭފުޅެއްތޯ ނުވަތަ ކުރިއަށް އޮތް 5 އަހަރަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކީ، މަޢާފުކުރުމާއި އޯގާތެރިކަމާއެކު ވެރިކަން ކުރައްވާނެ ބޭފުޅެއްތޯވެސް ސުވާލު އުފެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި ސުވާލުތައް ކުރަންޖެހޭ ސަބަބުތައް އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙުވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމަށާއި، އެކަކުއަނެކަކަށް ޖެއްސުން ކުރުމާއި ބަދަލުހިފުމުގެ ރޫޙު މިވަނީ ވަރަށް ބޮޑުވެފައި ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތެދާއި ދޮގަކީ ކޮބައިކަން މިވަނީ އޮޅުވާލެވިފައެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ފިތުނަފަސާދަ އުފެއްދުމާއި ރުޅިވެރިކަން މިވަނީ ޢާންމު ކުރެވިފައެވެ. ކިތަންމެ ވަރަކަށް ދޮގުކުރިނަމަވެސް ތެދެއްވާނީ ހަމަ ތެދަކަށެވެ. ކިތަންމެ ވަރަކަށް ތެދުކުރަން އުޅުނަސް ދޮގެއްވާނީ ހަމަ ދޮގަކަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޤައުމުގެ ހާލަތަކީ ސިޔާސީގޮތުން ނުރައްކާތެރިވެދާނެ އަދި އިޤްތިޞާދީގޮތުން ރައްޔިތުން ނިކަމެތިވެދާނެ ހާލަތެއް ކަމަށް ވިދާޅުވެ، ވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތުގެ މަތިން އަދި ޤައުމުގެ މަތިން މިވަނީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައިކަން ބަޔާންކުރެއްވިއެވެ. "ރައްޔިތުންނަކީ، ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރެވޭ ހަތިޔާރަކަށްވަނީ ވެފައި. އެއްބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އަނެއްބަޔަކު ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، ދޫ ދިނުމަކީ، ބަލި ޤަބޫލުކުރުމަކީ، ދިރިތިބުމާ މަރުވުމާ ދޭތެރޭގައި އޮތް ކަމަކަށްވަނީ ވެފައި ކަމަށް ވިދާޅުވެ، މި ދަރަޖައަށް ސިޔާސީ ކަންކަން ގެންދެވިފައިވާއިރު، މި ޤައުމުގެ ގިނަ ރައްޔިތުންނަކީ ސުލްހަވެރި، އުފާވެރި، ހަމަޖެހޭ ދުވަސްތަކަކަށް އިންތިޒާރުކޮށްގެން ތިބި ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މުހިންމު ދެކަމަކަށް އިލްތިމާސް ކުރެއްވިއެވެ. އެއީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު، ޞުލްހަވެރިކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ނިންމައި، އެކަމުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ކުރެއްވި އިލްތިމާސާއި، އަދި އިންތިޚާބުވާ ރައީސަކާ 11 ނޮވެމްބަރުގައި ވެރިކަން ހަވާލުކުރުމަށް ކުރެއްވި އިލްތިމާސެވެ. އަދި އެކަމުގައި އެއްވެސް ފަރާތަކުން ފަސްނުޖެހޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދެކަންތައް ކުރެވޭނީ، މިހާރު ތިއްބެވި ކެންޑިޑޭޓުން މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިންތިޚާބާބެހޭގޮތުން ދޫ ދެއްވެން އޮތް އެންމެ ބޮޑަކަށް ދޫ ދެއްވައި، އިންތިޚާބައިގެން ކުރިއަށް ވަޑައިގަތުމުން ކަމަށާއި، މި ފަހުވަގުތުގައި އެއްވެސް ކެންޑިޑޭޓެއް، އިންތިޚާބުން ބޭރުކޮށްލުމަށް މަސައްކަތް ނުކުރެއްވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނުން އިންސާފުވެރިކަމާއެކު އިލެކްޝަންގެ ކަންކަން ކޮށްދެއްވުމުން ކަމަށާއި، ހަމައެހެންމެ، ކޮންމެ ބޭފުޅަކު މޮޅުވިޔަސް ދެންތިބި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންނަށް މަސައްކަތް ކޮށްދިން ރައްޔިތުންނަށް އޯގާތެރިވާނެކަމުގެ ފުރިހަމަ ޔަޤީންކަން، ބަހުންނާއި ޢަމަލުން ދައްކުވައި ދެއްވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވަމުން، މިއީ، މުސްލިމުން އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ސަލާން ބަދަލުކުރުމުގެ ވަގުތު ކަމުގައި ވިދާޅުވިއެވެ. އަދި މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެއްވެސް ފަރާތަކުން އެހީތެރިކަމެއް ލިބިފައިވާނަމަ، ނުވަތަ ލޯތްބާއި ހަމްދަރުދީ ލިބިފައިވާނަމަ، އެކަމަށް ޝުކުރުވެރިވާންވީ ވަގުތު ކަމަށާއި، ހަމައެހެންމެ، އެކަކު އަނެކަކަށް މަޢާފު ކުރުމާއި މަޢާފު ލިބިގަތުމުގެ ވަގުތު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންގެ ސިފައަކަށްވާންވާނީ އެކަކު އަނެކަކަށް އޯގާތެރިވުން. އެކަކު އަނެކަކު ދެކެ ލޯބިވުން. ޙަޤީޤީ އުފަލަކީ ފުއްދަންޖެހޭ ބޭނުންތައް މަދުވެ، ފުދުންތެރިކަން އިތުރުވުމުން ލިބޭ އެއްޗެއް. މިވަގުތަކީ، ކޮންމެ މީހަކުވެސް އެމީހެއްގެ ހިތުގައިވާ ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުމާ ދޭތެރޭގައި ވިސްނަންވީ ވަގުތު. އަދި ކުރިއަށް އޮތް ދުވަސްތަކަކީ، ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކަކަށް ހެދުމަށްޓަކައި ޢަޒުމު ކަނޑައަޅައި އެކަމަށްޓަކައި މަސައްކަތް ފަށަންވީ ވަގުތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.