ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ، މިމުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބެވެ.

[ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، އަޅުގަނޑު ތަހުނިޔާ ދަންނަވައި، މި މުނާސަބަތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސް ކުރަމެވެ. މި ތަހުނިޔާގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރާއްޖެއިން މިއަހަރު ޙައްޖަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ޝާމިލު ކުރަމެވެ. އަދި މިމުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، މުޅި އިސްލާމީ އުންމަތަށް ފޮނުވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެކެވެ.

އަޟުޙާ ޢީދު ދުވަހަކީ، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށް، އެކަކު އަނެކަކަށް އެހީތެރިވުމުގެ ދުވަހެވެ. އަޟުޙާ ޢީދުގެ ދުވަސްތަކާއި، ޙައްޖުގެ މަތިވެރި އަޅުކަމާވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ޙައްޖަކީ، މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުން ޤާއިމުކޮށް، ދެމެހެއްޓުމަށް މާތްވެގެންވާ އިސްލާމްދީން ބާރުއަޅާފައިވާ މިންވަރު އަންގައިދޭ އަޅުކަމެކެވެ.

އެހެންކަމުން، މި ޢީދުގެ މުނާސަބަތަކީ، އަޅުގަނޑުމެންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމް އާކުރުމުގެ މުނާސަބަތެކެވެ. ސިޔާސީގޮތުން ހަލަބޮލިކަމެއްގެ ތެރޭގައި މިވަގުތު އަޅުގަނޑުމެން އުޅެން ޖެހިފައިވީ ކަމުގައިވިޔަސް، އެ ހަލަބޮލިކަމުގެ ތެރެއިން އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުމަށް އެއްވެސް ބުރުލެއް އަރައިގެން ނުވާނެއެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ ޢާއިލާތަކުގެ މެދުގައި އުފެދިފައިވާ ގުޅުންތަކަށްވެސް ހީނަރުކަމެއް އައިސްގެން ނުވާނެއެވެ. ވަކި ސިޔާސީ ފިކުރެއްގެ ސަބަބުން ޢާއިލީ ގުޅުންތައް ކެނޑިގެން ގޮސްގެން ނުވާނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅުގެ މަތިން ހަނދާންނައްތާލައިގެން ނުވާނެއެވެ.

ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ތައްޔާރުވަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި ހަމަޖެހުން ޤާއިމު ކުރުމަށާއި، ޞުލްޙަމަސްލަޙަތު ނަގާނުލުމަށް، މި ފުރުޞަތުގައިވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ސިޔާސީ ޕާޓީތަކަށް އަޅުގަނޑު ގޮވާލަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، މި ޢީދުގެ ބަރަކާތްތެރި ދުވަސްތަކަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިތްހަމަޖެހުމާއި، އުފާވެރި ދުވަސްތަކެއް ކަމުގައި اللّـه سبحـانـه وتعـالى ލެއްވުމެވެ. އަދި ރާއްޖޭގައި އަމާން ވެށްޓެއް ޤާއިމުކޮށްދެއްވައި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން ދެމެހެއްޓެވުމެވެ.]

އަޟުޙާ ޢީދުގެ މުނާސަބަތާ ގުޅިގެން، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންވެސް، މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.