بسم الله الرحمن الرحيم

اَلْحَمْدُ لِلَّـهِ اْلأَعَزِّلأَجَلَّ. القَائِلِ. "وَإِذَاحَكَمْتُمْ بَينَ النَّاسِ أَن تَحْكُمُواْ بِالْعَدْلِ"، وَالصَّلاَةُ وَالسَّلاَمُ عَلَى سَيِّدِنَا مُحَمَّدٍ الْحَاكِمِ اْلأَعْدَلِ الأَمْثَلِ، وَعَلَى آلِهِ وَأَصْحَابِهِ الَّذِينَ سَارُواْ عَلَى نَهْجِهِ الأَقْوَمِ الأَفْضَلِ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މީގެކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ތިޔަބޭފުޅުންނާ އަޅުގަނޑު މިބައްދަލުކުރަނީ، ރައްޔިތުންގެ މަޖްލިސް ހުޅުވައިދިނުމުގެ މަތިވެރި ވާޖިބު އަދާކުރުމަށް. އަދި ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާވެފައިވާގޮތް ރައްޔިތުންގެ މަޖިލީހަށް ދެންނެވުމަށް.

މިކަމަކީ ރާއްޖޭގައި އެންމެފުރަތަމަ ޤާނޫނުއަސާސީއެއް އިޢުލާން ކުރެވުނީއްސުރެ ހިނގަމުން އަންނަ ކަމެއްކަމުގައިވިޔަސް، ކޮންމެ އަހަރަކު ރާއްޖޭގެ އެންމެ އިސްވެރިޔަކަށް ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުގެ ކުރިމައްޗަށް އައިސް، ދައުލަތުގެ ކަންތައްތައް ހިނގަމުންދިޔަގޮތާއި، ދައުލަތުގެ ސިޔާސަތު ބިނާކުރާގޮތް ހާމަކޮށްދިނުމަކީ، ޝައްކެއްނެތްގޮތުގައި އެކަމުގައި ވަރަށް ފުން މާނައެއް އެކުލެވިފައިވާ ކަމެއް. ދީމުޤްރާޠީ ނިޒާމުގެ މަތިވެރި އުސޫލު ހާމަކޮށްދޭ ކަމެއް.

މިއަދު އަޅުގަނޑު މިބައްދަލުކުރަނީ، އަލަށް އިންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހަކާކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކުރަން. އެހެންކަމުން، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ތިޔަ ހުރިހާ މެމްބަރުންނަށް ހިތުގެ އަޑިން މަރުޙަބާ ދެންނެވުން. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ މަތިވެރި ޤައުމީ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، މާތްﷲ ތިޔަބޭފުޅުންނަށް ތައުފީޤު ދެއްވުން. ހަމައެއާއެކު، އުމުރު ހަމަވެގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ސަރުކާރަށާއި ރައްޔިތުންނަށް ލިބެމުންދިޔަ މަތިވެރި އެހީއާއި ފުރިހަމަ އެއްބާރުލެއްވުން އަޅުގަނޑު ފާހަގަކުރަނީ، ޝުކްރުވެރިކަމާއެކު. އެބޭފުޅުން އިޚްލާޞްތެރިކަމާއެކު އެ އަދާކުރެއްވި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރަމުން.

                                                                               ދައުލަތް ހިންގުން

1984 ވަނަ އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ ކަންތައްތައް ހިނގަމުން އައިސްފައިވަނީ އެދެވޭގޮތެއްގައި ކަމަށް އަޅުގަނޑު މިދަންނަވަނީ އުފަލާއެކު.

ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިއުމުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، އެބޭފުޅުންގެ ދަށުން ދައުލަތުގެ ކަންތައްތައް ހިންގެވުމާ ޙަވާލުވެވަޑައިގެން ތިއްބެވި ވެރީންގެ އެހީ، އަޅުގަނޑަށް ލިބެމުންދިޔައީ ވަރަށް މަތީ ދަރަޖައަކަށް، އެކަމަށްޓަކައި އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު އަދާކުރަނީ، އެބޭފުޅުންނާ ޙަވާލުކުރެވިފައިވާ ކަންތައްތައް ކުރައްވަމުން ގެންދެވީ ފަރުވާތެރިކަމާއި، ހީވާގިކަމާއެކުގައިކަން ޤަބޫލުކުރަމުން.

ދައުލަތް ހިންގުމުގެ ދާއިރާގައި ވޭތުވެދިޔަ އަހަރު ނިންމާލެވިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، 1985 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހަށް ތައްޔާރުކުރެވުނު ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢެއް އެކުލަވައިލުން. 1978 ވަނަ އަހަރުގެ ފަހުކޮޅު ނޭޝަނަލް ޕްލޭނިންގ އޭޖެންސީއެއް އުފެއްދުމުގެ އެންމެބޮޑު މަޤްޞަދަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކަށީގެންވާ މަޝްރޫޢުތަކެއް ރޭވުން. މިކަމަށްޓަކައި، ވޭތުވެދިޔަ ހައެއްކަ އަހަރު ވަރަށްގިނަ މަޢުލޫމާތާއި ތަފާސްހިސާބުތައް އެއްކުރެވިފައިވޭ. މިހާރު މި ތައްޔާރުކުރެވުނު ތިން އަހަރުގެ މަޝްރޫޢު ހެދިފައިވަނީ، މިދެންނެވި މަސައްކަތްތަކުގެ ތަޖުރިބާއާއި މަޢުލޫމާތުގެ އަލީގައި. އެ މަޝްރޫޢުގައި ރާއްޖޭގެ ތަޢުލީމާއި ޞިއްޙަތުފަދަ އިޖުތިމާޢީ ކަންތައްތަކާއި، މަސްވެރިކަމާއި ޓޫރިޒަމްފަދަ އިޤްތިޞާދީ ކަންތައްތައް ހިމެނޭ. އަދި މިނޫންވެސް ތަރައްޤީގެ ތަފާތު ބައިތައް ހިމެނޭ. އިރާދަކުރެއްވިއްޔާ މިއަހަރުން ފެށިގެން މި މަޝްރޫޢު ހިންގަން ފަށައިގަނެވޭނެ.

ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް، ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ވީހާވެސް ރަނގަޅަކަށް، އަދި ހަލުވިކޮށް ހިންގޭތޯ ގިނަ ފިޔަވަޅުތަކެއް އެޅުނު. އޭގެތެރޭގައި ޚުދު ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ސަރުކާރުގެ އޮފީސްއޮފީހުގެ ވެރިން އޮފީހަށް ހާޒިރުވެފައި ސޮއިކުރާގޮތަށް ހަމަޖެއްސުނު. އަދި އަޅުގަނޑުގެ ފަރާތުން ޚާއްޞަ ބޭފުޅުންކޮޅެއް ސަރުކާރުގެ އޮފީސްތަކަށް ވަޑައިގެން، އެތަންތާނގެ ކަންތައްތައް ހުރިނެތްގޮތް ބައްލަވައި، އަޅުގަނޑަށް ރިޕޯޓް ހުށަހަޅުއްވަމުން ގެންދެވި. އެ ރިޕޯޓުތައް ބެލުމަށްފަހު، އެކި އޮފީސްއޮފީހުގެ ހިންގުމަށް ގެންނަން ފެނުނު އިޞްލާޙުތަކެއް ގެނެވުނު. މީގެއިތުރަށް، ސަރުކާރުގެ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ލިބޭނޭ ގަވާއިދެއް ހަމަޖެއްސުންފަދަ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމުގެ މަސައްކަތްތަކެއް ކުރެވުނު. ސަރުކާރުގެ އޮފީސްއޮފީހުގައި ވަޒީފާ އަދާކުރަން ވަގުތީ މުވައްޒަފުންގެ ގޮތުގައި އުޅޭ މީހުންނަށް، އެމީހުން އަދާކުރާ ވަޒީފާއާ ބެހޭގޮތުން ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ރޭވިފައި. މިއަހަރުގެ ތެރޭގައި މި ޕްރޮގްރާމް ފެށްޓޭނެ. މީގެއިތުރަށް، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނަށް ދެމުންގެންދާ ތަމްރީނު ކޯސްތައްފަދަ ކަންތައްތައް، މިދިޔަ އަހަރުގެ ތެރޭގައިވެސް ބާއްވަމުން ގެންދެވުނު.

                                                                               ޢަދުލުއިންޞާފު

ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކުރެވޭތޯ ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ފަރާތުން ޚާއްޞަ ޝަރުޢީ ވަފުދުތައް ރާއްޖެތެރެއަށް ފޮނުވައިގެން، ރަށްރަށުގެ ކޯޓުތަކުގައި ނުނިމިހުރި ވަރަށްގިނަ މައްސަލަތައް ނިންމުނު. އަދި މާލޭގެ ކޯޓުތައްވެސް، އާދަވެގެން ހުޅުވިފައި ހުންނަ ސަރުކާރުގެ ރަސްމީގަޑީގެ އިތުރަށް ހުޅުވައިގެން މަސައްކަތްކޮށް، މައްސަލަތައް ނިންމަމުން ގެންދެވުނު.

ވޭތުވެދިޔަ އަހަރުގެތެރޭގައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައިވާ މާލޭގެ ކޯޓުތަކުން 2621 ޤަޟިއްޔާ، އަދި ރާއްޖެތެރޭގެ ރަށްރަށުގެ ކޯޓުތަކުން 6,540 ޤަޟިއްޔާއާއެކު، ޖުމުލަ 9,161 ޤަޟިއްޔާ ބަލައި ނިންމިފައިވޭ. މީގެއިތުރަށް، ފުލުސްކޯޓުން 900 ޤަޟިއްޔާ ނިންމިފައިވޭ. އަދި މިދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 82 މައްސަލަ ނިންމިފައިވޭ.

މާލޭގެ ކޯޓުތަކުގެ މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، މިހާރަށްވުރެ ފުރިހަމަ އުސޫލެއްގެ މަތިން ކޯޓުތަކުގެ މަސައްކަތް އަލުން ތަރުތީބުކުރުމަށް މިއަހަރު ވަނީ ގަސްދުކުރެވިފައި.

ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރެވޭތޯ ޤާޟީންނަށް އިތުރު ތަމްރީނު ދިނުމާއި، ޤާޟީކަން ކިޔަވައިދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވުނު. ޤާޟީން ކަންތައްތައް ބަހައްޓަވަމުން ގެންދަވަންވީ ގޮތާމެދު ސީދާ އަޅުގަނޑު އެބޭފުޅުންނަށް ނަސޭހަތްތެރިވެ އިރުޝާދު އަރުވަމުން ގެންދިޔައިން. އަދި މިހާރު ޤާޟީކަން ކިޔަވަމުން ގެންދާ މީހުންނަށް ޤާޟީކަން ކިޔަވައިދޭ މުއްދަތު ދިގުކޮށް، ޤާޟީކަމުގެ މުޤައްރަރު މުއްސަނދިކޮށް، އެ މުޤައްރަރަށް މުހިންމު ބަދަލުތަކެއް ގެނައިން.

                                                                               ދާޚިލީ ހިންގުން

ރާއްޖޭގެ ދާޚިލީ ހިންގުމަށް ބަލާއިރު، 1984 ވަނަ އަހަރަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް. އާދެ، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް އިތުރު ފައިދާތައް ލިބިދޭނޭ މުހިންމު ކަންތައްތަކެއް ކުރެވުނު އަހަރެއް. ހަމައެފަދައިން، ޞުލްޙަވެރިކަމާއި އަމާންކަމާއެކުގައި ރާއްޖެ ވޭތުކުރި އަހަރެއް.

މާލެއާއި ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި ފެށްޓިފައިވާ މަޝްރޫޢުތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިދޔަ އަހަރު ރާއްޖެތެރޭގެ އެކިއެކި ރަށްރަށުގައި 18 މިސްކިތް ޢިމާރާތްކޮށް، 12 ރަށެއްގެ ރަށުއޮފީސް އަޅައިދެވިފައިވޭ. މީގެއިތުރަށް، ބައެއް ރަށްރަށުގެ މަދަރުސާއާއި މަކުތަބުފަދަ ތަންތަންވެސް މަރާމާތުކޮށްދެވުނު.

ރާއްޖޭގެ ޢާންމު ރައްޔިތުންގެ ހާލުއަހުވާލު ބެލުމުގެ ގޮތުންނާއި، އެކިއެކި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ރަށްރަށުގައި ފެށިފައިވާ މަސައްކަތްތައް ބަލައިލުމަށްޓަކައި މިދިޔަ އަހަރުވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށަށް އަޅުގަނޑު ޒިޔާރަތްކުރިން. މިނިސްޓަރުންނާއި ސަރުކާރުގެ މަތީ ފެންވަރުގެ ބޭބޭފުޅުންވެސް ރާއްޖެތެރޭގެ ރަށްރަށަށް ވަރަށްގިނައިން ވަޑައިގެން ކަންތައްތައް ބައްލަވައި ހެއްދެވި. 1984 ވަނަ އަހަރު ސަރުކާރުން އެޅި ތަފާތު ފިޔަވަޅުތަކުގެ ތެރޭގައި، ތިމާވެށްޓާ ބެހޭގޮތުން ސަރުކާރުގެ ތަފާތު އޮފީސްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިންތިޒާމުކޮށް ލަފާދިނުމަށް ތިމާވެށި ރައްކާތެރިކުރުމާބެހޭ މަޖިލީހެއް އުފެއްދުނުކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ. މި މަޖިލިސް ހިނގަމުންދަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާރވިސަސްގެ ދަށުން.

މާލޭގެ ފަޅުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެތެރޭގައިވެސް ކުރަމުން ގެންދެވުނު. ނަމަވެސް، މާލޭގައި ކުރަންޖެހުނު ވަރަށް ޚާއްޞަ އެހެން މަސައްކަތެއް ކަމުގައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތަށް އިތުރު ސަމާލުކަން ދޭންޖެހިފައި ވުމާއެކު، މިދިޔަ އަހަރު ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދިޔައީ، މާ ހަލުވިކަމާއެކުގައި ނޫންކަމަށް ދަންނަވަންޖެހޭ. 1984 ވަނަ އަހަރު ނިމުނުއިރު މާލޭ ފަޅުން ހިއްކިފައިވަނީ، 4.7 މިލިއަން އަކަފޫޓުގެ ބިން. އާދެ، ހިއްކަން ގަސްދުކުރެވިފައިވާ ބިމުގެ %75.

މަސްޖިއްދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމާއި އިސްލާމީ މަރުކަޒު

މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމާއި އިސްލާމީ މަރުކަޒު ހުޅުވުން އެއީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި އެންމެ މުހިންމު ޙާދިޘާކަމާމެދު އެއްވެސް ދިވެއްސަކު ޝައްކެއް ނުކުރާނެ. އެހެންކަމާއެކު، މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހުގައި އެކަން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ބޭނުންކަމެއް.

1982 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހު މާލޭގައި ބިންގާއެޅުނު އިސްލާމީ މަރުކަޒު ޢިމާރާތްކޮށް މުޅިން ނިމިގެން ހުޅުވުނީ، 1984 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހު. އެ މަރުކަޒުގައި ހިމެނެނީ، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ޢިމާރާތްކުރެވުނު އެންމެބޮޑު މިސްކިތާއި، އިސްލާމީ ކުތުބުޚާނާއަކާއި، ދީނީ ތަޢުލީމުދޭ ކްލާސްތަކަކާއި، ޖަލްސާކުރާ ބޮޑު ހޯލެއް.

އިސްލާމީ މަރުކަޒުގައި ހިމެނޭ މިސްކިތުގެ ނަން ނިސްބަތްކުރެވިފައިވަނީ، ރާއްޖޭގެ ތާރީޚުގެ އެންމެ އަގުހުރި ބަޠަލުކަމުގައިވާ އުތީމު މަހާރަދުންގެ ނަންފުޅަށް. އާދެ! އެ ރަދުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި، އަދި މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކުރެއްވި މަތިވެރި ޖިހާދަށް، ރާއްޖޭގެ ރައްޔިތުން ކުރާ ދާއިމީ އިޙްތިރާމެއްގެ ގޮތުގައި.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެގެން އަޅުގަނޑަށް މިހާތަނަށް އެންމެ މަތިވެރި އުފަލަކާއި ޝަރަފެއް ލިއްބައިދިން ކަމެއްކަމުގައި އަޅުގަނޑު ދެކެނީ، މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލްއަޢްޡަމާއި އިސްލާމީ މަރުކަޒު އެދުވަހު ހުޅުވައިދިނުމުގެ މަތިވެރި އުފަލާއި ޝަރަފް. ﷲގެ އިސްމުފުޅު މަތިވެރިކުރުމަށް ހެދުނު މިދެންނެވި ހައިބަތުހުރި މަތިވެރި ބިނާ ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް ލިބުނުކަމަށްޓަކައި، ﷲ އަށް އަޅުގަނޑު ޙަމްދާއި ޝުކުރުކުރަނީ ޚުޝޫޢަވެރިކަމާއެކު.

އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަކީ، އެއްގޮތަށްވުރެ ގިނަގޮތުން މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެކުލަގަދަ، އެންމެފުރިހަމަ ރަސްމިއްޔާތު ކަމުގައި އަޅުގަނޑު ދެކެން. އާދެ! އެމަތިވެރި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ރާއްޖެ ވަޑައިގެންނެވި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރި މެހުމާނުންގެ އަދަދުގެ ގިނަކަމާއި، ޖަލްސާގެ ކަންތައްތައް ދިޔަ ފުރިހަމަކަން އެއީ ތާރީޚު އެކަމަށް ހެކިދޭނޭ ކަންތައްތަކެއް. އެ މުނާސަބަތަށްޓަކައި ރާއްޖެ ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ތެރޭގައި، ޝައިޚުލްއަޒްހަރު އަލްއިމާމުލްއަކްބަރު އައްޝައިޚް ޖާދަލްޙައްޤު ޢަލީ ޖާދަލްޙައްޤާއި، މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ ދާތޯސެރީ މަހާތީރު މުޙަންމަދުގެ ދެކަނބަލުންނާއި، މައްކާގެ ޙަރަމްފުޅުގެ އިމާމް އައްޝައިޚް މުޙަންމަދުއްސުބައިލް، ބުރޫނާއީގެ ރަސްގެފާނުގެ ކޮއްކޯފުޅު އަދި އެތާނގެ މިނިސްޓަރ އޮފް ކަލްޗަރ ޔޫތު އެންޑް ސްޕޯޓްސް ޖަޢްފަރުލްބުލްޤިޔާއާއި، މުޅި ދުނިޔެއަށް މަޝްހޫރު މިޞްރުގެ ޤާރީ އައްޝައިޚް ޢަބްދުލްބާސިޠު ޢަބްދުއްޞަމަދު ފަދަ މުހިންމު ބޭފުޅުން ހިމެނިވަޑައިގެންނެވި.

މި ބޭބޭފުޅުންނާއެކު، އެކިއެކި ޤައުމުތަކުގެ 10 ވަޒީރުންނާއި، މަތީ ދަރަޖައިގެ 17 ބޭފުޅުންނާއި، އެކިފެންވަރުގެ 81 ބޭފުޅުން މާލެ ވަޑައިގެންނެވި. އެ މުހިންމު ތާރީޚީ މުނާސަބަތާ ގުޅިގެން، ރާއްޖޭގައި ޚާއްޞަ ސްޓޭމްޕަކާއި، ހަނދާނީ ފައިސާފޮއްޗެއް ޝާއިޢުކުރެވުނު. ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންނަށް މަރުޙަބާ ދެންނެވުމުގެ ވަރަށް ފުރިހަމަ ޕްރޮގްރާމެއް ބޭއްވުނު. އަދި އޭގެކުރިން، ރާއްޖޭގައި ހިނގާފައިވާ އެއްވެސް ކަމެއް ދުނިޔޭގެ ޤައުމުތަކުގެ ނޫސްތަކާއި ރޭޑިޔޯތަކާއި ޓެލެވިޜަންތަކުން ހާމަނުކުރާވަރަށް އެ ރަސްމިއްޔާތުގެ ޚަބަރުތަކާއި މަންޒަރުތައް ހާމަކުރި. ޚާއްޞަކޮށް، އިސްލާމީ ގިނަ ޤައުމުތަކުގެ ރޭޑިއޯ ޚަބަރުތަކާއި، ޓެލެވިޜަން ޚަބަރުތަކުގައި އެ ވާހަކަ ދިގުކޮށް ކިޔައި، ނޫސްތަކުގައި އޭގެ ތަފްޞީލުތައް ލިޔެހެދި.

އިސްލާމީ މަރުކަޒުގެ ސަބަބުން، ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އިތުރު ޤަދަރެއް މިހާރު ލިބެމުންދާކަން އަޅުގަނޑު ފާހަގަކުރަން. އަދި އެ މަރުކަޒުގެ ސަބަބުން، އިސްލާމީ ނޫރުގެ އަލިކަން ރާއްޖެއަށް އިތުރުވެ، ރާއްޖެ ފިޔަވައި އެހެން ތަންތަނަށްވެސް އެ ނޫރުގެ ދޯދިތައް ފެތުރިގެންދާނޭކަމުގެ މަތިވެރި އުންމީދު، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންގެ ހިތްޕުޅުގައިވެސް އޮންނާނޭކަން ކަށަވަރު.

އިޖުތިމާޢީ ޚިދުމަތް

ރާއްޖޭގެ ދާޚިލީ ހިންގުމުގެ އެންމެ މުހިންމު އެއްބަޔަކީ، ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެމުން ގެންދިއުން. އަދި އެއްދުވަހުން އަނެއްދުވަހަށް މިފަދަ ޚިދުމަތްތައް އިތުރުކޮށް ތަރައްޤީކުރަމުން ގެންދިއުން.

ސަރުކާރުން ރައްޔިތުންނަށް ދޭ އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ، ރާއްޖޭގެ ދަރީންނަށް ތަޢުލީމު ދިނުމާއި، ޞިއްޙީގޮތުން ދެވޭ ޚިދުމަތްތައް. ރާއްޖޭގައި ދަތުރުފަތުރުކޮށް އުޅުމަށާއި، މުވާޞަލާތުގެ ކަންތައްތައް ރަނގަޅުކުރުމަށާއި، އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް. މީގެއިތުރަށް އިޖުތިމާޢީގޮތުން ދެވޭ ޚާއްޞަ އެހީތައްވެސް ހިމެނޭ.

ރާއްޖޭގެ ތަޢުލީމު

ޤައުމެއްގެ ތަރައްޤީ ބިނާވަމުންދާނީ އެ ޤައުމެއްގެ ދަރީންގެ ތަޢްލީމީ ފެންވަރު ރަނގަޅުވަމުންދާ މިންވަރެއްގެ މަތީންކަމަށްވުމާއެކު، ރާއްޖޭގެ ކިޔަވާ އުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމުދެވޭނޭ މަގުތައް ތަނަވަސްކުރުމަށް ސަރުކާރުން ކުރަމުން ގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް. ޚާއްޞަކޮށް، ރާއްޖޭގެ ދަރީންނަށް ތަޢުލީމުގެ އަލިކަން ފޯރުވައިދެވޭތޯ ވޭތުވެދިޔަ ހައެއްކަ އަހަރުގެތެރޭގައި ވަނީ ވަރަށްގިނަ ފިޔަވަޅުތަކެއް އެޅިފައި.

1984 ވަނަ އަހަރުގެ ތެރޭގައިވެސް، އިތުރު ހަތަރު އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވައި، އަށް އަތޮޅެއްގައި އަތޮޅު މަދަރުސާ ހުޅުވުނު. 1984 ވަނަ އަހަރު ނިމުނުއިރު، ރާއްޖެތެރޭގައި 16 ތަޢުލީމީ މަރުކަޒާއި، 18 އަތޮޅު މަދަރުސާ ހުޅުވިފައިވޭ. އަދި މާލޭގައި މިދިޔަ އަހަރު، އާ ޕްރައިމަރީ ސްކޫލެއް ޢިމާރާތްކޮށް، މިއަހަރުވަނީ ހުޅުވިފައި. 1984 ވަނަ އަހަރު ނިމުނުއިރު، މުޅި ރާއްޖޭގައި ސަރުކާރުގެ ފަރާތުން ޢާންމު ތަޢުލީމުދޭ 42 ތަން ހުރި. އެއީ، މާލޭގައި 6 ތަނާއި، ރާއްޖެތެރޭގައި 36 ތަން. މީގެއިތުރަށް، ސަރުކާރުގެ އެހީ ލިބިގެން ހިނގަމުންދާ މަދަރުސާއާއި މަކުތަބުފަދަ 90 ތަން ހުރި.

1984 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގައި ތިބި ކިޔަވާކުދިންގެ އަދަދަކީ، 44,425. މީގެތެރޭގައި ރާއްޖޭގައި ތިބި ކިޔަވާ އުމުރުގެ ކުދިންނަށްވުރެ ދޮށީ އުމުރުގެ ކުދިންވެސް ހިމެނޭ. މިހާރު ހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގައި ތިބީ ފަށާ ތަޢުލީމު އުނގެނޭ އުމުރުގެ ގާތްގަނޑަކަށް 27 ހާސް ކުދިން. މިއަދަދުގެ ގާތްގަނޑަކަށް %85 ކުދިންނަށް ކިޔަވައިދެވޭނޭ ތަންތަން މިހާރު ވަނީ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހެދިފައި. ނަމަވެސް، މުހިންމު ދެ ސަބަބަކާހުރެ އެތަންތާނގެ ބޭނުން ހިފެމުންދަނީ އެންމެ އެދެވޭގޮތެއްގައެއް ނޫން.

އޭގެތެރެއިން އެއްސަބަބަކީ، އަތޮޅުއަތޮޅުގެ ތަޢުލީމީ މަރުކަޒުތަކަށް ނުވަތަ އަތޮޅު މަދަރުސާތަކަށް އަތޮޅުގެ އެހެން ރަށްރަށުގެ ކުދިން އައިސް ތިބުމުގެ އިންތިޒާމެއް އަދި ހަމަޖައްސައިދެވިފައި ނެތްކަން. އެހެންކަމުން، މިހާރު ސަރުކާރުން ގަސްދުކޮށްފައިވަނީ، ތަޢުލީމީ މަރުކަޒު ހުންނަ ބައެއް ރަށްރަށުގައި އެހެން ރަށްރަށުގެ ކުދިންނަށް ތިބެވޭނޭފަދަ ބޯޑިންގ ހެދުމަށް. މި މަޝްރޫޢުގެ ފުރަތަމަބައި މިއަހަރުގެތެރޭގައި ފަށާގޮތަށް މިހާރުދަނީ ހަމަޖެހެމުން.

ދެވަނަ ސަބަބަކީ، ތަމްރީނު ލިބިފައިވާ މުދައްރިސުން އެކަށީގެންވާވަރަށް ނެތްކަން. މުދައްރިސުން އުފެއްދުމަކީ، މިދިޔަ ހައެއްކަ އަހަރުއްސުރެ ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއް ދީގެން މަސައްކަތްކުރަމުން އަންނަ ކަމެއް. ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް، ތުއްތު ކުދިންނަށް ކިޔަވައިދޭ ފެންވަރުގެ 15 މުދައްރިސުންނާއި، ފަށާ ތަޢުލީމުގެ ފެންވަރުގެ 53 މުދައްރިސުންނަށް ތަމްރީނު ދެވުނު. މިހާތަނަށް، ރާއްޖޭގައި ތަމްރީނު ދެވިފައިވާ 306 ޕްރައިމަރީ ޓީޗަރުންނާއި، 60 ޕްރީސްކޫލް ޓީޗަރުން، މާލެއާއި ރާއްޖެތެރޭގެ ސްކޫލްތަކުގެ ވަޒީފާގައި އެބަތިބި.

މުދައްރިސުން ތަމްރީނުކުރުމުގެ މުހިންމުކަން ބޮޑުކަމާއެކު، 1984 ވަނަ އަހަރުގެތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުގައި އެކަމަށް ޚާއްޞަ ތަނެއް، "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" ގެ ނަމުގައި އުފެއްދުނު. މި މަރުކަޒުން ދިވެހިބަހުންނާއި އިނގިރޭސިބަހުން މުދައްރިސުން ތަމްރީނުކުރުމާއި، މިހާރު ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުން ތާޒާކުރުމުގެ ކޯސްތައް ހިންގަމުން ގެންދެވުނު.

ތަޢުލީމީ ދާއިރާގައި ސަރުކާރުން ހިންގަމުން ގެންދާ އަނެއް ޕްރޮގްރާމަކީ، ބޮޑެތި މީހުންނަށް ކިޔަވައިދިނުމުގެ ޕްރޮގްރާމް. އޭގެތެރޭގައި، ރާއްޖެއިން ލިޔަންކިޔަން ނޭނގުން މުޅިން ފިލުވައިލުމަށްޓަކައި ހިންގަމުންގެންދާ އަސާސީ ތަޢުލީމުގެ މަޝްރޫޢު މިދިޔަ އަހަރުވެސް ކުރިއަށް ގެންދެވުނު. އަސާސީ ތަޢުލީމުގެ ޕްރޮގްރާމްގެ އިތުރަށް، ރޭޑިޔޯއާއި ޓެލެވިޜަންގެ ޒަރީއާއިންވެސް ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ ޕްރޮގްރާމުތައް ހިންގަމުން ގެންދެވުނު. ސަރުކާރުގެ އޮފީސްއޮފީހުގެ މުވައްޒަފުންނަށް އިނގިރޭސިބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ތަޢުލީމު ކުރިއަރުވާ މަރުކަޒުން ވޭތުވެދިޔަ އަހަރު ހިންގަން ފެށްޓުނު.

ރާއްޖޭގެ މަދަރުސާތަކުގައި ކިޔަވައިދޭ ކިޔަވައިދިނުން، އެއް އުސޫލަކަށް ހަމަޖެއްސުމަށްޓަކައި، ރާއްޖޭގެ ފަށާ ތަޢުލީމުގެ މުޤައްރަރެއްވަނީ 1983 ވަނަ އަހަރުގެތެރޭގައި ހިންގަން ފެށިފައި. ކަނޑައެޅިފައިވާ ގޮތުގެމަތިން، އެ މުޤައްރަރުގެ މާއްދާތައް މިދިޔައަހަރު ކިޔަވައިދޭން ފެށުމާއެކު، ރާއްޖޭގެ މެދުމަދުރަސީ ތަޢުލީމުގެ މުޤައްރަރެއްވެސް މިދިޔަ އަހަރުވަނީ ކަނޑައެޅިފައި. އަދި އެ މުޤައްރަރަށް މިއަހަރުވަނީ ޢަމަލުކުރަން ފެށިފައި. މި މުޤައްރަރުތަކަށް ކިޔަވައިދޭނޭ ބައެއްފޮތް ރާއްޖޭގައި ތައްޔާރުކޮށް ޗާޕުކުރުމުގެ މަސައްކަތްވެސް ވޭތުވެދިޔަ އަހަރު ކުރެވިފައިވޭ.

ތަޢުލީމު ދިނުމުގައި، ޢާންމު ދިރިއުޅުމުގައި ބޭނުންވާ އެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމަށްވެސް ސަރުކާރުން ވަރަށްބޮޑަށް ބާރުއަޅަމުން ގެންދޭ. މާލޭގައި ހިނގަމުންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާއި، އެ ސެންޓަރުގެ ފަރާތުން ރާއްޖެތެރޭގައި ހިންގަވަމުން ގެންދަވާ ގޮފިތަކުގެ ޚިދުމަތްވެސް މިދިޔަ އަހަރުގެތެރޭގައި ލިބެމުންދިޔަ.

ރާއްޖޭގައި އެންމެ ގިނަމީހުން ކޮށްއުޅޭ މަސައްކަތަކީ، މަސްވެރިކަން ކަމަށްވުމާއެކު، މަސްވެރިކަމުގެ ޢިލްމު ސަރުކާރުގެ މަދަރުސާތަކުގައި އުނގަންނައިދިނުމަށް ގަސްދުކޮށް، ތަޢުލީމީ މުޤައްރަރުގައި އެމާއްދާ މިދިޔަ އަހަރު ހިމެނުނު. އަދި ރާއްޖޭގައި އެކުލަވައިލެވުނު މި މާއްދާ، 1986 ވަނަ އަހަރުގެ ލަންޑަން ޖީ.ސީ.އީ.ގެ ސިލަބަހުގައި ހިމެނުމަށް މިހާރުވަނީ ހަމަޖެހިފައި.

ރާއްޖޭގެ ދަރިންނަށް ތަޢުލީމު ދިނުމުގައި ސަރުކާރުން މަސައްކަތްކުރާ އަނެއްރޮނގަކީ، އެކުވެރި ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ލިބޭ ސްކޮލަރޝިޕްތަކުގައި، ރާއްޖޭގެ ޒުވާނުން ބޭރު ޤައުމުތަކަށް ފޮނުވުން. މިރޮނގުން 1984 ވަނަ އަހަރުގެތެރޭގައި، މަތީ ތަޢުލީމު ޙާޞިލުކުރުމަށް 8 ކުދިންނާއި، އެނޫން ތަމްރީނު ކޯސްތަކަށް 204 ކުދިން ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. އެ އަހަރުގެތެރޭގައި މަތީ ތަޢުލީމު ޙާޞިލުކޮށް ނިމިގެން ރާއްޖެއަށް އެނބުރި އައިސްފައިވަނީ، 12 ކުދިން. އެނޫން ކޯސްތައް ނިންމާފައި އައީ، 194 ކުދިން. އަހަރު ނިމުނުއިރު، ރާއްޖެއިން ބޭރުގައި ސަރުކާރު މެދުވެރިވެގެން ތަޢްލީމު ޙާޞިލުކުރަން 156 ކުދިން ތިބި.

ރާއްޖޭގެ ތަޢުލީމާ ބެހޭގޮތުން ވޭތުވެދިޔަ އަހަރު ހިނގި ކަންތައްތަކާމެދު އެއްޗެއް ދަންނަވާއިރު، ތަޢުލީމުގެ ބޭނުންތެރިކަމާމެދު ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ ވާހަކަ އަޅުގަނޑު މިދަންނަވަނީ ޚާއްޞަ އުފަލަކާއެކު. މިކަން އެންމެބޮޑަށް އެނގެމުންދަނީ، ޅަދަރީންނަށް ތަޢުލީމުދޭނޭ ތަންތަން ރައްޔިތުން އަމިއްލައަށް ހުޅުވައި، އެ މީހުންގެ އަމިއްލަ ޚަރަދުގައި އެތަންތަން ހިންގަމުން ގެންދާތީ. މިގޮތުން، ވޭތުވެދިޔަ އަހަރުގެތެރޭގައި، މާލޭގެ ތިން އަވަށަކުން އަވަށު މަދަރުސާ ހުޅުވައި، އެތަންތަން ހިންގަން ފެށުނު. އޭގެކުރިން ވަނީ މާލޭގެ އަނެއް އަވަށުގައި މަދަރުސާ ހުޅުވާފައި. ރާއްޖެތެރޭގައި ކުރިންހުރި އަމިއްލަ ތަންތަނުގެ އިތުރަށް، ވޭތުވެދިޔަ އަހަރު 9 މަދަރުސާއާއި މަކުތަބު ހުޅުވައި ހިންގަން ފަށާފައިވޭ.

ރާއްޖޭގެ ޞިއްޙަތު

1984 ވަނަ އަހަރަކީ، ޞިއްޙީގޮތުން ރާއްޖޭގައި މުހިންމު ފިޔައަޅުތަކެއް އެޅިފައިވާ އަހަރެއް. އަދި ޞިއްޙީ ޚިދުމަތްތައް ރައްޔިތުންގެ ގިނަބަޔަކަށް ލިބިދެވޭތޯ އިތުރު މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއް.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ރީޖަނަލް ހޮސްޕިޓަލް ހުޅުވުނު. އާދެ! އެއީ މާޅޮސްމަޑުލު އުތުރުބުރީގައި ހުޅުވުނު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، އައްޑުއަތޮޅުގައި ހުޅުވުނު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް. މިދެތަން ހުޅުވުމުން، ރާއްޖެތެރޭގައި ހުޅުވުމަށް ގަސްދުކުރެވިފައިވާ ހަތަރު ސަރަޙައްދީ ހަސްފަތާލުގެ ތެރެއިން ތިންތަން ހުޅުވުނީ. ހަތަރުވަނަ ހަސްފަތާލުވެސް މިހިނގާ އަހަރުގެތެރޭގައި ހުޅުވޭނެކަމަށް އުންމީދުކުރެވޭ.

ރާއްޖެތެރޭގެ ސަރަޙައްދީ ހަސްފަތާލުތައް ހުޅުވުމުގެ އިތުރަށް، މިހާރު އަތޮޅުއަތޮޅުގައި ހުރި ޞިއްހީ މަރުކަޒުތައް ބޮޑެތިކޮށް، އެތަންތާނގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ގެންދަނީ ކުރަމުން. މިދިޔަ އަހަރުވެސް، ރާއްޖެތެރޭގެ އެއް އަތޮޅެއްގެ ޞިއްޙީ މަރުކަޒުވަނީ ކުޑަ ހަސްފަތާލެއްގެ ފެންވަރަށް ތަރައްޤީކުރެވިފައި. މާލޭގައި އެންމެ ހަސްފަތާލެއް ހުރުމުންވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން މިދިޔަ އަހަރު މާލޭގައިވަނީ ޞިއްޙީ މަރުކަޒެއް ހުޅުވިފައި. އަދި މިފަދަ އިތުރު ތަންތަން މާލޭގައި ހުޅުވުމަށްވެސް ވަނީ ގަސްދުކުރެވިފައި.

1984 ވަނަ އަހަރު މާލޭ ސެންޓްރަލް ހޮސްޕިޓަލުންނާއި، މާލޭ ޞިއްޙީ މަރްކަޒުން 122,000 އަށްވުރެ ގިނަ ބަލިމީހުން ބަލައި، ބޭސްފަރުވާ ދެވިފައިވޭ. އޭގެތެރެއިން ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެވުނު މީހުންގެ އަދަދު ހަތަރުހާހަށްވުރެ ގިނަ. ރާއްޖެތެރޭގެ ސަރަޙައްދީ ހަސްފަތާލުތަކުން މިދިޔަ އަހަރު ސާދަހާހަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ބޭސްކޮށްދެވިފައިވޭ. ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން އެކިއެކި ބަލިބަލީގެ ޚާއްޞަ ޑަކްޓަރުން ކުރު މުއްދަތަށް ރާއްޖެގެނެސް، ބަލިމީހުންނަށް ފަރުވާދެވުނު.

ރާއްޖޭގެ ޞިއްޙަތާ ބެހޭގޮތުން ސަރުކާރުން ކުރާ އެންމެބޮޑު އެއްމަސައްކަތަކީ، ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާނޭ ރާއްޖޭގެ މީހުން އުފެއްދޭތޯ ކުރަމުންގެންދާ މަސައްކަތް. މިރޮނގުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެކިއެކި ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެން މަތީ ތަޢުލީމު ދިނުމާއި، ރާއްޖޭގައި ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތައް ބާއްވައިގެން ތަމްރީނުދިނުން ހިމެނޭ. 1984 ވަނަ އަހަރު ނިމުނުއިރު، ޞިއްޙީ ދާއިރާގެ ތަޢުލީމު ޙާޞިލުކުރުމަށް ރާއްޖޭގެ 18 ކުދިން ބޭރު ޤައުމުތަކުގައި ތިބި. އަދި ރާއްޖޭގައި ބޭއްވުނު ކޯސްތަކުގައި، 65 މީހުންނަށް ތަމްރީނު ދެވިފައިވޭ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާ މިހާރުދަނީ ފެންނަމުން. އާދެ! މީގެކުރިންދިޔަ ދެތިން އަހަރެއްގެތެރޭގައި ރާއްޖޭގައި އެންމެބޮޑަށް ފެތުރިގެންދިޔަ ނުރައްކާތެރި ބޭރަށްހިންގުމުގެ ރޯގާ ވޭތުވެދިޔަ އަހަރުގެތެރޭގައި އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި. ރާއްޖޭގެ އެއްވެސް ތަނެއްގައި މިދިޔަ އަހަރު ނުރައްކާތެރި ބޭރަށްހިންގުމެއް، ނުވަތަ އެނޫންވެސް އެފަދަ އެހެން ރޯގާއެއް ފެތުރިގެން ގޮސްފައެއްނުވޭ.

ރާއްޖޭގައި ޢާންމުކޮށް ފެތުރޭ ގިނަ ރޯގާއަކީ ފެނުގެ ސަބަބުން ފެތުރޭ ރޯގާ ކަމަށްވާތީ، މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ސާފުބޯފެން ލިބޭނޭގޮތަށް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް މިދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު. ރާއްޖެތެރޭގެ ތިންރަށެއްގައި 10,000 ލިޓަރުގެ 16 ތާނގީ ހަދައި، މާލޭގައި ފަސްތާނގީ ހެދުނު. މާލޭގައި ހެދުނު ތާނގީތަކަށް އެޅޭ ފެނުގެ އަދަދަކީ، 4,330,000 ލިޓަރު. އަދި މާލޭގެ ބޯފެނުގެ ކަންތައް ރަނގަޅުގޮތެއްގައި ހަމަޖެއްސޭތޯ ބޭރުގެ އެހީ ހޯދައިގެން ފެށުމަށް ގަސްދުކުރެވިފައިވާ މަޝްރޫޢާބެހޭ ހުރިހާ ތައްޔާރެއް މިދިޔަ އަހަރުވަނީ ގާތްގަނޑަކަށް ކޮށްނިމިފައި. އަދި އެ މަޝްރޫޢުގެ މަސައްކަތްތައް މިއަހަރު ހިންގަން ފެށޭނެ.

އަންހެނުންނާއި ޒުވާނުން

ރާއްޖޭގެ އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް ކުރިއެރުވޭތޯ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ކުރަމުން ގެންދެވުނު.

އަންހެނުންގެ ޤައުމީ ކޮމިޓީން އިންތިޒާމުކުރެއްވި، ރާއްޖޭގެ އަންހެނުންގެ ތިންވަނަ ޤައުމީ ޖަލްސާ މިދިޔަ އަހަރު ބޭއްވުނު. މި ޖަލްސާގައި، ރާއްޖޭގެ ހުރިހާ އަތޮޅުތަކުންނާއި، މާލޭގެ ހަތަރު އަވަށުން ބައިވެރިވި. މިޖަލްސާގެ މައިގަނޑު މައުޟޫޢަކީ "ރާއްޖޭގައި އެންމެ ޢާންމުކޮށް އުޅޭ ރޯގާ ކަމުގައިވާ ބޭރަށްހިންގުމުން ރައްކާތެރިވުމަށް އަންހެނުންނަށް ކުރެވިދާނެ މަސައްކަތްތައް" ކަމުގައިވިޔަސް، ރާއްޖޭގެ އަންހެނުންގެ ތަރައްޤީއާބެހޭ ވަރަށްގިނަ މައްސަލަތަކާމެދު މިޖަލްސާގައި ޚިޔާލު ފާޅުކޮށް ވާހަކަ ދެކެވުނު. ރާއްޖޭގެ ތިން އަތޮޅެއްގެ 12 ރަށުން، ކޮންމެ ރަކަށުން އަންހެނަކު މާލެ ގެނެސްގެން، އަންހެނުންގެ ތެރޭގައި ޖަމާޢަތުގެ ކަންކަމުގައި އިސްނަގައިގެން އުޅޭނެ މީހުން އުފެއްދުމުގެ ކޯސްތަކެއްވެސް އަންހެނުންގެ ޤައުމީ ކޮމިޓީން ހިންގަވާފައިވޭ. އަދި 1984 ވަނަ އަހަރަކީ، އަންހެނުންގެ ބައިނަލްއަޤްވާމީ ދިހަ އަހަރުގެ ނިމުން ފާހަގަކުރާ އަހަރު ކަމަށްވާތީ، އެކަމާ ބެހޭގޮތުން ރާއްޖޭގެ އަންހެނުންނާބެހޭ ވަރަށްގިނަ މަޢުލޫމާތު ހޯއްދަވައި، އެއްކުރައްވާފައިވޭ.

ޒުވާނުންގެ މަޖިލީހާއި އެ މަޖިލީހުގެ ދަށުން ހިނގަމުންދާ ޒުވާނުންގެ މަރުކަޒުގެ ފަރާތުން، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޤައުމީ ރޫޙާއި ހޭލުންތެރިކަން އިތުރުކުރެއްވޭތޯ ތަފާތު މަސައްކަތްތައް މިދިޔަ އަހަރުގެތެރޭގައިވެސް ކުރައްވަމުން ގެންދެވި. އޭގެތެރޭގައި އެކިއެކި ކުޅިވަރުތައް ދަސްކޮށްދިނުމުގެ އިތުރަށް، ޒުވާނުންގެ ކޭމްޕް ބޭއްވުންފަދަ ކަންތައްތަކާއި، ފެހުންފަދަ ދިރިއުޅުމަށް ބޭނުންހިފޭ މަސައްކަތްތައް ދަސްކޮށްދިނުންވެސް ހިމެނޭ. ރާއްޖޭގެ ޒުވާނުން ބޭރުގެ ބައެއް ޤައުމުތަކުގައި ތަމްސީލުކޮށްދިނުމުގެ ގޮތުން، ޒުވާނުންގެ ވަފްދުތައް ބޭރުޤައުމުތަކަށް ފޮނުއްވުމާއި، ބޭރު ތަންތާނގެ ޓީމުތައް ރާއްޖެއަށް ގެނެވުންފަދަ ކަންތައްތައްވެސް ކުރައްވާފައިވޭ.

މިހިނގާ 1985 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ ޒުވާނުންގެ އަހަރު ކަމަށްވާތީ، މިއަހަރުގެ ޕްރެޒިޑެންޝަލް އެޑްރެހުގައި ޒުވާނުންނާމެދު އިތުރު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އާދެ، ޒުވާނުންނަކީ، އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާފަދައިން، ޤައުމުގެ އެންމެ އަގުހުރި ރައުސްމާލު. ޒުވާނުންނަކީ، ޤައުމުގެ މުސްތަޤްބަލަށް ސިފަގެންނަން ތިބި މީހުން. މާދަމާގެ ދިވެހިރާއްޖެ ބިނާކުރަން ތިބި ދަރިން. އެހެންކަމުން، މިއަދުގެ ޒުވާނުންނަކީ، ހަރުދަނާ ބަޔަކަށް ހެދޭތޯ ބަލަންޖެހޭނެ. އަދި އެމީހުންގެ ހިތުގައި ދީނީރޫޙާއި ޤައުމިއްޔަތުގެ ޝުޢޫރު އުފެއްދޭތޯ މަސައްކަތް ކުރަންޖެހޭނެ. އެމީހުންނަކީ، ޤައުމަށް ފައިދާހުރި، ބޭނުންތެރި މުވާޠިނުންތަކެއް ކަމުގައި ވާނީ، މި މުހިންމު މަޤްޞަދު ހާސިލުކުރެވޭގޮތަށް ސަރުކާރާއި ހުރިހާ ފަރާތަކުންވެސް ސާބިތުކަމާއެކު މަސައްކަތްކޮށްގެން. ޒުވާނުންގެ އަހަރުގެ މޮޓޯ ކަމުގައިވާ، "ބައިވެރިވުމާއި، ކުރިއެރުމާއި، ޞުލްޙަ" އާ އެއްގޮތްވާ ގޮތުގެމަތިން، ޒުވާނުންގެ ހޭލުންތެރިކަން އިތުރުކޮށްގެން.

ރާއްޖޭގައި ޢާންމުކޮށް ބާއްވަމުން ގެންދާ ކުޅިވަރު މުބާރާތްތައް 1984 ވަނަ އަހަރުގެ ތެރޭގައިވެސް ބޭއްވުނު. އަދި އޭގެއިތުރަށް، ރާއްޖޭގެ ކުޅިވަރު ޓީމުތައް ރާއްޖެއިން ބޭރުގެ ތަންތަނަށް ދިއުމާއި، ބޭރުގެ ކުޅިވަރު ޓީމުތައް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ސަބަބުން، ރާއްޖޭގެ ކުޅިވަރު ކުރިއަށް ގެންދިއުމުގައި، 1984 ވަނަ އަހަރު ހިމެނުނީ ފާހަގަކުރެވޭފަދަ އަހަރެއް ކަމުގައި. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާގައި ހިމެނޭ ޤައުމުތަކުގެ މެދުގައި ބޭއްވުނު ފުރަތަމަ ކުޅިވަރު މުބާރާތުގައިވެސް މިދިޔަ އަހަރު ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވޭ.

އިޖުތިމާޢީ ގޮތުން ދެވޭ ޚާއްޞަ އެހީތައް

ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްދޭ ޚާއްޞަ އެހީތައް 1984 ވަނަ އަހަރުގެތެރޭގައިވެސް ދެމުން ގެންދެވުނު. މިރޮނގުން ދެވޭ އެންމެބޮޑު އެހީއަކީ، އަމިއްލައަށް ބޭސްކުރެވޭފަދަ ތަނަވަސްކަން ނެތް މީހުންނަށް ބޭސްކޮށްދިނުމުގެ ގޮތުން ދެވޭ އެހީ. ވޭތުވެދިޔަ އަހަރުގެތެރޭގައި، މާލޭ ސެންޓްރަލް ހޮސްޕިޓަލްގައާއި، ރާއްޖެއިން ބޭރަށް ފޮނުވައިގެން، ސަރުކާރުގެ ޚަރަދުގައި 3800 އަށްވުރެ ގިނަ މީހުންނަށް ބޭސްކޮށްދެވިފައިވޭ. އެމީހުންނަށް ބޭސްކޮށްދިނުމަށް، 3.3 މިލިޔަން ރުފިޔާ ޚަރަދުވި. މިއީ 1983 ވަނަ އަހަރު މިރޮނގުން ހޭދަވީވަރަށްވުރެ ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެއް.

މާފުށީގައި ހިނގަމުންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް 1984 ވަނަ އަހަރު 20 ކުދިން އިތުރުކުރެވިފައިވޭ. އަހަރު ނިމުނުއިރު، އެތާނގައި ތިބީ 156 ކުދިން. އެތަނުން ބައެއް ކުދިން އެކިއެކި މަސައްކަތް ދަސްކޮށްގެން، މިދިޔަ އަހަރުގެތެރޭގައިވެސް އެކިތަންތާނގެ ވަޒީފާތަކަށްދިޔަ.

އިޖުތިމާޢީ ގޮތުން ދެވޭ ޚާއްޞަ އަނެއް އެހީއަކީ، މާލެއަތޮޅު ގުރައިދޫގައި ހިނގަމުންދާ ދައުލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ކަންތައްތައް. ވޭތުވެދިޔަ އަހަރު ނިމުނުއިރު، މި މަރުކަޒުގައި 49 ފިރިހެނުންނާއި 24 އަންހެނުން ތިބި. މި މީހުން ބެލެހެއްޓުމަށް މިދިޔަ އަހަރު 711 ހާސް ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޚަރަދުކުރެވުނު. މިމީހުން ބެލެހެއްޓުމުގައި ސަރުކާރުން ބާރުއަޅަމުން ގެންދަނީ، އެކިބަލިބަލީގެ ސަބަބުން ނުކުޅެދިފައިވާ މީހުން ދިރިއުޅުމުގެ ކަންތައްތަކުގައި ބައިވެރިވުމުގެ ތަމްރީނުދީ ހޭނުވުމުގެ މައްޗަށް.

ރޭޑިއޯއާއި ޓެލެވިޜަންގެ ޛަރީޢާއިން ދެމުންގެންދާ ޚިދުމަތްތައް ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް އިތުރަށް ތަރައްޤީކުރެވޭތޯ މަސައްކަތްތައް ކުރަމުން ގެންދެވުނު. ޚަބަރާއި މަޢުލޫމާތުގެ އިތުރަށް، އެކިއެކި ދީނީ ޕްރޮގްރާމުތަކާއި ކިޔަވައިދިނުމުގެ ޕްރޮގްރާމުތައް ފޮނުވަމުން ގެންދެވުނު. އަދި ވަކީން ޚާއްޞަކޮށް، ދުނިޔޭގައި ހިނގާ ކަންތައްތަކުގެ މަންޒަރުތައް އެ ޚަބަރުތަކާއެކު ޓެލެވިޜަނުން ދައްކައިދެވޭނޭ އިންތިޒާމު މިދިޔަ އަހަރުގެތެރޭގައި ހަމަޖެހި، ޓެލެވިޜަންގެ ޚަބަރާއެކު އެ މަންޒަރުތައް ދުރަށް ދައްކަމުން ގެންދެވުނު. ރޯޑިއޯގެ ޚިދުމަތް މިހާރަށްވުރެ އިތުރުކުރުމަށްޓަކައި، މިހާރުހުރި ސްޓޫޑިއޯއަށްވުރެ ބޮޑު އަދި ފެންވަރު ރަނގަޅު ސްޓޫޑިއޯއަކާއި އޮފީސް ޢިމާރާތެއް ހެދުމަށްޓަކައި، ބޭރުގެ އެހީ ލިބިގެން ހިންގާ މަޝްރޫޢުގެ މަސައްކަތް މިދިޔަ އަހަރުވެސް ހަލުވިކަމާއެކު ކުރިޔަށް ގެންދެވުނު.

ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ވޭތުވެދިޔަ އަހަރުގެތެރޭގައި ސަރުކާރުގެ ފަރާތުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވޭ. 1983 ވަނަ އަހަރު އުފެއްދިފައިވާ "މިސްކިތްތަކާބެހޭ ޤައުމީ މަޖްލިސް" ވޭތުވެދިޔަ އަހަރުގެތެރޭގައި ރަސްމީގޮތުން އިފްތިތާޙު ކުރެވުނު. މި އިފްތިތާޙީ ޖަލްސާއަށް ރާބިޠަތުލްޢާލަމިލް އިސްލާމީގެ ސެކްރެޓެރީ ޖެނެރަލް އަދި ދުނިޔޭގެ މިސްކިތްތަކާބެހޭ މަޖްލިސްގެ ރައީސް ޑޮކްޓަރ ޢަބްދުﷲ ޢުމަރު ނަޞީފު ވަޑައިގެންނެވި. މިސްކިތްތަކާބެހޭ ޤައުމީ މަޖިލީހުގެ ފަރާތުން، ކޮންމެ ހަފުތާއަކު "ދަރުސުލްއުސްބޫޢު"ގެ ނަމުގައި އޮންނަ ދީނީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މާލޭގެ މިސްކިތްތަކުގައި ބާއްވަވަން ފެށްޓެވި. އަދި ކޮންމެ ތިންމަހަކުން އެއްފަހަރު "އަލްމިންބަރު"ގެ ނަމުގައި ދީނީ މަޖައްލާއެއް ނެރުއްވަމުން ގެންދަވާ. ރާއްޖޭގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ޒަމާނާ އެއްގޮތްވާގޮތުގެ މަތިން، އާ މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢެއް، އެ މަޖިލީހުގެ ފަރާތުން މިހާރު ގެންދަވަނީ ތައްޔާރުކުރައްވަމުން.

ކުރިއްސުރެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފެދިގެން ހިނގަމުން އަންނަ، ދީނީ ކަންތައްތައް ރައްކާތެރިކުރާ ކޮމިޓީގެ މަސައްކަތްތައް މިދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު. އެ ކޮމިޓީގެ ފަރާތުން ކުރަމުންގެންދާ އެންމެ މުހިންމު މަސައްކަތް ކަމުގައިވާ ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް މެދުނުކެނޑި ކުރެވުނު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރްކަޒުން ދިވެހިބަހުގެ އަދަބީ ފަންނުތައް ތަރައްޤީކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ވަރަށް މުހިންމު ފިޔަވަޅެއް އެޅުއްވި. އެއީ، އަހަރުގެ އަދަބީ ކަލަންޑަރެއް ހަމަޖައްސަވައިގެން، މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ޅެން ހެދުންފަދަ އަދަބީ މުބާރާތްތަކެއް ބާއްވަވަން ފެށްޓެވުން. އަދި ދިވެހިބަހުގެ ރަދީފު އެކުލެވުމުގެ ގޮތުން މިދިޔަ އަހަރު ލާމުން ފެށޭ ބަސްތައް އެ މަރުކަޒުން އެއްކުރައްވައި ނިންމެވި.

ރާއްޖެތެރޭގައި އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން މިދޔަ އަހަރު ކުރެވުނު އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ފުރަތަމަ ބިނާކުރި ކުތުބުޚާނާ ކަމުގައިވާ "ޢަބްދުﷲ އިސްމާޢީލް ލައިބްރަރީ" ނިލަންދެއަތޮޅު މަގޫދޫގައި ހުޅުވުން. މީގެ އިތުރަށް، އުތީމުގައި ޢިމާރާތްކުރުމަށް ގަސްދުކުރެވިފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު" ޢިމާރާތްކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރު ވަނީ ފެށިފައި.

ވޭތުވެދިޔަ އަހަރު، ޤައުމީދުވަހުގެ އެންމެ މުހިންމު ރަސްމިއްޔާތު ބޭއްވީ އައްޑުއަތޮޅު ހިތަދޫގައި. އެކަން އެގޮތަށް ހަމަޖެއްސީ، ޤައުމީދުވަހަކީ ރާއްޖޭގެ އެންމެންވެސް ފާހަގަކުރަންޖެހޭ ދުވަހެއް ކަމަށްވާތީ، ވީވަރަކުން އެފަދަ މުހިންމު އިޙްތިފާލުތައްވެސް ރާއްޖެތެރޭގައި ބޭއްވޭތޯ ބެލުމުގެ ގޮތުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރާއްޖޭގެ ރައީސްކަމާ ދެވަނަ ދައުރަކަށް ހަވާލުވީއްސުރެ، އެންމެބޮޑު ސަމާލުކަމެއް އަޅުގަނޑުމެން ދެމުންގެންދާ އެއްކަމަކީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށް މަސައްކަތްކުރުން. ރާއްޖޭގައި މިހާރުވެސް ހިނގަމުންދާ އެކަށީގެންވާ ގިނަ އަދަދެއްގެ ޤާނޫނުތަކެއް ހުރިކަމުގައިވިޔަސް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިޒަމާނަށް ބޭނުންވާ ބައެއް މުހިންމު ޤާނޫނުތައް އަދި ވަނީ ނެހެދި.

އާދެ، މިހާރު ރާއްޖޭގެ ކަންތައްތައް ތަރައްޤީވެފައިވާ ހިސާބާއި، ބޭރުގެ އެކިއެކި ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ތަފާތު މަސައްކަތްތައް ކުރެވެމުންދާ މިންވަރަށް ބަލާއިރު، ރާއްޖޭގައި ކަމާބެހޭ ހުރިހާ ޤާނޫނުތަކެއް ފުރިހަމަވެފައި ހުރުމަކީ ކޮންމެހެން ބޭނުންކަމެއް.

އެހެންކަމުން، ވަރަށް މުހިންމު ދާއިރާތަކަކާބެހޭ ޤާނޫނުތަކެއް އެކުލަވައިލުމުގެ މަސައްކަތްތައް، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އެބަ ހިންގަމުން ގެންދޭ. ބޭރުގެ މާހިރުން ގެނެސްގެން، އެ ޤާނޫނުތަކުގެ ދެލިކޮޕީ ތައްޔާރުކޮށް ދިވެހިބަހަށް ތަރުޖަމާކުރުމަށްފަހު، މިހާރު މިގެންދަނީ، އޭގައި އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނީ އާދަކާދަތަކާ ޚިލާފުވާ ކަންތައްތައް ހުރިތޯ ބަލަމުން.

މިގޮތުން މިހާރު ތައްޔާރުކުރެވެމުންދާ ޤާނޫނުތަކުގެ ތެރޭގައި، މަސްވެރިކަމުގެ ޤާނޫނަކާއި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާބެހޭ ޤާނޫނެއްވެސް ހިމެނޭ. މުދާ ގަނެވިއްކުމާބެހޭ ޤާނޫނަކާއި، އެގްރީމެންޓްފަދަ ތަކެއްޗާބެހޭ ޤާނޫނަކާއި، މިނޫން މިފަދަ ބައެއް ޤާނޫނު ހިމެނޭ. އަދި މިހާރު އޮންނަ ފޮރިން އިންވެސްޓްމެންޓުގެ ޤާނޫނާއި، ކުންފުނި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނުފަދަ ބައެއް ޤާނޫނަށް އިޞްލާޙު ގެނެވޭނޭ ޤާނޫނުތައްވެސް ހިމެނޭ.

މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުމުން، ކުރިއަށްއޮތްތާނގައި، މިދެންނެވި ޤާނޫނީ ބިލުތައް ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ގަވާއިދުގެ މަތިން ހުށަހަޅަމުން ގެންދާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަން.

ރާއްޖޭގެ އިޤްތިޞާދިއްޔަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

1982 ވަނަ އަހަރާއި 1983 ވަނަ އަހަރުގެތެރޭގައި ރާއްޖެ ކުރިމަތިލާންޖެހުނު އިޤްތިޞާދީ ދަތިތައް މުޅިން ފިލައިގެން ނުދިޔަނަމަވެސް، 1984 ވަނަ އަހަރަކީ އިޤްތިޞާދީގޮތުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށްދިޔަ އަހަރެކޭ އަޅުގަނޑު މިދަންނަވަނީ އުފަލާއި ހިތްހަމަޖެހުމާއެކު. އާދެ، އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކަކީ، އެކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ ބާރު ފޯރުވެން ނެތް، ބައިނަލްއަޤްވާމީ ގޮތުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަކުން އުފެދެމުންދާ ކަންތައްތަކެއް. އެހެންކަމާއެކުވެސް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މިހާރު ކުރެވެމުންދާ ތަފާތު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ ހުރިހާ ޢަލާމާތެއްވެސް މިދިޔަ އަހަރު ދައްކާފައިވަނީ ކުރިއަރާފައިވާ ކަމަށް.

އާދެ، ވޭތުވެދިޔަ އަހަރުގެތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން %12.8 މައްޗަށް ގޮސްފައިވޭ. 1983 ވަނަ އަހަރު އުފެއްދުންތެރިކަން ކުރިއަށް ގޮސްފައިވާ މިންވަރަކީ، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު %5.9. ރާއްޖެއަށް ލިބޭ ފައިސާގެ ނިސްބަތުން، 1983 ގައި ބޮލަކަށްޖެހުނު އަދަދަކީ، ގާތްގަނޑަކަށް 2,700 ރުފިޔާ. 1984 ވަނަ އަހަރު ނިމުނުއިރު، މިއަދަދު 3,100 ރުފިޔާއަށް އިތުރުވެގެން ހިނގައްޖެ.

1984 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ، އޭގެ ކުރީ އަހަރަށްވުރެ %24.5 އިތުރުވެފައި. މިދިޔަ އަހަރު ދައުލަތަށް އާމްދަނީގެގޮތުގައި ލިބިފައިވަނީ، 171.2 މިލިއަން ރުފިޔާ. އޭގެ އެންމެބޮޑުބައި ލިބިފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ މަޢުމޫލަށް. ދެން ޓޫރިޒަމްގެ ދާއިރާއިންނާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ފައިދާއިން. އަދި ބޭރުގެ އެހީއިން.

ދައުލަތުގެ ޚަރަދުވެސް މިދިޔައަހަރުގެ ތެރޭގައި ވަނީ އޭގެ ކުރީ އަހަރަށްވުރެ %11.7 މައްޗަށް ގޮސްފައި. 1984 ވަނަ އަހަރުވެސް ހިމެނުނީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ، ދައުލަތުން ކުރެވުނު ޚަރަދު ބޮޑުވެގެންދިޔަ އަހަރެއް ކަމުގައި. އެއަހަރު ދައުލަތުން ހިނގި ޚަރަދުގެ ޖުމްލައަކީ، 182.7 މިލިޔަން ރުފިޔާ. މީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހޭދަކުރެވިފައި ވަނީ އިޖުތިމާޢީ ތަރައްޤީއަށް. އާދެ، ތަޢުލީމަށާއި، ޞިއްޙަތަށާއި، މުވާޞަލާތުގެ ކަންތައް ކުރިއެރުވުމަށާއި، ސަރުކާރުންދޭ ޚާއްޞަ އެހީތަކަށް. އަދި އިމާރާތްކުރުންފަދަ ކަންކަމަށް. އިޤްތިޞާދީ ކަންތައްތައް ތަރައްޤީކުރުމަށްވެސް އެކަށީގެންވާ ބޮޑު ޚަރަދެއް ހިނގާފައިވޭ. އެއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްފަދަ ކަންތައްތަކަށް.

އަޅުގަނޑުމެންގެ ރާއްޖެއަކީ، އެކިއެކި މަސައްކަތްތަކަށާއި ދިރިއުޅުމަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ އެއްޗެއްވެސް ބޭރުން އެތެރެކުރަންޖެހޭ ޤައުމަކަށްވާތީ، ރާއްޖެއަށް ބޭރުފައިސާ ލިބޭ މިންވަރާއި ހޭދަކުރަންޖެހޭ މިންވަރަކީ، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ބައެއްކުޅޭ ބާރެއް ކަމުގައިވޭ. ވޭތުވެދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ބޭރުން ލިބުނު ލޯނު ފިޔަވައި، ސަރުކާރަށް ލިބިފައިވަނީ، 34.5 މިލިޔަން އެމެރިކާ ޑޮލަރު. މީގެތެރޭގައި، މަހުގެ ބާވަތްތައް ބޭރުކޮށްގެން ލިބުނު ފައިސާއާއި، މަތިންދާބޯޓަށް އަޅާ ތެޔޮ ވިއްކައިގެން ލިބުނު ފައިސާއާއި، ރާއްޖެއިން ސީދާ ގަނެވުނު ބޭރުފައިސާއާއި އަދި ބޭރުގެ އެހީއަށް ލިބުނު ފައިސާވެސް ހިމެނޭ.

ސަރުކާރަށް ލިބޭ ބޭރުފައިސާ ހޭދަކުރަމުންގެންދާ މައިގަނޑު ކަންތައްތަކަކީ، ރާއްޖެއަށް ބޭނުންވާ ކާޑުގެ ތަކެއްޗާއި، ތެލުގެ ބާވަތްތަކާއި، ބޭހާއި، އޮފީސްތަކަށް ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެނައުމާއި، އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށާއި، އެފަދަ މަޝްރޫޢުތަކަށްޓަކައި ބޭރުގެ ފަރާތްތަކުން ސަރުކާރަށް ނަގާފައިވާ ލޯނުތައް އަދާކުރުން.

1984 ވަނަ އަހަރު ކާޑުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހޭދަވެފައިވަނީ، 5.5 މިލިޔަށް ޑޮލަރު. އަދި ޕެޓްރޯލާއި ތެލުގެ ބާވަތްތައް ގެނައުމަށް، 6.9 މިލިޔަން ޑޮލަރު. ބޭރުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް 5.4 މިލިޔަން ޑޮލަރު.

ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތައް، އަދާކުރަން ހަމަޖެހިފައިވާ ގަވާއިދުގެމަތިން، ފައިސާ ދައްކަންޖެހޭ ތާރީޚަށް ދައްކަމުން ގެންދާ ވާހަކަ ދަންނަވާލުމަކީ، މިފުރުޞަތުގައި ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެކެން.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގެ މައްޗަށް ބަލާއިރު، ކުރިއަރާފައިވަނީ ހަމައެކަނި ސަރުކާރުގެ ދާއިރާއެއް ނޫން. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ކުޅެމުންދަނީ އަމިއްލަ ފަރާތްތަކުން ކަމަށްވުމާއެކު، އެފަރާތްތަކުގެ މަސައްކަތްތައްވެސް އިތުރުވެ ކުރިއަރަމުން ދިއުމަކީ ކޮންހެން ބޭނުންކަމެއް. މިގޮތުން ބަލާއިރު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވަމުންދާ ދިއުމުގައި، އެންމެބޮޑަށް އިތުރުވެފައިވަނީ ޢިމާރާތްކުރުމުގެ މަސައްކަތާއި، ދަތުރުފަތުރުކުރުމުގެ ވަސީލަތްކަން ފާހަގަކުރެވޭ.

މިދިޔަ އަހަރު ރާއްޖޭގައި އާ ފައިސާގެ ނޫޓެއް ހިންގަން ފެށުނުކަން މިމަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ނެރުއްވި މި ނޫޓު ރަސްމީގޮތުން އިޢުލާނު ކުރެވުނީ، 1983 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު. އެހެންނަމަވެސް، ނޫޓު ރާއްޖޭގައި ޢާންމުކޮށް ހިންގަން ފަށައިގަނެވުނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި. އޭގެކުރިން، ރާއްޖޭގައި ހިންގަމުން ގެންދެވިފައިވަނީ، 1947 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ނޫޓެއް. މިހާރު ގަސްދުކޮށްފައިވަނީ، 1985 ވަނަ އަހަރުގެ ނިޔަލަށް މިނޫޓު ބާޠިލުކުރުމަށް. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުއްވި ރާއްޖޭގެ އާ ފައިސާފޮތިތަކެއްވެސް މިދިޔަ އަހަރު ހިންގަން ފެށްޓުނު.

މަސްވެރިކަން

1984 ވަނަ އަހަރަކީ ވޭތުވެގެންދިޔަ ހައެއްކަ އަހަރާ ނިސްބަތްކުރާއިރު، ރާއްޖެއަށް ބޭނުނު މަހުގެ އަދަދާއި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މަހުގެ އަދަދު ރެކޯޑް މިންވަރަކަށް މައްޗަށްދިޔަ އަހަރެއް. ވޭތުވެދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި ރޯމަހާއި، ލޮނުމަހާއި، ހިކިކަނޑުމަސް 15000 ޓަނަށްވުރެ މައްޗަށް ގޮސްފައިވޭ. ދަޅުގައި ބަންދުކުރިމަހާއި ކަށިމިޔަރުތެޔޮ ފަދަ ތަކެތިވެސް ކުރީ އަހަރުތަކަށްވުރެ އިތުރަށް އެކްސްޕޯޓް ކުރެވިފައިވޭ. ޚާއްޞަކޮށް، ދަޅުގައި ބަންދުކުރިމަސް، 1983 ވަނަ އަހަރު އުފެއްދުނުވަރަށްވުރެ، 1984 ވަނަ އަހަރު ހަތްގުނަ އިތުރުވެފައިވޭ.

ބައިނަލްއަޤްވާމީ ގޮތުން މަހުގެ އަގަށް ރަނގަޅު ބަދަލެއް އައިކަމުގައި ނުވިޔަސް، މަހުގެ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން، ރާއްޖޭގެ ގިނަ ބަޔެއްގެ ތަނަވަސްކަން މިދިޔަ އަހަރުގެ ތެރޭގައި ކުރީ އަހަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން. 1984 ވަނަ އަހަރު މަސްވެރިން އަތުން މަސްގަތުމަށް ސަރުކާރުން 23 މިލިޔަން ރުފިޔާ ހޭދަކުރި. މިއީ 1983 ވަނަ އަހަރު ހޭދަކުރި ފައިސާއަށްވުރެ %69 މަތީ އަދަދެއް.

މަސްވެރިކަމުން މިދިޔަ އަހަރު ސަރުކާރަށް ލިބުނު ބޭރުފައިސާގެ އަދަދަކީ، ކުރީ އަހަރަށްވުރެ %66 އިތުރު އަދަދެއް. މިއީ ސަރުކާރަށް ލިބުނު ބޭރު ފައިސާގެ %25.

މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި، 1984 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެތެރޭގައި، ރާއްޖޭގައި ފުރާދުއްވާ އިންޖީނު ބެހެއްޓި އުޅަނދުތަކުގެ ތެރެއިން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުތައް ވަކިން ރަޖިސްޓަރީ ކުރުމާއި، އެފަދަ އުޅަނދުތައް އަހަރުދުވަހުގެ ތެރޭގައި މަދުވެގެން 180 ދުވަހު މަހަށް ފުރަންޖެހޭގޮތަށް ހަމަޖެއްސުން ހިމެނޭ. އަދި އިންޖީނު ބެހެއްޓި އުޅަނދުތަކުން ފީނަގާގޮތަށް ނިންމިއިރު، މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުތަކުން ފީ ނުނަގާގޮތަށްވެސް ހަމަޖެއްސިފައިވޭ.

ރާއްޖޭގެ ދެކުނުގެ ފަސްއަތޮޅުގައި ހިންގުމަށް ގަސްދުކުރެވިފައިވާ، މަސްވެރިކަމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިދިޔަ އަހަރުގެތެރޭގައި ވަރަށްބޮޑަށް ކުރިއަށް ގެންދެވިފައިވޭ. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ބަނުމަށް ހަމަޖެހިފައިވާ 100 މަސްދޯނީގެތެރެއިން، އަހަރު ނިމުނުއިރު 42 ދޯނި ބަނދެ ނިމިއްޖެ. ދެކުނު ކޮރެޔާގައި ބަނުމަށް ހަމަޖެހިފައިވާ 800 ޓަނުގެ މަސްފިނިކުރާ ތިންބޯޓު ބަނދެ ނިމިގެން، މިދިޔަ އަހަރު އޭގެ ދެބޯޓް ރާއްޖެއަށްވަނީ ގެނެވިފައި. އަދި ތިންވަނަ ބޯޓުވެސް ލަހެއްނުވެ ރާއްޖެ އަންނާނެ. މާލޭގައި ބަންނަ މަސްކިރާ ބޯޓުތަކުގެ މަސައްކަތްވެސް މިއަހަރުގެތެރޭގައި ނިންމުމަށްވަނީ ރޭވިފައި. ދެކުނުގެ އަތޮޅުތަކުގައި ބެހެއްޓުމަށް ކަނޑައެޅިފައިވާ ތެޔޮއަޅާ ތާނގީތައްވެސް މިހާރުވަނީ ބަހައްޓައި ނިމިފައި.

ދުނިޔޭގެ ބޭންކުގެ ލޯނާއި، ނޯވޭއާއި އޯޕެކް ފަންޑުގެ އެހީގައި ފެށުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ މަސްވެރިކަމުގެ ދެވަނަ މަޝްރޫޢާބެހޭ މަސައްކަތްތައްވެސް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފެށިފައި. ލަފާކުރެވޭގޮތުގައި މި މަޝްރޫޢު ރަނގަޅަށް ހިނގައިގަންނާނީ 1986 ގައި.

މަސްވެރިކަމާ ބެހޭގޮތުން ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތައް އެއްތަނަކުން ހިންގަމުން ގެންދިއުމަކީ ބޭނުންތެރި ކަމެއްކަމުގައި ފެނިގެން، 1984 ވަނަ އަހަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ދަށުގައި، "ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް" ގެ ނަމުގައި ވަކިބައެއް އުފައްދައި، ކުރިން ދެންނެވި ދެ މަޝްރޫޢުވެސް އެތަނުން ހިންގަވާގޮތަށް ހަމަޖެއްސުނު. އަދި މިކަމާ ގުޅިގެން، ކުރިން އޮތް މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން އުވާލައި، އެތަނުން ކުރައްވަމުން ގެންދެވި މަސައްކަތްތައްވެސް އަލަށް އުފެދުނު ޑިޕާޓްމަންޓުން ހިންގަވާގޮތަށް ހަމަޖެއްސުނު.

މިދެންނެވި މަސްވެރިކަމާބެހޭ މަޝްރޫޢުގެ އިތުރަށް، ކުރިއްސުރެ ހިނގަމުންދާ މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ ޕްރޮގްރާމް ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު. އަހަރު ނިމުނުއިރު، ރާއްޖޭގައި ހުރީ މި ޕްރޮގްރާމުގެ ދަށުން އިންޖީނު ބަހައްޓައިދެވުނު 1,318 އިންޖީނުދޯނި.

ރާއްޖޭގެ އުތުރާއި ދެކުނުން ދެރަށެއްގައި ތައްޔާރުކުރަން ފަށާފައިވާ މަސްވެރިއަވަށުގެ ތެރެއިން ފޮނަދޫގެ މަސްވެރިއަވަށް މިދިޔަ އަހަރުވަނީ ހަދާނިމިފައި. ހޯރަފުށީގައި ތައްޔާރުކުރެވުނު މަސްވެރިއަވަށް ކުރީ އަހަރު ވަނީ ނިމިފައި. މިއިން ކޮންމެ ތަނެއްގައި 25 ޓަނުގެ މަސް ފިނިކޮށް ބަހައްޓާނެ ތަނެއް ހުރޭ. މިދެތަންވެސް މިހާރު ހުރީ، މަސްވެރިކަން ރަނގަޅު ދުވަސްވަރު، މަސްކިރުމަށް ދަތިކަމެއް އައިސް ބޭނުންކުރަން ޖެހިއްޖެނަމަ ބޭނުންކުރެވޭގޮތަށް ތައްޔާރުކޮށް ނިމިފައި.

މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން އެންމެމަތީ އަހަންމިއްޔަތެއް ދޭ އަނެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކޮށް ބެލެހެއްޓުން. ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން، ކަނޑާއި ވައިގެތެރެއިން މިކަމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދެވި. އެފަރާތުން ކުރެއްވި މަސައްކަތުގެތެރޭގައި، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެތެރެއަށް ގަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ބޭރުގެ މަސްހިފާ ދެބޯޓު ސަރުކާރަށް އަތުލައި، އެ ޢަމަލު ހިންގި މީހުންނާމެދު ޤާނޫނީ ފިޔަވަޅުއެޅުން ހިމެނޭ.

ޓޫރިޒަމް

ރާއްޖޭގެ އިޤްތިޞާދަށް އެންމެބޮޑު ކުރިއެރުމެއް މިހާރު ލިބެމުންދާ އަނެއްރޮނގަކީ ޓޫރިޒަމް. ޚާއްޞަކޮށް، ރާއްޖެއަށް ބޭރުފައިސާ ލިބެންހުރި ދާއިރާތަކުގެތެރެއިން، ޓޫރިޒަމަކީ އެންމެ މުހިންމު އެއްދާއިރާ. އެހެންކަމުން، ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން މިގެންދަނީ، ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކޮށް ހަރުދަނާކުރުމަށް.

މިގޮތުން، 1984 ވަނަ އަހަރުގެތެރޭގައި ސަރުކާރުން އެންމެބޮޑަށް ބާރުއަޅަމުން ގެންދިޔައީ، ޓޫރިސްޓް ރިޒޯޓުތަކުގެ ފެންވަރު މޮޅުކޮށް، އެތަންތަނުން ދެވޭ ޚިދުމަތްތައް ރަނގަޅުކުރެވޭތޯ. މިކަމަށްޓަކައި ޑިޕާޓްމަންޓް އޮފް ޓޫރިޒަމްގެ ފަރާތުން ރިޒޯޓުތައް ބައްލަވައި ޗެކްކުރައްވަމުން ގެންދަވާފައިވޭ. އަދި އެތަންތާނގައި މަސައްކަތްކުރާ މީހުންނަށް ތަމްރީނުދިނުމުގެ ގޮތުންވެސް މިދިޔަ އަހަރުގެ ތެރޭގައި އެ ޑިޕާޓްމަންޓުގެ ފަރާތުން މަސައްކަތްކުރެވުނު.

ޓޫރިޒަމްގެ ރޮނގުން ރާއްޖެ ބޭރުގެ ދުނިޔެއަށް ވީހާބޮޑަކަށް ތަޢާރުފުކޮށްދެވޭތޯވެސް ސަރުކާރުގެ ފަރާތުން ވަރަށްގިނަ މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، ދުނިޔެއަށް މަޝްހޫރު އެކިއެކި ސިޔާޙީ މަޖައްލާތަކުގައި ރާއްޖެ އިޝްތިހާރުކުރުމާއި، ބައެއް މުހިންމު ބައިނަލްއަޤްވާމީ ދަތުރުފަތުރާބެހޭ މައުރަޒުތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުން ހިމެނޭ.

ރާއްޖޭގެ ޓޫރިޒަމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 1984 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ %13 އިތުރުވެގެންދިޔަ. އަދި ޓޫރިޒަމްގެ ދާއިރާއިން ސަރުކާރުގެ އާމްދަނީއަށް ލިބުނު ފައިސާގެ އަދަދު %16.1 މައްޗަށް ގޮސްފައިވޭ.

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ގިނަވަމުންދާ ދިޔުމުގައި، ކުރިން ޓޫރިސްޓުން އާދަކޮށް އަންނަ ޤައުމުތައް ނޫން އެހެން ބައެއް ޤައުމުތަކުން ޓޫރިސްޓުން މިހާރު އަންނަކަމާއި، އެމީހުންގެ އަދަދުވެސް އިތުރުވަމުންދާކަން މިފުރުޞަތުގައި ފާހަގަކޮށްލަންޖެހޭ. އަދި އެވްރެޖް ގޮތެއްގައި ޓޫރިސްޓަކު ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދުވެސް މިދިޔަ އަހަރު އިތުރުވެފައިވާކަން ފާހަގަކުރެވޭ.

ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެދެވޭ ފައިދާތަކެއް ލިބެމުންދިޔަކަމުގައިވިޔަސް، ޓޫރިޒަމްގެ ސަބަބުން އަޅުގަނޑުމެންގެ އިޖްތިމާޢީ މާޙައުލަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު ނުވިސްނާ ތިބުމަކީ ބުއްދިވެރިކަމެއް ނޫންކަމުގައި އަޅުގަނޑު އަބަދުވެސް ދެކެން. އެހެންކަމާއެކު، މިދިޔަ އަހަރުވެސް މިރޮނގުން ވިސްނައި، ބައެއް ފިޔަވަޅު އެޅިފައިވޭ. އޭގެތެރޭގައި، ރާއްޖެތެރޭގެ ރަށްރަށުގައި ޓޫރިސްޓް ގެސްޓްހައުސްތައް ހިންގުން މަނާކުރުން ހިމެނޭ. އެކަން އެގޮތަށް ހަމަޖެއްސީ، ރާއްޖެތެރޭގެ މީހުން އުޅޭ ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް ހުރުމުން ޓޫރިސްޓުން، އެރަށްރަށުގެ މީހުންނާ މަސްހުނިވެގެން އުޅޭގޮތް ދިމާވާތީ. އަދި، ރާއްޖެތެރޭގައި ހިނގާ މިފަދަ ކަންތައްތައް ސަރުކާރުން ބެލެހެއްޓޭނޭ އިންތިޒާމެއް އަދި ހަމަޖެހިފައިނެތުމާއެކު، މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ފެތުރެމުންދާކަމަށް ފެނިގެން އެފަދަ ކަންތައްތައް ހުއްޓުވުމުގެގޮތުން.

ބޯޓުފަހަރު ދުއްވުން

ބޯޓުފަހަރު ދުއްވުމަކީ، ފަހަކަށްއައިސް ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު އެއްދާއިރާކަމުގައި ހިމެނިފައިވާ ކަމެއް. ނަވާރަސަތޭކަ ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި، ބޯޓުފަހަރު ދުއްވުމުން ޤައުމަށްވަނީ ވަރަށްމަތީ ފައިދާތަކެއް ލިބިފައި. ނަމަވެސް، ވޭތުވެދިޔަ ދެތިން އަހަރެއްގެތެރޭގައި ދުނިޔޭގެ ވިޔަފާރިއަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ބޯޓުފަހަރު ދުއްވުންވެސްވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައި.

އެހެންކަމާއެކު، ވޭތުވެދިޔަ އަހަރު ސަރުކާރަށްޖެހުނީ، ބޯޓުފަހަރު ދުއްވުމުގެ ކަންތައް މުޅީން އެހެންގޮތަކަށް ބަދަލުކޮށްލަން. ސަރުކާރުގެ ބޯޓުފަހަރުގެ ގޮތުގައިހުރި، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ބައެއް ބޯޓު ވިއްކައި، ސަރުކާރުގެ ބޯޓުފަހަރު ގެންގުޅޭ ދާއިރާއިން ކުރާކަމަކީ، ހަމައެކަނި ބޯޓުފަހަރު ދުއްވުމުގެ މަސައްކަތްކަމުގައި ހަމަޖެއްސުނު. މިކަމަށްޓަކައި ސަތޭކައިންސަތޭކައަށް ސަރުކާރުގެ ހިއްސާވާ ކުންފުންޏެއް، "މޯލްޑިވްސް ނޭޝަނަލް ޝިޕް މެނޭޖްމަންޓް ލިމެޓެޑް"ގެ ނަމުގައި އުފައްދައި، ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކުރެވުނު.

ބޯޓުފަހަރު ދުއްވުން ދަށަށް ދިއުމާއެކުވެސް، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ތަފާތު ރޮނގުރޮނގުން މިދިޔަ އަހަރުގެތެރޭގައިވެސް އެހީވެދެއްވަމުން ގެންދެވި. މާފުށީގައި ހިނގަމުންދާ ކުޑަކުދިންގެ އިޞްލާޙިއްޔާއަށާއި، މާލޭގައި ބޯފެންއަޅާ ތާނގީތައް ހެދުމުގެ މަސައްކަތަށާއި، ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އެފަރާތުން ވެދެއްވާ އެހީ ފާހަގަކޮށްލެވޭ.

ރާއްޖޭގެ މުވާޞަލާތު

މުވާޞަލާތުގެ ރޮނގުގައި 1984 ވަނަ އަހަރަކީ، ރާއްޖޭގައި މުހިންމު ފިޔަވަޅުތަކެއް އެޅިފައިވާ އަހަރެއް. ރާއްޖެތެރޭގައާއި، ބޭރުގެ ދުނިޔޭގައި، ރާއްޖޭގެ މުވާޞަލާތު ކޮންމެވެސްވަރަކަށް ތަނަވަސްކުރެވުނު އަހަރެއް.

އާދެ! ވޭތުވެދިޔަ އަހަރުގެ ތެރޭގައި، "މޯލްޑިވްސް އެއަރވޭޒް"ގެ ނަމުގައި ރާއްޖޭގެ މަތިންދާބޯޓު ދުއްވާ ކުންފުންޏެއް އުފެއްދިފައިވޭ. މިކުންފުންޏަކީ، ބޭރުގެ ކުންފުންޏަކާއި ދިވެހިސަރުކާރާ ބައިވެރިވެގެން، ކުންފުނީގެ ހިއްސާގެ ތެރެއިން ހަތަރުބައިކުޅަ ތިންބަޔަށްވުރެ މަތީއަދަދެއް ސަރުކާރަށް އޮންނަގޮތުގެ މަތިން އުފައްދާފައިވާ ކުންފުންޏެއް. މިކުންފުނީގެ ބޯޓުތައް މާލެއާއި ޝްރީލަންކާއާ ދެމެދުގައި ދަތުރުކުރުމުގެ އިތުރަށް، މާލެއާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކާ ދެމެދުގައިވެސް މިދިޔަ އަހަރު ދަތުރުކުރަން ފެށި. އަދި މާލަސްތަކެއްނުވެ، ދުރުއިރުމައްޗަށާއި ޔޫރަޕަށްވެސް ދަތުރުކުރަން ފަށާގޮތަށްވަނީ ގަސްދުކުރެވިފައި.

އޭގެކުރިން، ރާއްޖެއާއި ޔޫރަޕާދެމެދު ގަވާއިދުން ދަތުރުކުރާ މަތިންދާބޯޓުގެ ޚިދުމަތްވެސްވަނީ މިދިޔަ އަހަރު ލިބެން ފަށާފައި. އެއީ، ބައިނަލްއަޤްވާމީ ގޮތުން މަޝްހޫރު އެއަރލައިނެއްގެ މަތިންދާބޯޓުތައް ދެކުނު އިރުމަތީ އޭޝިޔާއާއި ޔޫރަޕާދެމެދު ކުރާ ދަތުރުތަކުގައި މާލޭގެ ބައިނަލްއަޤްވާމީ ވައިގެބަނދަރު ބޭނުންކުރާގޮތަށް ހަމަޖެހުމުން.

ރާއްޖެއިން ބޭރަށް ކުރާ ވައިގެ ދަތުރުތައް ތަރައްޤީވަމުންދާއިރު، ރާއްޖެތެރޭގައިވެސް ވައިގެމަގުން ދަތުރުކޮށް އުޅެވޭނޭ ގޮތްތައް ތަނަވަސްކުރެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. މިކަމަށްޓަކައި، ހައްދުންތީ ކައްދޫގައި ހަދަމުންގެންދާ ވައިގެބަނދަރު ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެތެރޭގައިވެސް ކުރެވެމުންދިޔަ. ނަމަވެސް، މަސައްކަތްތެރިކަމުގެ ގޮތުން ދިމާވެފައިވާ ބައެއް ދަތިތަކާހުރެ، އެތާނގެ މަސައްކަތް ގެންދެވިފައިވަނީ، ގެންދަން ބޭނުންވާ ހަލުވިކަމާއެކު ނޫންކަމަށް ދަންނަވަންޖެހޭ.

އައްޑުއަތޮޅު ގަމުގައި އޮތް ވައިގެ ބަނދަރުގެ ކަންތައްތައް ރަނގަޅުކޮށް، އެތާނގެ ބޭނުން މިހާރަށްވުރެ ފައިދާހުރިގޮތެއްގައި ހިފަން ފެށުމަށްޓަކައި ކުރާ މަސައްކަތްތައް މިދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު. މިކަމަށް ކަނޑައެޅިފައިވާ މަޝްރޫޢުގެ ދަށުން، 1986 ވަނަ އަހަރު ނިމެންވާއިރަށް، ގަމުގެ އެއަރޕޯޓް އެކަށީގެންވާ ގޮތުގައި ބޭނުންކުރަން ފެށޭނެކަމަށް އުންމީދުކުރެވޭ.

ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް، މާލެއާއި ގަމާ ދެމެދުގައި ވައިގެ ދަތުރުތައް ކުރަމުން ގެންދެވުނު. މިދަތުރުތައް ކުރަމުން ގެންދިޔައީ އެއަރމޯލްޑިވްސްގެ ފަރާތުންނާއި، އަލަށް އުފެދުނު މޯލްޑިވްސް އެއަރވޭޒްގެ ފަރާތުން.

މާލެއާއި ރާއްޖެތެރެއާ ދެމެދުގެ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި، އޭޝަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނާއި އޯޕެކް ފަންޑުގެ އެހީގެ ދަށުން ހޯދުނު ދެބޯޓު ކަމުގައިވާ "އިންޓަރ" 1 އާއި 2 ގެ ދަތުރުތައް 1984 ވަނަ އަހަރުގެތެރޭގައި ފެށްޓުނު. އަހަރުގެތެރޭގައި ކުރެވުނު ދަތުރުތަކުގެ ނަތީޖާއަށް ބަލާއިރު، މި ބޯޓުތަކުގެ ދަތުރުތަކަކީ، ވިޔަފާރީގެ އުސޫލުން ފައިދާވާ ކަމެއްކަމަކަށް އަދިނުވޭ. މިހެންވާންޖެހުނު އެންމެބޮޑު އެއްސަބަބަކީ، ވޭތުވެދިޔަ ދެތިން އަހަރެއްގެތެރޭގައި ރާއްޖެތެރެއާއި މާލެއާ ދެމެދުގައި ދަތުރުފަތުރުކޮށް އުޅުމުގެ ވަސީލަތްތައް އެތައް ގުނައަކަށް އިތުރުވެފައިވުމާއެކު، މާލެއާއި ރާއްޖެތެރެއާ ދެމެދު މުދާ އުފުލައި ދަތުރުފަތުރުކުރާ ގިނަމީހުން އެ ވަސީލަތްތަކުގެ ބޭނުންކުރަމުންދާކަން.

މުވާޞަލާތުގެ އަނެއް ރޮނގު ކަމުގައިވާ ޕޯސްޓާއި ޓެލެފޯނުގެ ޚިދުމަތްތައް ކުރިއެރުވޭތޯވެސް ސަރުކާރުން ގެންދަނީ މަސައްކަތްތައް ކުރަމުން. އިތުރު މީހުންނަށް ތަމްރީނު ދެމުން. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް މަޝްރޫޢުގެ ދަށުން ޖަޕާނު ސަރުކާރުގެ އެހީގައި ޓެލެކޮމިއުނިކޭޝަންސްގެ އާ މަރުކަޒީ އިމާރާތެއް މާލޭގައި ބިނާކުރުމާބެހޭ ހޯދުންތައް މިދިޔަ އަހަރު ހޯދައި، އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް އުންމީދުކުރެވޭ. ޕޯސްޓުގެ ރޮނގުން ބަލާއިރު، "ޕޯސްޓެލް"ގެ ނަމުގައި ޕޯސްޓާބެހޭ އާ މަޖައްލާއެއް މިދިޔަ އަހަރު ނެރެން ފެށުނު. "ޕޯސްޓެލް"ގެ ފުރަތަމަ އަދަދު ނެރެވުނީ، ދުނިޔޭގެ ޕޯސްޓް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި.

ވިޔަފާރި

1984 ވަނަ އަހަރަކީ ރާއްޖޭގެ ވިޔަފާރީގައި އާ ތަޖުރިބާތަކެއް ކުރެވުނު އަހަރެއް. ރާއްޖެއަށް މުދާ އެތެރެކުރުމަށް ވަކި އުސޫލުތަކެއްގެ މަތިން ހަމަޖެއްސުމަށްޓަކައި ސަރުކާރުން އެކިއެކި ގަވާއިދުތައް ހަދައި ހިންގަން ފެށުނު އަހަރެއް. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރު ނިމުނުއިރު ރާއްޖޭގެ ވިޔަފާރިއަށް ބައެއް ބަދަލުތައްވަނީ އަންނަން ފަށާފައި. އެހެންކަމާއެކުވެސް، ހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަގު، ކުރީ އަހަރަށްވުރެ %34 ވަނީ މައްޗަށް ގޮސްފައި. އެއީ، އިސްލާމީ މަރުކަޒު އިމާރާތް ކުރުމަށް ބޭނުންވާ އަގުބޮޑުތަކެއްޗާއި، ބައެއް ރިޒޯޓް ހެދުމަށް ގެނެވުނު ތަކެތި އެތެރެކުރުމުގެ ސަބަބުން، ރާއްޖެއަށް އެތެރެކުރެވުނު ޢާންމު ވިޔަފާރި މުދަލުގެ އަދަދު، ކުރީ އަހަރަށްވުރެ މަދުވެފައިވާކަން ފާހަގަކުރެވޭ.

1984 ވަނަ އަހަރު ރާއްޖެއިން ބޭރުކުރެވުނު ރާއްޖޭގައި އުފައްދާ ތަކެތިވަނީ %31 އިތުރުވެފައި. މީގެތެރޭގައި އެންމެގިނައީ ރޯމަހާއި، މަހުގެ ބާވަތްތައް. އައްޑުއަތޮޅު ގަމުގައި ހިނގަމުންދާ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާތަކުން އެކްސްޕޯޓް ކުރެވުނު ތައްޔާރީ ހެދުންވެސް މިދިޔަ އަހަރުގެ ތެރޭގައިވަނީ ކުރީ އަހަރަށްވުރެ %23 އިތުރުވެފައި.

ސަރުކާރުގެ ވިޔަފާރި ހިންގާ ފަރާތް ކަމުގައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުގެ ވިޔަފާރި މިދިޔަ އަހަރުގެ ތެރޭގައިވެސް ހިނގަމުންދިޔައީ އެދެވޭގޮތެއްގައި. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ތަކެއްޗާއި، ބޭހާއި، ޕެޓްރޯލާއި، ތެލުގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ޢާންމުންނަށް ލިބޭނޭގޮތަށް ވިއްކަމުން ގެންދިޔައީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، އެތާނގެ ފަރާތުން. ރާއްޖެއަށް އެތެރެކުރާ މުދާ މަދުކުރުމަށް ސަރުކާރުން މިދިޔަ އަހަރު ގަސްދުކޮށްފައިވުމާއެކު، ކުރިން ދެންނެވި ބާވަތްތައް ފިޔަވައި އެހެން މުދާ އެސް.ޓީ.އޯ.އިންވެސް އެތެރެކޮށްފައިވަނީ ވަރަށް މަދުން. އެސް.ޓީ.އޯ.ގެ 1983 ވަނަ އަހަރުގެ ފައިދާއަށް ލިބުނު 18.5 މިލިޔަން ރުފިޔާ ވަނީ މިދިޔަ އަހަރު ސަރުކާރުގެ އާމްދަނީއަށް ލިބިފައި. މިފައިދާއަކީ އޭގެ ކުރީ އަހަރަށްވުރެ %21.5 އިތުރު އަދަދެއް.

ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އުފައްދާފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީގެ ވިޔަފާރިވެސް މިދިޔަ އަހަރުގެތެރޭގައި ކުރިއަށްދިޔަ. އެ ކުންފުނީގެ ވިޔަފާރިންވެސް 1983 ވަނަ އަހަރު، އޭގެ ކުރީ އަހަރާ އެއްވަރު ފައިދާއެއް ލިބިފައިވޭ.

ރާއްޖޭގެ ވިޔަފާރި ކުރިއަށް ގެންދިއުމުގައި އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ، ސަރުކާރުން އޭގެ އަގު ވަޒަންކުރާ ކަމެއް. ޓޫރިޒަމްފަދަ ރާއްޖެއަށް ފައިދާހުރި މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުން ކުޅެމުންދަނީ ވަރަށް މުހިންމު ބައެއް. މަސްވެރިކަމާއި، ދަނޑުވެރިކަންފަދަ ކަންތައްތަކުގައިވެސް އަމިއްލަ ބައެއް ވިޔަފާރިވެރިންގެ ޝައުޤުވެރިކަން އުފެދެން ފަށައިފިކަން މިދިޔަ އަހަރުގެތެރޭގައި ފާހަގަކުރެވެމުން ގޮސްފައިވޭ. މިއީ، އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ވިޔަފާރިއާމެދު ވަރަށްބޮޑަށް ހިތްވަރު ހެޔޮވާންޖެހޭ ކަމެކޭ.

ދަނޑުވެރިކަން

ކޮންމެ އަހަރެއްގެ ޕްރެޒިޑެންޝަލް އެޑްރެހުގައިވެސް ދަނޑުވެރިކަމާ ބެހޭގޮތުން އެއްޗެއް ދަންނަވަމުން މިގެންދަނީ، އެކަން އެދެވޭގޮތެއްގައި ތަރައްޤީ ކުރެވިއްޖެނަމަ، ރާއްޖެއަށް އެކަށީގެންވާ ފައިދާތަކެއް ލިބޭނޭކަމެއް ކަމުގައި ދަނޑުވެރިކަންވާތީ. އަޅުގަނޑަށް ވިސްނޭގޮތުގައި، ރާއްޖޭގެ ގިނަބަޔަކަށް މިހާރު މިކަން ދަނީ ވިސްނެމުން، ޤަބޫލުކުރެވެމުން. މިކަމުގެ އަސަރުތައް ރާއްޖޭގެ އެތަންމިތަނުން ވޭތުވެދިޔަ އަހަރުގެތެރޭގައި ފެންނަން ފަށައިފި. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، މީގެ ކުރިއަށްވުރެ މާގިނައިން، ފަތްކެޔޮ، ފަޅޯ، ލުނބޯ، މިރުސް، ކަރާފަދަ ތަކެތި މިދިޔަ އަހަރުގެތެރޭގައި ހައްދަމުން ގެންދިޔަ. ފަޅުރަށްރަށް ލިޔުއްވައިގެން އުޅޭ ބައެއް މީހުން އެރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށްވުރެ ތަރައްޤީކުރަމުންވެސް އެބަގެންދޭ.

މީގެ ހަތަރު ފަސްއަހަރު ކުރިން، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ކުރި އިލްތިމާސަށް އިޖާބަދިނުމުގެ ގޮތުން، ރާއްޖޭގައި އިންދުނު ރުކުން ބައެއް ރުއްތައް ވޭތުވެދިޔަ އަހަރުގެތެރޭގައި ފޯދި، އެ ރުއްރުކުން ކާށި ލިބޭވަރުވި. ނަތީޖާއެއްގެ ގޮތުން، ރާއްޖެއިން މިދިޔަ އަހަރު ލިބުނު ކާށީގެ އަދަދު، ކުރީ އަހަރުތަކަށްވުރެ އިތުރުވެގެންދިޔަ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ކަންތައްތައް ތަރައްޤީކުރެވޭތޯ ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާއާ ގުޅިގެން، ސަރުކާރުގެ ފަރާތުން މަސައްކަތް ކުރެވެމުންދޭ. 1984 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެތެރޭގައި، ރުއްމަޑި މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ފެށްޓުނު. އަދި ދަނޑުވެރިކަމާބެހޭ ބޭރުގެ މާހިރެއް ރާއްޖެއަށް ގެނެސް، ދަނޑުވެރިކަމާއި ގަސްއިންދުމާބެހޭ ތަފާތު މަސައްކަތްތައް، ރާއްޖެތެރޭގެ މީހުންނަށް ދަސްކޮށްދިނުމުގެ ގޮތުން، މަސައްކަތުގެ ދެ ބައްދަލުވުމެއް ރާއްޖެތެރޭގައި ބޭއްވުނު.

ބޭރުގެއެހީ

1984 ވަނަ އަހަރުގެތެރޭގައިވެސް، ބައެއް އެކުވެރި ޤައުމުތަކުންނާއި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރާއްޖެއަށް ވަރަށްމަތީ އެހީތަކެއް ލިބިފައިވޭ. މި އެހީތައް ހޭދަކުރަމުން ގެންދިޔައީ، ޤައުމުގެ ތަރައްޤީއަށްޓަކައި ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކަށާއި، ރައްޔިތުންނަށް ފައިދާ ލިބޭނޭ އެކިއެކި ކަންކަމަށް.

ވޭތުވެދިޔަ އަހަރުގެތެރޭގައި ރާއްޖެއަށް ލިބުނު އެންމެބޮޑު އެހީއަކީ، އިސްލާމީ މަރުކަޒު ހެދުމަށްޓަކައި، ބުރޫނާއިގެ ސަރުކާރުން ދެއްވި 3 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ. އެޤައުމުގެ އިތުރަށް، ކުވެއިތުންނާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި، މެލޭޝިޔާއިންނާއި، މިޞްރުންނާއި، ޕާކިސްތާނުންވެސް އިސްލާމީ މަރުކަޒު ހެދުމުގެ މަޝްރޫޢަށް އެހީ ލިބިފައިވޭ. އެނޫން އެކިއެކި ރޮނގުރޮނގުން، 1984 ވަނަ އަހަރުގެތެރޭގައި ރާއްޖެއަށް އެހީވެދިން ޤައުމުތަކުގެތެރޭގައި، ޖަޕާނު، ލީބިޔާ، ބަންގްލާދޭޝް، ކެނެޑާ، ހުޅަނގުޖަރުމަނު ހިމެނޭ. އަދި އ.ދ.ގެ ދަށުން ހިނގާ އެކިއެކި ޖަމްޢިއްޔާތަކާއި، ޔޫރަޕުގެ އިޤްތިޞާދީ ޖަމާޢަތާއި، ބައެއް އެކުވެރި ޤައުމުތަކުގައި ހިނގަމުންދާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުންވެސް އެހީލިބެމުންދިޔަ.

1984 ވަނަ އަހަރުގެތެރޭގައި ބޭރުގެ އެހީގެގޮތުގައި ސަރުކާރަށް ލިބިފައިވަނީ، 35.2 މިލިޔަން ރުފިޔާ. އެއީ ފައިސާގެ ގޮތުންނާއި، ކާބޯތަކެތީގެ ގޮތުން. މީގެއިތުރަށް، އެކިއެކި ސްކޮލަރޝިޕާއި ފެލޯޝިޕް ދިނުމުންނާއި، ބޭރުގެ މާހިރުން ރާއްޖެއަށް ފޮނުވުންފަދަ ފަންނީ އެހީވެސް ލިބިފައިވޭ.

ރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ގެންދިއުމަށްޓަކައި، ތަރައްޤީވަމުން އަންނަ އެހެން ޤައުމުތައްވެސް މަސައްކަތް ކުރަމުން ގެންދާފަދައިން، ބޭރުގެ އިތުރު އެހީ ހޯދުމަށްޓަކައި 1984 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރި. ރާއްޖޭގެ ތަރައްޤީއަށް އެހީވެދޭ ޤައުމުތަކުގެ ޚާއްޞަ ޖަލްސާއެއް، ދުނިޔޭގެ ބޭންކުގެ ލަފައާއި އެހީއާއެކު، މިދިޔަ އަހަރު ޖުލައިމަހުގެ ތެރޭގައި ޕެރިހުގައި ބާއްވައި، އެ ޖަލްސާގައި ރާއްޖެއަށް ބޭނުންވާ އެހީތައް ހުށަހެޅުނު. މިޖަލްސާގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތްތާނގައި އެކުވެރި ޤައުމުތަކުން ތަކެތީގެ ގޮތުން އިތުރު އެހީތައް ވެދޭނޭކަމުގެ އުންމީދުވަނީ ލިބިފައި. އެއްވެސް ޝައްކެއްނެތްގޮތުގައި، ބޭރުގެ އެހީއަކީ ރާއްޖެފަދަ ޤުދްރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދު ޤައުމެއްގެ ތަރައްޤީގައި ވަރަށް މަތިވެރި ޙިއްޞާއެއް އަދާކުރާނެ އެއްޗެއް. އެހެންކަމާއެކު، ރާއްޖެއަށް އެހީވަމުންދާ ހުރިހާ ޤައުމުތަކަށާއި ޖަމްޢިއްޔާތަކަށް ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު މިފުރުޞަތުގައި ޝުކުރު އަދާކުރަން.

ޚާރިޖީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

1984 ވަނަ އަހަރަކީ، ޚާރިޖީ ހިންގުމުގައިވެސް ރާއްޖެ އިތުރު ކުރިއެރުންތަކެއް ހޯދާފައިވާ އަހަރެއް. ޚާއްޞަކޮށް، ރާއްޖޭގެ އިސްލާމީ މަރުކަޒު ހުޅުވުމުގެ ސަބަބުން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ މެދުގައި ރާއްޖޭގެ ޤަދަރު ވަކީން އުފުލިގެންދިޔަ އަހަރެއް.

ވޭތުވެދިޔަ އަހަރު ޚާރިޖީ ހިންގުމުގެ ދާއިރާގައި ހިނގި އެންމެ މުހިންމު އެއްކަމަކީ، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ އެއްބާރުލުމުގެ ޙަރަކާތުގައި ބައިވެރިވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ދެވަނަ ޖަލްސާ ރާއްޖޭގައި ބޭއްވުން. މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ބޭއްވުނު މި ޖަލްސާއަކީ، ރާއްޖޭގެ ތާރީޚުގައި އެހާތަނަށް ބޭއްވުނު އެންމެމަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ޖަލްސާ. މިޖަލްސާ ނިމިގެންދިޔައީ ނުހަނު ކާމިޔާބު ޖަލްސާއަކަށްވެގެން.

ބޭރުގެ ޤައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެ ޤައުމުތަކުގެ މަތީ ފެންވަރުގެ ވެރީންނާ ސީދާ ގުޅުން ބެހެއްޓޭތޯ ވޭތުވެދިޔަ އަހަރުވެސް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރި. މި މަޤްޞަދުގައި ޚުދު އަޅުގަނޑު ބޭރު ބައެއް ޤައުމުތަކަށް ޒިޔާރަތްކުރިން. އޭގެތެރޭގައި، ޝްރީލަންކާއާއި، ޕާކިސްތާނަށް، އަދި ޗައިނާއާއި، ދެކުނު ކޮރެޔާއަށް ކުރި ރަސްމީ ދަތުރުތައް ހިމެނޭ. މީގެއިތުރަށް، މިދިޔަ އަހަރު ޖަނަވަރީ މަހުގެ ތެރޭގައި މޮރޮކޯގައި އޮތް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 4 ވަނަ ޖަލްސާގައި އަޅުގަނޑު ބައިވެރިވިން. އަދ ވަރަށްގިނަ އިސްލާމީ ޤައުމުތަކުގެ ވެރިންނާ ބައްދަލުކޮށް، އެކުވެރިކަން ޤާއިމުކުރުމަށް މަސައްކަތްކުރުމަށް އެފުރުޞަތުގެ ބޭނުންކުރިން.

މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައި ލަންޑަނުގައި އޮތް، ރޯޔަލް ކޮމަންވެލްތް ސޮސައިޓީގެ އަހަރީ ޖަލްސާ ހުޅުވައިދިނުމަށް އެ ޖަމްޢިއްޔާގެ ފަރާތުން ދިން ދަޢުވަތަކަށް އަޅުގަނޑު ލަންޑަނަށް ދިޔައިން. އެދަތުރުގައި އިނގިރޭސި ބޮޑުވަޒީރާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ލިބުނު. ހަމައެފަދައިން، މިދިޔައަހަރު ފަހުކޮޅު ރާބިޠަތުލްޢާލަމިލް އިސްލާމީގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ކުރި ދަތުރުގައި، އެތާނގެ ރަސްގެފާނު ފަހުދު ބިން ޢަބްދުލްޢަޒީޒާވެސް ބައްދަލުކުރިން. މިއިން ކޮންމެ މުނާސަބަތެއްގައިވެސް، އެ ގައުމުތަކާއި ރާއްޖެއާ ދެމެދުގެ ގުޅުން މިހާރަށްވުރެވެސް ބަދަހިކުރުމަށްޓަކައި މަސައްކަތްކުރެވުނު. މި މަޤްޞަދުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި އެހެން ބައެއް މިނިސްޓަރުން ތަފާތު ޤައުމުތަކަށް މިދިޔަ އަހަރުގެ ތެރޭގައިވެސް ދަތުރުކުރައްވާފައިވޭ.

1984 ވަނަ އަހަރަކީ، ބޭރުގެ ވަރަށްގިނަ ޢިއްޒަތްތެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާ އަހަރެއް. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރެއްވި އެންމެ ޚާއްޞަ އެއް މެހްމާނަކީ، ފަލަސްޠީނު މިނިވަންކުރުމާބެހޭ ޖަމާޢަތުގެ ރައީސް އައްސައްޔިދު ޔާސިރު ޢަރަފާތު. ފަލަސްޠީނު މިނިވަންކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަތިވެރި ޖިހާދަށްޓަކައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ދެންނެވީ ވަރަށްވެސް ހޫނު މަރުޙަބާއެއް.

މިދިޔަ އަހަރު ރާއްޖެ ވަޑައިގެންނެވި އެންމެ ޢިއްޒަތްތެރި އަނެއް ބޭފުޅަކީ ބުރޫނާއީގެ ރަސްގެފާނު ޙަސަނުލްބުލްޤިޔާ. އެ ރަސްގެފާނު މެދުއިރުމައްޗަށް ވަޑައިގެންނެވި ދަތުރުފުޅެއްގެ މަގުމަތީގައި މާލޭގައި މަޑުކޮށްލައްވައި، އިސްލާމީ މަރުކަޒު ބައްލަވާލެއްވިކަމީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެއް. މިދެންނެވި ޢިއްޒަތްތެރިންގެ އިތުރަށް، މިދިޔަ އަހަރު ބައެއް ބޭރު ޤައުމުތަކުގެ ވަޒީރުންނާއި، އެނޫންވެސް މަތީ ފެންވަރުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތްކުރެއްވި.

ވޭތުވެދިޔަ އަހަރު ދިވެހިރާއްޖެ އިތުރު 8 ޤައުމާއެކު ސިޔާސީ ގުޅުން އުފެއްދި. އެޤައުމުތަކަކީ، ނޯވޭ، ބުރޫނާއީ، ޤަޠަރު، ދެކުނުޔަމަން، އުތުރުޔަމަން، ބަލްގޭރިއާ، ފިންލަންޑް، ޕޯލަންޑް މިޤައުމުތައް. 1984 ވަނަ އަހަރު ނިމުނުއިރު، ރާއްޖެ ސިޔާސީގޮތުން ގުޅިފައިވާ ޤައުމުތަކުގެ އަދަދަކީ 67.

                        ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށްއޮތް އަހަރުވެސް ދައުލަތުގެ ސިޔާސަތަކަށްވާނީ، ރައްޔިތުންނަށް ފައިދާހުރިގޮތުގައި ރާއްޖޭގެ ކަންތައްތައް ތަރައްޤީކުރަމުން ގެންދިއުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރުން. ރާއްޖޭގެ ފަޚްރެއް ކަމުގައިވާ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން. އަޅުގަނޑުމެންނަށް ލެއްވި ހެޔޮ ރަޙްމަތެއް ކަމުގައިވާ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން، މުޖުތަމަޢަށް އެދެވޭ އިޞްލާޙުތައް ގެނެސް، ޤައުމުގެ އަފްރާދުންގެ ހިތުގައި ޤައުމީ ލޯތްބާއި ދީނީ ރޫޙު އާލާކުރުން. އަދި ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ޤަދަރު އުފުލުމަށް މަސައްކަތްކޮށް، ރާއްޖެއާ އެކަށީގެންވާ މިންވަރަށް ބައިނަލްއަޤްވާމީ ދަނޑުގައި ޙަރަކާތްތެރިވަމުން ގެންދިއުން.

މި ސިޔާސަތަކީ ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ލިބިގެން، ވޭތުވެދިޔަ އަހަރުތަކުގައިވެސް ދައުލަތް ހިންގަމުން އައިސްފައިވާ ސިޔާސަތު. ވީމާ، ކުރިއަށްއޮތްތާނގައިވެސް މިސިޔާސަތަށް ތިޔަބޭފުޅުންގެ ތާއީދާއި އެއްބާރުލެއްވުން ލިބޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އިޚްލާޞްތެރި ތަރުޙީބާއި އެހީ ލިބެމުންދާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން.

ދާޚިލީ ސިޔާސަތު

ކުރިޔަށްއޮތް އަހަރު ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތަކަށްވާނީ، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން، ރައްޔިތުންގެ މެދުގައި އޮންނަންވީ ހަމަހަމަކަމާއި، އެމީހުންނަށް ލިބެންވީ މިނިވަންކަމުގެ އަސާސީ ޙައްޤުތައް ޤާނޫނުގައިވާ ގޮތުގެމަތިން ރައްކާތެރިކޮށްދިނުން. ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނޭ މަގުތައް ހޯދައިދިނުމަށާއި، ރައްޔިތުންނަށް ބޭނުންވާނޭ އިޖުތިމާޢީ ޚިދުމަތްތައް އިތުރުކޮށްދެވޭތޯ މަސައްކަތްކުރުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުން، ސަރުކާރާއި ރައްޔިތުންގެ ކަންތައްތައް އިޞްލާޙުކޮށް ކުރިޔަށް ގެންދެވޭތޯ ބެލުން.

ދިވެހިންގެ ހެޔޮނަޞީބު ކަމުގައި ވެފައިވާ، އެއްދީނެއްގެ އަހުލުވެރިން ކަމަށްވުމާއި، އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވުމާއި، އެއް ނަސްލަކުން އައިސްތިބި ބަޔަކަށްވުމުން، އަޅުގަނޑުމެންނަށް ލިބިފައިވާ ވަރުގަދަ އެއްބައެއްވަންތަކަން، އަންނަނިވި ޖީލުތަކަށްވެސް ވާރުތަކޮށްދިނުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް. ހަމައެފަދައިން، އަޅުގަނޑުމެންގެ މާތްދީނާއި، އަގުހުރި މިނިވަންކަމާއި، ފަޚުރުވެރި ތާރީޚާއި ސަގާފަތު ރައްކާތެރިކޮށް ދެމެހެއްޓުމަކީވެސް، ދައުލަތުގެ ދާޚިލީ ސިޔާސަތުގެ އެހާމެ މުހިންމު އަނެއްބައި.

ކުރިއަށް އޮތް އަހަރު ދައުލަތުގެ ދާޚިލީ ސިޔާސަތު ބިނާކުރުމުގައި އެންމެބޮޑަށް ބާރުއަޅާނެ އަނެއްރޮނގަކީ، ރާއްޖޭގެ އިޤްތިޞާދީ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރެވޭތޯ ރާއްޖޭގައި ކުރަމުންދާ އަދި ކުރެވެންހުރި އުފެއްދުންތެރި މަސައްކަތްތައް ކުރިއެރުވޭނޭ ގޮތްތައް ހޯދުން. މިރޮނގުން މަސައްކަތް ކުރުމުގައި، އެއްކަމެއްގެ ތަރައްޤީއަށްޓަކައި އެޅޭ ފިޔަވަޅަކީ އަނެއްކަމެއްގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ނުވާނޭގޮތުގެމަތީން ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ.

ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ މައިގަނޑު އެއްބައި ކަމުގައިވާ ސަރުކާރު ހިންގުމާބެހޭ ކަންތައްތައް އިޞްލާޙުކޮށް ރަނގަޅުކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެތެރޭގައި ފަށާފައިވާ މަސައްކަތްތައް ކުރިއަށްއޮތް އަހަރުގެތެރޭގައިވެސް ހިންގަމުން ގެންދެވޭނެ.

ސަރުކާރުގެ ކަންތައްތައް ހިންގުމުގައި އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަނީ، ކަމުގެ ތަޖުރިބާއާއި މަޢުލޫމާތުހުރި ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދައިގެން ކުރިޔަށްދެވޭތޯ. އާދެ، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ޝިޢާރު ކަމުގައިވާ، މާތްﷲގެ ޙައްޤު ބަސްފުޅު "وَأَمْرُهُمْ شُورَىٰ بَيْنَهُمْ" މިމަތިވެރި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަންތައްތައް ގެންދެވޭތޯ. ކުރިޔަށްއޮތްތާނގައިވެސް އަޅުގަނޑު ޢަމަލުކުރަމުން ގެންދެވޭތޯ ބަލާނީ، މި މާތް އުސޫލުގެމަތިން.

މިހެންކަމުން، މިހާރު އަޅުގަނޑު ގަސްދުކޮށްފައިވަނީ، ޤައުމުގެ މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި އޮންނަ މަޝްވަރާ މަޖިލީހެއް އުފެއްދުމަށް. ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޤައުމީ ޚިދުމަތުގައި ދިގުމުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅުންކޮޅެއް ހިމެނޭގޮތުން މިފަދަ މަޖިލީހެއް އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ކުރިއަށް އޮތް އަހަރު ރާއްޖޭގެ ދާޚިލީ ސިޔާސަތު ހިންގުމުގައި އެންމެބޮޑަށް ސަމާލުކަންދޭނެ އަނެއްކަމަކީ، މިހާރު ކަނޑައެޅިފައިވާ ރާއްޖޭގެ ތަރައްޤީގެ ތިން އަހަރުގެ މަޝްރޫޢާ އެއްގޮތްވާގޮތުގެމަތިން، ތަރައްޤީގެ ކަންތައްތައް ގެންދެވޭތޯ ބެލުން. އަދި މަޝްރޫޢުގައި ކަނޑައެޅިފައިވާ މަޤްޞަދުތައް ހާސިލުކުރެވޭތޯ މަސައްކަތްކުރަމުން ގެންދިއުން.

ޚާރިޖީ ސިޔާސަތު

ކުރިއަށް އޮތް އަހަރުވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތެއްކަމުގައި ޚިޔާރުކޮށްފައިވަނީ، މިދިޔަ ހައެއްކަ އަހަރުގެތެރޭގައި ސަރުކާރުން ހިންގަމުން ގެންދިޔަ ޚާރިޖީ ސިޔާސަތު. އެ ސިޔާސަތަކީ، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖޭގެ މިނިވަން ޝަޚްޞިއްޔަތު ހަމާވަމުންދާ ސިޔާސަތެއް.

އާދެ، އެ ސިޔާސަތުގެ ބިންގަލަކީ ވަކިފަރާތަކަށް ނުޖެހުމާއި، ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވެރިކަމަށް ޙުރުމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް އެކުވެރިކަން ބެހެއްޓުން. ދުނިޔޭގެ ޞުލްޙައަށްޓަކައި މަސައްކަތްކުރުމާއި، ބައިނަލްއަޤްވާމީ ދާއިރާގައި ޙައްޤާއި އިންޞާފަށްޓަކައި ރާއްޖޭގެ ނިސްބަތުން ކުރެވެންއޮތްހާ މަސައްކަތެއް ކުރަމުން ގެންދިއުން.

ރާއްޖޭގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކާ ޒަމާނުއްސުރެ އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުން ހަރުދަނާކޮށް ދެމެހެއްޓުމާއި، އިސްލާމީ ޤައުމުތަކާ ރާއްޖެއާ ދެމެދުގައި އޮންނަ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ވަރަށް ޚާއްޞަ ބައެއް. ހަމައެފަދައިން، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ މަޞްލަޙަތު ރައްކާތެރިކޮށް ތަރައްޤީކުރެވޭނޭ ގޮތުގެމަތިން، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުގައި ބައިވެރިވެ، އެފަދަ ޖަމާޢަތްތަކުގެ މަސައްކަތްތަކުގައި ޙިއްޞާކުރުމަކީވެސް ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެއް.

އެއްވެސް ޤައުމެއްގެ ދާޚިލިއްޔަތާ އަނެއް ޤައުމަކުން ބެހުމާއި، ދޭދޭ ޤައުމުގެ މެދުގައި ހިނގާ މައްސަލަތަކުގައި ޢަސްކަރީ ބާރުގެ ބޭނުންކުރުމަކީ، ކުރިން ދެންނެވި ހަމަތަކުގެމަތިން، ދިވެހިރާއްޖެ ދެކޮޅުހަދާނެ ކަންތައްތައް. ނުރައްކާތެރި ހަތިޔާރު އުފެއްދުމުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރަމުން ދިޔުމާއި، އެކިއެކި ތަންތާނގައި ޢަސްކަރީ މަރުކަޒުތައް ހަދަމުން ގެންދިޔުމަކީ ދިވެހިރާއްޖެ ނުރުހޭ ކަންތައްތައް.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެދުނަ ނުދިނުމަށާއި، ހަތިޔާރުގެ ވާދަވެރިކަން ނައްތާލުމަށް، އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައިނަމަވެސް ޞުލްޙައިގެ ސަރަޙައްދެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހިރާއްޖެ ތާއީދުކުރަމުން ގެންދާނެ. އަދި އެފަދަ މަސައްކަތްތަކުގައި ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވަމުންދާނެ. ޚާއްޞަކޮށް، އިންޑިޔާ ކަނޑަކީ ޞުލްޙައިގެ ސަރަޙައްދަކަށް ހެދުމަށް އ.ދ.އިން ފާސްކޮށްފައިވާ ޤަރާރަށް ތާއީދުކުރުމާއެކު. އެ ފާސްކުރުމަށް ޢަމަލީ ސިފަ ގެނެވޭތޯ ކުރެވޭ މަސައްކަތުގައި ރާއްޖެ ބައިވެރިވާނެ.

ދުނިޔޭގެ ކޮންމެ ތަނެއްގައި ނަމަވެސް މިނިވަންކަމަށާއި، އިންސާނީ ޙައްޤުތައް ހޯދުމަށްޓަކައި މަސައްކަތްކުރަމުންދާ މީހުންނަށް، ދިވެހިރާއްޖޭގެ ތާއީދު ލިބެމުންދާނެ. އަދި ވަކިން ޚާއްޞަގޮތެއްގައި، ފަލަސްޠީނުގެ ރައްޔިތުން، އެމީހުންގެ ޙައްޤުތައް ހޯދުމަށްކުރާ މަސައްކަތާއި، އިޒްރޭލް މީހުން އަނިޔާވެރިގޮތުގައި ހިފާފައިވާ އަލްޤުދުސާއި، އެނޫންވެސް ޢަރަބީންގެ ބިންތައް މިނިވަންކުރުމަށް ޢަރަބި އިސްލާމީ ޤައުމުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގައި، ވެވެންއޮތް އެންމެމަތީ ދަރަޖައަކަށް ދިވެހިރާއްޖެ ބައިވެރިވަމުންދާނެ.

ދުނިޔޭގެ އިޤްތިޞާދީ މަސްރަޙުގައި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީވެފައިވާ މުއްސަނދި ޤައުމުތަކާ ދެމެދުގައި އޮންނަ ތަފާތު ކުޑަކުރެވޭތޯ، ބައިނަލްއަޤްވާމީ ގޮތުން މިހާރަށްވުރެ އިންޞާފުވެރި އުސޫލުތަކެއް ހަމަޖެހެންވެއްޖެ ކަމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެކޭ. ޚާއްޞަކޮށް، އެންމެކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް ބައިނަލްއަޤްވާމީ ވިޔަފާރިއާއި އިޤްތިޞާދީ މައިދާނުގައި އިތުރު އިމްތިޔާޒުތައް ލިބުމަކީ، އެ ޤައުމުތަކުގެ ޙައްޤެއް ކަމުގައި ދިވެހިރާއްޖެ ފުރިހަމައަށް ޤަބޫލުކުރޭ.

                                                                           ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

އަޅުގަނޑު މި ޚިޠާބު ފަށްޓަމުންވެސް ފާހަގަކޮށްލިފަދައިން، މިއަދު އަޅުގަނޑު މިބައްދަލުކުރަނީ ކުރިއަށްއޮތް 5 އަހަރަށް ރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ރައްޔިތުންގެ މަޖިލީހަކާ. މި މަޖިލީހުގެ ބައެއް މެންބަރުންނަކީ، އަލަށް މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުން.

ތިޔަބޭފުޅުންނާ މުޚާޠަބުކޮށް މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، ރައްޔިތުންގެ މަޖިލީހަކީ ޤާނޫނީގޮތުން ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ތަނެކޭ. ދައުލަތް ހިންގުމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައްޔިތުންގެ ނަމުގައި ޤާނޫނުތައް ހަދާ ފަރާތަކީ ރައްޔިތުންގެ މަޖިލީހޭ. އެހެންކަމުން، މި މަތިވެރި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ޤައުމާއި ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަތުމާއި، ރާއްޖެއަށާއި ދައުލަތަށް އިޚްލާޞްތެރިވެވަޑައިގަތުމަކީ، ތިޔަބޭފުޅުންގެ ވާޖިބެއްކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވަންވާނެ!

ވޭތުވެދިޔަ އަހަރުތަކުގެތެރޭގައި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރައްވަމުން ގެންދެވީ، އިޚްލާޞްތެރިކަމާއެކު ވަރަށް ހަރުދަނާ ގޮތެއްގައިކަން އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަން. ޤައުމުގެ ކަންތައްތައް ހަމަޖެހޭ ރަނގަޅު އުސޫލަކުން ގެންދިޔުމަށް ސަރުކާރަށް މަޖިލީހުގެ ފަރާތުން މަތިވެރި އެހީތަކެއް ލިބުނުކަމުގައި އަޅުގަނޑު ދެކެން. މިކަމަށްޓަކައި، މަޖިލީހުގެ ރައީސަށާއި އެންމެހައި މެމްބަރުންނަށް ކޮޅުނެތްކޮޅަށް ތާރީފާއި ޝުކުރު ރައްދުކުރަން.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އިންތިޚާބު ކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް މިދިޔަ އަހަރުގެތެރޭގައިވެސް ކުރެވުނު. މިމަސައްކަތް ތަންކޮޅެއް އަވަސްކުރެއްވޭތޯ ބެއްލެވުމަށް އަޅުގަނޑު ދަންނަވާލި ދަންނަވާލުމަށް ޚާއްޞަ މަޖިލީހުން ވަރަށްބޮޑަށް ތަރުޙީބުދެއްވައި، 1984 ވަނަ އަހަރު ނިމުނުއިރު ވަނީ، މަޖިލީހުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ނަމޫނާ ޤާނޫނުއަސާސީގެ ހުރިހާ މާއްދާތަކާމެދު މެންބަރުން ޚިޔާލު ފާޅުކުރައްވައި ނިންމަވާފައި. އަދި އާ ޤާނޫނުއަސާސީގެ މާއްދާތައް ޢިބާރާތްކުރުމުގެ މަސައްކަތް، ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުން.

މިދިޔަ އަހަރު މެދެއްހާތަނުއްސުރެ ވަކިތާރީޚަކަށް އިސްލާމީ މަރުކަޒު ނިންމުމަށްޓަކައި ޤައުމީ ފެންވަރުގައި ވަރަށް އަވަދިނެތިކަމާއެކު ވަރަށްގިނަ ބޭފުޅުން މަސައްކަތްކުރެއްވި. އެ މަސައްކަތް ނިމުމާއެކު، ޤާނޫނީގޮތުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމުގެ ކަންތަކާ އުޅެންޖެހުނު. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުޑަކަމާއި، ގިނަ ކަންތައްތަކުގައި އުޅެންޖެހެނީ ދާދި އެއްބަޔަކު ކަމަށްވުމާއެކު، މިދެންނެވިފަދަ ކަންތައްތައް ދިމާވުމުގެ ސަބަބުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީގެ މަސައްކަތަށް މިދިޔަ އަހަރުގެ މެދެއްހާ ތަނުން ފެށިގެން ވަނީ ކޮންމެވެސްވަރެއްގެ ހުއްޓުމެއް އައިސްފައި. މިހާރު މަޖިލީހުން ގަސްދުކުރައްވަނީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުން ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދަވައި، މިއަހަރުގެތެރޭގައި އެ މަސައްކަތް ނިމުމަކާހަމަޔަށް ގެންދެވޭތޯ ބެއްލެވުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ވޭތުވެދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެމުން އަޅުގަނޑު އިއްވި ޕްރެޒިޑެންޝަލް އެޑްރެހުގައި މިހާރު ހިނގަމުން މިދާ ފަސްއަހަރަކީ މަސައްކަތުގެ ފަސްއަހަރު ކަމުގައި ދެންނެވިން. އެހެންކަމާއެކު، ވޭތުވެދިޔަ އަހަރު ސަރުކާރުން މަސައްކަތްކުރަމުން ގެންދިޔައީ، އެ ޢަޒުމާ އެއްގޮތްވާ ގޮތުގެމަތިން. ދެންމެ އަޅުގަނޑު ދެންނެވި ދައުލަތް ހިނގިގޮތުގެ ރިޕޯޓުން، އެކިދާއިރާތަކުގައި ވޭތުވެދިޔަ އަހަރު މަސައްކަތްތައް ކުރެވިފައިވާ މިންވަރު ފިލާވަޑައިގަންނަވާނެ. މިފުރުޞަތުގައި އަޅުގަނޑު އަނެއްކާވެސް އަލުން އާކޮށް ދަންނަވާނީ، މި ހިނގާ 1985 ވަނަ އަހަރަކީވެސް ކުރިން ދެންނެވި މަސައްކަތުގެ ފަސްއަހަރުގެތެރެއިން ވަރަށް މުހިންމު އަހަރެކޭ. ފެށިފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށާއި ނިންމުމަށް، ވަރުބަލިކަމެއްނެތި މަސައްކަތް ކުރެވޭނެ އަހަރެކޭ.

އާދެ! ތިޔަ އެންމެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްޓަކައި މިހާރުވަނީ ވަރަށް މުހިންމު މަޝްރޫޢުތަކެއް ރޭވި، ގިނަގުނަ އެތައް މަސައްކަތްތަކެއް ފެށިފައި. އެ މަސައްކަތްތައް އެދެވޭގޮތުގައި ކާމިޔާބުކުރުމަށްޓަކައި ބޭނުންވެފައިވަނީ، ޤައުމީ ކަންތައްތަކުގައި ސަރުކާރާއި ރައްޔިތުން އެއްބާރުލުން. ޤައުމީ މައްސަލަތައް އެންމެންނަށް އިޙްސާސްވެ، އެކަންތައްތައް ޙައްލުކުރުމުގައި އެންމެން ޢަމަލީގޮތުން ޙިއްޞާކުރުން.

ޤައުމުގެ ކަންތައްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދެވޭނީ، އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން އަންނަފަދައިން، ތިމާގެ އަމިއްލަ ފައިދާއަށްވުރެ ޤައުމުގެ ފައިދާ ކުރިއަށް ނެރެގެން. މުޅިޤައުމުގެ ފައިދާއަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ، އެންމެންގެ މަޞްލަޙަތަށްޓަކައި ކުރެވޭ ކަމެއްކަމުގައި ދެކިގެން. އެފަދަ ފިޔަވަޅެއްގެ ސަބަބުން ތިމާއަށް އޮންނަ ފައިދާއިން ކުޑަ މިންވަރެއް އުނިވިޔަސް، ޝަކުވާއެއްނެތި އެކަން ޤަބޫލުކުރަން ދަސްވެގެން. ތިމާގެ އަތުން އުނިވެގެންއެދާ އެތިކޮޅަކީ، ޖަމާޢަތުގެ ހެވަށްޓަކައި ތިމާ ޙިއްޞާކުރާ ބައެއްކަމުގައި ދެކިގެން. اللَّـه سبحانه وتعالى ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ "وَيُؤْثِرُونَ عَلَىٰٓ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ" މިމަތިވެރި ބަސްފުޅާ އެއްގޮތްވާ ގޮތުގެމަތިން، ތިމާމެންގެ މުދަލުގެ ބޭނުންތެރިކަން ތިމާމެންނަށް އިޙްސާސްކުރެވުނު ނަމަވެސް، އެއަށްވުރެ އެހެން މީހުންގެ ފައިދާއަށްޓަކައި ތިމާމެންގެ މުދަލުން ހޭދަކުރުން އިސްކުރުމަށް ތަރުޙީބުދީގެން.

މާތް ﷲ، ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި އަޅުގަނޑަށް، އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ ހެވާއި ތަރައްޤީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް ސާބިތުކަމާއެކުގައި ކުރިއަށް ގެންދިއުމުގެ މަތިވެރި ހިތްވަރާއި ޢަޒުމާއި ވާގިދެއްވުން އެދި ދުޢާކުރާ ޙާލު،

ޤާނޫނު ނަންބަރު 1/68ޖ.ގެ 6 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ ޝަރަފް ލިބިގަންނަން.

رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْهَدَيْتَنَا وَهَبْ لَنَا مِن لَّدُنْكَ رَحْمَةً، إِنَّكَ أَنْتَ اْلوَهَّابُ.
وَماَتَوْفِيقِى إِلاَّبِاللَّـهِ، عَلَيْهِ تَوَكَّلْتُ، وَإِلَيهِ اُنِيب.
وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّـهِ وَبَرَكَاتُهُ.