"ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް" ޕާކިސްތާނުގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް މުޙަންމަދު ޢާޞިފް ސަންދިލާއަށް އަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ދައުލަތުގެ ޢިއްޒަތް، އެޑްމިރަލް މުޙަންމަދު ޢާޞިފް ސަންދިލާއަށް އެރުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީހިނދު، 2004ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، އެޑްމިރަލް މުޙަންމަދު ޢާޞިފް، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ސުނާމީ ކާރިސާ ހިނގިއިރު، އެޑްމިރަލް ސަންދިލާ ހުންނެވީ ރާއްޖެއަށް އެކުވެރިކަމުގެ ދަތުރެއްގައި އައި ޕާކިސްތާނުގެ ދެ މަނަވަރު ކަމުގައިވާ ޕީ.އެން.އެސް ޠާރިޤްއާއި، ޕީ.އެން.އެސް ނަޞްރުގެ ކޮމާންޑަރެއްގެ ގޮތުގައެވެ. ޕާކިސްތާނުގެ މި ދެ މަނަވަރަކީ ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން އެންމެ ބޭނުންވި ވަގުތު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުވައިދިން ދެ މަނަވަރެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު ދިވެހިންނާއި، ބޭރުގެ ޓޫރިސްޓުން ސަލާމަތް ކުރުމުގައި، އެޑްމިރަލް މުޙަންމަދު ޢާޞިފްވަނީ، އިސްނެންގެވުމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިސާގައި ރާއްޖެއަށް އެހީތެރިކަން ފޯރުވައިދިނުމުގައި، އެޑްމިރަލް ސަންދިލާ ވަނީ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުންވެސް އެހީތެރިކަން ދެއްވައި، ދެޤައުމުގެ ދެމެދުގައިވާ ގާތް އުޚުއްވަތްތެރި ކަމުގެ ގުޅުން ހާމަކޮށްދެއްވާފައި ކަމުގައި ވިދާޅުވިއެވެ. އަދި މިއަދުގެ މި ރަސްމިއްޔާތަކީ، އެޑްމިރަލް ސަންދިލާގެ އެ ޚިދުމަތުގެ ހަނދާން އާކޮށް، ޝުކުރު އަދާކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއް ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެޑްމިރަލް މުޙަންމަދު ޢާޞިފް ސަންދިލާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވިކަމަށްޓަކައި ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނަށާއި، ޕާކިސްތާން ނޭވީއަށާއި، މުޅި ޕާކިސްތާނަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ.

އެޑްމިރަލް މުޙަންމަދު ޢާޞިފް ސަންދިލާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ސުނާމީ ކާރިސާ ހިނގި ވަގުތާއި އަދި އޭގެފަހުންވެސް ދިވެހި ސަރުކާރާއި، އެމް.އެން.ޑީ.އެފް.އާއި އަދި ދިވެހި ރައްޔިތުންވެސް ދައްކައިދީފައިވަނީ ވަރަށް ފާހަގަކޮށްލެވޭ ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.

މިއީ، ދިވެހި ދައުލަތުގެ ޢިއްޒަތެއް ޕާކިސްތާނުގެ ރައްޔިތަކަށް އެރުވި ފުރަތަމަ ފަހަރެވެ. ސުނާމީ ކާރިސާގައި އޭރު ރާއްޖޭގައި ތިބި ފަރަންސޭސިވިލާތުގެ ފަތުރުވެރިން ސަލާމަތްކުރުމުގަޔާއި، ބޭނުންވާ އެހީތެރިކަން ފޯރުއްވައިދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، އެ ޤައުމުގެ ނޭޝަނަލް އޯޑަރ އޮފް މެރިޓްގެ ލަޤަބު، މުޙަންމަދު ޢާޞިފަށް ފަރަންސޭސިވިލާތުގެ ރައީސް މީގެކުރިން ވަނީ އަރުވާފައެވެ.