بسـم اللّـه الرّحمـن الرّحيـم

اَلْحَمْدُ لِلَّـهِ الَّذِى جَعَلَ اْلإِسْلاَم دِينًاوَدَوْلَة، وَالصَّلاَةُ وَالسَّلاَم عَلَى مَنْ كَانَ لِلْبَشَرِيَّةِ خَيْرَ قُدْوَة؛ عَلَّمَهُمْ وَاجِبَاتِ الْحُكَّامِ وَحُقُوقَ الرَّعِيَّة، وَأَضَاءَ لَهُمْ طَرِيقَ التَّقَدُّمِ وَالْمَجْدِ وَالرِّفْعَة.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

اللَّـه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުއަދާކުރާ ޙާލު، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ކުރިމައްޗަށް އަޅުގަނޑު މިއަދު ޙާޟިރުވެ މިހުރީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓެއް ހުށަހެޅުމަށް. އަދި ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރާނޭގޮތް ދެންނެވުމަށް. އަދި 1989 ވަނަ އަހަރަށް ރައްޔިތުންގެ މަޖްލިސް ހުޅުވައިދިނުމަށް.

ވޭތުވެދިޔަ 1988 ވަނަ އަހަރު، ދިވެހިރާއްޖޭގެ ތާރީޚުގެ ތެރެއަށްދާނީ، ވަރަށްވެސް އާދަޔާ ޚިލާފު ޙާދިޘާއެއް ހިނގާފައިވާ އަހަރެއްގެ ގޮތުގައި. އެ ޙާދިޘާއަކީ، އެއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި، އޮޅުދޫކަރައިގެ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު ނުރައްކާތެރި ހަތިޔާރު ހިފައިގެން މާލެއައިސް، ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކޮށް، ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ބަދަލުކޮށްލުމަށް ދިން ހަނގުރާމަވެރި ޙަމަލަ. އެބައިމީހުން ރާއްޖެއާ ކުރި ހަނގުރާމަ. އެ ހަނގުރާމައަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް އަދި ރާއްޖެއިން މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ނައްތާލުމަށް، ރާއްޖޭގެ ޢަދުއްވުން ކުރި ހަނގުރާމައެއް. އެހެންނަމަވެސް، މާތްﷲގެ ފަޟްލުވަންތަވެރިކަމާއި ރަޙްމަތްފުޅުން، އަދި ރާއްޖޭގެ ސިފައިންގެ ބުޠޫލަތްތެރި ޖިހާދުންނާއި، ރާއްޖޭގެ ލޮބުވެތި އަދި ކިޔަމަންތެރި ރައްޔިތުންގެ ހިތްވަރާއި ސާބިތުކަމުން، އެ ހަނގުރާމަ ނިމިގެންދިޔައީ، ދުޝްމަނުން ބަލިވެގެން. އަދި ރާއްޖޭގެ ޤަދަރާއި ޝަރަފް ދުނިޔޭގެ ކުރިމަތީގައި ކުރިއަށްވުރެ އުފުލިގެން.

އެ ހަނގުރާމަ ނިމުނީ، ރާއްޖެއަށް ނަޞްރު ލިބިގެން ކަމުގައިވިޔަސް، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އޭގެތެރެއިން ބައެއް ގެއްލުމަކީ، މާއްދީގޮތުން އަގުކުރެވޭގޮތަށް ލިބުނު ގެއްލުން ކަމަށްވާއިރު، އަނެއްބައި ގެއްލުމަކީ، އޭގެ އަގު ވަޒަންނުކުރެވޭފަދަ ގެއްލުންތަކެއް. ހަމައެފަދައިން، ބައެއް ގެއްލުމަކީ، ހަމައެކަނި މިވަގުތަށް ލިބުނު ގެއްލުން ކަމަށްވާއިރު، އަނެއްބައި ގެއްލުމަކީ، އޭގެ އަސަރު އަންނަނިވި ޖީލުތަކަށް ދެމިގެންދާނޭ ގެއްލުންތަކެއް.

ދިވެހި ޓެރަރިސްޓުންނާއި ތަމަޅަ ޓެރަރިސްޓުން ގުޅިގެން ރާއްޖެއާ ކުރި ހަނގުރާމައިގައި، ދިވެހީންގެ 19 މީހުން ޝަހީދުވެގެންދިޔަ. އޭގެތެރޭގައި އެން.އެސް.އެސް.ގެ 8 ބޭކަލަކު ހިމެނުނު. މީގެއިތުރަށް، ސިފައިންނާއި ޢާންމުންގެތެރެއިން ވަރަށްގިނަ މީހުންނަށް ހާނިއްކަވި. އޭގެތެރޭގައި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މާލޭ މެންބަރު އަލްފާޟިލް އިލްޔާސް އިބްރާހީމް، ހައްދުންމަތީ މެންބަރު އަލްފާޟިލް އިސްމާޢީލް ނަޞީރު، އޭރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގ އަލްފާޟިލް އަޙްމަދު މުޖްތަބާ، މި ބޭބޭފުޅުން ހިމެނުނުކަން މިފުރްޞަތުގައި އަޅުގަނޑު މިފާހަގަކުރަނީ ނުހަނު ހިތާމައާއެކު. އަދި އެބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ﷲގެ ޙަޟްރަތަށް ދުޢާކުރަމުން. އެހަނގުރާމައިގައި ސަރުކާރާއި، އަމިއްލަ މީހުންގެ ޢިމާރާތްތަކާއި، ތަކެއްޗަށް ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުނު. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ދަތުރުތަކަށާއި، ރާއްޖޭގެ މަސްގަންނަން އަންނަ ބޯޓުފަހަރުގެ ދަތުރުތަކަށް އައި ހުއްޓުންފަދަ ކަންތައްތަކުން ރާއްޖެއަށް ލިބުނު އިޤްތިޞާދީ ގެއްލުމުގެ އަގު ވަރަށްވެސް ބޮޑު.

މިދެންނެވި މާއްދީ ކަންތައްތަކުގެ އިތުރަށް، ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަންކުރަމުން އަންނަ އަމާންކަމާއި ޞުލްޙަމަސަލަސްކަމާއި، ރާއްޖޭގައި އުޅޭ މީހުންނަށް އެއްވެސްކަހަލަ ހަތިޔާރެއްގެ ނުރައްކަލެއް މެދުވެރިވެދާނެކަމުގެ ބިރެއްނެތްކަން، އެ ޢުދްވާނީ ޙަމަލައިގެ ސަބަބުން ގެއްލިގެންދިޔައީ. އަދި އެ ޙަމަލައިގެ ސަބަބުން އަޅުގަނޑުމެންގެ އެތައް ޅަދަރީންނަކަށާއި، ތަފާތު ޢުމުރުތަކުގެ މީހުންނަށް ނަފްސާނީ ބަލިތަކެއް ޖެހުނީ. ދުނިޔޭގެ ޓެރަރިސްޓުންނަށް އަޅުގަނޑުމެންގެ ރާއްޖެވެސް ހުޅުވައިލެވުނީ.

ރާއްޖޭގައި ޚާއިނުންގެ މީހުން އުޅުނުކަމުގައިވިޔަސް، ރާއްޖޭގެ ތާރީޚު ހެކިދޭގޮތުގައި އެފަދަ މީހުންނަކީ ވަރަށްމަދު ބައެއް. މިފަހަރުވެސް އެކަންވީ އެހެން. ބޭރުގެ ޓެރަރިސްޓުން ގޮވައިގެން އައި ރާއްޖޭގެ ޓެރަރިސްޓުންނާ އެއްބައިވާނޭ އެއްވެސް ދިވެއްސަކު އެމީހުންނަކަށް ނުލިބުނު. އެދުވަހު ދިވެހީން ސާބިތުކޮށްދިނީ، އެމީހުންގެ ޤައުމުދެކެ އެމީހުން ލޯބިވާކަން. އެމީހުންގެ މިނިވަންކަމަށް އެމީހުން ޤަދަރުކުރާކަން. ޚާއްޞަކޮށް، ރާއްޖޭގެ ސިފައިން، އާދެ! ނޭޝަނަލް ސެކިއުރިޓީ ސާރވިސްގެ ބޭކަލުން، އެދުވަހު ހާމަކޮށްދެއްވީ، ދިވެހީންގެ ކޮންމެ މީހަކު އެމީހުންނަށްޓަކައި ފަޚްރުވެރިވުން ޙައްޤުވާފަދަ ގަދަ ހިތްވަރަކާއި އިޚްލާޞްތެރި ޤުރްބާނީއެއް. މިވާހަކަތަކަކީ، ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ލިޔެވިގެންދާނޭ ވާހަކަތަކެއްކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހުގެ ޙަމަލާގައި، ބޭރުގެ ހަތިޔާރުއެޅި ބަޔަކު ބައިވެރިވާކަން އެނގުމާއެކު، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި، އަދި ރާއްޖޭގެ ރައްޔިތުންނާއި ވެރިކަން ސަލާމަތްކުރުމަށްޓަކައި، ބޭރު ޤައުމެއްގެ ޢަސްކަރީ އެހީ ހޯދުމަށް އަޅުގަނޑު އަވަސްވެގަތިން. އަޅުގަނޑު އެދުނު އެދުމަށް، އަޅުގަނޑުމެންގެ އެކުވެރި އަވަށްޓެރި ޤައުމެއް ކަމުގައިވާ އިންޑިޔާ އިޖާބަދިނީ ވަރަށް އަވަހަށް. އާދެ! އެތާނގެ ލަޝްކަރެއް ވައިގެމަގުން ރާއްޖެއައީ ވަރަށްކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. އެ ލަޝްކަރު އައިއިރު، ރާއްޖެއާ ޙަމަލާދިން ޓެރަރިސްޓުން ބަލިވެގެން ރާއްޖެ ދޫކޮށް ފިލައިގެން ދަނީ. އެހެންނަމަވެސް، އެމީހުން ދިޔައީ ރާއްޖޭގެ ބޯޓެއް ފޭރިގަނެގެން. އަދި ރަހީނުންގެ ގޮތުގައި ސަރުކާރުގެ މިނިސްޓަރަކާއި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރަކާއި، ރައްޔިތުންގެ އެތައްބަޔަކު ގޮވައިގެން. އެހެންކަމުން، ރާއްޖެއާ ހަނގުރާމަކުރި ބޭރުގެ ޓެރަރިސްޓުންނާއި، އެމީހުން ގޮވައިގެން އައި ދިވެހިންގެ ދެ ޓެރަރިސްޓުން ހިފައި ހައްޔަރުކޮށް، އެމީހުން ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތްކޮށްދިނީ އިންޑިޔާގެ ސިފައިން. އެދުވަހު ރާއްޖެއައި އިންޑިޔާ ސިފައިންގެތެރެއިން ވަރަށްބޮޑުބައެއް، ވިދިގެންއައި ހަފްތާއެއްހާ ދުވަހުގެތެރޭގައި ރާއްޖެއިން ވަނީ، އަނބުރާ ގެންގޮސްފައި. މިހާރު ރާއްޖޭގައި ތިބީ، ވަރަށްމަދު ޢަދަދެއްގެ އިންޑިޔާ ސިފައިން. އެމީހުން އެތިބީ، ސަރުކާރުގެ އެދުމުގެ މަތިން، ބައެއްކަހަލަ އެހީތައް ވެދިނުމަށް. ދިވެހި ސަރުކާރުން އެދުމާއެކު އެމީހުން ރާއްޖެއިން ދާނެ.

މިދިޔަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޙަމަލައާބެހޭ މީހުންގެ ތަޙްޤީޤުތައް، މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި. އިރާދަކުރެއްވިއްޔާ އެމީހުންގެ ޝަރީޢަތް މާލަހެއްނުވެ ފެށޭނެ. އެ ޝަރީޢަތް ހިނގަމުންދާނީ އިސްލާމީ ޝަރީޢަތުގެ އުސޫލުން، ރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން، ރާއްޖޭގެ ހައިކޯޓުގައި.

                                                                                                                                   ދައުލަތް ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަލާއިރު، 1988 ވަނަ އަހަރަކީ، ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގެ ރިޔާސީ ދައުރެއް ނިމި، އާ ރިޔާސީ ދައުރެއް ފެށުނު އަހަރެއް. އެ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނާނޭ މީހަކު ކަމުގައި ތިޔަ ޢިއްޒަތްތެރި މެންބަރުން ޚިޔާރުކުރައްވައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުން އިންތިޚާބު ކުރައްވާފައިވަނީ އަޅުގަނޑު. އެކަމަށްޓަކައި ތިޔަ ޢިއްޒަތެރި މެންބަރުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް މިފުރްޞަތުގައިވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް އަދާނުކޮށް ދޫކޮށްނުލެވޭނޭ ވާޖިބެއް. އަދި މިފަހަރު އަޅުގަނޑު މި މަގާމަށް ހޮއްވެވުމުގައި، ރާއްޖޭގެ ރައްޔިތުން، މީގެކުރީ ފަހަރުތަކަށްވުރެވެސް މަތީ އަޣްލަބިއްޔަތެއް ދެއްވިކަން އެއީ، އަޅުގަނޑު ވަކީން ޚާއްޞަގޮތެއްގައި ފާހަގަކުރާ ކަމެއްކަމުގައި ދަންނަވަން.

1988 ވަނަ އަހަރު ރާއްޖޭގެ ރިޔާސީ އާ ދައުރު ފެށުމާ ގުޅިގެން، ދައުލަތް ހިންގުމުގެ ކަންތައްތަކަށް އެދެވޭ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށް، އަޅުގަނޑު އައީ ވަރަށްބޮޑަށް ވިސްނަމުން. ނަމަވެސް، އެދުވަސްވަރު ދިމާވި ނުރައްކާތެރި ޙާދިޘާއެއްގެ ސަބަބުން، މިބަދަލުތައް ގެންނަން އަޅުގަނޑަށް ފެށުނީ މިހނގާ އަހަރު. މިގޮތުން ގެނެވުނު ބަދަލުތަކުގެތެރޭގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަލުން ޢައްޔަންކޮށް، ސަރުކާރުގެ ބައެއް އޮފީސްއޮފީހުގެ ވެރީން ބަދަލުކޮށް ހެދުނު. އޭގެކުރިން، 1988 ވަނަ އަހަރުގެ ފަހުކޮޅު، ޑިޕާޓްމަންޓް އޮފް ފިނޭންސާއި، ޑިޕާޓްމަންޓް އޮފް ޓޫރިޒަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ، މިނިސްޓްރީތަކަކަށް ބަދަލުކުރެވުނު. އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އުވާލައި، އެ މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތްތައް މިނިސްޓްރީ އޮފް ފިޝަރީޒުން ކުރާގޮތަށް ހަމަޖައްސައި، އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަމަށް ބަދަލުކުރެވުނު.

1988 ވަނަ އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ގޮސްފައިވަނީ ހިތްހަމަޖެހޭފަދަ ގޮތެއްގައި. ދައުލަތް ހިންގުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްއޮފީހުގެ ވެރީންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބެމުން ގޮސްފައިވަނީ، ވަރަށްވެސް މަތިވެރި، އަދި އިޚްލާޞްތެރި އެހީތަކެއްކަން އަޅުގަނޑު މިފުރްޞަތުގައި މިފާހަގަކުރަނީ، އެ ހުރިހާ ބޭފުޅުންނަށް ތަޢްރީފާއެކު ޝުކުރު އަދާކުރަމުން.

ދައުލަތް ހިންގުމުގެ ދާއިރާގައި، 1988 ވަނަ އަހަރުގެތެރޭގައި އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑެއް ހުޅުވުން ހިމެނޭ. މިފަންޑުގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންނަށް، އެމީހުންނަށް ލިބޭ އާމްދަނީގެތެރެއިން ކޮންމެވެސް ބައެއް، އެމީހުންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރުމުގެ ފުރްޞަތު ލިބި، އެމީހުން ރައްކާކުރާ ފައިސާގެ ނިސްބަތުން ސަރުކާރުންވެސް އިތުރު ފައިސާއެއް ލިބޭނޭގޮތް ހަމަޖެހިފައިވޭ. ވޭތުވެދިޔަ އަހަރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަވެސް އިތުރުކޮށްދެވިފައިވޭ. އަދި މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރެވޭތޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް، ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު.

1988 ވަނަ އަހަރުގެތެރޭގައި ދެކުނުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުމެއް އައްޑުއަތޮޅު ގަމުގައި އިންތިޒާމުކުރެވުނު. މި ބައްދަލުވުމުގައި ސަރުކާރުގެ އޮފީސްއޮފީހުގެ ވެރީންވެސް ބައިވެރިވެވަޑައިގެން، ރާއްޖެތެރެއާބެހޭ ކަންތައްތައް ހިންގެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައި މަޝްވަރާތައް ކުރެވުނު.

ދައުލަތް ހިންގުމުގެ އެންމެ އިސް އެއްބައި ކަމުގައިވާ ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް، ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް، ހިނގަމުން ގޮސްފައިވަނީ، އެކަމަށް ދޭންވީ އެންމެ ފުރިހަމަ އަހަންމިއްޔަތުދީގެން. ވޭތުވެދިޔަ އަހަރުގެތެރޭގައިވެސް، ކޯޓުތަކުގެ ޤާޟީން ތަމްރީނުކުރުމާއި، ތާޒާކުރުމުގެ ކޯސްތައް ހިންގިފައިވޭ.

                                                                                                                                 ދާޚިލީ ހިންގުން

ދާޚިލީ ހިންގުމަށް ބަލާއިރު، 1988 ވަނަ އަހަރަކީ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއް. ރައްޔިތުންގެ މެދުގައި ޞުލްޙަމަސަލަސްކަން ދެމިއޮތުމާއެކު، ޤައުމީ ހޭލުންތެރިކަން އިތުރުވަމުން ގޮސްފައިވާ އަހަރެއް.

މާލެއާއި ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް 1988 ވަނަ އަހަރުގެތެރޭގައިވެސް ކުރެވެމުންދިޔަ. މިގޮތުން، ކުޅުދުއްފުށްޓާއި، މާފުށްޓާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔާއި، އަދި އެއަތޮޅު ދެކުނުބުރީ ތިނަދޫގެ ފަޅުފުންކުރުމުގެ މަސައްކަތްކުރެވުނު. އައްޑުއަތޮޅު ފޭދޫއާއި، ތިލަދުންމަތީ ކުޅުދުއްފުށްޓާއި، ފުވައްމުލަކާއި، އަދި ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ސަރުކާރުން އިލެކްޓްރިކް ކަރަންޓް ލައިދިނުމުގެ މަސައްކަތްވެސް ކުރެވުނު. މިހަތަރު ރަށުގެތެރެއިން ފޭދޫއާއި ތިނަދޫއާއި ކުޅުދުއްފުށްޓަށް ވޭތުވެދިޔަ އަހަރު ކަރަންޓް ދޫކުރަން ފެށްޓުނު. ރާއްޖެތެރޭގެ ފަސްދޮޅަހަކަށް ރަށުގެ ފަޅުފުންކުރުމަށްޓަކައި ކަމާބެހޭ ހޯދުންތައް ހޯދައި، ބައެއް ރަށްރަށުގެ ނެރު ގޮއްވައި ހަދައިދެވުނު. އަދި ރާއްޖެތެރޭގެ މުވާޞަލާތުގެ ކަންތައްތައް ރަނގަޅުކުރުމުގެ ގޮތުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަންކުރާ ރަށްރަށާއި މާލެއާ ދެމެދުގައި ތެލެފޯނުގެ ގުޅުން އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުގެތެރޭގައި ފެށްޓުނު. މިއަހަރުގެތެރޭގައި މީގެ ބޮޑުބައެއް ނިމޭނެކަމަށް އުންމީދުކުރެވޭ.

ރާއްޖެތެރޭގައި ތަރައްޤީގެ ރޮނގުން ކުރެވެމުންދާ މަސައްކަތްތައް ބަލައިލުމަށާއި، ރައްޔިތުންގެ ޙާލުއަހްވާލު ދުށުމަށްޓަކައި، އަޅުގަނޑު މިދިޔަ އަހަރުގެތެރޭގައިވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރިން. އަދި މިނިސްޓަރުންނާއި އޮފީސްއޮފީހުގެ ވެރީން، ރާއްޖެތެރޭގެ ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ޙާލު ބައްލަވައި، އެބޭފުޅެއްގެ ދާއިރާއާބެހޭ މަސައްކަތްތައް ހިނގާނުހިނގާގޮތް ބައްލަވަމުން ގެންދަވާފައިވޭ.

މާލޭގައި ވޭތުވެދިޔަ އަހަރު އަލަށް ފެށުނު މުހިންމު ދެ މަޝްރޫޢަކީ، މާލޭގެ ދެކުނުފަރާތުގެ ކަނޑުތޮށިލުމުގެ މަޝްރޫޢާއި، ހައުސިންގ ސްކީމްގެ މަޝްރޫޢު. 1987 ވަނަ އަހަރުގެތެރޭގައި ފެށިފައިވާ، މާލޭގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެތެރޭގައި ކުރިއަށް ގެންދެވިފައިވޭ.

ވޭތުވެދިޔަ އަހަރުގެ މެދެއްހާ ތާނގައި، ރާއްޖޭގެ އާބާދީއަށް ދެލައްކަ ހަމަވުން ފާހަގަކުރެވުނު. ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަނީ، މިހިސާބުގެ އެހެން ޤައުމުތަކަށްވުރެ މާ ބާރަށް. އާދެ، ރާއްޖޭގެ ރައްޔިތުންގެ އަދަދު ވޭތުވެދިޔަ 22 އަހަރުގެތެރޭގައި ވަނީ ދެގުނައަށް އިތުރުވެފައި. އެހެންކަމާއެކު، ރާއްޖޭގެ އާބާދީއާބެހޭ ހަރުދަނާ ސިޔާސަތެއް ކަނޑައެޅިފައި އޮތުމުގެ ބޭނުންތެރިކަން ވަރަށްވެސްބޮޑު.

އިޖްތިމާޢީ ޚިދްމަތް

އިޖްތިމާޢީ ޚިދްމަތްތަކުގެ ތެރޭގައި ސަރުކާރުން އެންމެ މުހިންމު ސަމާލުކަމެއް ދެމުން ގެންދަނީ، ރާއްޖޭގެ ދަރީންނަށް ތަޢްލީމު ދިނުމުގެ މައްޗަށް.

ތަޢްލީމުދޭނޭ އާ މަރްކަޒުތައް އުފެއްދުމުގެ ގޮތުން، މާލޭގައި އިތުރު ދެ ޕްރައިމަރީ ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް 1988 ވަނަ އަހަރުގެތެރޭގައި ކުރަމުން ގެންދެވުނު. އޭގެތެރެއިން އެއް ސްކޫލްގެ ޢިމާރާތް ނިމި، މީގެ ކުޑަދުވަސްކޮޅެއް ކުރިން، އެތާނގެ ކިޔެވުން ވަނީ ފެށިފައި. އަދި މިއަހަރުގެތެރޭގައި، އަނެއް ސްކޫލްގެ ޢިމާރާތްވެސް ނިމިގެން، އެތާނގެ ކިޔެވުން ފެށޭނެކަމަށް ލަފާކުރެވޭ. ރާއްޖެތެރޭގައިވެސް ތަޢްލީމްދޭ މަރްކަޒުތައް އިތުރުކުރުމުގެ ގޮތުން، 1988 ވަނަ އަހަރު ތިލަދުންމަތީ ދެކުނުބުރިއާއި، ހުވަދުއަތޮޅު ދެކުނުބުރިއާއި، ފޯއްމުލަކާއި، އައްޑުއަތޮޅާ މިއަތޮޅުތަކުގެ ތަޢްލީމީ މަރްކަޒުތަކުގައި އިތުރު ކްލާސްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދެވުނު. އަދި ރާއްޖޭގެ ތަފާތު 18 ރަށެއްގައި އަޅަން ފަށާފައިވާ މަދަރުސާތަކުގެ ތެރެއިން 6 މަދަރުސާގެ ޢިމާރާތް މުޅީން ނިމި، މިއަހަރުގެތެރޭގައި އެތަންތާނގައި ކިޔަވައިދޭން ފެށޭނެ. އަނެއް 12 މަދަރުސާވެސް މިހިނގާ އަހަރުގެތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭ.

ބޮޑެތި މީހުންނަށް ކިޔަވައިދިނުމާއި، ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމާއި، ދުރުގައި ތިބޭ މީހުންނަށް، ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން އުނގަންނައިދިނުމުގެ މަސައްކަތް މިދިޔަ އަހަރުވެސް ކުރަމުން ގެންދެވުނު. އަދި ޤުރްއާން ކިޔަވައިދިނުމުގެ ޕްރޮގްރާމްވެސް މާލެއާއި ރާއްޖެތެރޭގެ 70 ރަށެއްގައި ހިންގުނު.

1988 ވަނަ އަހަރުގެތެރޭގައި ތަޢްލީމީ ރޮނގުން އެންމެބޮޑަށް ކުރެވުނު އެއް މަސައްކަތަކީ، މަދަރުސާތަކުގައި ކިޔަވައިދޭނޭ ފޮތް ލިޔެ ތައްޔާރުކުރުން. މީގެތެރެއިން ވަރަށްގިނަ ފޮތް މިދިޔަ އަހަރުގެތެރޭގައި ޗާޕުކޮށް މަދަރުސާތަކުގެ ކުދީންނަށް ލިބޭގޮތަށް ހަމަޖެއްސުނު.

ސަރުކާރުން ހޯދައިދިން ސްކޮލަރޝިޕްތަކުގައި، 1988 ވަނަ އަހަރު 38 ކުއްޖަކު މަތީ ތަޢްލީމު ޙާޞިލްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުނު. އަދި މަތީ ތަޢްލީމު ޙާޞިލްކުރުމަށްފަހު، 20 ކުއްޖަކު މިދިޔަ އަހަރު ރާއްޖެއައި. މީގެއިތުރަށް، އެކިއެކި މަސައްކަތް ދަސްކުރުމަށްޓަކައި، ކުރުމުއްދަތުގެ އެކިއެކި ކޯސްތަކުގައި ބައިވެރިވުމަށް 285 މީހުން މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވުނު.

ކިޔަވައިދޭ މުދައްރިސުން އުފެއްދުމުގެ ގޮތުން ހިންގާ ކޯސްތައް މިދިޔަ އަހަރުވެސް ހިންގައި، އިތުރު 94 މުދައްރިސުން ތަމްރީނު ކުރެވިފައިވޭ.

ޞިއްޙީ ޚިދްމަތުގެ ރޮނގުން މިދިޔަ އަހަރު ކުރެވުނު އެންމެބޮޑު މަސައްކަތަކީ، މާލޭގައި ފާޚާނާހޮޅިލުމާއި، ބޮޑެތި ފެންތާނގީ ހެދުމުގެ މަޝްރޫޢު ނިންމުން. އެއާއެކު، މޫދުގެ ލޮނު، ފެނަށް ބަދަލުކުރާނޭ މެޝިނެއް މާލޭގައި ބެހެއްޓުނު. ރާއްޖޭގެ ރައްޔިތުންނަށް ސާފު ބޯފެން ހޯދައިދިނުމަށް ސަރުކާރުން ކުރަމުން މިގެންދާ މަސައްކަތުގައި، ވޭތުވެދިޔަ އަހަރު، ރާއްޖެތެރޭގެ 23 ރަށުގައި 111 ފެންތާނގީ ހަދައިދެވުނު.

ރާއްޖެތެރޭގައި ހެދުމަށް މިހާތަނަށް ކަނޑައެޅިފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގެތެރެއިން، އެންމެފަހު ހޮސްޕިޓަލް މިދިޔަ އަހަރުގެތެރޭގައި ޢިމާރާތްކޮށް ނިމިގެން، މިއަހަރުގެ ކުރީކޮޅުވަނީ އެތާނގައި ޚިދްމަތްދޭން ފަށާފައި. މި ހޮސްޕިޓަލްހުރީ މުލަކަތޮޅު މުލީގައި. މިދިޔަ އަހަރުގެތެރޭގައި، ރާއްޖޭގެ އިތުރު ދެއަތޮޅެއްގައި ޞިއްޙީ މަރްކަޒު ހުޅުވުނު. އަދި އެހެން ތިންއަތޮޅެއްގައި، މިހާރުވަނީ ޞިއްޙީ މަރްކަޒުގެ ޢިމާރާތް ހަދައި ނިމިފައި. އަދި މިއަހަރުގެތެރޭގައިވެސް، އިތުރު 5 އަތޮޅެއްގައި ޞިއްޙީ މަރްކަޒު އެޅުމުގެ މަސައްކަތްކުރުމަށް ވަނީ ކަނޑައެޅިފައި.

ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދްމަތް އިތުރުކުރުމަށްޓަކައި، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާނޭ ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށްވެސް ވަރަށްބޮޑަށް މަސައްކަތް ކުރެވެމުންދޭ. އަދި ޢާންމުންގެ މެދުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރެވޭތޯ، ތަފާތު މަސައްކަތު ބައްދަލުވުންތަކާއި ޖަލްސާތައް މިދިޔަ އަހަރުގެތެރޭގައިވެސް ބޭއްވުނު. އަދި އެފަދަ ބައްދަލުވުންތަކުގެ ހެޔޮނަތީޖާ ފެންނަމުންވެސް އެބަދޭ.

ރާއްޖޭގެ ކުޑަކުދީން ބަލިބަލިން ދިފާޢުކުރުމަށާއި، މައިންނާއި ޅަދަރީންގެ ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި، ސަރުކާރުން ހިންގަމުން ގެންދާ ޕްރޮގްރާމްތައް، މިދިޔަ އަހަރުގެތެރޭގައިވެސް ކުރިއަށް ގެންދެވުނު. ދުނިޔޭގެ ހުރިހާ ކުޑަކުދިންނަށް އެކިއެކި ބަލިބަލިން ދިފާޢުކުރުމަށް ދޭންޖެހޭ ވެކްސިން 1990 ވަނަ އަހަރުގެ ނިޔަލަށް ދީ ނިންމުމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ނިންމާފައިވާ ނިންމުމާ ގުޅިގެން، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ޞިއްޙީގޮތުން ދޭންޖެހޭ ހުރިހާ ވެކްސިން އެތާރީޚުގެ ކުރިންދީ ނިންމޭނެކަމަށް އުންމީދުކުރެވޭ.

ރާއްޖޭގެ އަންހެނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް މަސައްކަތްތެރިކަން އާލާކުރުމުގެ ގޮތުން، ސަރުކާރުން ތަފާތު މަސައްކަތްތަކެއް 1988 ވަނަ އަހަރުގެތެރޭގައިވެސް ހިންގާފައިވޭ. އޭގެތެރޭގައި، ރާއްޖެތެރޭގެ ތަފާތު ރަށްރަށުގައި ހިންގުނު، ފަހަން ދަސްކޮށްދިނުމާއި، ރުކުފަތިން އެއްޗެތި ހަދަން ދަސްކޮށްދިނުމާއި، ކާބޯތަކެތި އަޅާގަސް އިންދަން ދަސްކޮށްދިނުމުގެ ކޯސްތައް ހިމެނޭ.

ރާއްޖޭގެ އިޤްތިޞާދިއްޔަތު

1988 ވަނަ އަހަރަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސްފައިވާ އަހަރެއްކަމާމެދަކު އެއްވެސް ޝައްކެއްނެތް. ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމު ބައިތައް ކަމުގައިވާ މަސްވެރިކަމާއި ޓޫރިޒަމް ވަނީ އޭގެ ކުރީ އަހަރަށްވުރެ ވަރަށްބޮޑުތަން ރަނގަޅުވެފައި. ޤައުމުގެ އިޤްތިޞާދީ އުފެއްދުންތެރިކަންވެސް ވަނީ %8.7 ކުރިއަށްގޮސްފައި.

މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، 1988 ވަނަ އަހަރަކީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅުވެފައިވާ އަހަރު ކަމުގައި ދެންނެވިދާނެ. އެއަހަރު ރާއްޖެއިން ބޭރުކުރެވުނު، ދަޅުގައި ބަންދުކުރިމަހުގެ އަދަދު 1987 ވަނަ އަހަރަށްވުރެ %43 އިތުރުވެފައިވޭ. އަދި ރޯމަސް %19 އިތުރުވެފައިވޭ. ފިނިކުރިމަސްވެސް %55 އިތުރުވެފައިވޭ. ވޭތުވެދިޔަ އަހަރު ރާއްޖެއިން ބޭރުކުރެވުނު މަހުގެ ބާވަތްތަކަށް ލިބުނު ބޭރު ފައިސާގެ އަދަދުވެސް، 1987 ވަނަ އަހަރަށްވުރެ %49 އިތުރުވެފައިވޭ.

މަސްވެރިކަން މިހާބޮޑަށް ކުރިއަށްދިއުމުގެ އެންމެބޮޑު އެއްސަބަބަކީ، މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުން ހިންގަން ފަށާފައިވާ ބައެއް މަޝްރޫޢުތަކުގެ މުހިންމު ބައިތައް ނިމި، އޭގެ ފައިދާތައް ލިބެންފެށުން. އެއާއެކު، މަސްވެރިކަމަށް ރާއްޖޭގެ ރައްޔިތުން ދެމުންގެންދާ އަހަންމިއްޔަތުގެ ބޮޑުކަން. މިގޮތުން، ބައިނަލްއަޤްވާމީ ތަރައްޤީއާބެހޭ ޖަމާޢަތުގެ އެހީގައި ހިންގާ، މަސްވެރިކަމާބެހޭ ދެވަނަ މަޝްރޫޢުގެ ދަށުން، ފެލިވަރުގައި ތައްޔާރުކުރެވުނު ގޯއްޖާއި، 780 ޓަނުގެ ފިނިކުރިމަސް ބަހައްޓާ ތަނާއި، ގަނޑުފެންހަދާ ތަން ނިމިގެން، މިދިޔަ އަހަރުގެތެރޭގައި ވަނީ އެތަންތަން ބޭނުންކުރަން ފެށިފައި. އަދި މި މަޝްރޫޢުގެ ދަށުން ހޯދުނު މަސްގަންނަ ހަތަރުބޯޓުވެސް މިހާރުވަނީ ބަނދެ ނިމިގެން ރާއްޖެ ގެނެވިފައި.

މަސްވެރިކަމުގެ ރޮނގުން ސަރުކާރުން ހިންގާ މުހިންމު އަނެއް މަޝްރޫޢަކީ، ދެކުނުގެ ފަސްއަތޮޅެއްގައި ހިންގާ މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢު. މި މަޝްރޫޢުގެ މަސައްކަތް މިހާރުވަނީ މުޅީންހެން ނިމިފައި.

މި ދެ މަޝްރޫޢުގެ އިތުރުންވެސް، މަސްވެރިކަން ކުރިއަށް ގެންދެވޭތޯ މިދިޔަ އަހަރުގެތެރޭގައި ސަރުކާރުން ތަފާތު މަސައްކަތްތަކެއް ކުރެވުނު. އޭގެތެރޭގައި، ހައްދުންމަތީ މާންދޫގައި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއެއް ހެދުމަށްޓަކައި، ފީޒިބިލިޓީ ސްޓަޑީއެއް ހަދައި، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފެށުނު. އަދި މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އިތުރު 92 ދޯނީގައި އިންޖީނު ބަހައްޓައިދެވުނު. އަދި މަސްވެރިކަމާބެހޭ ތަޙްލީލުތައް ކުރުމާއި، މަސްވެރިކަމާބެހޭ މަޢްލޫމާތު ހޯދައި އެއްކުރުންވެސް ހިމެނޭ. މިރޮނގުން ރާއްޖޭގައި އުޅޭ މަހުގެ ބާވަތްތައް ހޯދުމާއި، އަދި އެތަކެތި ރާއްޖޭގައި ހުރި މިންވަރު އެނގޭތޯ ބެލުމަށް މަސައްކަތް ކުރެވިފައިވޭ.

ޓޫރިޒަމްގެ ދާއިރާއަށް ބެލިނަމަވެސް ދެންނެވެން އޮތީ، 1988 ވަނަ އަހަރަކީ، ވަރަށް ރަނގަޅު އަހަރެކޭ. އެ އަހަރުގެތެރޭގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު، އޭގެކުރީ އަހަރަށްވުރެ %18 އިތުރުވެފައިވޭ. ޓޫރިޒަމްގެ މަސައްކަތުން ދައުލަތަށް ލިބިފައިވާ އާމްދަނީވެސް ވަނީ، އޭގެކުރީ އަހަރަށްވުރެ %19 އިތުރުވެފައި. 1988 ވަނަ އަހަރުގެތެރޭގައި ރާއްޖޭގައި ހުޅުވުނު އިތުރު ދެ ރިޒޯޓަކާއެކު، އަހަރު ނިމުނުއިރު ރާއްޖޭގައި 59 ރިޒޯޓު ހިނގަމުންދޭ.

ޓޫރިޒަމްގެ މަސައްކަތް އިތުރަށް ތަރައްޤީކުރުމުގެ ގޮތުން، ރާއްޖޭގެ އިތުރު ސަރަޙައްދެއްގައި ޓޫރިޒަމްގެ މަސައްކަތް ފެށްޓުމަށް، ސަރުކާރުންވަނީ ކަނޑައަޅާފައި. އަދި އެކަމަށްޓަކައި، އަރިއަތޮޅުގެ 9 ރަށެއް، އަމިއްލަ ފަރާތްތަކަށް މިދިޔަ އަހަރުވަނީ ކުއްޔަށް ދޫކުރެވިފައި. މީގެ އިތުރަށް، ސަރުކާރާއި ސަރުކާރުގެ ބައެއް ވިޔަފާރި އިދާރާތަކުން ތަރައްޤީ ކުރުމަށްޓަކައި އިތުރު ފަސްރަށެއް ހަމަޖެއްސިފައިވޭ.

ޓޫރިޒަމްގެ ޚިދުމަތުގެ ދާއިރާ ފުޅާވަމުންދާ ނިސްބަތުން، ރިޒޯޓުތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައިވެސް، ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. މިކަމަށް، ޓޫރިޒަމްގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުންވެސް ވަރަށްބޮޑު ސަމާލުކަމެއްދޭ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްގިނަ ރިޒޯޓުތަކުގެ ޚިދުމަތުގެ ފެންވަރު މައްޗަށް ގެންދެވިފައިވޭ.

ޓޫރިޒަމްގެ ކަންތައްތައް ތަރައްޤީވުމާ ގުޅިގެން، ރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދުގެ ވައިގެ ދަތުރުފަތުރުވެސް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްބޮޑަށް ކުރިއަށްދިޔަ. އެއަހަރުގެ ތެރޭގައި، އިތުރު ހަތަރު އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވޭ. ރާއްޖެތެރޭގެ ވައިގެ ދަތުރުތައްވެސް މިހާރަށްވުރެ ތަރައްޤީކުރެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. މިގޮތުން، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް، ބޭރުގެ ދެފަރާތަކަށް މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހުއްދަދީފައި.

މުވާޞަލާތުގެ އަނެއް ރޮނގު ކަމުގައިވާ ތެލެފޯނުގެ ޚިދުމަތުގެ ދާއިރާގައި، މާލޭގައި ހުރި، ކުރިން ބޭނުންކުރަމުން އައި ތެލެފޯނު ސިސްޓަމްގެ ބަދަލުގައި، މިޒަމާނުގެ ޑިޖިޓަލް ތެލެފޯނު ސިސްޓަމެއް މިދިޔަ އަހަރު ބެހެއްޓުނު. އަދި ރާއްޖެތެރެއަށް ތެލެފޯނުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ޢަމަލީގޮތުން ފަށައިގަނެވުނު. އިރާދަކުރެއްވިއްޔާ މިހިނގާ އަހަރު ނިމުމުގެ ކުރިން، މާލެއިން ފެށިގެން ހައްދުންމައްޗާ ހަމައަށް، ހުރިހާ އަތޮޅަކަށް، ތެލެފޯނުގެ ޚިދުމަތް ދެވޭނެ. އަދި އަންނަ އަހަރު މާލެއިން ފެށިގެން އުތުރުގެ ހުރިހާ އަތޮޅުތަކަށްވެސް ތެލެފޯނު ލެވޭނެ.

ރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދުގެ ތެލެފޯނުގެ ޚިދުމަތްތައް 1976 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ހިންގަމުން ގެންދިޔައީ، އިނގިރޭސިވިލާތުގެ ކުންފުންޏަކުން. ރާއްޖޭގެ ތެލެފޯނާއި ޓެލެކްސްގެ ޚިދުމަތާބެހޭ ކަންތައްތައް ހިންގުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައި އެކުންފުންޏާއި ދިވެހި ސަރުކާރާއި ގުޅިގެން "ދިވެހިރާއްޖޭގެ ގުޅުން" މިނަމުގައި ވަނީ އާ ކުންފުންޏެއް އުފައްދާފައި. އަދި މިހާރު މިކުންފުނީގެ މަސައްކަތްވަނީ ފެށިފައި.

ރާއްޖޭގެ ބޯޓުފަހަރު ދުއްވުމުގެ މަސައްކަތްވެސް، ކުރީގެ ދެތިން އަހަރަށްވުރެ އެދެވޭ ގޮތެއްގައި މިދިޔަ އަހަރުގެ ތެރޭގައި ހިންގަމުން ގެންދެވިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. 1988 ވަނަ އަހަރު އެކުންފުނިން 3.2 މިލިޔަން ޑޮލަރު ފައިދާވާނޭ ކަމަށް ހިސާބުތަކުން ދައްކާ.

ރާއްޖޭގައި ރުއްގަސް އާލާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން މަސައްކަތް ކުރަމުން އަންނަތާ 4 އަހަރުވެއްޖެ. 1988 ވަނަ އަހަރު ނިމުނުއިރު، އެސް.ޓީ.އޯ.އިން ބަލަހައްޓާ ރަށްރަށުގައި 23,000 އަށްވުރެ ގިނަ އަދަދެއްގެ ރުކާއި، 1,000 އަށްވުރެ ގިނަ އަދަދެއްގެ ގަސް އިންދިފައިވޭ. އަދި އަމިއްލަ ފަރާތްތަކުންވެސް ރުއްގަސް އިންދުމުގެ މަސައްކަތް ކުރަމުން ގެންދޭ. މިމަސައްކަތް މިހެން ކުރެވުނު ކަމުގައިވިޔަސް، ދަނޑުވެރިކަމުގެ ރޮނގުން މިނޫން އެހެން މަސައްކަތެއް މާއެދެވޭގޮތެއްގައި ކުރެވެމުންނުދާ ވާހަކަ، ހިތާމައާއެކު ދަންނަވަންޖެހޭ. އެކަން އެހެން ދިމާވާންޖެހޭ ސަބަބެއް ކަމުގައި އަޅުގަނޑަށް ވިސްނެނީ، ދަނޑުވެރިކަން ކުރުމަށްވުރެ ފަސޭހަ އަދި އެއަށްވުރެ ގިނަ އާމްދަނީ ލިބޭ މަސައްކަތްތައް މިހާރު ރާއްޖޭގައި ގިނަވުން. އަދި ދަނޑުވެރިކަމުން އުފައްދާ ގިނަ ބާވަތްތަކުގެ ތަކެތި، ރާއްޖެއިން ބޭރުން ގެނެސްގެން، އަގުހެޔޮކޮށް ބާޒާރުގައި ލިބެން ހުންނަކަން. ކޮންމެއަކަސް، ދަނޑުވެރިކަމާބެހޭ މަޢްލޫމާތު ދިނުމާއި، އެކަމަށް ގެއްލުންދޭ ތަކެތި މަދުކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުގެ ފަރާތުން މެދުކެނޑުމެއްނެތި ގެންދަނީ ހިންގަމުން. އަދި ތަފާތު މުޑުވައްތަކާއި ގަހުކާނާތައްވެސް، ބޭނުންވާ ފަރާތްތަކަށް ލިބޭނޭގޮތް ދަނީ ހަމަޖައްސަމުން.

އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، 1988 ވަނަ އަހަރު އެންމެބޮޑު ކުރިއެރުމެއް އައިސްފައިވަނީ، ރާއްޖޭގެ ބޭރުފައިސާގެ ޙާލަތަށް. އެއަހަރު ދައުލަތަށް ލިބިފައިވަނީ 67.6 މިލިޔަން އެމެރިކާ ޑޮލަރު. މިއީ އޭގެ ކުރީ އަހަރަށްވުރެ %32 އިތުރު އަދަދެއް. އެހެންކަމުން، 1988 ވަނަ އަހަރުވެސް ނިމިގެންދިޔައީ، ބެލެންސް އޮފް ޕޭމަންޓް ރާއްޖެއަށް ފަހިކޮށް ދައްކަމުން.

1988 ވަނަ އަހަރު ރާއްޖޭގެ އެކްސްޕޯޓަށާއި އިމްޕޯޓަށް ބަލާއިރުވެސް، އޭގެ ކުރީ އަހަރަށްވުރެ ވަނީ ކުރިއަށްގޮސްފައި. ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލާއި، ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ތެރޭގައި، ސަރުކާރުގެ ބައިގެ އިތުރަށް، އަމިއްލަ ވިޔަފާރިވެރިންގެ ބައިވެސް ވަނީ، ކުރީ އަހަރަށްވުރެ އެތައްތަނެއް އިތުރުވެފައި. އަދި ރާއްޖެއަށް އިމްޕޯޓް ކުރާ ތަކެތީގެ ޑިއުޓީ ނެގުމުގައި، މިދިޔަ އަހަރު ފަސްސަތޭކައަށްވުރެ ގިނަ ބާވަތުގެ ޑިއުޓީ ކުޑަކޮށްދެވިފައިވާކަން، މިފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

1988 ވަނަ އަހަރުގެ ތެރޭގައި ސަރުކާރަށް ލިބުނު އާމްދަނީވެސް، އޭގެ ކުރީ އަހަރަށްވުރެ %17 އިތުރުވެފައިވޭ. މިހާތަނަށް ހިސާބުތަކުން ފެންނަގޮތުން، އެއަހަރު ސަރުކާރަށް ލިބުނީ 363 މިލިޔަން ރުފިޔާ. އެއަހަރުގެ ތެރޭގައި ސަރުކާރުން ޚަރަދުކުރެވިފައިވަނީ 318 މިލިޔަން ރުފިޔާ. އެހެންކަމުން، 1988 ވަނަ އަހަރުވެސް ނިމިފައިވަނީ، ސަރުކާރުން ހިނގި ޚަރަދަށްވުރެ، ސަރުކާރަށް ލިބުނު އެއްޗެއް އިތުރުވި އަހަރެއްގެ ގޮތުގައި.

ރާއްޖޭގެ އިޤްތިޞާދިއްޔަތު ރަނގަޅުކުރުމަށްޓަކައި، ތަރައްޤީގެ ތަފާތު މަސައްކަތްތައް ކުރުމަށް ލިބޭ އެންމެބޮޑު އެއްބާރަކަށްވަނީ ބޭރުގެ އެހީ. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭރުގެ އެހީގެ ގޮތުގައި ސަރުކާރަށް ލިބުނު ފައިސާއާއި ތަކެތިވެސް، 1987 ވަނަ އަހަރަށްވުރެ %13 އިތުރުވެފައިވޭ. އެއަހަރު އެހީގެގޮތުން ލިބުނު ފައިސާއާއި ތަކެތީގެ އަގަށްވަނީ 19.2 މިލިޔަން ރުފިޔާ.

ރައްޔިތުންގެ މަޖިލިސް

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލްތަކާއި، އެކިއެކި މައްސަލަތަކުގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުން ޚިޔާލު ފާޅުކުރައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ، ނުހަނު މިނިވަންކަމާއި ސާބިތުކަމާއެކުގައި، ޤައުމަށް އެންމެ ފައިދާހުރި ގޮތުގައިކަން އަޅުގަނޑު ޤަބޫލުކުރަން.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޢުދްވާނީ ޙަމަލާއާ ގުޅިގެން، އެކަން ކުށްވެރިކުރައްވައި، އަދި އެ ނުބައި ޙަމަލާއިން ޤައުމު ދިފާޢުކުރުމުގެ ގޮތުން އަޅުގަނޑު އެޅި ފިޔަވަޅުތަކަށް ތާއީދުކުރައްވައި، މަޖިލީހުން ޤަރާރެއް ފާސްކުރެއްވިކަމީ، ސަރުކާރުގެ ސިޔާސަތަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިގެންވާކަން ސާފުކޮށް ހާވަގެންދިޔަ ކަމެއް.

ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އެއްކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރަމުން ގެންދެވިފައިވޭ. ދިމާވި އެކިއެކި ސަބަބުތަކަށްޓަކައި، މާބާރަށް އެމަސައްކަތް ކުރިއަށް ނުގެންދެވުނު ނަމަވެސް، ވޭތުވެދިޔަ އަހަރު ނިމުނުއިރު، އިޞްލާޙުކުރެވޭ ޤާނޫނުއަސާސީގެ 31 މާއްދާ ވަނީ ފާސްކުރެވިފައި.

                                                                                                                                         ޚާރިޖީ ހިންގުން

ޚާރިޖީ ހިންގުމުގައި 1988 ވަނަ އަހަރަކީ، ރާއްޖެއަށް އިތުރު ޤަދަރަކާއި އިޙްތިރާމެއް ލިބިގެންދިޔަ އަހަރެއް. ވަކީން ޚާއްޞަކޮށް، އެއަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު، ޓެރަރިސްޓުން ރާއްޖެއަށް ދިން ޢުދްވާނީ ޙަމަލާގެ ސަބަބުން، ރާއްޖެއަށާއި، ރާއްޖޭގެ ޤާނޫނީ ސަރުކާރަށް ބޭރު ޤައުމުތަކުގެ ތާއީދު ލިބިފައި ވަނީ، މީގެކުރިން ދުވަހަކުވެސް ލިބިފައިނުވާފަދަ ދަރަޖައަކަށް. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މަޤްބޫލިއްޔަތު އިތުރުވެގެންދިޔައީވެސް، އެތައް ގުނައަކަށް.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެ އިތުރު 12 ޤައުމަކާ ސިޔާސީ ގުޅުން އުފެއްދި. މި ޤައުމުތަކާއެކު، 1988 ވަނަ އަހަރު ނިމުނުއިރު، ރާއްޖެ ސިޔާސީގޮތުން ގުޅިފައިވަނީ 87 ޤައުމާ.

ވޭތުވެދިޔަ އަހަރު އިތުރު ބައިނަލްއަޤްވާމީ ދެ ޖަމާޢަތެއްގައި ރާއްޖެ ބައިވެރިވި. އެއީ، އ.ދ.ގެ ޞިނާޢީ ތަރައްޤީއާބެހޭ ޖަމްޢިއްޔާއާއި، ކޮމަންވެލްތު ފައުންޑޭޝަން. އަދި، އޯޒޯން ފަށަލަ ރައްކާތެރި ކުރުމާބެހޭ ވިއެނާ މުޢާހަދާގައި ރާއްޖެ ބައިވެރިވެ، އޯޒޯން ފަށަލަ ހަލާކުކުރާ މާއްދާތަކާބެހޭ މޮންޓްރިއޯލް މުޢާހަދާގައި ރާއްޖެ ސޮއިކުރި. މި މުޢާހަދާގައި ރާއްޖެ ސޮއިކުރީ، ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ ކޮންމެ މަސައްކަތެއްގައިވެސް، ރާއްޖޭގެ ފަރާތުން ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވުމުގެ ގޮތުން.

ވޭތުވެދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި، އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާގެ ބިއުރޯގެ ޖަލްސާއެއްގައި ބައިވެރިވުމަށްޓަކައި، އަޅުގަނޑު ކުވެއިތަށް ޒިޔާރަތް ކުރިން. އެދަތުރުގައި، ބައެއް އިސްލާމީ ޤައުމުތަކުގެ ވެރީންނާ ބައްދަލުކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު. އަދި އެއަހަރުގެ ޖުލައިމަހުގެ ތެރޭގައި، ސިންގަޕޫރަށް ކުރި ދަތުރެއްގައި، އެތާނގެ ރައީސާއި ބޮޑުވަޒީރާވެސް ބައްދަލުކުރިން. ހަމަ އެދުވަސްވަރު، މެލޭޝިޔާއަށް ގޮސް، އެތާނގެ ބޮޑުވަޒީރާވެސް ބައްދަލުވިން. އަހަރުގެ ފަހުކޮޅު އަޅުގަނޑު އިންޑިޔާއަށް ގޮސް، އެތާނގެ ރައީސާއި އަދި ބޮޑުވަޒީރާ ބައްދަލުކޮށް، ނޮވެމްބަރު 3 ވަނަ ދުވަހުގެ ޙާދިޘާއާ ގުޅިގެން ދެޤައުމު ބައިވެރިވެގެން ކުރަމުންގެންދާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރިން. އަދި އެއަހަރު ނިމެން ކައިރިވެފައިވަނިކޮށް، ސާރކް ޤައުމުތަކުގެ އެންމެ އިސްވެރިންގެ 4 ވަނަ ޖަލްސާގައި ބައިވެރިވުމަށްޓަކައި، އަޅުގަނޑު އިސްލާމަބާދަށް ޒިޔާރަތްކޮށް، ސާރކް ޤައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރިން.

ވޭތުވެދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރު ޤައުމެއްގެ އެންމެ ޢިއްޒަތްތެރި ބޭފުޅަކީ، ނެޕާލްގެ ރަސްގެފާނު. ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަސްގެފާނު މާލެވަޑައިގަތީ، ދެކުނު އޭޝިޔާ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާގެ އެދައުރުގެ ރައީސްގެ ޙައިޘިއްޔަތުން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ރާއްޖޭގެ އެކިއެކި ވަޒީރުން، ބޭރު ޤައުމުތަކަށް ޒިޔާރަތްކުރައްވައި، ރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދުގެ ގުޅުން ބަދަހިކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާފައިވާކަން މިފުރްޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

                                                                                                                                        ދައުލަތުގެ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށް އޮތް އަހަރުވެސް ދައުލަތުގެ ސިޔާސަތަކަށް ވާނީ، ވޭތުވެދިޔަ އަހަރުދުވަހުވެސް ދައުލަތުން ހިންގަމުން އައިސްފައިވާ ސިޔާސަތު. ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައިވެސް ދައުލަތުން ހިންގަމުން އައިސްފައިވާ ސިޔާސަތު. އެއީ، ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދެނިވި ތަރައްޤީތައް ގެނައުމަށްޓަކައި، ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ ސިޔާސަތު. މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތައް ދިރުވައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ސިޔާސަތު. ރައްޔިތުންގެ މެދުގައި ޢަދްލުއިންޞާފު ޤާއިމުކުރުމާއެކު، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ހަމަހަމަކަން ގެނެސްދެވޭތޯ މަސައްކަތްކުރަމުން، މުޖްތަމަޢުގެ އެންމެހައި ކަންތައްތައް އިޞްލާޙުކުރުމުގެ ސިޔާސަތު. ބޭރުގެ ދުނިޔޭގައިވެސް ރާއްޖޭގެ ޤަދަރާއި ޢިއްޒަތް އުފުލިގެންދާނޭ ރޮނގުތަކުން ޙަރަކާތްތެރިވުމުގެ ސިޔާސަތު.

ކުރިއަށް އޮތް އަހަރުވެސް، ދައުލަތް ހިންގުމުގެ ދާޚިލީ ސިޔާސަތުގެ އެންމެ މުހިންމު ބައެއްކަމުގައި ވާނީ، ޤާނޫނު ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތައް ރައްކާތެރިކޮށް، އަޅުގަނޑުމެންގެ މެދުގައިވާ އެއްބައެއްވަންތަކަން ވަރުގަދަކޮށް ދެމެހެއްޓުން. އަނެއްބަޔަކަށް ވާނީ، ރައްޔިތުންނަށް ދެވޭ އިޖްތިމާޢީ ޚިދުމަތްތައް އިތުރުކޮށްދިނުން. އަދި އިޤްތިޞާދީ ގޮތުން އިތުރު މަސައްކަތްތައް ދިރުވޭތޯ ބަލައި، ރައްޔިތުން އޭގެ ފައިދާތައް ލިބިގަތުމުގެ ފުރްޞަތު އިތުރުކޮށްދެވޭތޯ ބެލުން.

ވޭތުވެދިޔަ އަހަރުގެ ތަޖްރިބާއިން ފިލާވަޅު ލިބިގަނެގެން، ކުރިއަށް އޮތް އަހަރު ސަރުކާރުން ކަންތައްތައް ރާވާއިރު، އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ އެއްކަމަކީ، ރާއްޖޭގެ ސަލާމަތާއި ދިފާޢަށްޓަކައި އަޅާ ފިޔަވަޅުތައް ވަރުގަދަކުރުން. އަދި ރާއްޖޭގެ އެންމެހައި މުވާޠިނުންގެ މެދުގައި ޤައުމީ ހޭލުންތެރިކަން އިތުރުކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ރޫޙު އާލާކުރުމަށް މަސައްކަތް ކުރުން.

ދައުލަތް ހިންގުމުގެ ޚާރިޖީ ސިޔާސަތަކަށް، ކުރިއަށް އޮތް ތާނގައިވެސް ބަދަލެއް ގެންނާކަށް ޤަޞްދުކުރެވިފައެއް ނެތް. ސަބަބަކީ، ވޭތުވެދިޔަ ތާނގެ ތަޖްރިބާއިން ދައްކާގޮތުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ބައިނަލްއަޤްވާމީ ގޮތުން އިޙްތިރާމް ކުރެވޭ، އަދި އޭގެ ސަބަބުން ބޭރު ޤައުމުތަކުގެ ރަޙްމަތްތެރިކަމާއި ހިތްހެޔޮކަން ރާއްޖެއަށް ލިބިދޭ ސިޔާސަތެއް ކަމުގައިވާކަން. އެހެންކަމުން، ކުރިއަށް އޮތް އަހަރުވެސް، ދައުލަތުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑަކަށް ވާނީ، ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލު ދަމަހައްޓައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް ރަޙްމަތްތެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުން. ދުނިޔޭގެ ޞުލްޙައަށްޓަކައި ކުރެވޭ މަސައްކަތްތަކުގައާއި، އިންސާނީ ޙައްޤުތަކަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި، ރާއްޖެއާ އެކަށީގެންވާ ނިސްބަތަކުން ބައިވެރިވަމުން ގެންދިޔުން.

މިދެންނެވި ގޮތުގެމަތީން، ދާޚިލީގޮތުންނާއި ޚާރިޖީގޮތުން ބިނާކުރެވޭ ދައުލަތުގެ ސިޔާސަތު ހިންގުމުގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ލިބުމަކީ، ސަރުކާރަށް ލިބޭ ވަރަށްބޮޑު ބާރަކަށްވާނެ. ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް އެތާއީދު އަޅުގަނޑަށް ލިބެމުންދިޔަ ފަދައިން، ކުރިއަށްއޮތް ތާނގައިވެސް އެ ތާއީދު ލިބެމުންދާނޭ ކަމުގައި އަޅުގަނޑު ޔަޤީންކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރާއްޖޭގެ ރައްޔިތުންގެ ވަކީލުން ކަމުގައިވާ ތިޔަ ޢިއްޒަތްތެރި މެންބަރުންވެސް ހެކިވެވަޑައިގަންނަވާނޭ ފަދައިން، މީގެ ދިހަ އަހަރު ކުރީން، 1978 ވަނަ އަހަރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ އަޅުގަނޑު ޙަވާލުވިއިރު، ރާއްޖޭގެ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށްޓަކައިވެސް ވަނީ ވަރަށްގިނަ ކަންތައްތަކެއް ކުރަންޖެހިފައި. އެހެންކަމުން، އަޅުގަނޑުގެ ރިޔާސަތުގެ ފުރަތަމަ ފަސްއަހަރު ވެގެންދިޔައީ، ފަށައިގަތުމުގެ ފަސްއަހަރު ކަމުގައި. ޤައުމުގެ ކަންތައްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވެފައިވާ ކަންތައްތައް ކޮށްދޭން ފެށުމުގެ ފަސްއަހަރު ކަމުގައި.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް، ދެވަނަ ފަސްއަހަރަކަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު އިންތިޚާބު ކުރެއްވުމުން، އެފަސްއަހަރު ހެދޭތޯ އަޅުގަނޑު މަސައްކަތްކުރީ، ކުރީ ފަސްއަހަރުގެ ތެރޭގައި ފަށާފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމާއި ނިންމުމުގެ ފަސްއަހަރު ކަމުގައި. މިއަދު އަޅުގަނޑު ދަންނަވަންޖެހެނީ، މާތްﷲގެ ވާގިފުޅާއެކު، އަދި ތިޔަ ޢިއްޒަތްތެރި މަޖިލީހާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީ ލިބިގެން، މިދެންނެވި މަސައްކަތްތަކުގެ ގިނަ ކަންތައްތައް ވަނީ، އެފަސްއަހަރު ނިމުނުއިރު ނިންމާލެވިފައި ކަމުގައި. މިއަދު ރާއްޖެއަށް ލިބިފައިވާ ކުރިއެރުމާއި ތަނަވަސްކަމުގެ ބޮޑު ބަޔަކީ، އެމަސައްކަތްތަކުގެ ނަތީޖާ.

މިއަދު އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ އަޅުގަނޑު 3 ވަނަ ދައުރަކަށް ޙަވާލުވެގެން، ހިނގަމުންމިދާ ފަސްއަހަރު، ދިވެހި ތާރީޚުގެ ތެރެއަށް ދާން އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގެ އާ މުސްތަޤްބަލެއްގެ ބިންގާ އެޅުމުގެ ފަސް އަހަރުގެ ގޮތުގައޭ. އަންނަނިވި ޖީލުތަކަށްޓަކައި، މިހާރަށްވުރެ ތަރައްޤީވެފައިވާ، ތަނަވަސް، އަދި ބާއްޖަވެރި ދިވެހިރާއްޖެއެއް ބިނާކުރުމުގެ ބިންގާ އަޅާ ފަސްއަހަރުގެ ގޮތުގައޭ.

މިފަސް އަހަރުގެ ތެރޭގައި ބިންގާއެޅޭތޯ މަސައްކަތްކުރަން އަޅުގަނޑު އުންމީދުކުރާ މުސްތަޤްބަލުގެ ދިވެހިރާއްޖެއަކީ، ތަޢްލީމާއި ޞިއްޙަތާއި، އެނޫންވެސް މުހިންމު އިޖްތިމާޢީ ޚިދުމަތްތައް ލިބިގަތުގެ ފުރްޞަތު އެންމެންނަށް ލިބިފައިވާ ބަޔަކުއުޅޭ ރާއްޖެއެއް. އަދި އެބަޔަކަށްޓަކައި، އިޤްތިޞާދީ ތަނަވަސްކަން ހޯދުމުގެ މަގުތައް، ހަމަހަމަކަމާއެކު ހުޅުވިފައިވާ ބަޔަކު އުޅޭ ރާއްޖެއެއް. ދިރިއުޅުމުގެ ފެންވަރު އެކަށީގެންވާވަރަށް ކުރިއަރާފައިވާ، މަސައްކަތްތެރި، ފުދުންތެރި ބަޔަކު އުޅޭ ރާއްޖެއެއް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަމަންއަމާންކަމާއި ޞުލްޙަމަސްލަހަތު ވެރިކަންކުރާ ރާއްޖެއެއް. ބޭރު ޤައުމުތަކުގެ އިޙްތިރާމާއި ޤަދަރު ލިބިގެންވާ، މިނިވަން، މުސްތަޤިއްލު ރާއްޖެއެއް. ކަނޑުގެ މުއްސަނދިކަމާއި ބިމުގެ ތިޔާގިކަން ލިބިފައިވާ، އިތުރު ޤުދުރަތީ ވަސީލަތްތަކުގެ ނިޢްމަތްވެސް ޙާޞިލްވެފައިވާ ރާއްޖެއެއް. މިހުރިހާ ކަމެއްގެ މައްޗަށް، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ނޫރުން އުޖާލާވެފައިވާ ރާއްޖެއެއް. އަދި އެތަނެއްގެ ތާރީޚާއި ޘަޤާފަތަށްޓަކައި ފަޚްރުވެރިވާ ރާއްޖެއެއް.

އަޅުގަނޑު މި އުންމީދުކުރާ، ރާއްޖޭގެ އާ މުސްތަޤްބަލް ބިނާކުރުމުގެ ބިންގާ އެޅުމުގެ ހެޔޮ ތައުފީޤު، ތިޔަ އެންމެ މެންބަރުންނަށާއި އަޅުގަނޑަށް ދެއްވުން އެދި اللَّـه سبحانه وتعالىގެ ޙަޟްރަތަށް ދުޢާކުރާ ޙާލު،

އެކަލާނގެ އިސްމުފުޅުގެ ބަރާކާތުން، ޤާނޫނު ނަންބަރު 1/68ޖ.ގެ 6 ވަނަ މާއްދާގައިވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.

رَبَّـنَا آتِنَا مِن لَّدُنْكَ رَحْمَةً، وَهَيِّىءْ لَنَا مِنْ أَمْرِنَا رَشَدًا. رَبَّـنَا عَلَيْهِ تَوَكَّلْنَا، وَإِلَيْكَ أَنَبْنَا، وَإِلَيْكَ الْمَصِيرُ.
وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّـهِ وَبَرَكَاتُهُ.