بسـم اللّـه الرّحمـن الرّحيـم

الحَمْـدُلِلّـه ٱلَّذِى جَعَلَ ٱلإسْلاَم دِينًا وَدَوْلَة، وَالصَّلاَةُ وَالسَّلاَم عَلَى مَنْ كَانَ لِلْبَشَرِيَّةِ خَيْرَ قُدْوَة؛ عَلَّمَهُمْ وَاجِبَاتِ ٱلحُكَّامِ وَحُقُوقَ ٱلرَّعيَّة، وَأَضَاء لَهُمْ طَرِيقَ ٱلتَّقَدُّمِ وَاْلمَجْدِ وَٱلرِّفْعَة.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު އަނެއްކާވެސް ތިޔަބޭފުޅުންގެ އަރިހަށް އަޅުގަނޑު އައިސް މިހުއްޓުނީ، މީގެ އެތަކެއް އަހަރު ކުރިއްސުރެ ހިނގަމުން އަންނަ ގޮތުގެމަތިން، ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ މަތިވެރި ވާޖިބު އަދާކުރުމަށް.

އެއާއެކު، ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ދައުލަތުގެ ކުރިއަށް އޮތް އަހަރުގެ ސިޔާސަތު ބިނާވެފައިވާގޮތް، ތިޔަ ޢިއްޒަތްތެރި މަޖިލިހަށް ހުށަހެޅުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ޤާނޫނީގޮތުން ކުރަންޖެހޭ ކަމެއް. އެހެންކަމުން، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކޮށްފައިވާގޮތް، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ އަރިހަށް މިހުށަހަޅަނީ އިޚްލާޞްތެރިކަމާއެކު.

                ދައުލަތް ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަހަރު އެންމެ ފުރަތަމަ ތިޔަބޭފުޅުންގެ އަރިހަށް ހުށަހަޅަން އަޅުގަނޑު ގަސްތުކުރަނީ ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ އާންމު ރިޕޯޓު. އާދެ! 1982 ވަނަ އަހަރު ދައުލަތުގެ ކަންތައްތައް، ދާޚިލީގޮތުންނާއި ޚާރިޖީގޮތުން ހިނގާފައިވާ ގޮތުގެ ރިޕޯޓު.

1982 ވަނަ އަހަރަކީ، ދައުލަތް ހިންގުމުގެ ކަންތައްތަކަށް އެކަށީގެންވާ އިޞްލާޙުތަކެއް ގެނެވުނު އަހަރެއް. ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ސަރުކާރުގެ ހިންގުންތެރިކަން ހަލުވިކޮށް ހަރުދަނާކުރެވޭތޯ، އިތުރު ފިޔަވަޅުތަކެއް އެޅުނު އަހަރެއް.

މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ހިންގުމުގެ ދާއިރާ ރޭވިފައިވާގޮތަށް، ބައެއް މުހިންމު ބަދަލުތައް ގެނެވުނު. އޭގެތެރޭގައި، ބައެއް އިތުރު މިނިސްޓްރީތަކާއި އޮފީސްތައް އުފެއްދުމާއި، ކުރިން ހިނގަމުން އައި ބައެއް އޮފީސްތައް އުވާލުން ހިމެނޭ. އަދި ކުރީގައި ބައެއް އޮފީސްއޮފީހުން ކުރަމުން އައި ބައެއް މަސައްކަތް އެހެން އޮފީސް އޮފީހަށް ބަދަލުކުރުމާއި، އެ އޮފީސްތަކުން ކުރާ މަސައްކަތްތަކާ ގުޅޭގޮތަށް އެތަންތާނގެ ނަން ބަދަލުކުރުންވެސް ހިމެނޭ. މި ބަދަލުތައް ވަނީ، ސަރުކާރުގެ ފަރާތުން މި ޢިއްޒަތްތެރި މަޖިލިހަށް ހުށަހަޅައި، ތިޔަބޭފުޅުންގެ ތާއީދާއެކު ޤާނޫނީގޮތުން ހަމަޖެއްސިފައި.

ސަރުކާރު ހިންގުމުގެ ދާއިރާ ރޭވިފައިވާގޮތަށް ބަދަލުތައް ގެނެވުނުއިރު، ސަރުކާރުގެ އޮފީސްތައް ހިންގަވަން ތިއްބެވި އެކިފެންވަރުގެ ވެރިންނަށް، އޮފީސް ހިންގެވުމާ ބެހޭގޮތުން އިރުޝާދު ދިނުމުގެ ޕްރޮގްރާމްތަކެއް، މިދިޔަ އަހަރުގެ ތެރޭގައި ހިނގަމުންދިޔަ. ރައްޔިތުންގެ ފައިދާއާއި ފަސޭހައަށްޓަކައި، މިހާރަށްވުރެވެސް ރަނގަޅަށް ސަރުކާރުގެ ކަންތައްތައް ހިންގަވަމުން ގެންދެވޭތޯ މަސައްކަތްކުރެއްވުމަށް، ޚުދު އަޅުގަނޑު އޮފީސް އޮފީހުގެ ވެރިންނާ ބައްދަލުކޮށް އިރުޝާދު ދިނިން. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެނެސްފައިވާ ބޭރުގެ މާހިރެއްގެ ލަފަޔާއެކު، އޮފީސްތަކުގެ މަސައްކަތްތައް ހަލުވިކޮށް ގެންދެވޭނެ ގޮތްތަކާމެދު އޮފީސްއޮފީހުގެ ވެރިންނަށް އިރުޝާދު ދެމުން ގެންދެވުނު. މީގެއިތުރަށް، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނާއި އަތޮޅުވެރިންގެ އެހީތެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށްވެސް ތަމްރީނު ދެވިފައިވޭ.

ސަރުކާރަށް މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ބަދަލުކުރުމާއި، މިނޫންވެސް މުވައްޒަފުންނާބެހޭ ކަންތައްތައް ހަމަޖެހޭ ރަނގަޅު އުސޫލެއްގެ މަތިން ގެންދިއުމަށްޓަކައި އެކުލަވައިލެވޭ ގަވާއިދެއް މިހާރު ވަނީ ހަދައި ނިމިފައި. ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެ ގަވާއިދު އިޢުލާނު ކުރެވޭނެ. އެއާއެކު، ސަރުކާރުގެ މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި އޮފީސްތަކުން ކުރާ މަސައްކަތްތައް ތަރުތީބުކޮށް ހަމަޖެއްސުމާބެހޭ މަސައްކަތްވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވަނީ ކުރަން ފެށިފައި. އަދި އެކަމާބެހޭ ބޭރުގެ މުޝީރެއްގެ ޚިދުމަތް، މިހާރު ދަނީ ލިބެމުން.

ސަރުކާރުގެ ކަންތައްތައް ފުރިހަމައަށް ހިންގުމަށްޓަކައި ބޭނުންވާ، އެކަށީގެންވާ ފެންވަރުގެ މުވައްޒަފުން ލިބުން، އެއްދުވަހުން އަނެއްދުވަހަށް އަންނަނީ ދަތިވަމުން. އެހެންކަމުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ޤާނޫނުގައިވާ ގޮތުގެމަތިން، ސަރުކާރުގެ ސްކޫލްތަކުގައި ކިޔަވާ ކުދިންގެ ތެރެއިން، ޖީ.ސީ.އީ. ކްލާހުގައި ބައިވެރިވެފައި، ސަރުކާރަށް ޚިދުމަތްނުކޮށް ތިބި ކުދިންގެ ޚިދުމަތް ސަރުކާރަށް ހޯދަންޖެހުނު. ސަރުކާރަށް ބޭނުންވާ މުވައްޒަފުން ނުލިބުމުގެ މައްސަލައަކީ ވަރަށްބޮޑަށް ވިސްނަންޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ދައުލަތް ހިންގުމުގެ ކަންތައްތައް އަޅުގަނޑު ހިންގަމުން ގެންދިޔައީ، ކަމާބެހޭ މަޖިލިސްތަކާއި ކޮމިޓީތަކުގެ މަޝްވަރާ ހޯދައިގެން. އަދި އެކިއެކި ކަންކަމުގެ މަޢުލޫމާތާއި ތަޖުރިބާހުރި ބޭފުޅުންގެ ލަފާވެސް ލިބިގެން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިއުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުންނާއި، ސަރުކާރުގެ ކަންކަން ހިންގުމާ ހަވާލުކުރެވިފައިވާ ވެރިން، އެބޭފުޅުންގެ ވާޖިބު އަދާކުރައްވަމުން ގެންދެވީ، ވެވަޑައިގެންނެވި އެންމެ ރަނގަޅަށް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

ޢަދުލުއިންޞާފު

ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މުޖުތަމަޢުގައި ޞުލްޙަވެރިކަމާއި އަމްނު އެންމެ ފުރިހަމަގޮތުގައި އޮންނާނީ، ޢަދުލުއިންޞާފު އެކަށީގެންވާގޮތެއްގައި ޤާއިމުކުރެވިގެންކަމީ، އަޅުގަނޑު އަބަދުވެސް ގަބޫލުކުރާކަމެއް. އެހެންކަމުން، ޢަދުލުއިންޞާފު ޤާއިމުކުރުމަކީ، ދައުލަތް ހިންގުމުގައި އެންމެމަތީ އަހަންމިއްޔަތު ދޭންޖެހޭ ކަމެއްކަމަށް އަޅުގަނޑު ދެކެން. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް އިޞްލާޙުކޮށް ރަނގަޅުކުރެވޭތޯ މަސައްކަތް ކުރެވުނު.

1982 ވަނަ އަހަރުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން މާލޭގައި ހިނގަމުންދާ ކޯޓުތަކުން، 1,908 ޤަޟިއްޔާ، އަދި ރާއްޖެތެރޭގެ ކޯޓުތަކުން 6,636 ޤަޟިއްޔާ، އެކު ޖުމްލަ 8,544 ޤަޟިއްޔާ ބަލައި ނިންމާފައިވޭ. މިތަންތާނގެ އިތުރަށް ފުލުސް ކޯޓުން 552 ޤަޟިއްޔާ ނިންމާފައިވޭ. މިދެންނެވި ޤަޟިއްޔާތަކުގެ ތެރޭގައި ހިމެނޭ މައްސަލަތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް އެންމެގިނައީ ވައްކަމާއި، މާރާމާރީގެ ކަންތައްތަކާއި، ބަދުއަޚްލާޤީ ޢަމަލުތައްކަން ފާހަގަކުރެވޭ. ނަމަވެސް، މިދެންނެވި ކުށްތައްވެސް 1981 ވަނަ އަހަރު ހިނގާފައިވާ ވަރަށްވުރެ، 1982 ވަނަ އަހަރު ހިނގާފައިވާލެއް މަދުކަން އަޅުގަނޑު މިފާހަގަކޮށްލަނީ ކުޑަނަމަވެސް ހިތްހަމަޖެހުމަކާއެކު.

ރާއްޖޭގައި، ޝަރީޢަތް ހިންގުމުގެ އެންމެމަތީ ކޯޓު ކަމުގައިވާ ދިވެހިރާއްޖޭގެ ހައިކޯޓުންވެސް 1982 ވަނަ އަހަރު 43 މައްސަލަ ބަލައި ނިންމާފައިވޭ.

އިސްވެ ދެންނެވި އަދަދުތަކަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައިވާ ކޯޓުތަކުންނާއި، ފުލުސް ކޯޓުންނާއި، ހައިކޯޓުން ޤަޟިއްޔާތައް ނިންމާފައިވިޔަސް، ވޭތުވެދިޔަ އަހަރު ހުށަހެޅިފައިވާ ބައެއް މައްސަލަތަކާއި، ކުރީ އަހަރުއްސުރެ ނުނިމިހުރި ބައެއް މައްސަލަތަކާއެކު، 1982 ވަނަ އަހަރު ނިމުނުއިރު ކޯޓުތަކުގައި ވަރަށްގިނަ މައްސަލަ ނުނިމިހުރި. މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑު މާލޭ ކޯޓުތަކުގެ ޤާޟީންނާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ ވެރިންނާ ބައްދަލުކޮށް، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުން އަވަސްކުރުމަށް ބާރުއަޅައި ވާހަކަދެއްކިން. މައްސަލަތައް ނުނިމި ލަސްވާ އެންމެ މުހިންމު ސަބަބުތަކަކީ، މައްސަލައިގައި ކޯޓަށް ގެންނަންޖެހޭ މީހުން، އެމީހުން ދީފައިވާ އެޑްރެސްތަކުގައި ނޫޅެ، އުޅޭނޫޅޭ ތަނެއް ނޭނގުމުގެ ސަބަބުން، އެމީސްމީހުން ކޯޓުތަކަށް ހާޒިރުކުރެވޭގޮތް ނުވުމާއި، މީހުންގެ ޙައްޤުތަކާބެހޭ ކަންތައްތަކަކީ ވަރަށްބޮޑަށް ބަލައި ސާފުކޮށްގެން ނޫނީ ނިންމާލެވެން ހުންނަ ކަންތައް ކަމުގައިނުވާތީ، ޤަޟިއްޔާތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި ލިޔަންޖެހޭ ފަރާތްތައް ގިނަކަން. ހަމައެފަދައިން، ކޯޓުތަކަށް މިހާރު ހުށަހެޅޭ މައްސަލަތައް ކުރިއަށްވުރެ އެތައް ގުނައެއް ގިނަވެފައި، ހުށަހެޅޭ ބައެއް މައްސަލަތަކަކީ، އެ މައްސަލަތަކުގެ ބާވަތުން، މާއަވަހަށް ނިންމާނުލެވޭ ޒާތުގެ ބޮޑެތި އަދި ގިނަދުވަސް ވެފައިވާ މައްސަލަތައް ކަމުގައިވާކަން.

1981 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ހުރިހާ ރަށެއްގެ ކޯޓުތަކަށް ޤާޟީން ހަމަކުރެވިފައި ނެތުމާއެކު، ވޭތުވެދިޔަ އަހަރު ޤާޟީން ނެތް ބައެއް ކޯޓުތަކަށް ޤާޟީން ލެއްވުނު. އަހަރު ނިމުނުއިރު، ޖުމްލަ 139 ކޯޓަށް ޤާޟީން ލެއްވިފައިވޭ. ރާއްޖެތެރޭގެ ހުރިހާ ކޯޓުތަކަށް ޤާޟީން ހަމަކުރުމަށްޓަކައި، 1982 ވަނަ އަހަރުގެ ތެރޭގައިވެސް ޤާޟީކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެވުނު. އަހަރު ފެށުނުއިރު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ހިންގަމުން ގެންދިޔަ، ޤާޟީކަން ދަސްކޮށްދޭ ކްލާސް ނިމުމުން، މިހާރު އެކަން ހިންގަމުން ގެންދަނީ، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން.

ދާޚިލީ ހިންގުން

ރާއްޖޭގެ ދާޚިލީ ހިންގުމަށް ބަލާއިރު، 1982 ވަނަ އަހަރަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭނެ އަހަރެއް ކަމުގައި އަޅުގަނޑު ދެކެން. އިޤްތިޞާދީ ގޮތުން ވަރަށް ބޮޑެތި ދަތިތަކެއް މެދުވެރިވުމާއެކުވެސް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ފާހަގަކުރެވޭފަދަ ޖިހާދެއް ރާއްޖޭގެ ލޮބުވެތި ހީވާގި ދަރިން ކުރަމުން ގެންދިޔަ އަހަރެއް ކަމުގައި 1982 ވަނަ އަހަރު ހިމެނިގެންދާނޭކަމީ ޝައްކެއްހުރި ކަމެއްނޫން.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭތޯ، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން ވަރަށްގިނަ ފިޔަވަޅުތައް އަޅާފައިވޭ. މީގެ 3 އަހަރު ކުރިން ފެށުނު ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖެތެރޭގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންދާކަމަށް އަޅުގަނޑު މިދަންނަވަނީ، ވަރަށްބޮޑު އުފަލަކާއެކު. އެ މަޝްރޫޢުގެ އެންމެ މުހިންމު ބައިތައް ކަމުގައިވާ، އަތޮޅު މަދަރުސާތައް ހުޅުވުމާއި، ރަށު ކޯޓުތައް އުފެއްދުމާއި، ރަށު އޮފީސްތަކާއި ކޯޓުތަކަށް މުވައްޒަފުން އިތުރުކުރުންފަދަ ކަންތައްތައް މިހާރު ވަނީ މުޅިން ފުރިހަމަކުރެވިފައި. އޭގެއިތުރަށް، ބައެއް ރަށްރަށުގެ ރަށުއޮފީހާއި، މިސްކިތްތަކާއި، ބައެއް އަތޮޅުއޮފީސް ޢިމާރާތްކުރުމާއި، ނެރުހެދުމާއި، ފަޅުކޮނުންފަދަ ބައެއް ކަންތައްތައް އަދިވެސް ނުނިމޭތީ، އެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ގަސްތުކޮށްފައި.

މިދެންނެވި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، 1982 ވަނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި 13 މިސްކިތް އަލަށް ޢިމާރާތްކޮށް، 5 މިސްކިތް މަރާމާތުކޮށްދެވިފައިވޭ. އޭގެއިތުރަށް، 3 ރަށެއްގެ ރަށުއޮފީހާއި، 1 އަތޮޅުގެއާއި، 1 އަތޮޅުއޮފީސް ހަދައި ދެވިފައިވޭ.

ޢިމާރާތްކުރުމުގެ ގޮތުން، 1982 ވަނަ އަހަރަކީ މާލޭގައިވެސް ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭނެ އަހަރެއް. މިހާތަނަށް ރާއްޖޭގައި ހެދުނު އެންމެބޮޑު ޢިމާރާތް ކަމުގައިވާ "ޣާޒީ ބިލްޑިންގ" މާލޭގައި ހުޅުވުނީ، މިދިޔަ އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 50,000 އަކަފޫޓުގެ ތަން ލިބޭ، 4 ބުރީގެ މި ޢިމާރާތަކީ، ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރުމަށްޓަކައި ބިނާކުރެވުނު ޢިމާރާތެއް. ސަރުކާރުގެ އޮފީސްތަކަށް އަދިވެސް އިތުރު ތަންތަން ބޭނުންވާތީ، މިފަދަ އެހެން ބައެއް ޢިމާރާތް ހެދުމަށް މިހާރުވަނީ ގަސްތުކުރެވިފައި.

1979 ވަނަ އަހަރު ފެށިފައިވާ، މާލޭ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢު، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ހުއްޓުމެއްނެތި ކުރިޔަށްދިޔަ. 1982 ވަނަ އަހަރު ނިމުނުއިރު ހިކިފައިވަނީ، ޖުމްލަ ގާތްގަނޑަކަށް 3.3 މިލިޔަން އަކަފޫޓު. އެއީ ހިއްކަން ކަނޑައަޅާފައިވާ ބޮޑުމިނުގެ ގާތްގަނޑަކަށް %52.

1982 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ދާޚިލީ ހިންގުމުގައި އެޅުނު އެއްފިޔަވަޅަކީ، ރާއްޖެތެރޭގެ މީހުން މާލެ ފޭބުމާބެހޭ ގަވާއިދެއް ހެދުން. މިކަމަކީ ވަރަށް ކުރިއްސުރެ ރާއްޖޭގައި ހިނގަމުން އައިސްފައި، 1975 ވަނަ އަހަރުގެ ތެރޭގައި ހުއްޓާލެވިފައި އޮތް ކަމެއް. މިފަދަ ގަވާއިދެއް އަލުން ހަދަންޖެހުނީ، ރާއްޖެތެރޭގެ ބައެއް ރަށްރަށުން އާދަޔާ ޚިލާފަށް މީހުން ރަށްދޫކޮށް ދާން ފެށުމުން، އެ ރަށްރަށުގައި ކުރަމުން އައި މަސައްކަތްތައް ހުއްޓި، ބައެއް ރަށްރަށުގައި ހުކުރުނަމާދުވެސް ޤާއިމުނުކުރެވި، އަދި މާލެއަށް އެކަށީގެންވާ ވަރަށްވުރެ މީހުން ގިނަވުމުގެ ސަބަބުން ވަރަށްބޮޑެތި ޞިއްޙީ، އަދި އިޖުތިމާޢީ މައްސަލަތައް އުފެދެމުންދާތީ. މީގެތެރެއިން އެންމެބޮޑު އެއް މައްސަލައަކީ، އެއް އަކަމޭލުވެސް ހަމަނުވާ ފަސްގަނޑެއްގައި، ސާޅީހަކަށްހާސް މީހުން ދިރިއުޅެން ދިމާވުމުގެ ސަބަބުން، މާލޭގެ ފެން ނުބައިވަމުން އަންނަލެއް އަވަސްކަން. މި މައްސަލައަށް އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ، ވަރަށް ބޮޑެތި ޞިއްޙީ ނުރައްކާތަކާ ކުއްލިއަކަށް ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަން އަޅުގަނޑުމެން ހަނދާންކުރަންވާނެ.

އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވުމަށްފަހު، ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ އެންމެހާ ރައްޔިތުންނާ ބައްދަލުކުރުމަށް ކުރާ ދަތުރު 1982 ވަނަ އަހަރުވެސް ކުރިއަށް ގެންދިޔައިން. އެ ދަތުރުތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންގެ ދަތިތައް އަޅުގަނޑަށް ވަޒަންކުރެވުމާއެކު، ސަރުކާރުން މިގެންދަނީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދެވޭތޯ ވެވެންއޮތްހާ މަސައްކަތެއް ކުރަމުން. އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންވީ މަސައްކަތްތަކާމެދު، ސަރުކާރަށް ފެންނަ އިރުޝާދުދީ ނަސޭހަތްތެރިވަމުން. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ވަޒީރުންނާއި، ސަރުކާރުގެ އެކި އޮފީސްއޮފީހުގެ އެކިފެންވަރުގެ ވެރިން، ރާއްޖެތެރެއަށް ވަޑައިގެން، ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، އެކިއެކި މަސައްކަތްތައް ހިނގާނުހިނގާގޮތް ބައްލަވައި ހެއްދެވި.

އިޖުތިމާޢީ ޚިދުމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ އެންމެ މުހިންމު އެއްބަޔަކީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތައް. މި ޚިދުމަތްތައް ދެވެމުންދަނީ، ވަރަށް ފުޅާ ދާއިރާއެއްގައި، ތަފާތު އެތައް ރޮނގަކުން. އަދި ސަރުކާރުން މަސައްކަތް ކުރަނީ، އެ ހުރިހާ ބަޔަކަށް އޭގެ ފައިދާ ލިބޭނެ ގޮތުގެމަތިން މި ޚިދުމަތްތައް ކޮށްދެވޭތޯ ބެލުމަށް. މިގޮތުން ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމާއި، ޞިއްޙީގޮތުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، ޚާއްޞަ ގޮތްގޮތުން ދެވޭ އެހީއާއި، ދީނީގޮތުން ހިންގާ ކަންތައްތައް ހިމެނޭ.

ރާއްޖޭގެ ތަޢުލީމު

ރާއްޖޭގެ ތަޢުލީމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު މަސައްކަތް ކުރަމުން ގެންދެވިފައިވަނީ، މި ދައުރު ފެށުނީއްސުރެ ރޭވިގެން ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް، ޚާއްޞަކޮށް، ރާއްޖޭގައި ތަޢުލީމު ދެވެމުންދާ އުސޫލުތައް ހަރުދަނާކޮށް، ކިޔަވައިދޭ މުޤައްރަރުތައް އިޞްލާޙުކޮށް ރަނގަޅު ކުރުމަށް. މިގޮތުން ކުރަމުން ގެންދާ މަސައްކަތުގެ އަސަރު، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި ފޯރަމުންދާކަމާމެދު، އަޅުގަނޑު ޝައްކެއްނުކުރަން. މިކަމުގެ އެންމެ އަލިގަދަ ދަލީލަކީ، ރާއްޖޭގައި ތަޢުލީމު ހާސިލުކުރާ ދަރީންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާކަން. 1982 ވަނަ އަހަރު ނިމުނުއިރު މުޅި ރާއްޖޭގައި ތިބި ކިޔަވާ ކުދިންގެ އަދަދު، ގާތްގަނޑަކަށް 40,000 އަށް އަރައިފި. އެއީ 1981 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ކިޔަވާ ކުދިން ތިބި އަދަދަށްވުރެ %6 އިތުރު އަދަދެއް.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އިތުރު 4 އަތޮޅުގައި އަތޮޅު ތަޢުލީމީ މަރްކަޒު ހުޅުވުނު. އެހެންކަމުން، މިހާރު ރާއްޖޭގެ 10 އަތޮޅެއްގައި، 10 އަތޮޅު ތަޢުލީމީ މަރްކަޒު ހިނގަމުން އެބަދޭ. އަދި އިތުރު 3 އަތޮޅެއްގައި މިހާރުވެސް ތަޢުލީމީ މަރްކަޒުތައް ޢިމާރާތް ކުރެވެމުންދޭ. މީގެއިތުރަށް، ޖަޕާނު ސަރުކާރުގެ އެހީގައި، ރާއްޖޭގެ 3 އަތޮޅެއްގައި ޢިމާރާތް ކުރެވުނު ސްކޫލްތައް ނިމިގެން، އެތަންތަނަކީ އެ އަތޮޅުތަކުގެ އަތޮޅު މަދަރުސާ ކަމުގައި ހަމަޖެއްސުނު. މިފެށޭ އަހަރުގެ ތެރޭގައި، ޖަޕާނު ސަރުކާރުގެ އެހީގައި މިފަދަ އިތުރު 4 ސްކޫލް ޢިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި. ބައެއް އަމިއްލަ މަދަރުސާތަކުގެ ޢިމާރާތާއި ގޮނޑިމޭޒުފަދަ ތަކެތީގެ ފެންވަރު ރަނގަޅުކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ޔުނިސެފުގެ އެހީގައި 1982 ވަނަ އަހަރު ސަރުކާރުން ފަށާފައިވޭ. މި ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ އަހަރު 4 ސްކޫލަކަށް އެހީވެދީފައިވޭ.

1982 ވަނަ އަހަރު، މުޅިރާއްޖޭގައި ސަރުކާރުގެ ޚަރަދުގައި ހިނގާ 37 ސްކޫލާއި، އަމިއްލަ ފަރާތްފަރާތުން ހިންގާ 62 ސްކޫލާއި، 164 މަކްތަބާއި، 47 ކްލާސް، ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި ހަރަކާތްތެރިވަމުންދިޔަ. އަމިއްލަ މަދަރުސާތަކާއި މަކްތަބުތަކުގެ ތެރެއިން، މެދުނުކެނޑި 10 އަހަރުވަންދެން ހިނގާފައިވާ ތަންތަނަށް ސަރުކާރުން އެހީވެދިނުމަށް ހަމަޖެހިފައިވާ އުސޫލުގެމަތިން، 1982 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ އެހީ ލިބޭ 83 މަދަރުސާއާއި މަކްތަބު، މާލެއާއި ރާއްޖެތެރޭގައި ހުރި. ސަރުކާރުގެ ސްކޫލްތަކުގައި 11,775 ކުދިންނަށް ތަޢުލީމު ދެވެމުންދިޔައިރު، ސަރުކާރުގެ އެހީ ލިބޭ މިދެންނެވި ތަންތަނުގައި ކިޔަވާކުދިންގެ އަދަދަކީ 10,712 ކަމަށްވާކަމީ، ރާއްޖޭގައި ކިޔަވާ ހުރިހާ ކުދިންގެ %56 އަށް ތަޢުލީމު ދިނުމުގައި ސަރުކާރުގެ އެހީ ފޯރަމުންދާކަން ހާމަކޮށްދޭ ކަމެއް.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމަށްޓަކައި ބޭނުންވާ މުދައްރިސުން އުފެއްދުމަށްވެސް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރަމުން ގެންދޭ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މާލޭގައި ހުރި ސަރުކާރުގެ އެއް ސްކޫލް ކަމުގައިވާ އިސްކަންދަރު ސްކޫލަށް، ވޭތުވެދިޔަ އަހަރު ބޭރުގެ އިތުރު މުދައްރިސަކު ނުހޯދައި ކިޔަވައިދެމުން ގެންދެވުނު. އަދި ރާއްޖެތެރޭގެ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ.

ކިޔަވައިދޭނެ މުދައްރިސުން އުފައްދަމުން ގެންދާއިރު، ކިޔަވައިދޭނެ ފޮތްތައް ތައްޔާރުކޮށް ޗާޕުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން. 1981 ވަނަ އަހަރުގެ ތެރޭގައި ވަނީ، އިބްތިދާއީ ތަޢުލީމުގެ 1 ވަނަ ކިލާހުގެ ހުރިހާ މާއްދާތައް ކިޔަވާދޭނެ ފޮތްތައް ލިޔެ ޗާޕުކުރެވިފައި. 1982 ވަނަ އަހަރުގެ ތެރޭގައި، 2 ވަނަ ކިލާހުގެ މާއްދާތަކާއި، 3 ވަނަ ކިލާހުގެ މާއްދާތަކުގެ ފޮތްތައް ޗާޕުކުރެވުނު. މިފޮތްތަކަކީ ރާއްޖެތެރޭގެ ސްކޫލްތަކަށް ހިލޭ ދޫކުރަމުންދާ އެއްޗެއް. ވޭތުވެދިޔަ އަހަރު ރާއްޖެތެރޭގެ ސްކޫލްތަކަށް އެކިއެކި މާއްދާތަކުން ގާތްގަނޑަކަށް ޖުމްލަ 6,000 ފޮތް ދޫކުރެވިފައިވޭ.

ރާއްޖޭގެ ދަރިންނަށް ތަޢުލީމުދިނުމުގައި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ، ހަމައެކަނި ކުޑަކުދިންނަށް ކިޔަވައިދޭކަށްނޫން. ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށްވެސް މަސައްކަތްކުރޭ. މިކަމަށްޓަކައި ރޭޑިޔޯގެ ޒަރީޢާއިން ފޮނުވައިދެވޭ ތަފާތު މަޢުލޫމާތުތަކުގެ ޕްރޮގްރާމްތައް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ފޮނުވަމުން ގެންދެވިފައިވޭ. އަދި 1980 ވަނަ އަހަރު ފަށްޓަވާފައިވާ، ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ނައްތާލުމުގެ ޚާއްޞަ މަޝްރޫޢު، "އަސާސީ ތަޢުލީމުގެ މަޝްރޫޢު"، މިދިޔަ އަހަރުގެ ތެރޭގައިވެސް އެދެވޭގޮތެއްގައި ހިނގަމުން ގޮސްފައިވޭ. 1982 ވަނަ އަހަރު ނިމުނުއިރު، މި މަޝްރޫޢުގެ ދަށުން 245 މަރްކަޒުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ 1,874 މުދައްރިސުން، 12,896 މީހުންނަށް ކިޔަވައިދެމުން ގެންދިޔަ. މި މަޝްރޫޢަށް އިތުރު ބާރެއްލުމުގެގޮތުން، އެނގޭ ކޮންމެ މީހަކު، ނޭނގޭ އެކަކަށް އުނގަންނައިދިނުމަށް، އަޅުގަނޑު މިދިޔަ އަހަރު ކުރި އިލްތިމާސާ ގުޅިގެން، އަހަރު ނިމުނުއިރު ލިޔަންކިޔަން ނުދަންނަ އިތުރު 4,975 މީހުންނަށް، 3,197 މުދައްރިސުން ކިޔަވައިދެމުން ގެންދިޔަކަންވެސް މި ފުރުޞަތުގައި މިފާހަގަކޮށްލަނީ އުފަލާއެކު.

ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން މަސައްކަތްކުރާ އަނެއް ރޮނގަކީ މަތީތަޢުލީމު ހޯދުމަށާއި، އެކިއެކި މަސައްކަތާއި ހުނަރުވެރިކަން ދަސްކުރުމަށް ބޭރުގެ ޤައުމުތަކަށް ރާއްޖޭގެ ދަރިން ފޮނުވުން. މިގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ތަފާތު ކޯސްތަކަށް ރާއްޖެއިން ބޭރަށް 162 ކުދިން ފޮނުވިފައިވޭ. އެކިއެކި ކޯސް ފުރިހަމަކޮށްގެން މިދިޔަ އަހަރު ރާއްޖެއަށް އެނބުރި އައިސްފައިވަނީ 132 ކުދިން. އޭގެތެރޭގައި، މަތީ ތަޢުލީމު ހާސިލުކޮށްގެން އައި 11 ކުދިން ހިމެނޭ. އަހަރު ނިމުނުއިރު ރާއްޖެއިން ބޭރުގައި ސަރުކާރުގެ ފަރާތުން ތަޢުލީމު ހާސިލުކުރުމަށް ފޮނުވާފައި ތިބީ 153 ކުދިން.

ތަޢުލީމު ދިނުމުގައި ސަރުކާރުން އެންމެބޮޑަށް ސަމާލުކަންދެމުން ގެންދަނީ، ރާއްޖޭގެ ދަރިންގެ ހިތުގައި އިސްލާމީ ރޫޙާއި ޤައުމީ ލޯބި އުފެއްދުމަށް. ރާއްޖޭގެ މާޙައުލާ ގުޅޭގޮތުގެމަތިން ކުދިން ތަރުބިޔަތުކޮށް، ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އެކުދިންގެ ހިތުގައި ޝައުޤު އުފެއްދުން. މިރޮނގުން 1982 ވަނަ އަހަރު. މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގައި، މަސްވެރިކަމާބެހޭ ޢިލްމު ކިޔަވައިދޭން ފެށިފައިވޭ.

ރާއްޖޭގެ ޞިއްޙަތު

1982 ވަނަ އަހަރު ހިމެނިގެންދިޔައީ، ރާއްޖޭގެ ޞިއްޙަތުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަމާލުކަން ވަރަށްބޮޑަށް ދޭންޖެހުނު އަހަރެއް ކަމުގައި. 1978 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިލާންޖެހުނު ނުރައްކާތެރި ކޮލެރާފަދަ އެހެން ވަބާއެއް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ފެތުރިގެންދިޔަ. މިކަމުގެ ސަބަބުން، ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، ދުވަސްކޮޅެއްވަންދެން ރޯގާއިން ސަލާމަތްވުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާ ބެހިގެން، ގަވާއިދުތައް ހަދައި ހިންގަންޖެހުނު. ސަރުކާރުން ވަރަށްބޮޑު ޚަރަދުކޮށްގެން، ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ގެނެސްގެން، މާލެއާއި ރާއްޖެތެރޭގައި ފަރުވާދެމުން ގެންދަންޖެހުނު.

ރޯގާ ކޮންޓްރޯލް ކުރުމުގެ ތަފާތު މަސައްކަތްތައް ހިންގުމަށާއި، ރޯގާގެ ސަބަބުން ދިރިއުޅުމަށް މަސައްކަތްކޮށް ނޫޅެވޭ ދަރަޖައަށްދިޔަ ރަށްރަށަށް ކާޑުގެ ގޮތުން އެހީވެދިނުމަށާއި، މިފަދަ ކަންކަމަށް ސަރުކާރުން މިހާތަނަށް، ގާތްގަނޑަކަށް 2.1 މިލިޔަން ރުފިޔާ ހޭދަކުރެވިފައިވޭ. މާތް اللّـه ގެ ރަޙްމަތްފުޅާއެކު، އެ ރޯގާގެ ނުރައްކާތެރިކަމުން މާގިނަދުވަހެއްނުވެ އަޅުގަނޑުމެންނަށް ސަލާމަތްވެވިއްޖެ. ނަމަވެސް، ރޯގާގެ ސަބަބުން ދުއިސައްތައަށްވުރެ ގިނަމީހުން މަރުވެފައިވާކަމާއި، އަހަރު ނިމިގެންދިޔައިރުވެސް އޭގެ ބައެއް އަސަރުތައް ރާއްޖެއިން މުޅިން ފިލައިގެންނުދާކަން ފާހަގަކުރަންޖެހޭ.

މިކަހަލަ ކޮންމެ ކަމެއް، އާ ތަޖުރިބާތަކެއް ގެނެސްދޭ. ބޭނުންތެރި ކިތަންމެ ކަމަކަށް ލޯހުޅުވައިދޭ. މިގޮތުން، އަޅުގަނޑުމެންނަށް އެންމެ ޚާއްޞަ ގޮތެއްގައި ސަމާލުކަންދޭންޖެހުނީ، ބޯން ގެންގުޅޭ ފެނުގެ ސާފުކަމަށް. މިހެންކަމުން، މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ބޯފެން ނަގާނޭ ތާނގީތައް ބަހައްޓައިދިނުމަށް، ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދިން. އ.ދ. ގެ ކެޕިޓަލް ޑިވެލޮޕްމަންޓް ފަންޑާއި، ޔުނިސެފްގެ އެހީގައި ރާއްޖެތެރޭގައި ތަފާތު އެކިވަރުގެ ފަންސާހަށްވުރެ ގިނަ ތާނގީ، މިދިޔަ އަހަރުގެ ތެރޭގައި ބަހައްޓައިދެވިފައިވޭ. ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް، މާލޭގެ ވަޅުތަކުން ފެން ނުބައިވަމުންދާތީ، މާލޭގައި ވާރޭ ފެން ނަގާ ބޮޑެތި ތާނގީތައް ބެހެއްޓުމަށް، ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރެވިފައިވޭ. މީގެއިތުރަށް، މާލެއާއި ރާއްޖެތެރޭގައި ފެންބޯން ބޭނުންކުރާ ވަޅުވަޅަށް އަޅާނޭ ބޭސް، ސަރުކާރުން ހިލޭ ދޫކުރަމުން ގެންދެވިފައިވޭ.

ރޯގާގެ ކަންތައް ކުރިމަތިވިޔަސް، 1982 ވަނަ އަހަރަކީ، ޞިއްޙީ ދާއިރާގައި ވަރަށް މުހިންމު ފިޔަވަޅުތަކެއްވެސް އެޅިފައިވާ އަހަރެއް. ރާއްޖެތެރޭގައި ސަރުކާރުގެ ހޮސްޕިޓަލެއް، ރާއްޖޭގެ ތާރީޚުގައި އެންމެފުރަތަމަ ހުޅުވިފައިވަނީ، މިދިޔަ އަހަރުގެ ތެރޭގައި. 1982ގެ މާޗްމަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށީގައި އެ ހޮސްޕިޓަލް ހުޅުވައިދިނުމުގެ އުފާ ލިބުނީ އަޅުގަނޑަށް. އެދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ތެރޭގައި ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށް މަސައްކަތްކުރުމަށް މުޅި ޤައުމަށް އިލްތިމާސްކުރިން. އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި ޞިއްޙަތަށް ގެއްލުންދެނިވި އާދަތަކުން ދުރުހެލިވުމަށް ގޮވާލިން. މިފަދަ އާދަތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކުރީ، ދުންފަތުގެ އިސްތިޢުމާލު ކުރުން. އެކަން މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުންވެސް ދަނީ، ތަފާތު ފިޔަވަޅުތައް އަޅަމުން. އޭގެތެރޭގައި ރޭޑިޔޯއާއި ޓެލެވިޜަނުން ދުންފަތާބެހޭ އިޝްތިހާރު ނުކިޔާގޮތަށް ހަމަޖެއްސުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ރަސްމީ ޕާޓީތަކުގައި ސިނގިރެޓް ނުބަހައްޓާގޮތަށް ހަމަޖެއްސުން ހިމެނޭ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ރާއްޖެތެރޭގައި ހެދުމަށް ހަމަޖެހިފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަން. ވޭތުވެދިޔަ އަހަރު އައްޑުއަތޮޅު ހިތަދޫގައި، އެރަށުގައި ހެދުމަށް ހަމަޖެހިފައިވާ ރީޖަނަލް ހޮސްޕިޓަލްގެ ބިންގާ އެޅި، ޢިމާރާތްކުރަން ފެށިފައިވޭ. މީގެއިތުރަށް، ރާއްޖެތެރޭގައި ހުރި ޞިއްޙީ މަރްކަޒުތައް މިހާރު ހުރިވަރަށްވުރެ ރަނގަޅުކުރުމުގެ މަސައްކަތްވެސް ހިނގަމުންދިޔަ.

ސެންޓްރަލް ހޮސްޕިޓަލްގައި ވޭތުވެދިޔަ އަހަރު، 108,595 މީހުން ބަލައި ފަރުވާދެވުނު. މިއީ 1981 ވަނަ އަހަރު ހޮސްޕިޓަލުން ފަރުވާދެވުނު މީހުންނަށްވުރެ %43 ގިނަ އަދަދެއް. މީގެތެރެއިން 4,000 އަށްވުރެ ގިނަ މީހުންނަކީ، ހޮސްޕިޓަލުގައި ބާއްވައިގެން ބޭސްކުރެވުނު މީހުން. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް، 1982 ވަނަ އަހަރުގެ ތެރޭގައި 3,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެވިފައިވޭ.

ސަރުކާރުން ޞިއްޙީގޮތުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، ހަމައެކަނި ބޭސްފަރުވާ ކުރުމެއް ނޫން. އޭގެއިތުރަށް، ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަކީވެސް ސަރުކާރުން އަހަންމިއްޔަތުދޭ ކަމެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައި، 37 ޢާއިލާގެ ޞިއްޙީ އެހީތެރިންނާއި، 12 ޖަމާޢަތުގެ ޞިއްޙީ އެހީތެރިންނާއި، 34 ނަރުހުންނާއި، 6 ފޫޅުމައިންނަށް ތަމްރީނު ދެވުނު.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ، މީލާދީން 2000 ވަނަ އަހަރާ ހަމައަށް ހުރިހާ އަފްރާދުންނަށް ފުރިހަމަ ޞިއްޙަތެއް ހޯދައިދިނުމުގެ މަޝްރޫޢާ ގުޅިގެން، ރާއްޖޭގައި ކުރުމަށް ރޭވިފައިވާ ކަންތައްތަކާ ބެހޭގޮތުން ބޭއްވުނު މަސައްކަތު ބައްދަލުވުމެއް، މިދިޔަ އަހަރު އައްޑުއަތޮޅު ހިތަދޫގައި ބޭއްވުނު. މި ބައްދަލުވުމުގައި ރާއްޖޭގެ އެންމެ ދެކުނު 4 އަތޮޅުން ބައިވެރިވެފައިވޭ. މިދެންނެވި މަޝްރޫޢުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ރާއްޖެއިން މެލޭރިޔާއާއި ކެއްސުންބަލި މުޅިން ފިލުވައިލުމާއި، ކުޑަކުދިންނަށް ރަނގަޅު ކާނާ ލިބޭނެގޮތް ހޯދައިދިނުންފަދަ ކަންތައްތައް ހިމެނޭ.

އިޖުތިމާޢީގޮތުން ދެވޭ ޚާއްޞަ އެހީތައް

ރާއްޖޭގެ އިޖުތިމާޢީ ޚިދުމަތްތައް ކުރިއަށް ގެންދިޔުމުގައި، ރައްޔިތުންގެ ތަޢުލީމާއި ޞިއްޙަތެކޭ އެއްފަދައިން، ދައުލަތުގެ ފަރާތުން ވެދޭ ޚާއްޞަ އިޖުތިމާޢީ އެހީތަކުގެ ދާއިރާވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ފުޅާވަމުން.

މިރޮނގުން ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކޮށްދެވިފައިވާ އެންމެ މަތިވެރި އެއް ޚިދުމަތަކަށްވާނީ، ތަނަވަސްކަން ނެތް ބަލިމީހުންނަށާއި، ހާލުގައި ޖެހިފައިވާ ނިކަމެތިންނަށް ބޭސްކޮށްދިނުން. 1982 ވަނަ އަހަރުގެ ތެރޭގައި، ސެންޓްރަލް ހޮސްޕިޓަލްގައާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން، ސަރުކާރުގެ ޚަރަދުގައި 1773 މީހުންނަށް ބޭސްކޮށްދެވިފައިވޭ. އެމީހުންނަށް ބޭސްކޮށްދިނުމަށް -/900,000 ރުފިޔާއަށްވުރެ ގިނަ އަދަދެއް ޚަރަދުވެފައިވޭ. މިއީ 1981 ވަނަ އަހަރު މިރޮނގުން ހޭދަވެފައިވާ ވަރަށްވުރެ ގާތްގަނޑަކަށް %62 ގިނަ އަދަދެއް.

ވޭތުވެދިޔަ އަހަރު އަޅުގަނޑުމެން ފާހަގަކުރީ "ނުކުޅެދިގެންވާ މީހުންނާބެހޭ ޤައުމީ އަހަރު"ގެ ގޮތުގައި. އެއީ، އޭގެކުރީ އަހަރަކީ، ނުކުޅެދިގެންވާ މީހުންނާބެހޭ ބައިނަލްއަޤްވާމީ އަހަރު ކަމަށްވުމާއެކު، އެއަހަރު ފެށިފައި ހުރި ބައެއް ކަންތައްތައް ޤައުމީ ފެންވަރުގައި ހިންގުމަށްޓަކައި. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ތިބި ނުކުޅެދޭ މީހުންނަށް ސަރުކާރުން އެކަށީގެންވާ އެހީތަކެއް ވެދިން. އޭގެތެރޭގައި، ރާއްޖޭގައި ތިބި ނުކުޅެދިގެންވާ އެންމެންނަށް ރަމަޟާންމަހުގެ މުނާސަބަތުގައި ފައިސާގެ ޚާއްޞަ ޢިނާޔަތެއް ދިނުމާއި، ސިކުނޑި ހަމަނުޖެހޭ މީހުންނަށާއި، ލޮލަށް ނުފެންނަ މީހުންނަށް ފަރުވާދިނުންފަދަ ކަންތައްތައް ހިމެނޭ. އަދި އަމިއްލައަށް ހިނގާ ބިނގާވެ ނޫޅެވޭ މީހުންނަށް ޑޮކްޓަރުގެ ލަފާގެމަތިން، ފުރޮޅުލީ ގޮނޑިފަދަ ތަކެތި ހޯދައިދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވުނު.

މާލެއަތޮޅު ގުރައިދޫގައި ހިނގަމުންދާ، ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރްކަޒުގައި މިހާރު ހަދާފައިވާ ޢިމާރާތްތަކުގެ އިތުރަށް 3 ޢިމާރާތް ހެދުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރު ފެށްޓުނު. އަހަރު ނިމުނުއިރު، އޭގެ އެއް ޢިމާރާތުގެ މަސައްކަތް މުޅިން ނިމި، އެ ޢިމާރާތަށް މީހުން ބަދަލުކުރެވިފައިވޭ. މި ޢިމާރާތަށް މީހުން ބަދަލުކުރެވުމުން، ޚާއްޞަ އެހީއަށް ބޭނުންވާ އެންމެން މިހާރު ވަނީ، އެ މަރްކަޒުގައި އަލަށް ޢިމާރާތްކުރެވުނު ގޭގެއަށް ބަދަލުކޮށް ނިމިފައި. 1982 ވަނަ އަހަރު ނިމުނުއިރު މި މަރްކަޒުގައި ތިބީ، 52 ފިރިހެނުންނާއި 26 އަންހެނުން. މީގެތެރޭގައި، މޮޔައިންގެ 27 ފިރިހެނުންނާއި، 14 އަންހެނުން ހިމެނޭ.

އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން ސަރުކާރުން ފަށްޓާފައިވާ މުހިންމު އަނެއް ކަމަކީ، މާލެއަތޮޅު މާފުށީގައި ހިންގަމުން ގެންދާ ކުޑަކުދިންގެ އިޞްލާޙިއްޔާ. 1982 ވަނަ އަހަރު ނިމުނުއިރު އިޞްލާޙިއްޔާގައި 123 ކުދިންނަށް ކިޔަވައިދީ، އެކިއެކި މަސައްކަތް ދަސްކޮށްދެމުން ގެންދޭ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އިޞްލާޙިއްޔާއިން 16 ކުއްޖަކު މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ބޯޓުފަހަރުގެ ވަޒީފާއަށް ބަދަލުވި. އާދެ! އެކިބާވަތުގެ ކުށް ކުރަމުން މުޖުތަމަޢަށް އުނދަގުލަކަށްވަމުން ދަނިކޮށް ގެންދެވިފައި ތިބި ޅަކުދިންކޮޅެއް، އިޞްލާޙިއްޔާގައި ދެވުނު ތަޢުލީމާއި ތަރުބިޔަތުގެ ސަބަބުން، ޤައުމަށް ފައިދާހުރިގޮތުގައި ބޭނުންހިފޭ ބަޔަކަށްވީ. އަދި އެކުދިންނަށް އެކުދިންގެ މުސްތަޤްބަލް އަގުހުރި އެއްޗެއް ކަމުގައި ހަދައިދެވުނީ.

1982 ވަނަ އަހަރު އަންހެނުންގެ ޤައުމީ ކޮމިޓީވެސް ހަރަކާތްތެރިވެފައިވަނީ، ވަރަށް އެދެވޭގޮތަކަށް. އެ ކޮމިޓީގެ މަސައްކަތުން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީތައް އުފައްދައި، އެއް ގަވާއިދެއްގެ މަތިން އެކޮމިޓީތަކުގެ މަސައްކަތް ހިންގުމަށް ރޭވުނު. އަންހެނުންގެ ޤައުމީ ކޮމިޓީން ވޭތުވެދިޔަ އަހަރު ކުރި ތަފާތު މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ހިންގުނު އަންހެނުންނަށް ތަމްރީނު ދިނުމުގެ 3 މަސް ދުވަހުގެ ކޯހަކާއި، އިޖުތިމާޢީ، ޞިއްޙީ އަދި މަސައްކަތްތެރިކަމުގެ ރޮނގުން، ރާއްޖޭގެ އަންހެނުންނަށް މަޢުލޫމާތާއި އިރުޝާދު ދިނުމަށްޓަކައި ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން ފޮނުވަމުން ގެންދެވުނު ޕްރޮގްރާމްތައް ހިމެނޭ.

ޤައުމުގެ އެންމެ އަގުހުރި އެއް ރައުސްމާލު ކަމުގައިވާ ޒުވާނުންގެ ކަންތައްތައް ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ ޒުވާނުންގެ މަޖިލީހުގެ ހަރަކާތްތައް މިދިޔަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔަ. އެ މަޖިލީހުގެ ދަށުން ހިނގަމުންދާ ޒުވާނުންގެ މަރްކަޒުގެ މެންބަރުންގެގޮތުގައި ޒުވާނުންގެ ތެރެއިން އެކަމަށް އެދޭ ކުދިން ރަޖިސްޓަރީކޮށް، ތަފާތު ކުޅިވަރުގެ ތަމްރީނުތައް ދެމުން ގެންދެވިފައިވޭ. ޒުވާނުންގެ ހިތުގައި ޤައުމީ ރޫޙު އާލާކުރުމާއި، ތިމާވެށްޓަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޒުވާނުންގެ ކޭމްޕެއް މިދިޔަ އަހަރުގެ ތެރޭގައި އިންތިޒާމުކުރެވުނު.

ރާއްޖޭގައި އާދަވެގެން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ އިތުރަށް، ވޭތިވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ޓީމުތަކެއް ނިއުދިއްލީގައި އޮތް، އޭޝިއަން ގޭމްސްގައި ބައިވެރިވިކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް. އިންޑޮނީޝިޔާގެ ޖަކާޓާގައި ބޭއްވުނު 6 ވަނަ އޭޝިއަން ޓޭބަލްޓެނިސް ޗެމްޕިއަންޝިޕްގައިވެސް ރާއްޖޭގެ ޓީމެއް ބައިވެރިވެފައިވޭ. ކުޅިވަރުގެ ރޮނގުން ވޭތުވެދިޔަ އަހަރު ކުރެވިފައިވާ އެންމެ މުހިންމު އެއްކަމަކީ، ކުޅިވަރު ކުޅުމަށްޓަކައި "މާލޭ އިންޑޯރ ސްޓޭޑިއަމް" މި ނަމުގައި އާ ޢިމާރާތެއް ތައްޔާރުކޮށް، އެ ޢިމާރާތުގައި ބައެއް ބާވަތުގެ ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުން. ރާއްޖޭގެ ކުޅިވަރުތައް ތަރައްޤީކޮށް، އަދި ބައިނަލްއަޤްވާމީ ކުޅިވަރު ޖަމްޢިއްޔާތަކާ ގުޅުމަށްޓަކައި، ރާއްޖޭގައި ކުޅިވަރު އެސޯސިއޭޝަންތަކެއް އުފެއްދުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފެށިފައި.

އިޖުތިމާޢީ ޚިދުމަތުގެ ތެރޭގައި، ރޭޑިއޯއާއި ޓެލެވިޜަން އަދާކުރާ ބަޔަކީ، ވަރަށް މުހިންމު ބައެއް. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ދިވެހިރާއްޖޭގެ އަޑުންނާއި، ޓެލެވިޜަން މޯލްޑިވްސްއިން، ރާއްޖޭގެ ރައްޔިތުންނަށް ޢިލްމީ، އަދަބީ، ޘަޤާފީ އަދި މަޢުލޫމާތުން ފުރިފައިވާ އެތައް ޕްރޮގްރާމެއް ފޮނުވައިދެވުނު. ރާއްޖޭގައި ރޭޑިޔޯ ބްރޯޑްކާސްޓް ކުރަން ފެށުނުތާ 20 އަހަރު ވުމުގެ މުނާސަބަތު މިދިޔަ އަހަރު ފާހަގަކުރެވުނު ދުވަހު، ރާއްޖޭގެ އަޑުގެ ސްޓޫޑިއޯތަކާއި އޮފީސް ޢިމާރާތުގެ ބިންގާ އެޅިފައިވޭ.

އަމިއްލަ ފަރާތްތަކުން ޖަމާޢަތަށް ކުރައްވާ އާންމު ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސަރުކާރުގެ ފަރާތުން ދެމުން އަންނަ ޢާންމު ޚިދުމަތުގެ އިނާމު، މިދިޔަ އަހަރުގެ ތެރޭގައިވެސް 22 ފަރާތަކަށް ދެވުނު. އެއީ ޝަރަފްވެރިކަމުގެ 5 އިނާމާއި، ހިތްވަރުދިނުމުގެ 17 އިނާމު.

1979 ވަނަ އަހަރު އުފައްދާފައިވާ، ދީނީ ކަންތައްތައް ރައްކާތެރިކުރާ ކޮމިޓީގެ މަސައްކަތް، މިދިޔަ އަހަރުގެ ތެރޭގައިވެސް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވިފައިވޭ. އެ ކޮމިޓީން މިހާރު ކުރާ އެންމެބޮޑު މަސައްކަތަކީ، ވެވުނު އެންމެ ފުރިހަމައެއްކޮށް، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުން. 1982 ވަނަ އަހަރު ނިމުނުއިރު، އަންޢާމް ސޫރަތުގެ ނިޔަލަށް ވަނީ ތަރުޖަމާކޮށް ނިމިފައި.

އަޅުގަނޑުމެންނަކީ ވަރަށް ކުރިއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ބައަކަށްވާތީ، އިސްލާމީ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެއްސުމަށާއި، ދީނުގެ މަގުތަކަށް މީހުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެއްދުވަހުން އަނެއް ދުވަހަށް ދަނީ، އިތުރު ފިޔަވަޅު އެޅެމުން. މިގޮތުގެމަތިން، އިޖުތިމާޢީގޮތުން އިސްލާމްދީނުގައި އޮތް، ވަރަށް މުހިންމު ރުކުނެއް ކަމުގައިވާ ޒަކާތުގެ ކަންތައްތައް ބަލަހައްޓާނެ ސަރުކާރުގެ ވަކި އޮފީހެއް މިއަހަރު އުފެއްދުމަށް ސަރުކާރުން ގަސްތުކުރޭ. މިއޮފީސް އުފައްދާނީ، ޒަކާތްނެގުމާއި، ޒަކާތުން ލިބޭ ތަކެތި ޙައްޤުގޮތުގައި ހޭދަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ބައެއް އިސްލާމީ ޤައުމުތަކުގައި މިހާރުހުރި އެފަދަ ތަންތަން ހިނގަމުންދާ އުސޫލަށް ބަލައިގެން.

ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، ރާއްޖޭގައި ޒަކާތް ދިނުމުގެ ކަންތައް، އަހަރެއް އަހަރަކަށްވުރެ ރަނގަޅުވަމުން އައިސްފައިވާކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. ނަމަވެސް، ޒަކާތާބެހޭ ޙުކުމްތަކާއި، އެކަން ކުރަންވީގޮތް ވަނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ރަނގަޅަށް ނޭނގިކަން އަޅުގަނޑަށް އިޙްސާސްކުރެވޭ. އެހެންކަމުން، ޒަކާތުގެ ކަންތައްތައް ބެލެހެއްޓުމަށް އުފައްދާ އޮފީހުގެ އެންމެ މުހިންމު އެއް މަސައްކަތަކަށްވާނީ، ޒަކާތާ ބެހޭގޮތުން ޢާންމުންނަށް އިރުޝާދު ދިނުމުގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވުން. އަޅުގަނޑު ދެކޭގޮތުގައި، ދީނުގައިވާ ގޮތުގެމަތިން ޒަކާތުގެ ކަންތައްތައް ހިންގުމުގައި، ޤައުމުގައި ތިބި ޒަކާތް ވާޖިބުވާ އެންމެންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ، މުޖުތަމަޢުގައި ފަޤީރުންނާއި ނިކަމެތިން އުޅޭކަށް ނުޖެހޭނެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި އިސްލާމީ އުސޫލުތައް ދިރުވެމުން ދިއުމާއެކު، އިސްލާމީ އުންމަތުގެ ކުރިމަތީގައި، އިސްލާމީ ދިވެހިރާއްޖޭގެ މަގާމު ތަރައްޤީ ކުރުމަށްވެސް ސަރުކާރުން ގެންދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން. މިގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މަސައްކަތްކޮށްގެން، މިއަހަރުގެ ކުރީކޮޅު މާލޭގައި ބޭއްވުނު "ދެކުނު އަދި ދެކުނު އިރުމަތީ އޭޝިޔާގައި އިސްލާމްދީނަށް ގޮވާލުމާބެހޭ ސެމިނާރ" އަކީ، އިސްލާމީ ދުނިޔޭގައި ރާއްޖޭގެ ނަން އުފުލިގެންދިޔަ ކަމެއްކަން، މި ފުރުޞަތުގައި ފާހަގަކޮށްލުމަކީ، އެކަށީގެންނުވާ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން.

މާލެއާއި ރާއްޖެތެރޭގައި ހުރި މިސްކިތްތަކާބެހޭ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި މަސައްކަތްކުރާނެ، މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހެއްވެސް މިދިޔަ އަހަރުވަނީ އުފައްދާފައި. މި މަޖިލިހުގެ ހަރަކާތްތައް ހިނގަމުންދާނީ، ބޭރުގެ ބައެއް ބޮޑެތި އިސްލާމީ ޖަމްޢިއްޔާތަކާ ގުޅިގެން. މިކަމުގެ ސަބަބުން، ރާއްޖޭގައި އިތުރު މިސްކިތްތައް އެޅުމާއި، މިސްކިތްތައް މަރާމާތުކުރުމުގެ މަގު ފަހިވެގެންދާނެ.

އިޤްތިޞާދީ ޙާލަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިންވެސް އަޅުގަނޑު އިޝާރާތްކޮށްލި ފަދައިން، 1982 ވަނަ އަހަރަކީ އިޤްތިޞާދީގޮތުން ރާއްޖެއަށް ވަރަށްގިނަ ދަތިތަކެއް ކުރިމަތިވީ އަހަރެއް. އެހެންކަމާއެކުވެސް، އެއަހަރަކީ ރާއްޖޭގައި އިޤްތިޞާދީ ރޮނގުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި، އަގުހުރި ތަޖްރިބާތަކެއް ހާސިލުކުރެވުނު އަހަރެއް ކަމުގައި އަޅުގަނޑު ދެކެން.

1982 ވަނަ އަހަރު އެތައް ސަބަބުތަކަކާހުރެ، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ތަފާތު ބަދަލުތަކެއް އަންނަން ދިމާވި. މި ބަދަލުތައް އައުމަށް މެދުވެރިވި އެންމެ މުހިންމު އެއްސަބަބެއް ކަމުގައިވީ، އެތަކެއް އަހަރެއް ވަންދެން ބޭރުފައިސާގެ ނިސްބަތުން ދިވެހި ފައިސާގެ އަގު ސަރުކާރުން ގެންގުޅެމުން އައިސްފައިވާ އުސޫލަށް މިދިޔަ އަހަރުގެ ތެރޭގައި ބަދަލުގެނެވުނުކަން. އާދެ! އެމެރިކާ ޑޮލަރެއްގެ އަގަކީ 3/93 ރުފިޔާއިން 7/50 ރުފިޔާއަށް، އަދި ފަހުން -/7 ރުފިޔާއަށް ބަދަލުކުރެވުނުކަން. މި ބަދަލު ގެނައުމާއެކު، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި، ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމާ ބެހޭގޮތުންވެސް ހަރުދަނާ ގަވާއިދުތަކެއް ހަދައި ހިންގުނު.

ދިވެހި ފައިސާގެ އަގަށް ބަދަލުގެނައުމުގެ ސަބަބުން ސަރުކާރުން ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާންޖެހޭތީ، އެކަމުން ޢާންމު ރައްޔިތުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭގޮތަށް، އެތަކެތި ވިއްކަމުން ގެންދިޔައީ، އެތަކެތި ގަނެގެން ރާއްޖެއާ ހަމައަށް ގެންނައިރު ޖެހޭ ޙަޤީޤީ އަގަށްވުރެ މާ ހެޔޮއަގެއްގައި. ކާޑުގެ ތަކެތި އޭގެ ޙަޤީޤީ އަގަށްވުރެ ހެޔޮއަގެއްގައި ރައްޔިތުންނަށް ވިއްކުމަށްޓަކައި، ސަރުކާރުގެ ބަޖެޓުން މިދިޔަ އަހަރު ގާތްގަނޑަކަށް 23 މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހުނު. މިއީ، މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން އެއްކަމަކަށް އެންމެމަތީ ޚަރަދެއް ހިނގާފައިވާ ކަންތައް. އަދި އެއީ މިދިޔަ އަހަރު ދައުލަތުން ހިނގި ޖުމްލަ ޚަރަދުގެ ގާތްގަނޑަކަށް %18.

ފައިސާގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުން، ކާޑުގެ ބާވަތްތައް ނޫނަސް، ރާއްޖެއަށް އެތެރެކުރާ އެހެނިހެން ބާވަތްތަކުގެ މުދަލުގެ އަގުވެސް ކުއްލިއަކަށް ބޮޑުވެގެން ހިނގައްޖެނަމަ، ޢާންމު ރައްޔިތުންނަށް ވަރަށްބޮޑަށް ދަތިވާނެކަން އެނގޭތީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީ ނެގުމުގައި ސަރުކާރުން އަގު ހަދަމުން ގެންދިޔައީވެސް، ޚާއްޞަ އުސޫލަކުން. އެހެންކަމުން، އެތަކެތީގެ ޑިއުޓީއަށް ސަރުކާރަށް ލިބުނު ފައިސާ، އެތަކެތީގެ ހަމަ އަގުން ޑިއުޓީ ނެގިނަމަ ލިބޭނެ ފައިސާއަށްވުރެ 16.8 މިލިޔަން ރުފިޔާ މަދު.

މި ސަބަބުތަކާހުރެ، 1982 ވަނަ އަހަރު ނިމިގެންދިޔައީ، ދައުލަތަށް ލިބުނު ފައިސާއަށްވުރެ ދައުލަތުން ހިނގި ޚަރަދު ގިނަވެގެން. ވޭތުވެދިޔަ އަހަރު ސަރުކާރުން ޚަރަދުކުރެވިފައިވާ ކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް 126 މިލިޔަން ރުފިޔާ. މީގެތެރޭގައި ކާޑުގެ ތަކެތި އަގުހެޔޮކޮށް ވިއްކުމަށް ކުރެވުނު ޚަރަދު ފިޔަވައި، ދައުލަތުން އެންމެމަތީ ޚަރަދެއް ހިނގާފައިވަނީ، ރައްޔިތުންނަށް ދެވޭ އިޖުތިމާޢީ ޚިދުމަތްތަކަށް. 1981 ވަނަ އަހަރާ އަޅާބަލާއިރު، 1982 ވަނަ އަހަރު ސަރުކާރުން ހިނގި ޚަރަދު ގާތްގަނޑަކަށް %57 މައްޗަށް ގޮސްފައިވޭ.

ހަމައެފަދައިން، ސަރުކާރަށް ލިބުނު އާމްދަނީވެސް، 1981 ވަނަ އަހަރަށްވުރެ 1982 ވަނަ އަހަރު %50 އިތުރުވެފައިވޭ. ވޭތުވެދިޔަ އަހަރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވާކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ، ގާތްގަނޑަކަށް 120 މިލިޔަން ރުފިޔާ. މީގެތެރޭގައި، އެންމެ ގިނައިން ލިބިފައިވާ ބައިތަކަކީ، މަސްވެރިކަމާއި، ޓޫރިޒަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފައިދާއާއި، ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީއާއި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން ލިބުނު ފައިސާއާއި ބޭރުގެ އެހީ.

ކާޑުގެ ތަކެތި ގަތުމަށް ވޭތުވެދިޔަ އަހަރު ބޭރު ފައިސާއިން ހޭދަކުރެވިފައިވަނީ ގާތްގަނޑަކަށް 6.4 މިލިޔަން އެމެރިކާ ޑޮލަރު. މިއީ 1981 ވަނަ އަހަރު ކާޑުގެ ތަކެތި ގަތުމަށް ޚަރަދުވެފައިވާ ވަރަށްވުރެ %25 މަދު އަދަދެއް. މިހެން ދިމާވީ، 1981 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ކާޑުގެ ބައެއް ބާވަތް ހުސްނުވެ ހުރުމާއެކު، މިދިޔަ އަހަރު އެތެރެކުރަންޖެހުނު ބައި މަދުވުމުގެ ސަބަބުން. ކުރީ އަހަރުތަކެކޭ އެއްފަދައިން، ވޭތުވެދިޔަ އަހަރުވެސް ސަރުކާރަށް ލިބުނު ބޭރު ފައިސާއިން ކާޑުގެ ތަކެތި ގަނެވޭވަރުވި.

މީގެކުރިން ބޭރުފައިސާއިން ސަރުކާރަށް ލިބޭގޮތަށް ހަމަޖެހިފައިވާ ބައެއް ފައިސާ، ވޭތިވެދިޔަ އަހަރުގެ ތެރޭގައި ދިވެހި ފައިސާއިން ނަގާގޮތަށް ހަމަޖެއްސުމާ ގުޅިގެން، ސަރުކާރަށް ސީދާ ބޭރުފައިސާއިން ލިބޭ ބައި މިދިޔަ އަހަރުގެ ތެރޭގައި ކުރީ އަހަރުތަކަށްވުރެ މަދުވެގެން ދިޔަކަމުގައިވިޔަސް، ބޭރު ފައިސާ ގަނެ ވިއްކުމާ ބެހޭގޮތުން ހެދުނު ގަވާއިދުތަކުގެ ސަބަބުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ގާތްގަނޑަކަށް 17 މިލިޔަން އެމެރިކާ ޑޮލަރު ގަނެވިފައިވޭ.

ދައުލަތުން ބޭރުފައިސާ ހޭދަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭރުގެ ފަރާތްފަރާތުން ނަގާފައިވާ ލޯނުތައް އަދާކުރުން. 1982 ވަނަ އަހަރުގެ ތެރޭގައި މިގޮތުން އެކިއެކި ލޯނު އަދާކުރުމަށް 1.7 މިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރެވިފައިވޭ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ބަޔާންކުރަމުންދާއިރު، ހަމައެކަނި ސަރުކާރުގެ ދާއިރާގެ ވާހަކަތައް ދަންނަވާލާފައި ނިންމާލުމަކީ، އަޅުގަނޑަށް މާފަސޭހަ ކަމަކަށް ނުވޭ. އެއީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތަށް އައިސްފައިވާ ބަދަލުތައް ގިނަކަމުން، އޭގެ އަސަރު ފޯރަމުންދާ ދާއިރާތަކުގެ ފުޅާކަމުން. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ސިފަ ގެނައުމުގައި ސަރުކާރުގެ އިތުރަށް އަމިއްލަ ފަރާތްތަކުންވެސް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މުހިންމުކަމުން.

ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރު ފޯރަމުންދާކަން ޔަޤީން. މުދަލުގެ އަގާއި މަސައްކަތުގެ އަގު މައްޗަށްގޮސް، ދިރިއުޅުމުގެ އަގު ބޮޑުވަމުން ދިޔުމުން، ރައްޔިތުންގެ ޙާލަތަށް ބޮޑެތި ބަދަލު އަންނާނެކަން ކަށަވަރު. ވޭތުވެދިޔަ އަހަރު މުދަލުގެ އަގަށް އައި ބަދަލަށް ބަލާއިރު، ރާއްޖޭގައި އުފެދޭ ތަކެތީގެ އަގު މާބޮޑަށް މައްޗަށް ގޮސްފައިވާކަން ފާހަގަކޮށްލަންޖެހޭ. މިގޮތަށް މިބަދަލުތައް އައުމަކީ އިޤްތިޞާދީ ގޮތުން އަންނަ ހެޔޮ ބަދަލެއް ކަމުގައި ދެންނެވޭކަށް ނެތް. އަދި މިހެންވާންޖެހޭ ސަބަބުތަކާމެދު އަޅުގަނޑުމެން ވިސްނާނުލާ ތިބެގެންވާކަށްނެތް. އަޅުގަނޑުމެންގެ މެދުގައި އިޤްތިޞާދީ މުއްސަނދިކަމުގެ ތަފާތު އެކަށީގެންނުވާ ދަރަޖައަށް ބޮޑުވެގެން ނުދިއުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ނުކޮށްވާކަށްވެސް ނެތް.

މަސްވެރިކަން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މަސްވެރިކަމަކީ، ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރާއްޖޭގައި އެ މަސައްކަތެއްގެ މައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން އެންމެބޮޑަށް ބިނާކުރެވިގެން ކުރަމުން އައިސްފައިވާ މަސައްކަތް. އަދި ކުރިއަށް ފެންނަން އޮތް ތާނގައިވެސް، އަޅުގަނޑުމެންގެ އަމިއްލަ މުއްސަނދިކަމެއްގެ ގޮތުގައި އެންމެބޮޑަށް ބެލެންއޮތް މަސައްކަތް.

1982 ވަނަ އަހަރަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ވަރަށްގިނަ ދަތިތަކަކާ ކުރިމަތިލާންޖެހުނު އަހަރެއް. އެންމެ ފުރަތަމައަށް ދަންނަވަން އޮތީ، ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ އަގު ދަށްވުމުގެ ސަބަބުން، ރާއްޖެއިން ރޯމަސްގަންނަ ބޭރުގެ ކުންފުނިތަކުން މަސް ގަންނަ އަގު ކުޑަކޮށްލި ވާހަކަ. އޭގެ ސަބަބުން، ރާއްޖޭގެ މަހަށް ލިބޭ އާމްދަނީ ވަރަށްބޮޑުތަން މަދުވެގެންދިޔަ. 1981 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރޯމަސް، ބޭރުގެ ކުންފުނިތަކަށް ގަންނަމުން ގެންދިޔަ އަގުން، 1982 ވަނަ އަހަރުގެ ވަރަށް ކުރީކޮޅު ގާތްގަނޑަކަށް %47 ދަށްވެގެންދިޔަ. އެކަން އެހެންދިމާވި ކަމުގައިވިޔަސް، މަސްވެރިންގެ އަތުން ސަރުކާރަށް މަސްގަންނަ އަގު ކުޑައެއްނުކުރޭ. އޭގެ ބަދަލުގައި، ބޭރުފައިސާގެ ނިސްބަތުން ދިވެހި ފައިސާގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ސަރުކާރަށް މަސްވެރިންގެ އަތުން މަސްގަންނަ އަގު ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ދިޔައީ އިތުރުވެގެން.

ރޯމަހުގެ އިތުރަށް، ހިކިކަނޑުމަހާއި، ކަނޑުމަހުގެ ލޮނުމަހާއި، އަދި އެނޫންވެސް ލޮނުމަސް ސަރުކާރަށް ގަންނަ އަގު ވޭތުވެދިޔަ އަހަރު ބޮޑުކޮށްދެވިފައިވޭ.

ވޭތުވެދިޔަ އަހަރު މަސްވެރިކަމަށް އައި އަނެއް ހީނަރުކަމަކީ، ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ދެރަވުމާއި މޫސުން ނުބައިވުމާވެސްއެކު، އަހަރުގެ ތެރޭގައި މަހަށްފުރުނު ދުވަސްތައް މަދުވުމުގެ ސަބަބުން، ރާއްޖެއަށް ބޭނުނު މަހުގެ އަދަދު މަދުވިކަން.

ރާއްޖެއަށް ބޭނުނު މަހުގެ އަދަދު މަދުވުމާއި، ކުރިން ދެންނެވިފަދައިން، ބޭރު ކުންފުނިތަކުން މަސްގަންނަ އަގު ކުޑަވުމުން، ވޭތުވެދިޔަ އަހަރު މަސްވެރިކަމުގެ ދާއިރާއިން ލިބުނު ބޭރު ފައިސާގެ އަދަދު 1981 ވަނަ އަހަރަށްވުރެ ވަރަށްބޮޑުތަން މަދުވެފައިވޭ. 1982 ވަނަ އަހަރުގެ ތެރޭގައި މަސްވެރިކަމުން ލިބިފައިވަނީ ގާތްގަނޑަކަށް 4.9 މިލިޔަން އެމެރިކާ ޑޮލަރު. އެއީ ކުރީ އަހަރަށްވުރެ %19 މަދު އަދަދެއް.

މަސްވެރިކަމުގެ ދާއިރާގައި ދިމާވި އަނެއް ދަތިކަމަކީ، ރާއްޖޭގައި މިހާތަނަށްހުރި، ދަޅުގައި މަސްބަންދުކުރާ ހަމައެކަނި ކާރުޚާނާ ހިންގަމުންދިޔަ މޯލްޑިވްސް ނިޕޯން ކޯޕަރޭޝަންގެ މަސައްކަތް ހުއްޓާލަން ޖެހުނުކަން. އެއީ، އެ ކުންފުނީގައި ދިވެހި ސަރުކާރާއެކު ބައިވެރިވާ ޖަޕާނުގެ އަނެއް ދެފަރާތުން ކުންފުނި އުވާލަން ހުށަހެޅުމުގެ ސަބަބުން. މިކަން މިހެން ދިމާވިޔަސް، ފެލިވަރުގައި ހިނގަމުންދާ، މަސްބަންދުކުރާ ކާރުޚާނާގެ މަސައްކަތް ހުއްޓާލަންނުޖެހި، ކުރިއަށް ގެންދިއުމާއި، މަސްވެރިންނަށް އެއްވެސްކަހަލަ ދަތިކަމެއް މެދުވެރިވިޔަނުދީ، އަދި ފެލިވަރުގެ ވަޒީފާގައި ތިބި ދިވެހިންގެ ތެރެއިން، އެކެއްގެވެސް ވަޒީފާ ގެއްލިގެންދިޔަނުދީ، އެ ރަށަށް މަސްގަންނަމުން ގެންދިއުމުގެ އިންތިޒާމު ސަރުކާރުގެ ފަރާތުން ރޭވުނުކަން، މި ފުރުޞަތުގައި އަޅުގަނޑު މިފާހަގަކޮށްލަނީ ވަރަށްބޮޑު ހިތްހަމަޖެހުމަކާއެކު.

މީގެ 3 އަހަރު ކުރިން، އަޅުގަނޑު ހަމަ މިތާނގައި ހުރެ ތިޔަބޭފުޅުންނާ މުޚާޠަބުކުރަމުން ދެންނެވިން، ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތެއް ކަމުގައިވާ މަސްވެރިކަމުގެ ކަންތައްތަކަށް، ބޭރު ބައެއްގެ ނުފޫޒު ފޯރުވޭފަދަ ގޮތަކަށް އޮތްހާ ދުވަހަކު ރާއްޖޭގެ އިޤްތިޞާދިއްޔަތު ހަރުދަނާކުރެވޭކަށް ނޯންނާނެއޭ. އޭރުއްސުރެ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ މަސްވެރިކަން ރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ބާރުގެ ދަށަށް ގެނެވޭތޯ. އެގޮތުން މޯލްޑިވް ނިޕޯން ކޯޕަރޭޝަންގެ މައްސަލަވެސް ނިމިގެން މިދިޔައީ، ދިވެހި މަސްވެރިކަމުގެ މައިދާނުގައި ދިވެހިންނަށް އިތުރު މިނިވަންކަމަކާއި ބާރުތަކެއް ހޯދައިދީފައި.

ފެލިވަރުގައި ހިނގަމުންދާ ދަޅުގައި މަސް ބަންދުކުރުމުގެ މަސައްކަތް މިހާރު ހިންގަނީ ދިވެހިން. އެތާނގައި ދިވެހިން ތައްޔާރުކުރާ ދަޅުމަސް ބޭރު ދުނިޔޭގެ ތަންތަނަށް ވިއްކުމުގެ މަސައްކަތް ކުރަނީވެސް ހަމަ ދިވެހިން.

މިދެންނެވީ މަސްވެރިކަމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރިއަށް އެޅިފައިހުރި ބައެއް ހަރުދަނާ ފިޔަވަޅުތައް. އެއީ ކުރިން ދެންނެވިފަދަ ދަތިތަކާ ކުރިމަތިލާންޖެހުމުން، އެކަންކަމުން ސަލާމަތްވުމަށްޓަކައި، އަދި މުސްތަޤްބަލުގައި ރާއްޖޭގެ މަސްވެރިކަން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށް ގެންދެވޭތޯ މިދިޔަ އަހަރު ސަރުކާރުން މުޅިން އާ މިސްރާބަކުން ދަތުރު ފެށްޓުމުން، ކުރިއަށް އެޅިފައިވާ ފިޔަވަޅުތަކެއް.

މިނޫން ގޮތްގޮތުންވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ދިޔައީ ކުރަމުން. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، ދެކުނުގެ 5 އަތޮޅުގައި މަސްގަނެ ފިނިކޮށް ހެދުމަށްޓަކައި، ތައްޔާރުވަމުންދާ، މަހުގެ މުއްސަނދިކަން ފައިދާހުރިގޮތުގައި ބޭނުންކުރުމާބެހޭ މަޝްރޫޢު. ކުވައިތު ފަންޑުން ލިބޭ ލޯނަކުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ މަސައްކަތްތައް މިހާރުވަނީ ފެށިފައި. މި މަޝްރޫޢަށް ބޭނުންވާ މަސްފިނިކުރާ 3 ބޯޓު ބަނުން ވަނީ ބޭރުގެ ކުންފުންޏަކާ ހަވާލުކުރެވިފައި. މަސްކިރާ 9 ބޯޓު ބަނުން މާލޭގައި ފެށިގެން ހިނގަމުން އެބަދޭ. އަދި މި މަޝްރޫޢުގެ ދަށުން މަސްވެރިކަމަށްޓަކައި ބޭނުންކުރާނޭ 100 މަސްދޯނި ބަނުމުގެ މަސައްކަތްވަނީ، އަލިފުށީގައި ތައްޔާރުކުރެވުނު ބޯޓުޔާޑުގައި ފެށިފައި. މި މަޝްރޫޢުގެ މަސްވެރިކަމާބެހޭބައި ހިނގައިގަތުމުން، ރާއްޖޭގެ މަސްވެރިކަމުގެ މުޅިން އާ ދައުރެއް ފެށުނީ ކަމުގައިވާނެ.

މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ލިބޭ ލޯނެއްގެ ދަށުން ހިންގާ، މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢާބެހޭ ކަންތައްތައްވެސް މިހާރު ވަނީ ފެށެންވެފައި. މި މަޝްރޫޢުގެ ދަށުން، ކޮޅުމަޑުލުން ފެށިގެން އުތުރަށްހުރި އަތޮޅުތަކުގައި ބޮޑެތި ތެޔޮތާނގީތައް ހަދައި، މަސްގަންނަ އިތުރު ބޯޓުފަހަރު ހޯދޭނެ.

ކުރިއްސުރެ ހިނގަމުން އަންނަ، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ޕްރޮގްރާމް، މިދިޔަ އަހަރުވެސް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވުނު. 1982 ވަނަ އަހަރުގެ ތެރޭގައި އިތުރަށް 196 ދޯނީގައި އިންޖީނު ބަހައްޓައިދެވުނު. އަހަރު ނިމުނުއިރު، 1,166 ދޯނީގައި ސަރުކާރުގެ ފަރާތުން އިންޖީނު ބަހައްޓައި ދެވިފައިވޭ.

ރާއްޖޭގެ މަސްވެރިންނަށާއި ދަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ނެރުއެތިގަނޑާއި ބޮއި ބައްތި ހަރުކޮށްދިނުމަށް، 1981 ވަނަ އަހަރު ފެށިފައިވާ ޕްރޮގްރާމްގެ ދަށުން، 1982 ވަނަ އަހަރު 20 ނެރުއެތިގަނޑާއި، ފަރުދައްކާ 8 ބޮޔާއި، 2 ބައްތި، ހަރުކޮށްދެވިފައިވޭ. ރާއްޖޭގެ އުތުރުއަތޮޅުތަކުގައި ހަރުކުރަން ހަމަޖެހިފައިވާ ބައި ހަރުކޮށް މިހާރު މިނިމުނީ. މިއަހަރު ތެރޭގައި ރާއްޖޭގެ ދެކުނު އަތޮޅުތަކުގެ މަސައްކަތް ހިންގޭނެ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކުރިން ދެންނެވި މަސައްކަތްތަކުގެ އިތުރަށް، މަސްވެރިކަމާބެހޭ އެކިއެކި ތަމްރީނުތައް ރާއްޖޭގެ ދަރިންނަށް ދިނުމުގެ ޕްރޮގްރާމްތައްވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ހިންގަމުން ގެންދެވުނު. އޭގެތެރޭގައި ބޭރުގެ މާހިރުން ރާއްޖެ ގެނެސްގެން ރާއްޖޭގައި ހިންގި ކަންތައްތަކާއި، ރާއްޖޭގެ މީހުން ބޭރުގެ ތަންތަނަށް ފޮނުވައިގެން ހިންގި ކަންތައްތައް ހިމެނޭ.

1979 ވަނަ އަހަރު އުފައްދާފައިވާ، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވަމުން ގޮސްފައިވޭ. ފެލިވަރުގައި ހިނގަމުންދިޔަ މޯލްޑިވް ނިޕޯން ކޯޕަރޭޝަންގެ މަސައްކަތް ހުއްޓާލުމާއެކު، އެރަށުގެ ފެކްޓަރީ ހިންގަން ފެށީ، އެމް.އެފް.ސީ.ގެ ފަރާތުން. އަދި އެމް.އެފް.ސީ.އިން މަސައްކަތްކޮށްގެން، ރާއްޖޭގެ ރޯމަހާއި ދަޅުގައި ބަންދުކުރި މަހަށް ބޭރުގެ މާކެޓް ހޯދައި، ފުރަތަމަފަހަރަށް ރާއްޖޭގެ މީހުން އަމިއްލައަށް ބޭރަށްގޮސް ރާއްޖޭގެ މަސް ވިއްކާ ހެދި.

މަސްވެރިކަމަކީ، ރާއްޖެއިން މިހާތަނަށް ލިބެންއޮތް އެންމެ މުއްސަނދި ޤުދްރަތީ ވަސީލަތް ކަމަށްވާތީ، މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކުރުމަށްވެސް ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދެމުންގެންދޭ. ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ބާރަށް ދުވާ ލާންޗުގައާއި މަތިންދާބޯޓުގައި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި، ރާއްޖޭގެ ހީވާގި ނޭޝަނަލް ސެކިއުރިޓީ ސާރވިސްގެ މީހުން، ވަރަށްގިނަ މަސައްކަތްތައް ކޮށްފައިވޭ. އަދި ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަން ބޭރު ޤައުމެއްގެ މަސްހިފާ ބޯޓެއް ހިފާފައިވެސްވޭ. މިކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ ބާރު، ކިތަންމެ ކުޑަމިންވަރަކަށް ނަމަވެސް މިހާރު ރާއްޖޭގައި ހުރިކަން ހާމަވެގެންދިޔަކަމެއް. މިކަމަށްޓަކައި، އެން.އެސް.އެސް.ގެ އޮފިސަރުންނަށާއި ޕްރައިވެޓުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ސާބަހާއި ތާރީފު ރައްދުކުރަނީ، ހިތުގެ އެންމެ ފުންމިނުން.

ބޯޓުފަހަރު ދުއްވުން

ބޯޓުފަހަރު ދުއްވުމަކީ ރާއްޖޭގެ އިޤްތިޞާދިއްޔަތަށް ވަރަށްމަތީ ފައިދާތަކެއް ލިބެމުންދާ ކަމެއް. ޚާއްޞަކޮށް، ބޭރުފައިސާގެ ގޮތުން ސަރުކާރަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހޯދައިދޭ ރޮނގެއް. ރާއްޖޭގެ ރައްޔިތުންގެ ގިނަބަޔަކަށް އެމީހުންގެ ދިރިއުޅުން ތަނަވަސްކޮށްދޭ މަސައްކަތެއްވެސްމެ.

1982 ވަނަ އަހަރު ނިމުނުއިރު އޮތީ ދިވެހި ސަރުކާރުގެ އަމިއްލަ 37 ބޯޓު. މިއީ، 1981 ވަނަ އަހަރު ނިމުނުއިރު އޮތް އަދަދަށްވުރެ ބޯޓުގެ ގޮތުން މަދު އަދަދެއް ކަމުގައިވިއަސް، ބޯޓުފަހަރުގެ ޓަނޭޖް ވަނީ އެ އަހަރަށްވުރެ އިތުރުވެފައި. 1982 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ބޯޓުފަހަރުގެ ޓަނޭޖަކީ، 320,859 ޓަނު.

1982 ވަނަ އަހަރަކީ، މުޅިދުނިޔޭގައިވެސް ބޯޓުފަހަރު ދުއްވުމުގެ ކަންތައްތައް ވަރަށް ބޮޑަށް ދަށަށްދިޔަ އަހަރެއް. ދުނިޔެ އިޙްސާސް ކުރަމުންދިޔަ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން، އެއްތަނުން އަނެއްތަނަށް ގެންދާ މުދާ މަދުވުމާއި، ކުރީ އަހަރުތަކުގައި ބޯޓު ބަންނަ ތަންތަން ގިނަވެ، އިތުރު ބޯޓުތައް ދަތުރުކުރާތީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ބޯޓުފަހަރުން މުދާ އުފުލުމުން ލިބޭ ފައިދާތައް މިދިޔަ އަހަރު ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައި. ދިވެހި ސަރުކާރުގެ ބޯޓުތައް ދުއްވާ ފަރާތް ކަމުގައިވާ މޯލްޑިވްސް ޝިޕިންގ ލިމިޓެޑަށްވެސް، މި ދަތިތަކާ ކުރިމަތިލާންޖެހުނު.

އެހެންކަމާއެކުވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމް.އެސް.އެލް. އަށް ލިބުނު އެއްޗަކުން، ސަރުކާރަށް 1,125,000 އެމެރިކާ ޑޮލަރު ލިބިފައިވޭ. އޭގެއިތުރަށް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި އެމް.އެސް.އެލް.ގެ ފަރާތުން ވަރަށްގިނަ ރޮނގުރޮނގުން ހިއްސާކުރަމުން ގެންދޭ. މީގެތެރޭގައި، ރާއްޖޭގެ ދެ އަތޮޅެއްގައި އަތޮޅު މަދަރުސާ ޢިމާރާތްކޮށްދިނުމާއި، ބޭރުން ހޯދާ މުދައްރިސުންގެ މުސާރައިން ބައެއް ދިނުމާއި، މާފުށީގައި ހިނގަމުންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް އެހީވެދިނުން ހިމެނޭ. އަދި، ރާއްޖޭގެ މަސްވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި، އެމް.އެސް.އެލް.ގެ ފަރާތުން ޢަމަލީގޮތުން ކުޅެމުންދާ ބައި، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ. ފޮނަދޫގައާއި، ހޯރަފުށީގައި ތައްޔާރުކުރަމުންދާ މަސްވެރި އަވަށް ހެދުމުގައިވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނާއެކު އެމް.އެސް.އެލް.އިން ވަނީ ބައިވެރިވެފައި. ކަން މިހެން ހުރުމާއެކު، މިހާރު ރާއްޖޭގައި ފެށިގެން ހިނގަމުންދާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމާބެހޭ މަޝްރޫޢުގެ މަސައްކަތްތަކުގެ ޢަމަލީބައި، މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނާ ގުޅިގެން ހިންގާ ފަރާތަކީވެސް އެމް.އެސް.އެލް. ކަމުގައި މިހާރުވަނީ ސަރުކާރުން ހަމަޖައްސާފައި.

ޓޫރިޒަމް

ޓޫރިޒަމަކީ އިޤްތިޞާދީގޮތުން ރާއްޖެއަށް މަތީ ފައިދާތަކެއް ހޯދައިދެމުން ގެންދާ މަސައްކަތެއް. ޚާއްޞަކޮށް، ރާއްޖެއަށް ބޭނުންވާ ބޭރުފައިސާ ލިބުމުގައި ޓޫރިޒަމަކީ ވަރަށް އެކަށީގެންވާ ބައެއް އަދާކުރާ މަސައްކަތެއް.

1982 ވަނަ އަހަރަކީ ރާއްޖޭގައި ޓޫރިޒަމްގެ މަސައްކަތް ފެށްޓިތާ 10 އަހަރު ފުރިހަމަވީ އަހަރު. އެހެން ކަމުގައިވިޔަސް، ޓޫރިޒަމްގެ މަސައްކަތުން ސަރުކާރަށް އެކަށީގެންވާ އާމްދަނީއެއް ލިބޭގޮތް ހަމަޖެއްސިފައިވަނީ، ހަމައެކަނި 1979 ވަނަ އަހަރުން ފެށިގެން މިވޭތުވެދިޔަ ހަތަރު އަހަރު.

ސަރުކާރުން އޭރުއްސުރެ މަސައްކަތްކުރަމުން މިގެންދަނީ، މި މުހިންމު އިޤްތިޞާދީ މަސައްކަތުން ލިބޭ ފައިދާތައް ރައްޔިތުންގެ ވީހާ ގިނަބަޔަކަށް ފޯރާނެގޮތް ހެދޭތޯ. މިހާރު ރާއްޖޭގައި ހުރި ޓޫރިސްޓް ރިޒޯޓުތައް ހުރީ ހަމައެކަނި މާލެ ކައިރީގައިވާ ރަށްތަކުގައި ކަމަށްވުމާއެކު، ރާއްޖޭގެ ކޮންމެވެސް އެހެން ދިމާއެއްގައި ޓޫރިޒަމްގެ ދެވަނަ ސަރަޙައްދެއް އުފެއްދުމާ ބެހޭގޮތުން ވަރަށްގިނަ ހޯދުންތައް ހޯދައި، ކަމާބެހޭ މަޝްރޫޢެއް 1982 ވަނަ އަހަރު ރޭވުނު. ސަރުކާރުން މިފަދަ މަޝްރޫޢެއް ރާވާއިރު އެންމެބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ، ރާއްޖޭގައި ކުރެވެންހުރި މަސައްކަތްތަކުގެ މަދުކަމާއެކު، އެއްމަސައްކަތެއްގެ ކުރިއެރުމަކީ އަނެއް މަސައްކަތަކަށް އެޅޭ ހުރަހަކަށް ނުވާނެ ގޮތެއްގެ މަތިން ރޭވުން.

1982 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 74,000 އަށްވުރެ އިތުރުވެފައިވޭ. މިއީ އޭގެ ކުރީ އަހަރަށްވުރެ %23 މަތީ އަދަދެއް. 1982 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގައި އޮތީ 44 ރިޒޯޓު. މީގެއިތުރަށް، ޓޫރިސްޓުން ތިބޭގޮތަށް ތައްޔާރުކުރެވިފައިވާ 4 ހޮޓަލާއި، 45 ގެސްޓްހައުސް މާލޭގައި ހުރި. އަދި ރާއްޖެތެރޭގައި 52 ގެސްޓްހައުސް ހުރި. މިދެންނެވި ޓޫރިސްޓް ތަންތަނުގެ ތެރޭގައި ސަރުކާރުގެ 14 ރިޒޯޓާއި، 3 ޓޫރިސްޓް ހޮޓާ ހިމެނޭ. 1982 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުގައި ހުރި އެނދުގެ އަދަދަކީ 4,095. މިއަދަދަށް ބަލާއިރު، 1981 ވަނަ އަހަރަށްވުރެ 1982 ވަނަ އަހަރު ގާތްގަނޑަކަށް %27 އެނދު އިތުރުވެފައިވޭ. ޓޫރިޒަމްގެ ދާއިރާއިން، އާމްދަނީގެ ގޮތުގައި 1982 ވަނަ އަހަރު ސަރުކާރަށް ލިބުނީ، ގާތްގަނޑަކަށް 20 މިލިޔަން ރުފިޔާ. މިއީ 1981 ވަނަ އަހަރު ލިބިފައިވާ ވަރަށްވުރެ %27 ގިނަ އަދަދެއް.

ރާއްޖޭގެ މުވާޞަލާތު

ކޮންމެ ޤައުމެއްގައިވެސް، މުވާޞަލާތާބެހޭ ކަންތައްތަކަކީ، ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށްބޮޑަށް އަސަރުފޯރުވަނިވި ކަންތައްތަކެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ވަކިވަކިންހުރި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖެއަކަށްވުމުން، މުވާޞަލާތުގެ ވަސީލަތްތަކަކީ އަޅުގަނޑުމެންގެ ޤައުމުގައި އަދި މާބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ކަމެއް. އެހެންކަމުން، ރާއްޖޭގެ މުވާޞަލާތުގެ ކަންތައްތައް ރަނގަޅުކުރެވޭތޯ މިގެންދަނީ ވަރަށްބޮޑަށް މަސައްކަތްކުރަމުން.

ރާއްޖެތެރޭގައި ދަތުރުފަތުރުކޮށް އުޅޭނޭ ރަނގަޅު ނިޒާމެއް އުފެއްދުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އޯޕެކް ފަންޑުގެ އެހީގައި ސަރުކާރުން ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫޢު މިއަހަރު ހުސްވުމުގެ ކުރިން ފެށޭވަރުވާނެކަމަށް ވަރަށްބޮޑަށް އުންމީދު ކުރެވޭ. މި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ދުއްވުމަށްޓަކައި ހޯދާ، 75 ޓަނުގެ ދެ ބޯޓު މިހާރު ވަނީ ބަންނަން ފަށާފައި.

ރާއްޖެތެރޭގައި ވައިގެ މަގުން ދަތުރުކުރެވޭނޭގޮތް ތަނަވަސްކުރުމަށްޓަކައި، ހައްދުންމަތީ ކައްދޫގައާއި، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސަރުކާރުގެ ފަރާތުން ހަދަމުން ގެންދާ ވައިގެ ބަނދަރު ހެދުމުގެ މަސައްކަތް، 1982 ވަނަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. އަދި ކުރީ އަހަރެކޭވެސް އެއްފަދައިން، މާލެއާއި އައްޑުއަތޮޅު ގަމާ ދެމެދުގައި ވައިގެ ދަތުރުތައް ގަވާއިދުން ކުރެވެމުންދިޔަ.

މުވާޞަލާތުގެ އަނެއް ވަސީލަތް ކަމުގައިވާ ޓެލެފޯނުގެ ރޮނގުގައިވެސް މިދިޔަ އަހަރު ރާއްޖޭގައި ވަނީ އިތުރު ކުރިއެރުމެއް ހޯދިފައި. އެއީ، އަތޮޅުތަކުގެ އަތޮޅުވެރިކަން ކުރާ ރަށްރަށާއި މާލެއާ ދެމެދުގައި ޓެލެފޯނުގެ ޛަރީޢާއިން ވާހަކަ ދެއްކޭނެ މަގު ތަނަވަސްވެގެން ދިޔުން. 1983 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ ޓެލެކޮމިއުނިކޭޝަންސް އަހަރު ކަމަށްވުމާއެކު، މިއަހަރުގެ ތެރޭގައި ރާއްޖޭގައިވެސް ޓެލެކޮމިއުނިކޭޝަންގެ ކަންތައްތައް މިހާރަށްވުރެ ތަރައްޤީކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ.

ރާއްޖޭގެ މުވާޞަލާތު ތަރައްޤީކުރުމުގެ ގޮތުން މިދިޔަ އަހަރު އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެތެރޭގެ އަތޮޅުވެރިކަން ކުރާ ރަށްރަށުގައި ސަބްޕޯސްޓް އޮފީސް ހުޅުވުންވެސް ފާހަގަކުރެވޭ. އަހަރު ނިމުނުއިރު، 12 ރަށުގައި ވަނީ ސަބްޕޯސްޓް އޮފީސް ހުޅުވިފައި.

ވިޔަފާރި

1982 ވަނަ އަހަރަކީ ދުނިޔޭގެ ވިޔަފާރީގެ ހަރަކާތްތަކަށް ވަރަށްބޮޑު ހުއްޓުމެއް އައި އަހަރެއް. އެހެންނަމަވެސް، ރާއްޖޭގައި ހިނގަމުންދާ ވިޔަފާރި އެއަހަރުގެ ތެރޭގައިވެސް ވަނީ ކުރިއަށް ގޮސްފައި. ސަރުކާރުގެ ވިޔަފާރިއާއި އަމިއްލަ ފަރާތްތަކުގެ ވިޔަފާރިވެސް ކުރީ އަހަރަށްވުރެ ވަނީ އިތުރުވެފައި. އަދި ބޭރުގެ އިންވެސްޓްމަންޓްވެސް ވަނީ އިތުރުވެފައި.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރި ކުރިއަށްދިޔަކަން އެންމެބޮޑަށް ހާމަކޮށްދޭ އެއްކަމަކީ، މީގެކުރިން ރާއްޖޭގައި ހިނގަމުން އައި 3 ބޭންކުގެ އިތުރަށް، މުޅިން އާ ދެ ބޭންކެއް ރާއްޖޭގައި ހުޅުވުނުކަން. އޭގެތެރެއިން އެއްބޭންކަކީ، ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ ކުންފުންޏަކާ ގުޅިގެން "ބޭންކް އޮފް މޯލްޑިވްސް" ގެ ނަމުގައި ހުޅުވުނު ބޭންކަކަށްވީކަން، އެއީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް.

ސަރުކާރުގެ ވިޔަފާރިކުރާ ފަރާތް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ވިޔަފާރިވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގޮސްފައިވަނީ ހިތްހަމަޖެހޭފަދަ ގޮތެއްގައި. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށާއި، އެނޫންވެސް ވަރަށްގިނަ ބާވަތްތަކުގެ މުދާ ރާއްޖެއަށް އެތެރެކޮށް، ރާއްޖޭގެ ރައްޔިތުން އުފައްދާ އެންމެ މުހިންމު ދެބާވަތް ކަމުގައިވާ ހިކި ކަނޑުމަހާއި ލޮނުމަސް ގަނެ އެކްސްޕޯޓް ކުރަމުން ގެންދިޔައީވެސް އެސް.ޓީ.އޯ.އިން. ރައްޔިތުން އުފައްދާ ތަކެއްޗަށް ރަނގަޅު އަގު ހޯދައިދެވޭތޯ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެސް.ޓީ.އޯ.އިން ވަރަށްބޮޑަށް މަސައްކަތްކޮށްފައިވޭ. އޭގެތެރޭގައި، ރާއްޖެތެރެއިން ގެންނަ މުދާ ހަމައެކަނި މާލެއަށް ވިއްކޭގޮތަށް އޮތުމުގެ ބަދަލުގައި، މާލެއަތޮޅު މާފުށީގައާއި ތުލުސްދޫގައި އެސް.ޓީ.އޯ. އަށް އެތަކެތި ގަންނާނެ އިންތިޒާމު ރާވައި، މެދުތެރޭ މީހެއްނެތި އެތަކެތި އުފައްދާ މީހުން އަތުން ސީދާ އެތަންތަނަށް ގަންނަ އުސޫލެއް ހަމަޖެއްސިކަން އެއީ، ރާއްޖޭގެ ޢާންމު ވިޔަފާރިއަށް ގެނެވުނު ރަނގަޅު އިޞްލާޙެއް ކަމަށް އަޅުގަނޑު ދެކެން.

އެސް.ޓީ.އޯ. އިން ވިޔަފާރީގެ ރޮނގުތަކުން ފިޔަވަޅުތައް އަޅަމުން ގެންދިއުމުގައި ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ ތަރައްޤީއަށްވެސް ޚިދުމަތްތަކެއް ކުރަމުންދާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. ހަމައެފަދައިން، ރާއްޖޭގެ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ މަސްވެރިކަން ކުރިއަށް ގެންދިއުމަށްވެސް އެސް.ޓީ.އޯ. އިން މަސައްކަތްކުރަމުން އެބަގެންދޭ. އެހެންކަމާއެކު، މިހާރު އައި.ޑީ.އޭ.ގެ ލޯނެއްގެ އެހީގައި ރާއްޖޭގައި ފަށަން ގަސްތުކުރެވިފައިވާ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢު ހިންގާ ފަރާތަކީ އެސް.ޓީ.އޯ. ކަމުގައި ވަނީ ހަމަޖެއްސިފައި.

މިކަންކަމުގެ އިތުރަށް އެސް.ޓީ.އޯ. އިން ސަރުކާރުގެ އާމްދަނީއަށްވެސް ވަރަށްބޮޑު ހިއްސާއެއް ލިބޭ. 1981 ވަނަ އަހަރު އެސް.ޓީ.އޯ.ގެ ފައިދާގެ ގޮތުގައި ސަރުކާރަށް ވަނީ 15.2 މިލިޔަން ރުފިޔާ ލިބިފައި. 1982 ވަނަ އަހަރު އެސް.ޓީ.އޯ.ގެ ފައިދާއަށް 16.6 މިލިޔަން ރުފިޔާ ލިބޭނެކަމަށް މިހާތަނަށް ކުރެވިފައިވާ ހިސާބުތަކުން ދައްކާ. މިއީ 1981 ވަނަ އަހަރު އެސް.ޓީ.އޯ.އިން ވީ ފައިދާއަށްވުރެ %9 އިތުރު އަދަދެއް.

ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ މަސައްކަތްތައްވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެކަށީގެންވާ ރަނގަޅުގޮތުގައި ހިނގަމުންދިޔަ. އެ ކުންފުނީގެ ވިޔަފާރިން، 1981 ވަނަ އަހަރު %28 (-/50 ރުފިޔާގެ ހިއްސާއަކަށް -/14 ރުފިޔާ) ފައިދާވި.

އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި ކުރަމުންގެންދާ ގިނަގުނަ މަސައްކަތްތަކުގެ އަގު، އަޅުގަނޑު ވަޒަންކުރަނީ، ހިތްހަމަޖެހުމާއެކު. 1982 ވަނަ އަހަރު އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރި މުދާ، 1981 ވަނަ އަހަރު އެތެރެކުރި މުދަލަށްވުރެ ދެގުނައަށްވުރެ ބޮޑު އަދަދަކަށް އިތުރުވެފައިވޭ. އާދެ! 1982 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަގުގެ ޖުމްލައަކީ ގާތްގަނޑަކަށް 228 މިލިޔަން ރުފިޔާ. އަދި ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގުގެ ޖުމްލައަކީ ގާތްގަނޑަކަށް 72 މިލިޔަން ރުފިޔާ. މިއީ، 1981 ވަނަ އަހަރާ ނިސްބަތްކޮށް ބަލާއިރު، (ފައިސާގެ އަގަށް ގެނެވުނު ބަދަލާއެކު) އެކްސްޕޯޓް ކުރުމުގައި %53، އަދި އިމްޕޯޓް ކުރުމުގައި %45 އިތުރުވެފައިވާ އަދަދެއް.

ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންނަށް ސަރުކާރުން ދެވޭ ޢިނާޔަތްތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ދެމުން ގެންދެވިފައިވޭ. މިގޮތުން، 1982 ވަނަ އަހަރު، ބޮޑެތި މަސައްކަތް ކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށް އެކިއެކި ފަރާތްފަރާތަށް 1.19 މިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ސަރުކާރުން ދޫކުރެވިފައިވޭ.

ރާއްޖޭގެ ވިޔަފާރި ކުރިއަރަމުންދާއިރު، އެއިން ލިބޭ ހުރިހާ ފައިދާތައް ރާއްޖެއިން ބޭރުވެގެންދިޔަނުދީ ރާއްޖޭގެ ރައްޔިތުންނަށް އެއިން މަންފާކުރާނެ ގޮތްތައް ރޭވުމަކީ، ސަރުކާރާއި އަމިއްލަ ފަރާތްތަކުން މިހާރު ވަރަށްބޮޑަށް ވިސްނަންވެފައިވާ ކަމެއްކަމަށް މި މަގާމުގައި އަޅުގަނޑު ދަންނަވަން.

ދަނޑުވެރިކަން

ދަނޑުވެރިކަމަކީ، ރާއްޖޭގައި އަޅުގަނޑުމެންނަށް އެކަމުގެ މައްޗަށް އެކަށީގެންވާ ސަމާލުކަން ނުދެވިއޮތް، ނަމަވެސް އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް މަތިވެރި ފައިދާތަކެއް ހާސިލުކުރެވިދާނެ މަސައްކަތެއް. އަދި، އެއީ މިހާރު ރާއްޖެއިން ބޭރުން ގެންނަންޖެހޭ ވަރަށްގިނަ ބާވަތްތަކެއްގެ ތަކެތި ރާއްޖޭގައި އުފެއްދިއްޖެނަމަ، ތަރައްޤީގެ އެހެން ރޮނގުރޮނގަށް ނުހަނުބޮޑަށް ބޭނުންވެފައިވާ ބޭރުފައިސާގެ ގިނަ އަދަދެއް ސަލާމަތްވެ، ރައްޔިތުންގެ އެތައް ބަޔަކަށް އިތުރު އާމްދަނީ ލިބޭނޭގޮތް ހޯދައިގަނެވިދާނެ މަސައްކަތެއް.

މިހެންކަމުން، ވޭތުވެދިޔަ އަހަރުގެ ޤައުމީ ދުވަހު އަޅުގަނޑު ދިވެހި ޤައުމާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި، 1983 ވަނަ އަހަރަކީ ރާއްޖޭގައި ގަސްއިންދުމުގެ އަހަރެއް ކަމުގައި ހެދުމަށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރިން. އަދި މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމާބެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، ވަރަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ހަމަޖެހިފައި. އެކަމާބެހޭ އިންތިޒާމުތައް، މިހާރު ކުރެވެމުން އެބަދޭ.

ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރެވޭތޯ ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ވަރަށްބޮޑަށް މަސައްކަތް ކުރެވިފައިވޭ. އޭގެތެރޭގައި، ރާއްޖޭގެ އެންމެ ޚާއްޞަ ގަހެއް ކަމުގައިވާ ދިވެހިރުއް އިންދުމަށް އިތުރު ބާރެއް ލެވުނު. މިހާތަނަށް ލިބުނު ހިސާބުތަކުން ލަފާކުރެވޭގޮތުގައި، 1982 ވަނަ އަހަރު ރާއްޖޭގައި 65,000 އަށްވުރެ ގިނަ އަދަދެއްގެ ރުއް އިންދިފައިވޭ. މިއީ، ކުރީ އަހަރުގެ ނިސްބަތުން، ގާތްގަނޑަކަށް %8 އިތުރު އަދަދެއް. ރުއް އިންދުން އިތުރުވީއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ކެނޑުނު ރުކުގެ އަދަދު ވަރަށް ބޮޑުތަން ވަނީ މަދުވެފައި. 1981 ވަނަ އަހަރު ރާއްޖެއިން ގާތްގަނޑަކަށް 50,000 ރުއް ކެނޑިފައިވޭ. 1982 ވަނަ އަހަރު ކެނޑުނުކަމަށް އެނގިފައިވަނީ 8,000 ރުކަށްވުރެވެސް މަދުން. މިރޮނގުން މިހާބޮޑު ބަދަލެއް ގެނެވުނީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ހަމަޖެއްސި ގަވާއިދުތަކެއްގެ ސަބަބުން. އެއީ، 1 ޖޫން 1982 ދުވަހުން ފެށިގެން، ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ފުރަބަންޑާރަ ރުކާއި ލަކުޑި ކަނޑައިދިނުން ހުއްޓާލުން. މިކަމުގެ ސަބަބުން މަދުވެގެން ދިޔައީ، ހަމައެކަނި ރުއް ކެނޑުމެއް ނޫން. ރާއްޖޭގައި ހެދޭ، ފުނަ، ކާނި، މަދޮށިފަދަ ލަކުޑި ގަސްތައް ކެނޑުންވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ކުރީ އަހަރަށްވުރެ އެތައް ތަނެއް މަދުވެފައިވޭ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމުގެ ގޮތުން، ރާއްޖޭގެ މީހުންނަށް ތަރުކާރީއާއި މޭވާ އިންދާ ހައްދާނޭގޮތް ދަސްކޮށްދިނުމަށްޓަކައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭއްވުނު މަސައްކަތު ބައްދަލުވުމެއް އަރިއަތޮޅު ފެރިދޫގައި ބޭއްވުނު. މި ބައްދަލުވުމުގައި، ރާއްޖޭގެ 11 އަތޮޅުން 28 މީހުން ބައިވެރިވެފައިވޭ.

ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފް.އޭ.އޯ.)އާ ގުޅިގެން، ސަރުކާރުން ހިންގާ މަޝްރޫޢުތައްވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވިފައިވޭ. އޭގެތެރޭގައި، އަރިއަތޮޅު ފެރިދޫގައި ހިންގާ ނަމޫނާ ދަނޑާއި، ރާއްޖެތެރޭގެ ރަށްރަށަށް މީދާމަރާ ބޭސް ދިނުންފަދަ ކަންތައްތައް ހިމެނޭ. އެފް.އޭ.އޯ.ގެ އެހީގައި ކުރިއަށް އޮތްތާނގައި ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ދަނޑުތަކަށާއި ގަސްތަކަށްޖެހޭ ބަލިތަކަށް ބޭސް ހޯދުމާއި، ރާއްޖޭގެ މީހުންނަށް ދަނޑުވެރިކަމާބެހޭ ތަމްރީނު ދިނުމާއި، ރުކުމަޑިއާއި މީދާ މެރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުން ހިމެނޭ.

ބޭރުގެ އެހީ

1982 ވަނަ އަހަރުވެސް ރާއްޖެއަށް ބޭރުގެ އެކިއެކި ފަރާތްފަރާތުން ތަފާތު ރޮނގުރޮނގުން އެހީ ލިބިފައިވޭ. އެފަދަ އެހީތައް ބޭނުންކުރެވިފައިވަނީ އަދި ބޭނުންކުރެވެމުން ދަނީ، ރައްޔިތުންނަށް ފައިދާހުރި އެކިއެކި މަޝްރޫޢުތަކުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގައި.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް ލިބިފައިވާ ބޭރުގެ އެހީގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެނީ، މާލޭގައި އިސްލާމީ މަރްކަޒެއް ބިނާކުރުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން، ނުހަނު ދީލަތިގޮތެއްގައި ދެއްވި ދެމިލިޔަން އެމެރިކާ ޑޮލަރުގެ އެހީ. މިދެންނެވި އެހީއާއެކު، 1982 ވަނަ އަހަރު ރާއްޖެއަށް ބޭރުގެ އެހީގެގޮތުން ފައިސާއިން ލިބިފައިވަނީ، ގާތްގަނޑަކަށް 19 މިލިޔަން ރުފިޔާ. މިއީ، ބޭރުގެ އެހީއަށް 1981 ވަނަ އަހަރު ލިބިފައިވާ ފައިސާއަށްވުރެ %175 އިތުރު އަދަދެއް.

މީގެއިތުރަށް، ކާބޯތަކެއްޗާއި، ބޭހާއި، އެނޫންވެސް ބައެއް ތަކެތި، އެހީގެގޮތުގައި ލިބިފައިވޭ. އެ ތަކެތީގެ އަގަށް ގާތްގަނޑަކަށް 4.8 މިލިޔަން ރުފިޔާވޭ. ރާއްޖޭގެ މީހުން ބޭރު ތަންތަނަށް ގޮސްގެން ތަޢްލީމު ހާސިލުކުރެވޭނެގޮތް ހޯދައިދިނުމާއި، ބޭރުގެ މާހިރުން ރާއްޖެއަށް އައިސް އެމީހުންގެ އިރުޝާދު ދިނުމުގެ ގޮތުންވެސް، ރާއްޖެއަށް ބޭރުގެ އެހީ މިދިޔަ އަހަރު ލިބިފައިވޭ. ރާއްޖެއަށް އެހީވެދޭ ހުރިހާ ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ޝުކުރުވެރިވަން.

ޝައްކެއްނެތް. ތަރައްޤީވަމުން އަންނަ ވަރަށްގިނަ ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ރާއްޖެވެސް، ތަރައްޤީގެ މަގުގައި އަޅަމުންދާ ފިޔަވަޅުތަކުގައި ބޭރުގެ އެހީއަކީ ވަރަށް މުހިންމު ބައެއް އަދާކުރާ ބަހާއެއް. ބޭރުގެ އެހީ ލިބެމުންނުދާނަމަ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ވަރަށްގިނަ ކަންތައްތައް، މިހާރު އަޅުގަނޑުމެންނަށް ކުރެވެމުންދޭ.

ޚާރިޖީ ހިންގުން

ވޭތުވެދިޔަ އަހަރު، ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން، ރާއްޖޭގެ ސިޔާސަތު ހާމަކުރިއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފުރިހަމައަށް ރައްކާތެރިވުމާއެކު، އިޤްތިޞާދީ ރޮނގުންނާއި އިޖުތިމާޢީ ރޮނގުން ރާއްޖެއަށް އިތުރު ފައިދާތައް ލިބޭނެގޮތުން، ބޭރުގެ އެކިއެކި ޖަމާޢަތްތަކާ ގުޅުން އުފެއްދުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ ޚާއްޞަ އެއްބައި ކަމުގައި އަޅުގަނޑު ދެންނެވިން. މި ސިޔާސަތުގެ މަތިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ވަރަށް މުހިންމު ފިޔަވަޅެއް އަޅާފައި. އެއީ ބައިނަލްއަޤްވާމީ ޖަމާޢަތެއް ކަމުގައިވާ ކޮމަންވެލްތް އޮފް ނޭޝަންސްއާ ގުޅުން. މިހިސާބުގަނޑުގެ ހުރިހާ ޤައުމަކީވެސް ކޮމަންވެލްތްގެ މެންބަރުން ކަމުގައިވާތީ، ރާއްޖެ ކޮމަންވެލްތާ ގުޅުމުން، އެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގައިވާ ގުޅުމަށް އިތުރު ބަދަހިކަމެއް އައިކަން ކަށަވަރު.

ކޮމަންވެލްތްގެ ޚާއްޞަ މެންބަރަކަށް ދިވެހިރާއްޖެ ވުމަށްފަހު، އެންމެ ފުރަތަމަ ބޭއްވުނު، ކޮމަންވެލްތުގައި ހިމެނޭ އޭޝިއާއާއި ޕެސިފިކް ޤައުމުތަކުގެ ވެރިންގެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. އެކަމުގެ ސަބަބުން. މިހިސާބުގަނޑުގެ ޤައުމުތަކަށް އަޅުގަނޑުމެންގެ ރާއްޖެ އިތުރަށް ތަޢާރުފުވެ، އެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގައި އިތުރު ގުޅުންތައް އުފެއްދުމުގެ ފުރުޞަތު ލިބުނު.

ޚާރިޖީ ހިންގުމުގައި، ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައިވެސް އެންމެބޮޑަށް ސަމާލުކަން ދީފައިވަނީ، ގިނަ ޤައުމުތަކާ އެކުވެރިކަން އުފައްދައި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ވީވަރަކުން ޢަމަލީގޮތުން ބައިވެރިވެ، ރާއްޖޭގެ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް.

ވޭތުވެދިޔަ އަހަރު އިނގިރޭސި ސަރުކާރުގެ ދަޢުވަތަކަށް، އަޅުގަނޑު އެ ޤައުމަށް ރަސްމީ ޒިޔާރަތެއް ކުރިން. އެ ދަތުރުގެ ސަބަބުން، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމަށް އިތުރު ކުރިއެރުމެއް އައިކަމަށް އަޅުގަނޑު ދެކެން.

އިނގިރޭސިވިލާތުގެ އިތުރަށް، މިދިޔަ އަހަރު އަޅުގަނޑު ރަސްމީގޮތުން ޒިޔާރަތްކުރީ ސަޢޫދީ ޢަރަބިއްޔާއަށް. އެއީ، އެތާނގެ ކުރީގެ ރަސްގެފާނު އަވަހާރަވެގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް. މިދަތުރުގައާއި، އޭގެފަހުން ނުރަސްމީގޮތުން މިދިޔަ އަހަރު އަޅުގަނޑު އެ ޤައުމަށް ކުރި ދެ ދަތުރެއްގައި، އެތާނގެ މިހާރުގެ ރަސްގެފާނާ ބައްދަލުކޮށް، އަޅުގަނޑުމެންގެ މި ސަތޭކައަކުންސަތޭކަ މުސްލިމުން އުޅޭ ޤައުމާއި، އިސްލާމީ ދުނިޔޭގެ އެންމެ ޚާއްޞަ ޤައުމެއް ކަމަށްވާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގެ ގުޅުން ބަދަހިކުރުމުގެ ޢަމަލީ ފިޔަވަޅުތަކެއް އެޅުމުގެ މަގު ތަނަވަސްވި. އަޅުގަނޑުގެ އިތުރަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އަދިވެސް ބައެއް އެހެން ވަޒީރުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެކުވެރި ޤައުމުތަކަށް ޒިޔާރަތްކުރައްވައި، އެކި ރޮނގުރޮނގުން ރާއްޖެއާއި އެ ޤައުމުތަކާ ދެމެދުގެ ގުޅުން އިތުރުކުރުމުގެގޮތުން ފިޔަވަޅުތައް އެޅިފައިވޭ.

ބޭރު ޤައުމުތަކާ ރާއްޖެއާ ދެމެދުގެ ގުޅުން ތަރައްޤީވަމުންދާ ނިސްބަތުން، އެ ޤައުމުތަކާއެކު ތަފާތު ރޮނގުރޮނގުން އެގްރީމަންޓުތައް ދަނީ ކުރެވެމުން. އޭގެތެރޭގައި، ވޭތުވެދިޔަ އަހަރު ޢިރާޤާއެކު ކުރެވުނު، ޘަޤާފީ ގޮތުންނާއި ޢިލްމީގޮތުން އެއްބާރުލުމުގެ އެގްރީމަންޓާއި، ޕާކިސްތާނާއި، ނޭޕާލާއި، ހުޅަނގު ޖަރުމަނާ މިތިން ޤައުމާއެކު އެއްބަސްވެވުނު ވީޒާއާބެހޭ އެއްބަސްވުމާއި، އެމެރިކާއާއެކު ކުރެވުނު ރާއްޖޭގައި އުފައްދާ ތައްޔާރީ ހެދުން އެކްސްޕޯޓް ކުރުމާބެހޭ އެގްރީމަންޓާއި، އދ.އިން ފާސްކޮށްފައިވާ ކަނޑާބެހޭ ޤާނޫނުގެ ބައިނަލްއަޤްވާމީ މުޢާހަދާ ފާހަގަކޮށްލެވޭ.

ވޭތުވެދިޔަ އަހަރު ރާއްޖެ ސިޔާސީ ގުޅުން އުފެއްދި ޑެންމާކާއެކު، މިހާރު ދިވެހިރާއްޖެ ދުނިޔޭގެ 55 ޤައުމަކާ ސިޔާސީގޮތުން ގުޅިފައިވޭ. އަދި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ކޮމިޓީތަކުގެ ތެރެއިން، 27 ޖަމްޢިއްޔާގައާއި، 3 ކޮމިޓީގައި މިހާރު ރާއްޖެވަނީ ބައިވެރިވެފައި.

މުސްލިމް ދުނިޔެއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް ކުރިއަށް ގެންދިއުމުގެ ގޮތުންވެސް، 1982 ވަނަ އަހަރުގެ ތެރޭގައި، ވަރަށް ޚާއްޞަ ފިޔަވަޅެއް އެޅިފައިވޭ. އެއީ، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ހުޅުވުމާ ބެހޭގޮތުން ދިވެހި ސަރުކާރާ އެ ޖަމްޢިއްޔާއާ ދެމެދުގައި އެގްރީމަންޓެއް ކުރުން. ވަރަށް ކައިރި މުސްތަޤްބަލެއްގައި އެ ޖަމްޢިއްޔާގެ އޮފީހެއް މާލޭގައި ހުޅުވޭނެ.

                                                                                                                                    ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށްއޮތް އަހަރުވެސް ދައުލަތް ހިންގުމަށް ސަރުކާރުން ގަސްތުކުރަނީ، މީގެކުރީ އަހަރުތަކުގައިވެސް ދައުލަތް ހިންގަމުން ގެންގޮސްފައިވާ ސިޔާސަތުގެމަތިން. އެ ސިޔާސަތަކީ، ރާއްޖޭގެ ރައްޔިތުންގެ ފައިދާއާއި ތަރައްޤީއަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަމުން ގެންދިއުމުގެ ސިޔާސަތު. ރާއްޖޭގެ ފަޚްރެއް ކަމުގައިވާ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ރައްކާތެރިކުރުމުގެ ސިޔާސަތު. އަދި ރާއްޖޭގެ ޝަރަފެއް ކަމުގައިވާ އިސްލާމްދީނުގެ އުސޫލުތައް ދިރުވައި، އެ އުސޫލުތަކަށް ޢަމަލުކުރުމާއެކު، ޤައުމުގެ އަފްރާދުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އުފެއްދުމުގެ ސިޔާސަތު.

މި ސިޔާސަތު ހިންގުމުގައި، ރައްޔިތުންގެ ވަކީލުން ކަމުގައިވާ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ތާއީދާއި އެހީ ސަރުކާރަށް ލިބުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއާއެކު، ރާއްޖޭގެ އެންމެހައި ރައްޔިތުންގެ އިޚްލާޞްތެރިކަމާއި އެއްބާރުލުމުގެ ބޭނުންތެރިކަން ބޮޑުކަންވެސް މިމަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން.

ދާޚިލީ ސިޔާސަތު

ކުރިއަށްއޮތް އަހަރު ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތުގެ ބިންގަލެއް ކަމުގައި ބަލާނީ، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި މުސާވާތު ޤާއިމުކޮށް، މިނިވަންކަމުގެ އަސާސީ ޙައްޤުތައް، ޤާނޫނުގައިވާ ގޮތުގެމަތިން އެންމެހައި ރައްޔިތުންނަށް ހޯދައިދިނުން. ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެނިވި ގޮތްތައް ހޯދައިދިނުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ތަރައްޤީކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުން، ސަރުކާރާއި ރައްޔިތުންގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއަށް ގެންދިއުމަށް ބާރުއެޅުން.

އަޅުގަނޑުމެންގެ ޤައުމަކީ، ވަރަށް ކުރިއްސުރެ އަމިއްލަ މިނިވަންކަމެއް ދަމަހައްޓަމުން އައިސްފައިވާ މުސްތަޤިއްލު ޤައުމެއް. އިސްލާމްދީނުގެ ހިދާޔަތު ލިބިފައިވާ ނަސީބުވެރި ޤައުމެއް. އަޅުގަނޑުމެން އެންމެންނަކީ، އެއްބަހަކުން ވާހަކަ ދައްކާ، އެއް އާދަކާދަތަކެއް ގެންގުޅޭ ބައެއް. އެހެންކަމާއެކު، ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އެންމެހައި ކަންތައްތައް ބިނާކުރަމުން ގެންދަންވާނީ، އަޅުގަނޑުމެންގެ މި އަގުހުރި އެއްބައެއްވަންތަކަން، އަންނަނިވި ޖީލުތަކަށްވެސް ދެމެހެއްޓޭނެ ގޮތުގެމަތިން. އަދި އަޅުގަނޑުމެންގެ ފަޚްރުވެރި މިނިވަންކަމާއި، ޝަރަފުވެރި ދީނާއި، އަގުހުރި ތާރީޚާއި ޘަޤާފަތު ރައްކާތެރިކުރެވޭނެ ގޮތުގެމަތިން.

ކުރިއަށްއޮތް އަހަރު، ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އެންމެ މުހިންމު އެއްބަޔަކަށް ވާނީ، ސަރުކާރު ހިންގުމުގެ ކަންތައްތައް ހަރުދަނާކޮށް ހަލުވިކުރެވޭތޯ މަސައްކަތްކުރުން. މިނިސްޓްރީތަކާއި އޮފީސްތަކުން ކުރާ މަސައްކަތްތައް ތަރުތީބުކޮށް، އެތަންތަނުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ބާރުއެޅުން. ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އެންމެ ޚާއްޞަ އެއްބައިކަމަށް މިހާރު ވެފައިވާ، އިޖުތިމާޢީ ޚިދުމަތްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ. ރާއްޖެތެރޭގައި، އިތުރު ތަޢުލީމީ މަރްކަޒުތަކާއި މަދަރުސާތަކާއި، އިތުރު ޞިއްޙީ މަރްކަޒުތައް ހުޅުވުމާއި، ދަތުރުފަތުރުކޮށް އުޅުމުގެ އާ ވަސީލަތްތައް ޤާއިމުކުރުންފަދަ ކަންތައްތަކަށް ސަރުކާރުގެ ފަރާތުން އިސްކަންދޭނެ. މުޖުތަމަޢުގެ އެންމެ ޚާއްޞަ އެއްބައި ކަމުގައިވާ، އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް ރަނގަޅުކުރުމަށް، އިތުރު ފިޔަވަޅުތައް އަޅަމުން ގެންދާނެ.

ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އަންނަ ބަދަލުތަކުން، ރައްޔިތުންގެ މަޢީޝަތަށް ކުރަމުންދާ އަސަރުތަކާމެދު ދައުލަތުގެ ދާޚިލީ ސިޔާސަތު ބިނާކުރުމުގައި ވަރަށްބޮޑަށް ވިސްނަންޖެހޭ. އެހެންކަމުން، ވޭތުވެދިޔަ އަހަރު ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އައި ބަދަލާއެކު، ރާއްޖެއާ ކުރިމަތިވި އިޤްތިޞާދީ ދަތިތަކުގެ ސަބަބުން، ކުރިއަށްއޮތް އަހަރު އިޤްތިޞާދީގޮތުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގަސްތުކުރެވިފައި. މިފަދަ ފިޔަވަޅުތައް އެޅުމުގައިވެސް ދައުލަތުގެ ސިޔާސަތަކަށް ވާނީ، ރައްޔިތުންނަށް މާބޮޑު ބުރައެއް އުފުލަން ނުޖެހޭނެގޮތްތައް ހޯދޭތޯ ބެލުން. އަދި ރާއްޖޭގެ ރައްޔިތުންނަކީ އިޤްތިޞާދީގޮތުން ލޯ ހުޅުވި، ކުރިއަށް އޮތްތާނގައިވެސް ދިމާވެދާނެ ދައްޗަކަށް ތައްޔާރުވެ ތިބި ބައެއް ކަމުގައި ހެދޭތޯ މަސައްކަތް ކުރުން.

އިޤްތިޞާދީގޮތުން ރާއްޖޭގައި ކުރެވޭ އެންމެ މުހިންމު މަސައްކަތްތައް ކަމުގައިވާ މަސްވެރިކަމާއި، ޓޫރިޒަމާއި، ބޯޓުފަހަރު ދުއްވުންފަދަ މަސައްކަތްތައް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިހާރަށްވުރެ ކުރިޔަށް ގެންދެވޭތޯ ސަރުކާރުން ކުރެވެންއޮތްހާ މަސައްކަތެއް ކުރާނެ. އަދި ރާއްޖޭގައި މިހާރުވެސް ހިނގަމުން އަންނަ މިނިވަން ވިޔަފާރީގެ ސިޔާސަތު، ކުރިޔަށް އޮތްތާނގައިވެސް ދަމަހައްޓާނެ. ބޭރުގެ އިންވެސްޓަރުންނަށް ދީފައިވާ ޙިމާޔަތް ކުރިޔަށް އޮތްތާނގައިވެސް ހަމަ އެގޮތަށް އޮންނާނެ.

ޚާރިޖީ ސިޔާސަތު

ދުނިޔޭގެ ސިޔާސީ އޮޔާއި ވައި ހިނގަމުންދާ ގޮތުގެ މައްޗަށް ބަލާއިރު، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރާއްޖެ އޮތް ޖުޣްރާފީ މަގާމާ ކައިރި ހިސާބުގައިވާ ތަންތާނގައި ކަންތައްތައް ހިނގަމުންދާ ގޮތަށް ވިސްނާއިރު، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި، ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗެއް ކަމުގައި ދައުލަތުގެ ޚާރިޖީ ސިޔާސަތު ހިމެނިގެންވޭ. އަދި
އެ ސިޔާސަތު ހަރުދަނާގޮތެއްގައި ދެމެހެއްޓުން އެއީ، ޤައުމުގެ ސިޔާސީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައިވެސް ބޭނުންކަމެއް ކަމުގައިވޭ.

ކަން މިހެން ހުރުމާއެކު، ވޭތުވެދިޔަ ތިންހަތަރު އަހަރަކުއްސުރެ ދައުލަތުން ޚިޔާރުކޮށްފައިވާ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގެންނަން ގަސްތުކުރެވިފައި ނެތްކަން، އަޅުގަނޑު މި އިޢުލާނު ކުރަނީ ސާބިތުކަމާއި ހިތްހަމަޖެހުމާއެކު. ސަބަބަކީ، އެ ސިޔާސަތަކީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ތާރީފުކުރާ، އަދި އެސިޔާސަތުގެ ސަބަބުން، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކުރެވި، ރާއްޖޭގެ ޤަދަރު އުފުލިގެންދާ ސިޔާސަތެއް ކަމުގައި ވެފައިވާކަން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއްބަޔަކީ، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައިވާ ވާދަވެރިކަމުގެ މައިދާނުގައި ވަކިފަރާތަކަށް ނުޖެހުމުގެ ހަރުދަނާ އުސޫލުގައި ހިފެހެއްޓުން.
މި އުސޫލުގައި އަޅުގަނޑުމެން ހިފަހައްޓާނީ، އިންޞާފާއި ޢަދުލުގެ ދާއިރާގެ ތެރޭގައި، ތިމާގެކަމާއި އަވަށްޓެރިކަމުގެ ގުޅުންތަކަށް އިޙްތިރާމް ކުރަމުން. ދުނިޔޭގެ މުސްލިމް ޤައުމުތަކާއި އަޅުގަނޑުމެންނާ ދެމެދުގައި އޮންނަންވީ ގާތްކަމަށާއި އެއްބަނޑުއެއްބަފާ ކަމަށް ޙުރްމަތްތެރިކޮށްހިތަމުން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަނެއްބަޔަކީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވެރިކަމަށް ޤަދަރުކުރާ ފަރާތްތަކާ ގުޅުން އުފައްދައި އެކުވެރިކަން އާލާކުރުން. ރާއްޖޭގެ މިނިވަން އަދި އިސްލާމީ ތަޞައްވުރު، ބޭރު ދުނިޔޭގައި މަތިވެރިކުރަމުން ގެންދިއުން. ރާއްޖޭގެ ސިޔާދަތަށް ފުރިހަމައަށް ރައްކާތެރިވުމާއެކު، އިޤްތިޞާދީ ރޮނގުންނާއި، އިޖުތިމާޢީ ރޮނގުން، ރާއްޖެއަށް އިތުރު ފައިދާތައް ލިބޭނޭގޮތުން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުގައި ރާއްޖެ ބައިވެރިވަމުން ދިއުން.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާކުރެވިފައިވާ މުހިންމު އަނެއް އުސޫލަކީ، ދުނިޔޭގެ ޞުލްޙައަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ތާއީދުކުރުމާއެކު، ރާއްޖެއަށް ކުޅަދާނަވެގެންވާ މިންވަރަކުން، އެފަދަ ކަންކަމުގައި ބައިވެރިވުން. މިރޮނގުން، އެއްޤައުމެއްގެ ދާޚިލިއްޔަތާއި އަނެއް ޤައުމަކުން ބެހުންފަދަ، އެއްޤައުމެއްގެ ސިފައިން އަނެއް ޤައުމެއްގެ ތެރެއަށް އެބައެއްގެ ރުހުމާނުލައި އަރާތިބުންފަދަ މައްސަލަތަކާ ދިވެހި ސަރުކާރުން ދެކޮޅުހަދާނެ. އަދި ދޭދޭ ޤައުމުގެ މެދުގައި ހިނގަމުންދާ މައްސަލަތައް، ޞުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ޙައްލުކުރުމަށާއި، އެފަދަ މައްސަލަތައް ހަމަޖެއްސުމަށްޓަކައި ބާރުގެ ބޭނުންނުކުރުމަށް ދިވެހި ސަރުކާރުން ގަދައަޅާނެ.

އެ ކަނޑެއްގައި އަޅުގަނޑުމެންގެ ރާއްޖެ އޮތް އިންޑިޔާ ކަނޑަކީ، ނަވަވީ ހަތިޔާރުތަކާއި، ޢަސްކަރީ ހަރަކާތްތަކުން ސަލާމަތްވެފައިވާ، ޞުލްޙައިގެ ސަރަޙައްދެއް ކަމަށް ހެދުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާނެ. އަދި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ނުރައްކާތެރި ހަތިޔާރު އުފެއްދުން ހުއްޓާލުމަށާއި، ހަތިޔާރުގެ ވާދަވެރިކަން ނައްތާލައި، ޞުލްޙައިގެ ސަރަޙައްދުތައް އުފެއްދުމަށްވެސް ދިވެހި ސަރުކާރުން ތަރުޙީބު ދޭނެ.

ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީވެފައިވާ ޤައުމުތަކާ ދެމެދުގައި އޮންނަ، އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންދާ ތަފާތު ކުޑަކުރެވޭތޯ ދުނިޔޭގައި އާ އިޤްތިޞާދީ ނިޒާމެއް އުފެއްދުމަށް ގޮވާލެވޭ ގޮވާލެވުންތަކުގައި، ދިވެހި ސަރުކާރުގެ އަޑުވެސް އުފުލިގެންދާނެ. އެއާއެކު، ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ގުނޭ ޤައުމަކަށްވާތީ، އެފަދަ ޤައުމުތަކަށް ބައިނަލްއަޤްވާމީ ގޮތުން އެހީވެދިނުމަށްޓަކައި ކުރެވޭ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބާރުއަޅަމުން ގެންދާނެ.

ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، މިނިވަންކަމަށާއި، އިންސާނީ ޙައްޤުތައް ހޯދުމަށްޓަކައި މަސައްކަތްކުރާ މީހުންނަށް، ދިވެހި ސަރުކާރުން ތާއީދުކުރާނެ. ޚާއްޞަކޮށް، ދުނިޔޭގެ އެކިއެކި ތަންތާނގައި އުޅޭ މުސްލިމުން، އެމީހުންނާ ކުރިމަތިވެފައިވާ ބޭ އިންޞާފާ ދެކޮޅަށް ކުރާ ޖިހާދަށް ތަރުޙީބުދޭނެ. އަދި ވަކިން ޚާއްޞަކޮށް، ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތާއި، އިޒްރޭލް މީހުން ހިފާފައިވާ އަލްޤުދްސާއި، އެނޫންވެސް ޢަރަބީންގެ ބިންތައް މިނިވަންކުރުމަށް ޢަރަބި އިސްލާމީ ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި، ދިވެހި ސަރުކާރުން ވެވެންއޮތްވަރަކުން ބައިވެރިވަމުން ގެންދާނެ.


                                                                     ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށް، ތިޔަބޭފުޅުންގެ އިއްޒަތްތެރި މަޖިލިސް، އާ އަހަރަކަށް ހުޅުވައިދޭއިރު، މަޖިލިސްގެ ރިޔާސަތަށް އައިސްފައިވާ ބަދަލު ފާހަގަކޮށްނުލައި ކުރިއަށްދިއުމަކީ، އަޅުގަނޑަށް މާފަސޭހަ ކަމެއްނޫން. އާދެ! 1972 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، ރައްޔިތުންގެ މަޖިލިސްގެ ރައީސްކަމުގެ މަގާމު ފުރުއްވަމުން ވަޑައިގެންނެވި އޮނަރަބްލް އައްޝައިޚް އަޙްމަދު ޝާޠިރު، މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އެ މަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ހުރިގޮތުން، އެހެން މަގާމަކަށް ބަދަލުކުރެވިފައި.

އައްޝައިޚް އަޙްމަދު ޝާޠިރަކީ، ދައުލަތަށް ވަރަށް ތެދުވެރި، ޤައުމުގެ އިޚްލާޞްތެރި ޚާދިމެއްކަމަށް އަޅުގަނޑު ދެކެން. އަދި އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާފައިވަނީ، ވަފާތެރިކަމާއެކު، ނުހަނު ހީވާގިގޮތެއްގައި ކަމަށް، އަޅުގަނޑު ފަދައިން ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެކަން އަޅުގަނޑަށް އެނގޭ. ވީމާ، 10 އަހަރު ވަންދެން އެ މަނިކުފާނު މި އަދާކުރެއްވި އިޚްލާޞްތެރި ޚިދުމަތަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް މިއަދު ލިބޭ ވަރަށްބޮޑު އުފަލެއް.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކަށް އަޅުގަނޑު ޚިޔާރުކުރީ، މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން، އެންމެ ގިނަ ދުވަހު މަޖިލިހަށް ޚިދުމަތް ކުރައްވާފައިވާ، އެންމެ ތަޖުރިބާކާރު މެންބަރު އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު. އެ މަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގެ ތަފާތު ދައުރުތަކުގައި، މަޖިލީހުގައި އުޅުއްވުމުގެ އިތުރަށް، ރާއްޖޭގެ ޤާނޫނީ ސަރުކާރުގެ ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެއް. އެހެންކަމާއެކު، އެ މަނިކުފާނުގެ ރިޔާސަތުގެ ދަށުން، ރައްޔިތުންގެ މަޖިލިސް ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާނީ، އެންމެ އެދެވޭ ގޮތުގެމަތިންކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. ދިމާވި ކުއްލި ސަބަބަކާހުރެ، ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތުމާއެކު، މިއަދުގެ ޖަލްސާގެ ރިޔާސަތު ފުރުއްވުމަށް، މަޖިލީހުގެ އާ ރައީސަށް ވަޑައިނުގެންނެވުނުކަމީ، ޖަލްސާއަށް ލިބިފައިވާ ވަރަށްބޮޑު އުނިކަމެއްކަމުގައި އަޅުގަނޑު ދެކެން.

1982 ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތިޔަ ޢިއްޒަތްތެރި މެންބަރުން، ތިޔަބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވީ، ވަރަށް އެދެވޭގޮތެއްގައިކަން އަޅުގަނޑު ގަބޫލުކުރާ ވާހަކަ މިދަންނަވަނީ އުފަލާއެކު. ތިޔަބޭފުޅުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނަވަމުން، ރާއްޖެއަށާއި ދައުލަތަށް އިޚްލާޞްތެރިވެވަޑައިގެން ތިއްބަވައިގެންކަން އަޅުގަނޑަށް ޔަޤީން. ވޭތުވެދިޔަ އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލިހުން، ސަރުކާރަށް ދެއްވަމުން ގެންދެވި ތާއީދާއި އެހީއަކީ، އަޅުގަނޑަށް ލިބެމުންދިޔަ ވަރަށް ވަރުގަދަ ހިތްވަރެއް. އެކަމަށްޓަކައި މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް އަޅުގަނޑު ޝުކުރުވެރިވަނީ ނިހާޔަތުގެ ދަރަޖައަށް.

1982 ވަނަ އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން 25 ބިލު ފާސްކުރައްވާފައިވޭ. އެއީ، މަޖިލީހުގެ ދައުރުގެ 15 ޖަލްސާއާއި، ޚާއްޞަ 7 ޖަލްސާ ކުރައްވައިގެން.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި، އިންތިޚާބުކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް 1982 ވަނަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔަ. 1981 ވަނަ އަހަރު، އަޅުގަނޑު މަޖިލިހަށް ހުށަހެޅި ނަމޫނާ ޤާނޫނުއަސާސީއާމެދު ވަރަށް މިނިވަންގޮތެއްގައި މަޖިލީހުގެ މެންބަރުން ޚިޔާލު ފާޅުކުރައްވައި، ވިސްނަވަމުން ގެންދެވި. އަހަރު ނިމުނުއިރު، އަލަށް އެކުލަވައިލެވޭ ޤާނޫނުއަސާސީގެ 50 މާއްދާ ވަނީ، ޢިބާރާތްކުރުމަށްޓަކައި ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީއަށް ފޮނުވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިނގިގޮތާއި، ކުރިއަށް އޮތް އަހަރު ދައުލަތް ހިންގުމުގެ ސިޔާސަތު ބިނާކުރެވިފައިވާ ގޮތް، އަޅުގަނޑު ދެންމެ ތިޔަބޭފުޅުންނަށް މިދެންނެވީ. ތިޔަ އެންމެ ބޭފުޅުންވެސް ގަބޫލުކުރައްވާނެ ފަދައިން، ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، ރާއްޖޭގެ ދާޚިލީ ސިޔާސަތަށާއި، ޚާރިޖީ ސިޔާސަތަށް ވަނީ، ވަރަށްބޮޑެތި ބަދަލުތަކެއް ގެނެވިފައި. އަދި އެބަދަލުތަކާ ގުޅޭގޮތުން އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ވަރަށްގިނަ މަސައްކަތްތަކެއް ރާއްޖޭގައި ވަނީ ފެށިފައި. އަޅުގަނޑުމެންނަށް އަދި މިތިބެވެނީ ހަމައެކަނި ފެށުމެއްގައި. މި މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ދެމެހެއްޓުންވަނީ އަޅުގަނޑުމެންގެ އަތްމަތީގައި. އެހެންކަމާއެކު، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށާއި، ތިޔަ މެންބަރުން މެދުވެރިކޮށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު އިލްތިމާސްކުރަނީ، މިހާރު ފެށިފައިވާ ރަނގަޅު ކަންތައްތައް ކުރިއަށް ގެންދެވުމަށް ސާބިތުކަމާއެކު ކުރިމަތިލެއްވުމަށް. މުޅި ޤައުމުގެ ލާބައާއި ފައިދާއަށްޓަކައި، އަމިއްލަ މަޞްލަޙަތުގެ ކުރިއަށް، އުންމަތާއި، މުޖުތަމަޢުގެ މަޞްލަޙަތު ނެރުއްވުމަށް އިތުރު ސަމާލުކަމެއް ދެއްވުމަށް.

ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ރާއްޖޭގައި ފެށިގެން ޢާންމު ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ހިނގަމުންދާ މިދެންނެވި މަސައްކަތާއި، އިސްލާމީ އުސޫލުތައް ނިޔާކުރާގޮތުގެމަތިން، އެންމެންގެ މެދުގައި ހަމަހަމަކަމާއި މުވާސާތު ޤާއިމުކުރުމުގެ ސިޔާސަތާމެދު ހިތްހަމަނުޖެހޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބުމަކީ އެކަށީގެންނުވާ ކަމެއްނޫން. މިދައުރުގެ ސިޔާސަތަކީ، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވެވުނުވަރަކުން ރާއްޖޭގެ އެންމެންނަށް ސިޔާސީ އަދި އިޤްތިޞާދީ ހަމަހަމަކަން ގެނެސްދެވޭތޯ މަސައްކަތްކުރުން. ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް، އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދޭ މިންވަރަކުން، މުޖުތަމަޢުގައި އެމީހެއްގެ ޙައްޤު މަގާމު ހޯދުމަށް ފުރުޞަތު ދިނުން. ހަމައެކަނި ތަނަވަސްކަމާއި ފައިސާވެރިކަމުގެ ކުރިއެރުމެއް ރާއްޖެއަށް ގެނެސްދެވޭތޯ ބެލުމުގެ ބަދަލުގައި، ފުރިހަމަ ދީނީ، އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީއެއް ގެނެސްދެވޭތޯ މަސައްކަތް ކުރުން. މިގޮތުން، މި ދައުރުގެ ސިޔާސަތުގެ އެއް މައިގަނޑަކީ، ޙިކްމަތްތެރިކަމާއި ކެންތެރިކަމާއެކު، އިސްލާމީ އުސޫލުތަކަށް މީހުންގެ ހިތްތައް ލަންބުވައި، ރާއްޖޭގައި އެމާތް އުސޫލުތައް ހިންގުމަށް މަސައްކަތްކުރުން.

މި ސިޔާސަތު ގަބޫލުކުރަން ދަތިވާ މީސްމީހުން ތިބިނަމަ، އެހެން އެދިމާވަނީ، ފަހަރެއްގައި އެފަދަ މީސްމީހުންގެ މައްޗަށް ފޯރާފައިވާ ބޭރުގެ ނުފޫޒެއްގެ ސަބަބުން ކަމަށްވެސްވެދާނެ. ނުވަތަ އެމީހުންގެ ހިތްތަކުގައި ކުރިއްސުރެ އުފެދިފައިވާ ހަމަނުޖެހޭ އިޢްތިޤާދުތަކެއްގެ ސަބަބުން ކަމަށްވެސް ވެދާނެ.

ކަން މިހެން ހުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު އިލްތިމާސްކުރަނީ، ޤައުމުގެ މުސްތަޤްބަލާމެދު ވިސްނެވުމުގައި، މިދެންނެވިފަދަ ކަންކަމުގެ މައްޗަށް ފުރިހަމައަށް ޚިޔާލުކުރެއްވުމަށް. ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލާނީ، މިނިވަންކަމާއި ހަމަހަމަކަމާއި، ކުރިއެރުމުގެ ޢަދުއްވުން ރާވާ ރޭވުންތަކަށް އަބަދުވެސް ސަމާލުވެ ތިއްބެވުމަށް.

އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ޤައުމު، ބޭރުގެ ނުފޫޒުތަކުންނާއި އިޖުތިމާޢީ ވަސްވާސްތަކުން ސަލާމަތްކޮށް، މިނިވަންކަމާއެކު، އިސްލާމްދީނުގެ ތެދުމަގުގައި، ކުރިއަށް ގެންދިއުމުގެ ހެޔޮ ތައުފީޤު، ތިޔަ ޢިއްޒަތްތެރި މަޖިލިހަށާއި، ސަރުކާރަށާއި، އަޅުގަނޑަށް ދެއްވުންއެދި، މާތް اللَّـه ގެ ޙަޟްރަތަށް ދުޢާކުރާހާލު،

ޤާނޫނު ނަންބަރު 1/68ޖ.ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ ޝަރަފު ލިބިގަންނަން.

رَبَّـنَا لاَ تُـزِغْ قُلُو بَـنَا بَعْدَ إِذْهَدَيْتـَنَا، وَهَبْ لَنَـامِنْ لَّدُنْكَ رَحْمَةً، إِنَّكَ أَنْتَ الْوَهَّابُ.

وَمَا تَوْفِيقِىٓ إِلاَّبِٱللَّـهِ عَلَيْـهِ تَوَكَّلْتُ وَإِلَيْـهِ أُنِيْب.

وَٱلسَّلاَم عَلَيْكُمْ وَرَحْمَة ٱللَّـهِ وَبَـرَكَاتُـهُ.