بسـم اللّـه الرّحمـن الرّحيـم
اَلْحَمْدُلِلَّـه الَّذِى أَمَرَ بِـإِقَامَةِ الْعَـدْلِ بَيْنَ النَّـاسِ أَجْمَعِين، وَجَعَـلَ اسْتِشَـارَةَ أُولِى النُّهَى أَسَـاسًا مِنْ أُسُسِ الْحُكِمْ الْمَتِـينِ، وَالصَّـلاَةُ وَالسَّـلاَمُ عَلَى خَـاتَمِ اْلأنْبِيَـاءِ وَالْمُرْسَـلِينَ، الَّذِى حَـدَّدَ أَعْبَـاءَ الْحُكَّامِ وَحُقُوقَ الْمَحْكُومِـينَ، وَأَرْشَـدَهُم إِلَى طَـرِيقِ الْخَيْرِ وَالنَّجَاحِ فِى أُمُورِ الدُّنْيَـا وَالدِّينِ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
މިއަދު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ކުރިމައްޗަށް އަޅުގަނޑު މިއައީ، ރައްޔިތުންގެ މަޖިލިސް ހުޅުވައިދިނުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް. އަދި ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތާއި، ކުރިއަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާވެފައިވާގޮތް ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ދެންނެވުމަށް.
އެހެންނަމަވެސް، އޭގެކުރިން އަޅުގަނޑު އަދާކުރަންޖެހޭ ވަރަށް އުފާވެރި ވާޖިބެއް އެބައޮތް. އެއީ، މިއަދު އަޅުގަނޑު މިބައްދަލުކުރާ ރައްޔިތުންގެ މަޖިލީހަކީ، އަލަށް އިންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހެއް ކަމަށްވާތީ، އެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ހިތުގެ އެންމެ އަޑިން މަރްޙަބާ ދެންނެވުން. ތިޔަބޭފުޅުން މިއަދު ތިޔަ ފަށްޓަވާ މަތިވެރި ޤައުމީ ވާޖިބު އަދާކުރެއްވުމުގައި، ކީރިތިވަންތަ ﷲގެ ހެޔޮ ތައުފީޤު ތިޔަބޭފުޅުންނަށް އިރާދަކުރެއްވުން އެދި ދުޢާކުރަން. ހަމަ މިނޭވާގައި، ޢުމުރު ހަމަވެގެންދިޔަ ރައްޔިތުންގެ މަޖިލީހަށް، އެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަށްޓަކައި ޝުކުރާއި މުބާރަކްބާދީ އަދާކުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަދި ހަމަ މިފުރްޞަތުގައި، މަޖިލީހުގެ އާ ރައީސް އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީއަށްވެސް މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. އެމަނިކުފާނަކީ މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވަރަށްގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއްކަން، މިދަނޑިވަޅުގައި އަޅުގަނޑު ފާހަގަކުރަން. އެހެންކަމާއެކު، އެމަނިކުފާނުގެ ރިޔާސަތުގެ ދަށުގައި، ރައްޔިތުންގެ މަޖިލީހުގެ މި އާ ދައުރުގައި، މަޖިލިސް ޙަރަކާތްތެރިވަމުންދާނީ، ވަރަށް ހަރުދަނާގޮތެއްގައި ކަމަށް އަޅުގަނޑު ޔަޤީންކުރަން. ހަމަ މިއާއެކު، މަޖިލީހުގެ ރައީސްކަމުގައި ކުރިން ހުންނެވި އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު، މަޖިލީހުގެ ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، ވަރަށްވެސް އެދެވޭގޮތެއްގައި ކަމަށް އަޅުގަނޑު ޤަބޫލުކުރަން.
ދައުލަތް ހިންގުން
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، 1989 ވަނަ އަހަރަކީވެސް ތަރައްޤީގެ މަގުގައި ރާއްޖެ އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ އަހަރެއް. ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަމްނުއަމާންކަމާއި ޞުލްޙަވެރިކަމާއެކު ވޭތުކޮށްފައިވާ އަހަރެއް. އިޞްލާޙީ ބަދަލުތަކެއް ރާއްޖޭގެ ތަފާތު ދާއިރާތަކުން ފެނިގެންދިޔަ އަހަރެއް.
1989 ވަނަ އަހަރުގެ ތެރޭގައިވެސް ދައުލަތް ހިންގުމުގެ އެންމެހައި ކަންތައްތައް ހިނގަމުން ގޮސްފައިވަނީ، އެދެވޭ ރަނގަޅު ގޮތެއްގައި، ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ފައިދާތައް ލިބެނިވިގޮތެއްގައި ކަމަށް އަޅުގަނޑު މިދަންނަވަނީ ހިތްހަމަޖެހުމާއެކު.
ދައުލަތުގެ ކަންތައްތައް މިދެންނެވި ގޮތަށް ހިންގުމުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އޮފީސް އޮފީހުގެ ވެރިންގެ ފަރާތްޕުޅުންނާއި، ސަރުކާރުގެ މުވައްޒަފުންގެ ފަރާތުންނާއި، ޢާންމު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިފައިވަނީ، ވަރަށްވެސް މަތިވެރި އެހީތަކެއް. އެކަމަށްޓަކައި އެހުރިހާ ބޭފުޅުންނަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް އަޅުގަނޑު މިފުރްޞަތުގެ ބޭނުންކުރަން.
ވޭތުވެދިޔަ އަހަރު ދައުލަތް ހިންގުމުގެ ދާއިރާގައި އެޅުނު އެންމެ މުހިންމު އެއްފިޔަވަޅަކީ، 1985 ވަނަ އަހަރުގެ ތެރޭގައި އުފެއްދުނު، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލިސް އަލުން އިންތިޒާމު ކުރުން. އެ މަޖިލީހުގައި ކުރިން މެންބަރުން ހިމަނާފައިވާ ޢަދަދަށްވުރެ މެންބަރުންގެ ޢަދަދު އިތުރުކޮށް، އަދި ތަފާތު ގިނަ ދާއިރާތަކުން ޒުވާން މެންބަރުން އެ މަޖިލީހުގައި ބައިވެރިކުރާގޮތަށް މިދިޔަ އަހަރު ހަމަޖެއްސުނު. މިގޮތުން އުފެއްދުނު އާ މަޝްވަރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި. ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލިސް މިގޮތަށް ފުޅާކޮށް ބޮޑުކުރުމުގައި އަޅުގަނޑުގެ މަޤްޞަދަކީ، އެކިއެކި މުހިންމު ކަންކަމުގަޔާއި، ޤައުމާއި ރައްޔިތުންގެ ލާބައަށްޓަކައި އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތަކާމެދު އިތުރު ޚިޔާލާއި މަޝްވަރާ ހޯދުން.
ވޭތުވެދިޔަ އަހަރު ދައުލަތް ހިންގުމުގެ ދާއިރާގައި ކުރެވުނު އެންމެ މުހިންމު އަނެއްކަމަކީ، ކަނޑުގެ ލޮނުގަނޑު ބޮޑުވުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށްޓަކައި ދުނިޔޭގެ ކުދި ޤައުމުތައް ހިމެނޭގޮތުން ރާއްޖޭގައި ބޭއްވި ޖަލްސާ. ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވި މިޖަލްސާ. އާދެ! "ސްމޯލް ސްޓޭޓްސް ކޮންފަރެންސް އޮން ސީލެވެލް ރައިޒް" ހިމެނިގެންދިޔައީ، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއަށް ލިބުނު މަތިވެރި ކާމިޔާބީއެއް ކަމުގައި. އަދި އެޖަލްސާއިން ފާސްކުރި "ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާބެހޭ މާލޭ ޤަރާރު"އަކީ، ހަމައެކަނި ބޭރުގެ ދުނިޔޭގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭނޭ ޤަރާރެއް ނޫން. އަދި ކީއްތޯ؟ ރާއްޖެފަދަ ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިއުމާ ގުޅިގެން، އެކަމުގެ ނުރައްކާތެރި އަސަރު އެންމެ ކުރިން ފޯރުން އެކަށީގެންވާ ކުދި ޤައުމުތަކުގެ ސަލާމަތަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެޅުމުގައި ބޭނުންވާ ބޭރުގެ އެހީ ހޯދޭނެ މުހިންމު ވަސީލަތްތަކަށްވެސް އެ ޤަރާރުވާނެ.
ކުރީ އަހަރުތަކެކޭ އެއްފަދައިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ސަރުކާރުގެ އެކިއެކި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގިފައިވޭ. މިފަދަ ތަމްރީނުތައް ދިނުމުގެ ބޭނުމަކީ، ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅުކުރުން. ސަރުކާރުގެ ތަފާތު ދާއިރާތަކުގެ މުވައްޒަފުންނަށްވެސް ކަމާބެހޭ ތަމްރީނުތައް ދިނުމުގެ ބޭނުންތެރިކަން، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، ދާއިމީގޮތެއްގައި މިފަދަ ތަމްރީނުތައް ދެވޭނޭ ސްޓާފް ޓްރޭނިންގ ކޮލެޖެއް އުފެއްދުމަށް މިހާރު ސަރުކާރުން ވަނީ ޤަޞްދުކޮށްފައި.
ސަރުކާރުގެ މަސައްކަތްތަކުގެ ދާއިރާ ފުޅާވެ، އޮފީސްތަކުން ކުރަންޖެހޭ ކަންތައްތައް އިތުރުވެގެން ދިޔުމުގެ ސަބަބުން، ސަރުކާރުގެ އޮފީސްތަކުގެ ހިންގުމަށް އާ ހަލުވިކަމެއް ގެންނަން މިހާރުވަނީ ބޭނުންވެފައި. ސަރުކާރުގެ ތަންތަނުން ރައްޔިތުންނަށް ދޭ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އާ ފިޔަވަޅުތަކެއް ވަނީ އަޅަންޖެހިފައި. ވީމާ، ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތުގެ އަޚްލާޤު ހަރުދަނާކުރުމާ ބެހޭގޮތުންނާއި، މުވައްޒަފުންގެ ކިބައިގައި މަސްއޫލިއްޔަތު އުފުލުމަށް ކެރުމުގެ އާ ރޫޙެއް އުފެއްދުމާ ބެހޭގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ޤަޞްދުކުރޭ.
ދައުލަތް ހިންގުމުގެ އެންމެ މުހިންމު އެއްބަޔަކީ، ޢަދްލުއިންޞާފު ޤާއިމުކުރުން ކަމަށްވުމާއެކު، އެކަމާބެހޭ ކަންތައްތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް އެދެވޭގޮތެއްގައި ހިންގަމުން ގެންދެވުނު. ފަހަކަށްއައިސް، މާލެއާއި ރާއްޖެތެރޭގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިމުން ލަސްވާތީ، އެކަމުގެ ސަބަބުން ވަރަށްގިނަ ބަޔަކަށް ދަތިވާކަން ސަރުކާރަށް އެނގޭ. ނަމަވެސް، ގިނަ މައްސަލަތައް ނިމުން ލަސްވާގޮތް މެދުވެރިވަނީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީއާއި، ޝަރީޢަތަށް ހޯދަން ބޭނުންވާ މީހުން ހޯދަން ދަތިވާތީ. ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް މިހާރަށްވުރެ ހަލުވިކޮށް ހަރުދަނާކުރުމަށްޓަކައި، މާލޭގައި ހުންނަ ކޯޓުތައް ހިންގަމުން ގެންދާނޭ ޢިމާރާތެއް ހެދުމަށް ސަރުކާރުން ކަނޑައަޅައި، މިދިޔަ އަހަރު އެ ޢިމާރާތް ހެދުމުގެ މަސައްކަތް ވަނީ ފަށާފައި.
ދާޚިލީ ހިންގުން
ވޭތުވެދިޔަ އަހަރު ރާއްޖޭގެ ދާޚިލީ ހިންގުމަށް ބަލާއިރު ދަންނަވަން ޖެހެނީ، ވަރަށްގިނަ ރޮނގު ރޮނގުން ތަރައްޤީގެ ފިޔަވަޅުތައް އެޅިފައިވާ ކަމުގައި. ރައްޔިތުންނަށް ފައިދާހުރި އެތައް މަޝްރޫޢުތަކެއް ހިންގިފައިވާ ކަމުގައި. ހަމައެއާއެކު، ރައްޔިތުންގެ މެދުގައި އަމްނުއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމުވެފައިވާ ކަމުގައި.
ވަޒީރުންގެ މަޖިލީހުން ފާސްވި ފާސްވުމަކާ ގުޅިގެން، 1 ޖެނުއަރީ 1990 އިން ފެށިގެން ރާއްޖެތެރޭ މީހުން މާލެ ފޭބުމުގެ ގަވާއިދު އުވާލެވުނު. 1982 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި ރާއްޖެތެރޭ މީހުން މާލެ ފޭބުމުގެ ގަވާއިދު އޭރު އެގޮތަށް ހަމަޖެއްސީ، އެފަދަ ގަވާއިދެއް ނެތުމުން، މާލެއަށާއި ރާއްޖެތެރެއަށް ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާތީ، އެކަންކަމަށް ޙައްލެއް ގެނައުމުގެ ބޭނުމުގައި. ނަމަވެސް، މި ގަވާއިދު އުވާލެވުނީ، މި ގަވާއިދު އޮތުމުން، މާލެ އަންނަ ރާއްޖެތެރޭގެ މީހުންނަށް ވަރަށް ބޮޑަށް ދަތިވާކަން ސަރުކާރަށް އެނގުމާއެކު، ރައްޔިތުންނަށް ދަތިވާ ކަންތައްތައް ލުއިކޮށްދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން. މި ގަވާއިދު އުވާލިޔަސް، އެމައްސަލަތައް އަދިވެސް އެގޮތަށް ހުރުމާއެކު، އެމައްސަލަތައް ޙައްލުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭނެ.
މާލޭގައި ދިރިއުޅޭ މީހުން ގިނަވުމުގެ ސަބަބުން ދިމާވަމުންދާ ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ސަރުކާރުން ފެށްޓި މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވުނު. މިގޮތުން ރާއްޖޭގެ ތަފާތު ސަރަޙައްދުތަކުން މީހުން ދިރިއުޅުމަށްޓަކައި ގޯތިދޭގޮތަށް ހަމަޖައްސާފައިވާ، އިތުރު ރަށްރަށުގެ ތެރެއިން ފާދިއްޕޮޅު މާފިލާފުށިން މިދިޔަ އަހަރު ގޯތިދޭން ފެށުނު. އަދި އެރަށުގައި ޢިމާރާތްކުރަން ކަނޑައެޅިފައިވާ ސަރުކާރުގެ ޢިމާރާތްތަކުގެ ތެރެއިން ޞިއްޙީ މަރްކަޒު ޢިމާރާތް ކުރުމުގެ މަސައްކަތްވެސް ފެށުނު. ގޯތިދޭން ކަނޑައެޅުނު އެހެން ރަށްރަށުގެ ޗާޓު ކުރަހައި، އެރަށްރަށުގެ ކަންތައް ރޭވުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ ތެރޭގައި ކުރެވެމުންދިޔަ. އެރަށްރަށުގެ ތެރެއިން މާލެއާ އެންމެ ކައިރިއަށް އޮތް ވިލިނގިލީގައި މިހާރު ހިނގަމުންދާ ޓޫރިޒަމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހުއްޓާލައި، އެރަށުން ގޯތި ދިނުމުގެ ކަންތައްތައް ކައިރި މުސްތަޤްބަލެއްގައި އިރާދަކުރެއްވިއްޔާ ހަމަޖެއްސޭނެ.
ރާއްޖެތެރެ ތަރައްޤީ ކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، 1989 ވަނަ އަހަރުގެ ތެރޭގައި ކުރެވުނު އެންމެ ޚާއްޞަ އެއްކަމަކީ، ދެކުނުގެ 7 އަތޮޅެއް ތެލެފޯނުގެ ޛަރީޢާއިން މާލެއާ ގުޅާލުން. މިގޮތުން އެއިން ކޮންމެ އަތޮޅެއްގެވެސް ވެރިކަން ކުރާ ރަށްރަށާއި، ބައެއް އަތޮޅުތަކުގައި، މީހުން ގިނައިން އުޅޭ ބައެއް އެހެން ރަށްރަށަށް ތެލެފޯނު ލައިދެވުނު. އުތުރުގެ ދެއަތޮޅަކަށްވެސް މިހާރުވަނީ ތެލެފޯނުލާދެވިފައި. އުތުރުގެ އެހެން އަތޮޅުތަކަށް ތެލެފޯނުލުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭވަރުވާނެ.
ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންދެވިފައިވޭ. މީގެއިތުރުން، ރާއްޖެތެރޭގެ ރަށްރަށުގެ ތެރެއިން، ފަޅު ތިލަވުމުގެ ސަބަބުން ދަތިވާ ރަށްރަށުގެ ފަޅު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން ވޭތުވެދިޔަ އަހަރު 5 ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވުނު. އޭގެތެރެއިން، އަހަރު ނިމުނުއިރު، 3 ރަށެއްގެ ފަޅު ފުންކުރުމުގެ މަސައްކަތްވަނީ ނިމިފައި.
ރާއްޖެތެރޭގައި ތަރައްޤީގެ ރޮނގުން ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ޙާލު އަހުވާލު ބެލުމަށްޓަކައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑު ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރިން. އަދި މިއަހަރުގެ ތެރޭގައިވެސް، އެފަދަ ދަތުރުތައް ރާއްޖެތެރެއަށް ކުރުމަށް އަޅުގަނޑު ވަނީ ޤަޞްދުކޮށްފައި. އަޅުގަނޑުގެ އިތުރަށް، ވަރަށްގިނަ މިނިސްޓަރުންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންވެސް ރާއްޖެތެރެއަށް ވަޑައިގެން، ރާއްޖެތެރޭގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވައި، ރައްޔިތުންގެ ޙާލު އަހުވާލު ބައްލަވައި ހެއްދެވި.
ރާއްޖޭގޭ ދާޚިލީ ހިންގުމުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެންމެބޮޑު ސަމާލުކަމެއް ދެވުނު އެއްކަމަކީ، ރާއްޖޭގެ ދިފާޢުގެ ކަންތައްތައް ރަނގަޅުކޮށް ހަރުދަނާކުރުން. މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމައަށް އަންހެން ސިފައިން އުފެއްދުން ހިމެނުނު. ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި ތިބި ސިފައިންގެ ޢަދަދު އިތުރުކޮށް، އިތުރު ފިރިހެނުންނާއި އަންހެނުން ސިފައިންގެ ތެރެއަށް ވެއްދުމާއެކު، ރާއްޖެއިން ބޭރަށް ފޮނުވައިގެންނާއި، ރާއްޖެއަށް ބޭރުގެ މާހިރުން ގެނެސްގެން ސިފައިންނަށް އިތުރު ތަމްރީނުތައްދީ ހެދުނު. އަދި ސިފައިންނަށް ބޭނުންވާނޭ އިތުރު ހަތިޔާރާއި، ބައެއް ވައްތަރުގެ އެއްގަމާއި ކަނޑުގެ ޢަސްކަރީ އުޅަނދުތައް ހޯދުނު.
ނަޞްރުގެ ދުވަސް
1989 ވަނަ އަހަރު ރާއްޖޭގައި ހިނގި އެންމެ ޚާއްޞަ އެއްކަމަކީ، "ނަޞްރުގެ ދުވަސް" މިނަމުގައި ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށުން. އެއީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދްވާނީ ޙަމަލާއިން ރާއްޖެ ސަލާމަތްކުރައްވައި، اللّـه سبحـانـه وتعـالى ރާއްޖެއަށް ދެއްވި މަތިވެރި ނަޞްރު ހަނދާންކުރުމަށްޓަކައި. އެދުވަހު ޤައުމަށްޓަކައި ޝަހީދުވި ލޮބުވެތި މުވާޠިނުންނާއި، ޖިހާދުކުޅަ ހިތްވަރުގަދަ ބަޠަލުންގެ ޛިކްރާ އާކޮށް، ޤައުމީ ރޫޙު އާލާކުރުމަށްޓަކައި.
އިޖްތިމާޢީ ޚިދްމަތް
ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން އެންމެބޮޑު ސަމާލުކަމެއް ދެމުން ގެންދިޔައީ، ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ގޮތުން ދެވޭ ޚިދްމަތްތަކުގެ މައްޗަށް. މިހާރު ދެވެމުންދާ ޚިދްމަތްތަކުގެ ފެންވަރާއި މިންވަރު ރަނގަޅުކުރުމަށާއި، އިތުރު ޚިދްމަތްތައް ދެވޭނޭ މަގުތައް ހޯދޭތޯ ބެލުމަށް.
ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އިޖްތިމާޢީ ޚިދްމަތުގެ ތެރޭގައި ސަރުކާރުން އެންމެ އިސްކަން ދެމުން ގެންދަނީ، ރާއްޖޭގެ ދެރިންނަށް ތަޢްލީމު ދިނުމުގެ މައްޗަށް. ފަށާ ތަޢްލީމުގެ ދާއިރާ ފުޅާކޮށް، ރާއްޖޭގެ ވީހާ ގިނަ ދަރިންނަށް، އެ ތަޢްލީމު ލިބިގަތުމުގެ ފުރްޞަތު ހޯދައިދިނުމަށް. އަދި ރާއްޖޭގައި ދެވޭ ދެވަނަ ހަރުފަތުގެ ތަޢުލީމުގެ ފެންވަރު މަތިކޮށް، ރާއްޖެއިން ބޭރުން ހޯދޭ މަތީ ތަޢްލީމު ރާއްޖޭގެ ގިނަ ދަރިންނަށް ލިބޭނޭ ގޮތްތައް ހޯދައިދިނުމަށް. ލިޔަންކިޔަން ނޭނގުމުގެ ޖާހިލުކަން ރާއްޖެއިން މުޅިން ފިލުވާލުމާއި، ޒުވާނުންނަށް އިތުރު މަސައްކަތްތައް ދަސްކޮށްދިނުމާއެކު، ބޮޑެތި މީހުންނަށް އުނގަންނައިދިނުމުގެ ވަސީލަތްތައް އިތުރުކުރުމަށް. މި އަމާޒުތައް ޙާޞިލްކުރުމަށްޓަކައި، ސަރުކާރުން ކުރާ މަސައްކަތްތައް ހަލުވިކޮށް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުގެ ބަޖެޓުން ކުރާ ހޭދައިގެ އިތުރަށް، ދުނިޔޭގެ ބޭންކުގެ އެހީގައި ލޯނެއް ހޯދައިގެން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތަފާތު މަޝްރޫޢުތަކެއް ފަށާފައިވޭ. މިއީ، އިޤްތިޞާދީ މަސައްކަތަކަށް ނޫން ކަމަކަށް ރާއްޖެއަށް އެންމެ ފުރަތަމަ ހޯދިފައިވާ ލޯނު.
ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ މުދައްރިސުން އުފެއްދުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް މެދުކެނޑުމެއްނެތި ކުރަމުން ގެންދެވުނު. އެއަހަރުގެ ތެރޭގައި އިނގިރޭސިބަހުން ކިޔަވައިދޭ 14 މުދައްރިސުންނާއި، ދިވެހި 68 މުދައްރިސުން ތަމްރީނު ކުރެވުނު.
ޒުވާނުންނަށް ތަފާތު މަސައްކަތްތަކުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ގޮތުން، ސަރުކާރުން މާލެއާއި ރާއްޖެތެރޭގައި ހިންގަމުންގެންދާ، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކުން ވޭތުވެދިޔަ އަހަރު ތަފާތު 14 ކޯސް ހިންގާފައިވޭ. އެކޯސްތަކުން 147 މީހުންނަށް ތަމްރީނު ދެވުނު.
ބޮޑެތި މީހުންނަށް އުނގަންނައިދިނުމަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ އެންމެ ޚާއްޞަ ޕްރޮގްރާމަކީ، އަސާސީ ތަޢްލީމުގެ ޕްރޮގްރާމް. ވޭތުވެދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، ބޮޑެތި މީހުންގެ %95.4 މީހުންނަކީ ލިޔަންކިޔަން އެނގޭ މީހުން. މިހިނގާ 1990 ވަނަ އަހަރަކީ، ލިޔަންކިޔަން ނުދަތުން މުޅި ދުނިޔެއިން ފިލުވާލުމަށްޓަކައި މަސައްކަތް ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ އަހަރު ކަމަށް ވުމާއެކު، މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުތިބި ލިޔަންކިޔަން ނޭނގޭ މަދު މީހުންކޮޅަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް އަޅުގަނޑު މިދިޔަ އަހަރުގެ ތެރޭގައިވާނީ އިލްތިމާސް ކޮށްފައި. މިއަދު އަނެއްކާވެސް އަޅުގަނޑުގެ މި އިލްތިމާސް އާކޮށް، މިއަހަރު ނިމެންވާއިރަށް ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލުމަށް މަސައްކަތް ކުރުމަށް ގޮވާލަން.
ޓެލެވިޜަނާއި، ރޭޑިޔޯގެ ޛަރީޢާއިން ދެމުންގެންދާ ތަޢްލީމީ އިރްޝާދުތައް ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރިޔަށް ގެންދެވުނު. އަދި ދުރުންދޭ ތަޢްލީމުގެ ޕްރޮގްރާމްތައް ގަވާއިދުން ހިންގަމުން ގެންދެވިފައިވޭ. އަދި ރާއްޖެއިން ލިބެންނެތް ތަޢްލީމު ހޯދުމަށްޓަކައި، އެހެން އަހަރުތަކެކޭ އެއްފަދައިން، ރާއްޖޭގެ ދަރިން ބޭރު ޤައުމުތަކަށް ފޮނުވަމުން ގެންދެވިފައިވެސްވޭ. މިގޮތުން 1989 ވަނަ އަހަރުގެ ތެރޭގައި މަތީ ތަޢްލީމު ޙާޞިލްކުރުމަށްޓަކައި 38 ކުދިން، އަދި އެކިއެކި ކުރު ކޯސްތައް ފުރިހަމަކުރުމަށް 296 ކުދިން، ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ފޮނުވިފައިވޭ. އެއަހަރުގެ ތެރޭގައި ތަޢްލީމު ޙާޞިލުކޮށް ނިންމައިގެން ރާއްޖެ އައިސްފައިވަނީ، މަތީ ތަޢްލީމު ޙާޞިލްކުރި 11 ކުދިންނާއި، ކުރު ކޯސްތައް ފުރިހަމަކޮށްފައި އައި 260 ކުދިން.
ރާއްޖޭގެ ތަޢްލީމުގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީކުރުމަށް މިދިޔަ އަހަރު އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ތަޢްލީމާބެހޭ ކަންތައްތަކާމެދު މަޝްވަރާކޮށް، ތަޢްލީމާބެހޭ މުހިންމު ޤަރާރުތައް ކަނޑައެޅުމަށްޓަކައި، ތަޢްލީމާބެހޭ ޤައުމީ މަޖިލީހެއް އުފެއްދުން. މަޖިލީހުގެ ރައީސްކަމާ ޙަވާލުވީ ޚުދު އަޅުގަނޑު.
އިޖްތިމާޢީ ޚިދްމަތުގެ އަނެއް ދާއިރާ ކަމުގައިވާ ޞިއްޙީ ޚިދްމަތާބެހޭ ކަންތައްތަކުގައިވެސް، 1989 ވަނަ އަހަރުގެ ތެރޭގައި އިތުރު ކުރިއެރުން ހޯދިފައިވޭ. އޭގެތެރޭގައި، ރާއްޖެތެރޭގެ ހަތަރުވަނަ ސަރަޙައްދީ ހަސްފަތާލު މުލަކަތޮޅު މުލީގައި މިދިޔަ އަހަރު ހުޅުވުން ހިމެނޭ. އަދި ރާއްޖެތެރޭގެ އަތޮޅުތަކުގައި ހުރި ޞިއްޙީ މަރްކަޒުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން، 3 އަތޮޅެއްގައި އާ ޞިއްޙީ މަރްކަޒު ހުޅުވުންވެސް ހިމެނޭ. އޭގެއިތުރަށް، 6 އަތޮޅެއްގައި، އާ ޞިއްޙީ މަރްކަޒުގެ ބިންގާއެޅި، ޢިމާރާތްކުރުމުގެ މަސައްކަތް ފެށިފައިވޭ. މާލޭ ސެންޓްރަލް ހޮސްޕިޓަލްގައިވެސް، މިދިޔަ އަހަރުގެ ތެރޭގައި، އާ ތިންބުރީގެ ޢިމާރާތެއް ހުޅުވުމުގެ ސަބަބުން، ހޮސްޕިޓަލްގައި ދެވޭ ޚިދްމަތްތައް އިތުރުކުރެވުނު. ރާއްޖެތެރޭގެ މީހުންނަށް ސަރަޙައްދީ ހަސްފަތާލުތަކުން ދެވޭ ޚިދްމަތްތައް އިތުރުކޮށް ރަނގަޅުކުރުމުގެ ގޮތުން، ވޭތުވެދިޔަ އަހަރު ޑޮކްޓަރުންގެ ޓީމުތައް އެތަންތަނަށް ދަތުރުކޮށްގެން، ބަލިމީހުން ބަލައި ބޭސްކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖެއްސުނު. ކުރީ އަހަރުތަކެކޭ އެއްފަދައިން، ވޭތުވެދިޔަ އަހަރުވެސް، ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެންނާއި، ސެންޓްރަލް ހޮސްޕިޓަލްގައި ވަރަށްގިނަ އަދަދެއްގެ މީހުންނަށް ބޭސްކޮށްދެވިފައިވޭ.
ޞިއްޙީ ޚިދްމަތް ދިނުމުގައި ޙަރަކާތްތެރިވާނޭ ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށްޓަކައި ސަރުކާރުން ހިންގަމުން ގެންދާ ޕްރޮގްރާމްގެ ދަށުން، ވޭތުވެދިޔަ އަހަރުވެސް އެކިޢަދަދަށް ޢާއިލާގެ ޞިއްޙީ އެހީތެރިންނާއި، ނަރުހުންނާއި، ފޫޅުމައިންނާއި، ޖަމާޢަތުގެ ޞިއްޙީ އެހީތެރިން އުފެއްދުނު.
ޞިއްޙީ ދާއިރާގައި 1989 ވަނަ އަހަރު ހޯދުނު އެންމެ މަތިވެރި ކާމިޔާބީއަކީ، ދުނިޔޭގެ ހުރިހާ ކުޑަކުދިންނަށް، އެކިއެކި ބަލިބަލިން ދިފާޢުކުރުމަށްޓަކައި ދޭންޖެހޭ ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފުރިހަމައަށް ހިންގައި ނިންމުނުކަން. މި ޕްރޮގްރާމަކީ، މިހިނގާ 1990 ވަނަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގައި ހިންގައި ނިންމުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޕްރޮގްރާމެއް. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ކަންތައް ދުނިޔޭގައި އެންމެ ރަނގަޅަށް ހިންގުނު 20 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ޔުނިސެފުން ފާހަގަކޮށް، އެފަރާތުން ދިވެހި ސަރުކާރަށް އެކަން އަންގަވާފައިވޭ.
ދުނިޔޭގައި ޞިއްޙީ ޚިދްމަތުގެ ދާއިރާގައި މިވަގުތު އެންމެބޮޑުވެފައިވާ މައްސަލައަކީ އެއިޑްސް ބަލީގެ މައްސަލަ. މިހާތަނަށް ހޯދުނު ހޯދުންތަކުން، މި ނުރައްކާތެރި ބަލި ޖެހިފައިވާ އެއްވެސް މީހަކު ރާއްޖެއިން ފެނިފައެއްނުވޭ. ނަމަވެސް، މި ބައްޔަކީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ، އަދި އެބައްޔަށް ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށްވާތީ، ބައްޔާބެހޭ މަޢްލޫމާތާއި، މިބަލިން ރައްކާތެރިވެވޭނޭ ގޮތުގެ މަޢްލޫމާތު ފެތުރުމުގެ ކަންތައް ރާއްޖޭގައި ހިންގަމުން އެބަގެންދަން. އަދި މިބަލީގެ ޖަރާސީމު ހުރިތޯ ބެލުމަށް ކުރަންޖެހޭ ފުރަތަމަ ތަޙްލީލުތައް ކުރެވޭވަރުގެ ލެބޯރެޓަރީއެއް، ސެންޓްރަލް ހޮސްޕިޓަލްގައި މިދިޔަ އަހަރުވަނީ ޤާއިމުކުރެވިފައި.
ރާއްޖޭގެ އަންހެނުންނާއި ޒުވާނުންގެ ކަންތައްތައް ކުރިއަރުވައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި އެމީހުން ބައިވެރިވުމުގެ ފުރްޞަތު އިތުރުކޮށްދެވޭތޯ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އިތުރު ސަމާލުކަމެއްދިން. ވޭތުވެދިޔަ އަހަރު ރާއްޖޭގެ އަންހެނުންނާ ބެހޭގޮތުން ހިންގި ބައެއް ޙަރަކާތްތަކުގެ ތެރޭގައި، ސާރކްގެ އަންހެނުންނާބެހޭ ޓެކްނިކަލް ކޮމިޓީން ކަނޑައަޅާފައިވާ ގޮތުގެ މަތީން، ސާރކް ޤައުމުތަކުން މާލެއައި މަންދޫބުންނަށް، ރާއްޖޭގެ އެދުރުގެތަކުގައި ކިޔަވައިދޭގޮތް ދައްކާލުމާއި، އެކަމާބެހޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުމާއި، އަންހެނުންގެ ތަރައްޤީއާއި ހޭލުންތެރިކަން އިތުރުކުރުމުގެ ބައެއް ޕްރޮގްރާމްތަކާއި، ކޯސްތައް ރާއްޖޭގެ އެކިއަތޮޅުތަކުގައި ހިންގުން ހިމެނޭ. ޒުވާނުންނާ ބެހޭގޮތުން ހިންގުނު ބައެއް ޙަރަކާތްތަކުގެ ތެރޭގައި، ފޮޓޯގްރަފީއާއި، ފެހުމާއި، މާޖަހަން ދަސްކޮށްދިނުމާބެހޭ ކޯސްތައް ހިންގުން ހިމެނޭ.
ސަރުކާރުގެ ފަރާތުން ކުރަމުން ގެންދިޔަ ނުހަނުބޮޑު މަސައްކަތެއް ކަމުގައިވާ ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ނިމިފައިވާ ވާހަކަ 1988 ވަނަ އަހަރު އަޅުގަނޑު ވާނީ ދަންނަވާފައި. ތަރުޖަމާކޮށް ނިމުމަށްފަހު، ދެން ހިނގަމުން ދިޔައީ އެ ތަރުޖަމާ މުރާޖަޢާކުރުމުގެ މަސައްކަތް. ކީރިތި ޤުރްއާނުގެ، ރަނގަޅު ފެންވަރަކަށް ޗާޕުކުރެވިފައިވާ ދިވެހި ތަރުޖަމާއެއް ޢާންމުކޮށް ލިބެން ހުރުމަކީ، ކޮންމެހެން ބޭނުން ކަމެއް ކަމުގައިވާތީ، މިހާރު އެފޮތް ރަނގަޅު ފެންވަރެއްގައި ޗާޕުކުރުމުގެ މަޝްރޫޢެއް ވަނީ އެކުލަވައިލެވިފައި. މާތްﷲގެ ވާގިފުޅާއެކު، ލަހެއްނުވެ އެ ފޮތް ޗާޕުކުރުމާބެހޭ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
ރާއްޖޭގެ އިޤްތިޞާދިއްޔަތު
1989 ވަނަ އަހަރަކީ، އިޤްތިޞާދީ ގޮތުން ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދީފައިވާ އަހަރެއް ކަމުގައި އަޅުގަނޑު މިދަންނަވަނީ، ނުހަނު ހިތްހަމަޖެހުމާއެކު. އިޤްތިޞާދީ ރޮނގުން ރާއްޖޭގައި ކުރަމުންގެންދާ އެންމެ މުހިންމު ދެ މަސައްކަތް ކަމުގައިވާ މަސްވެރިކަމާއި ޓޫރިޒަމްވެސް ވަނީ، އޭގެކުރީ އަހަރަށްވުރެ ކުރިޔަށް ގޮސްފައި.
ވޭތުވެދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކުރި ދަޅުގައި ބަންދުކުރި މަހުގެ ޢަދަދު، އޭގެކުރީ އަހަރަށްވުރެ %98 އިތުރުވެފައިވޭ. އަދި ފިނިކުރިމަސް %34 އިތުރުވެފައިވޭ. ހަމަ އެފަދައިން، ހިކިކަނޑުމަސް %59، އަދި ކަނޑުމަހުގެ ލޮނުމަސް %187 އިތުރުވެފައިވޭ. ނަތީޖާއެއްގެ ގޮތުން، މަސްވެރިކަމުން 1989 ވަނަ އަހަރު ރާއްޖެއަށް ލިބުނު ބޭރުފައިސާގެ ޢަދަދުވެސް ވަނީ، ކުރީ އަހަރަށްވުރެ %29 އިތުރުވެފައި.
މަސްވެރިކަމަކީ، ރާއްޖޭގެ ރައްޔިތުންގެ އެންމެގިނަ ބަޔަކަށް ކުރެވޭ، އެންމެ ފައިދާހުރި މަސައްކަތް ކަމަށްވާތީ، އެމަސައްކަތް ތަރައްޤީކުރުމުގެ ގޮތުން ސަރުކާރުން ގެންދަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން. މިދިޔަ އަހަރުގެ ތެރޭގައިވެސް، މިގޮތުން ކުރެވުނު މަސައްކަތްތައް ކުރިޔަށް ގެންދެވިފައިވޭ. އޭގެތެރޭގައި 2 ވަނަ ޖީލުގެ އިތުރު މަސްދޯނި އުފެއްދުމާއި، މަސްކިރާ ބޯޓުތައް އިތުރުކުރުންފަދަ ކިތަންމެ ކަމެއް ހިމެނޭ. އަދި ރާއްޖޭގެ ހަތަރު ހިސާބެއްގައި ރޯމަސް ރައްކާކޮށްފައި ބަހައްޓާނޭ ފިނިކުރާ ގުދަން ހެދުމުގެ މަޝްރޫޢެއްވެސް މިހާރުވަނީ ރޭވިފައި. ހަމައެފަދައިން، ހައްދުންމަތީ މާންދޫގައި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއެއް ހެދުމުގެ މަޝްރޫޢެއް މިހާރުވަނީ ރޭވިފައި. އަދި މީގެކުރިންވެސް ހިންގިފަދަ ސަރުކާރުން ދޫކުރާ ލޯނެއްގެ ދަށުން މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ ޕްރޮގްރާމެއް ފެށްޓުމަށްވެސް މިހާރުވަނީ ޤަޞްދުކުރެވިފައި.
މަސްވެރިކަމާބެހޭ ކަންތައްތައް ކުރިއެރުވުމަށްޓަކައި ޢަމަލީގޮތުން ކުރެވޭ ތަޙްލީލުތަކެއްވެސް މިހާރުދަނީ ކުރެވެމުން. އޭގެތެރޭގައި، ރާއްޖޭގައި އުޅޭ ބައެއް ބާވަތުގެ މަސް ބޭނުމަށްފަހު، އޭގައި ފާހަގަޖަހާފައި ދޫކޮށްލައިގެން، ރާއްޖޭގައި އުޅޭ މަހުގެ ދަތުރުކުރުން ހުންނަގޮތް ހޯދުމުގެ މަޝްރޫޢެއްވެސް ވަނީ މިހާރު ފެށިފައި.
1989 ވަނަ އަހަރު ރާއްޖެވަނީ، ޓޫރިޒަމްގެ ރޮނގުންވެސް ކުރިޔަށް ގޮސްފައި. އެހެންނަމަވެސް، ދިމާވި ބައެއް ސަބަބުތަކާހުރެ އެރޮނގުން އޭގެކުރީ އަހަރުތަކަށްވުރެ މިދިޔަ އަހަރު ކުރިޔަށްދިޔަ މިންވަރު ވަނީ ދަށަށް ޖެހިފައި. މިގޮތް މެދުވެރިވާން ދިމާވި ސަބަބުތަކުގެ ތެރޭގައި، 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ކުރިމަތިވި ޢުދްވާނީ ޙަމަލާއާއި، 1988ގެ ފަހުކޮޅު އަވަށްޓެރި ޤައުމެއްގައި ޓޫރިސްޓުންނަށް ކުރިމަތިލާންޖެހުނު ދެރަ ގޮތްތަކަކުން ރާއްޖެއަށް ފޯރި ބައެއް އަސަރުތަކާއި، އެހެން ބައެއް ތަންތަނާ އަޅާބަލާއިރު، ރާއްޖޭގެ އަގުތައް ތަންކޮޅެއް ބޮޑުވުމާއި، މިސަބަބުތައް ހިމެނޭ. މިދެންނެވި ސަބަބުތަކާހުރެ، މިދިޔަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ ޢަދަދު، އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައިވަނީ ހަމަ އެންމެ %1.6. ރާއްޖެ އައި ޓޫރިސްޓުންގެ ޢަދަދު އިތުރުވީ ނިސްބަތް ކުޑަނަމަވެސް، ވޭތުވެދިޔަ އަހަރު ޓޫރިޒަމްގެ ދާއިރާއިން ސަރުކާރަށް ލިބުނު އާމްދަނީގެ ޢަދަދު، އޭގެކުރީ އަހަރަށްވުރެ %68 އިތުރުވެފައިވޭ.
ރާއްޖޭގެ ޓޫރިޒަމް ބޭރުގެ ދުނިޔޭގައި މިހާރަށްވުރެ ބޮޑަށް އިޝްތިހާރުކޮށް ތަޢާރުފު ކުރުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން މަސައްކަތްކުރި. އަދި ޓޫރިޒަމް ކުރިޔަށް ގެންދިޔުމަށްޓަކައި ކުރެވިދާނޭ މަސައްކަތްތަކާ ބެހޭގޮތުން، ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ހިމެނޭ ކޮމިޓީއެއް، އާދެ! "އެޑްވައިޒަރީ ކޮމިޓީ އޮން ޓޫރިޒަމް ޕްރޮމޯޝަނަލް މެޓަރސް" މިދިޔަ އަހަރުގެ ތެރޭގައި އުފެއްދުނު. އަދި ރާއްޖެ ތަޢާރުފު ކުރުމާބެހޭ މަސައްކަތުގައި އެކޮމިޓީގެ ލަފާ ސަރުކާރަށް މިހާރުދަނީ ލިބެމުން.
އިޤްތިޞާދީ ގޮތުން ވޭތުވެދިޔަ އަހަރު ރާއްޖެއަށް ލިބުނު އެންމެބޮޑު އެއް ފައިދާއަކީ، ކުރީ އަހަރުތަކަށްވުރެ ގިނަ ޢަދަދަކަށް ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި އެކިއެކި ވިޔަފާރި ހިންގަން ފެށުން. މިގޮތުން ފެށުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ ޚާއްޞަ ކަމަކީ، ރާއްޖޭގެ ކަނޑުން ތެޔޮ ފެނޭތޯ ބޭރުގެ ކުންފުންޏަކުން ކުރަމުން ގެންދާ ސަރވޭ. މިދިޔަ އަހަރު މިކުންފުނީގެ ފަރާތުން ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި އެއަރޯ މެގްނެޓިކް ސަރވޭއެއް ކޮށްފައިވޭ. މި ސަރވޭގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގައި ތެޔޮ ހުރެދާނެ ކަމުގެ އުންމީދު އިތުރަށް އާވެގެންދިޔަ. އަދި ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުގައި އިތުރު އެހެން ތަޙްލީލުތަކެއް ކުރަން ފެށްޓުނު. މިކަންކަމުގެ އިތުރަށް، ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ބޭރުގެ ކުންފުންޏަކުން ފަށާފައި. އަދި ހައްދުންމަތީ ގަމުގައި ހަދަން ފަށާފައިވާ ޞިނާޢީ ސަރަޙައްދުގައި ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާއެއްވެސް ބޭރުގެ ފަރާތަކުން މިދިޔަ އަހަރުވަނީ ހުޅުވާފައި.
ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ އެކިއެކި އިޤްތިޞާދީ މަސައްކަތްތައްވެސް މިދިޔަ އަހަރުގެ ތެރޭގައިވަނީ އިތުރުވެގެން ގޮސްފައި.
1989 ވަނަ އަހަރަކީ، ރާއްޖޭގެ ވިޔަފާރިއަށްވެސް ހެޔޮ ބަދަލުތަކެއް އައި އަހަރެއް. ވިޔަފާރިއަށް އައި ހެޔޮ ބަދަލުތަކުގެ ތެރޭގައި، 1986 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި، އިމްޕޯޓް ކޯޓާ ސިސްޓަމް ދޫކޮށްލުން ހިމެނޭ. އަދި ރާއްޖެއަށް އެތެރެކުރާ ވަރަށްގިނަ ބާވަތްތަކުގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުންވެސް ހިމެނޭ. ހަމައެފަދައިން، ބޭންކްތަކުން ލޯނު ދޫކުރުމަށް ހަމަޖެހިފައި އޮންނަ ގަވާއިދަށް ބަދަލުގެނައުންވެސް ހިމެނޭ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ، އެތައް ޒަމާންތަކެއް ވަންދެން ހަމައެކަނި ސަރުކާރުން އެކްސްޕޯޓް ކުރާގޮތަށް ހަމަޖެހިފައި އޮތް ހިކިކަނޑުމަހާއި، ކަނޑުމަހުގެ ލޮނުމަސް، އަމިއްލަ ފަރާތްތަކުންވެސް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދިނުން. އަދި މީގެ އަށެއްކަ އަހަރު ކުރީއްސުރެ ހަމައެކަނި ސަރުކާރުން އެތެރެކުރުމަށް ހަމަޖެހިފައިވާ ބޭހުގެ ބާވަތްތައްވެސް އަމިއްލަ ފަރާތްތަކުން އެތެރެކުރުމުގެ ހުއްދަ ދިނުންވެސް ހިމެނޭ.
މިބަދަލުތަކުގެ ސަބަބުން، ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ޢަދަދު، އޭގެކުރީ އަހަރަށްވުރެ %16 އިތުރުވެފައިވޭ. ރާއްޖެއަށް އެތެރެކުރި މުދަލުގެ ޢަދަދު އިތުރުވެގެންދިޔަ ފަދައިން، ރާއްޖެއިން ބޭރަށް ފޮނުވުނު މުދަލުގެ ޢަދަދުވެސް، 1989 ވަނަ އަހަރުގެ ތެރޭގައި، އޭގެކުރީ އަހަރަށްވުރެ %14 އިތުރުވެފައިވޭ. ރާއްޖެއިން ބޭރުކުރާ މުދަލުގެ ޢަދަދު ގިނަވުމަކީ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމެއްކަމަށްވާތީ، ރާއްޖެއިން މުދާ އެކްސްޕޯޓް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރުމަކީ، މި ފުރްޞަތުގައި އަޅުގަނޑަށް އަދާނުކޮށް ދޫކޮށްލެވޭނޭ ވާޖިބެއް ނޫން.
އަޅުގަނޑުމެންގެ ރާއްޖެއަކީ، ބޭނުންކުރާ ހުރިހާ އެއްޗެއްހެން ބޭރުން ގެނެސްގެން އުޅެން ޖެހިފައިވާ ޤައުމަކަށްވާތީ، ޤައުމުގެ ވިޔަފާރިއަށް އަންނަ ބަދަލުތަކުގެ ރައްދު ހިޔަނި، އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާގެ ހިސާބުތަކުންވެސް ފެންނަމުންދާނެކަމީ، ޝައްކެއްހުރި ކަމެއްނޫން. މިހެންކަމާއެކު، ވޭތުވެދިޔަ އަހަރު ރާއްޖޭގެ ވިޔަފާރިއަށް އައި ބަދަލުން، އަޅުގަނޑުމެންގެ ބޭރުފައިސާގެ ހިސާބުތަކަށް އައިސްފައިވަނީ މުޅިން ރަނގަޅު ބަދަލެކޭ ދެންނެވޭކަށް ނެތް. އާދެ! 1989 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް އޮތީ، ކުރީ އަހަރު ފަދައިން ރާއްޖެއަށް ފަހިވާގޮތަކަށް ނޫން.
ސަރުކާރުގެ ވިޔަފާރި ހިންގާ ފަރާތް ކަމުގައިވާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަނުން ފައިދާގެ ގޮތުގައި 1989 ވަނަ އަހަރު 30 މިލިޔަން ރުފިޔާ ސަރުކާރަށް ދައްކާފައިވޭ. މިއީ، އޭގެކުރީ އަހަރަށްވުރެ %20 އިތުރު ޢަދަދެއް.
ވޭތުވެދިޔަ އަހަރުވެސް، ދައުލަތުގެ ބަޖެޓް ނިމިގެންދިޔައީ ހިނގި ޚަރަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެގެން. މިއީ، ދައުލަތުގެ ބަޖެޓް މިގޮތަށް ނިމޭ ވިދިވިދިގެން އައި ތިންވަނަ އަހަރު. 1989 ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް ލިބިފައިވާ ކަމަށް މިހާތަނަށް ހިސާބުތަކުން ދައްކަނީ 460 މިލިޔަން ރުފިޔާ. މިއީ އޭގެކުރީ އަހަރަށްވުރެ %27 އިތުރު ޢަދަދެއް. ވޭތުވެދިޔަ އަހަރުވެސް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެބޮޑު ބައެއް ލިބިފައިވަނީ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އިމްޕޯޓް ޑިއުޓީއަށް. މިބަޔަށް 154 މިލިޔަން ރުފިޔާ ލިބިފައިވޭ. ދެން އެންމެ ގިނައިން ލިބިފައިވަނީ، ޓޫރިޒަމުން ލިބުނު 112 މިލިޔަން ރުފިޔާ. މިހާތަނަށް ހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ އަހަރު ދައުލަތުން ޚަރަދު ކުރެވިފައިވަނީ 440 މިލިޔަން ރުފިޔާ. މީގެތެރެއިން އެންމެ ބޮޑު ބައެއް ޚަރަދު ކުރެވިފައިވަނީ، ރައްޔިތުންނަށް ދެވޭ އިޖްތިމާޢީ ޚިދްމަތަށް.
1989 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ މުވާޞަލާތުގެ ކަންތައްތައްވެސް އެދެވޭގޮތެއްގައި ތަރައްޤީ ކުރެވިފައިވޭ. އެހެންކަމާއެކު، ރާއްޖެތެރޭގައި ދަތުރުކުރާނޭ އިތުރު ދެ މަތިންދާބޯޓު ސަރުކާރުން ހޯދުމަށް ޤަޞްދުކޮށް، އޭގެތެރެއިން އެއްބޯޓު މިހާރުވަނީ ރާއްޖެއަށް ގެނެސްފައި. އަދި ރާއްޖޭގެ އުތުރުން، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަދަމުންދާ ވައިގެ ބަނދަރުގެ ރަންވޭގެ މަސައްކަތް މިހާރުވަނީ ނިމިފައި. މާލަހެއްނުވެ އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓް ހުޅުވޭނެ. އަދި މިހާރު ރާއްޖެތެރޭގައި އޮތް 3 ވައިގެ ބަނދަރުގެ އިތުރަށް، ހުވަދުއަތޮޅުގައިވެސް ވައިގެ ބަނދަރެއް ހެދުމަށް މިހާރު ސަރުކާރުން ވަނީ ޤަޞްދުކޮށްފައި.
ސަރުކާރުގެ ބޯޓުފަހަރު ދުއްވާ ކުންފުނިން ކުރަމުންގެންދާ ބޯޓުފަހަރު ދުއްވުމުގެ މަސައްކަތުގައި، 1987ގެ ކުރީގެ ފަސްއަހަރެއްހާ ދުވަހަށް ބަލާއިރު، އެ މަސައްކަތުން މާ އެދެވޭ ނަތީޖާއެއް ފެނިފައެއްނުވޭ. ނަމަވެސް، 1987 ވަނަ އަހަރުން ފެށިގެން މިމަސައްކަތުން މިހާރުދަނީ ފައިދާވަމުން. ވޭތުވެދިޔަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި ބޯޓުފަހަރު ދުއްވުމުގެ މަސައްކަތުން ގާތްގަނޑަކަށް 3.6 މިލިޔަން އެމެރިކާ ޑޮލަރު ފައިދާވާނެ.
ދަނޑުވެރިކަމަކީވެސް، ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ މުހިންމު ބައެއް. އެހެންކަމުން، ރާއްޖޭގައި ހެދޭ ބާވަތްބާވަތުގެ ކާބޯތަކެތި އަޅާ ގަސް އިންދުމަށާއި، ލަކުޑިއަށް ކަމުދާކަހަލަ ގަސް ހެއްދުމަށް ސަރުކާރުން ގެންދަނީ ބާރުއަޅަމުން. ވޭތުވެދިޔަ އަހަރުގެ ހިސާބުތަކުން ފެންނަގޮތުގައި، އެއަހަރު ރާއްޖޭގައި ވަރަށްގިނަ ޢަދަދަކަށް ރުކާއި، ކާބޯތަކެތި އަޅާ ގަހާއި، ފުނަ، ކާނި، ހިރުނދު، މިދިލިފަދަ ލަކުޑީގެ ބާވަތްތައް އިންދިފައިވޭ. 1400 ވަނަ އަހަރުގެ ޤައުމީ ދުވަހު ރާއްޖޭގެ ކޮންމެ ރައްޔިތަކު ރުކެއް އިންދުމަށް އަޅުގަނޑު ކުރި އިލްތިމާސާ ގުޅިގެން، ރާއްޖޭގައި ވަރަށްގިނަ ޢަދަދެއްގެ ރުއް އިންދިފައިވޭ. އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖެއިން ލިބޭ ކާށި، ކުރިއާ އަޅާބަލާއިރު މިހާރުވަނީ ވަރަށްބޮޑުތަން އިތުރުވެގެން ގޮސްފައި. ދަނޑުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމާބެހޭ އިރުޝާދު ދިނުމާއި، ރާއްޖޭގެ ގަސްގަހާގެއްސަށް ޖެހޭ ތަފާތު ބަލިތައް ތަޙްލީލުކޮށް، އެއަށްދޭނޭ ފަރުވާތައް ހޯދުމާއި، ދަނޑުވެރިކަމަށް ގެއްލުންދޭ ތަކެތި މަދުކުރުންފަދަ ޕްރޮގްރާމްތައް، މިދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން ކުރިޔަށް ގެންދެވުނު. ޚާއްޞަކޮށް، ރާއްޖޭގެ ލުނބޯ ގަސްތަކަށް ޖެހުނު ނުރައްކާތެރި ބަލި ތަޙްލީލުކުރުމަށް ބޭރުގެ ކަމާބެހޭ މާހިރަކު ގެނެސްގެން ބެލުމަށްފަހު، ލުނބޯ ހައްދާ މީހުންނަށް ބައްޔާބެހޭ މަޢްލޫމާތުދީ، ބަލިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް އަންގަމުން އެބަ ގެންދެވޭ.
ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ ދާއިރާގައި އެކުވެރި ޤައުމުތަކުން ލިބޭ އެހީއަކީވެސް ވަރަށް މުހިންމު ބައެއް. އިޤްތިޞާދީ ގޮތުން ރާއްޖެއަށް ފައިދާހުރި މަސައްކަތްތައް ފެށްޓުމަށާއި، ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ބޭރުގެ އެހީގެ ގޮތުގައި ފައިސާއާއި ތަކެތިން 1989 ވަނަ އަހަރު ސަރުކާރަށް ލިބިފައިވަނީ 24.6 މިލިޔަން ރުފިޔާގެ އެހީ.
ރައްޔިތުންގެ މަޖްލިސް
ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
އަޅުގަނޑުގެ މި ޚިޠާބު ފަށަމުންވެސް ފާހަގަކޮށްލި ފަދައިން، މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކުރަނީ، ރައްޔިތުންގެ މަޖްލިސްގެ ޢުމުރުން އާ ފަސްއަހަރުގެ ދައުރެއް ފެށޭ ދުވަހު. ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ، ރައްޔިތުންގެ މަޖްލިސްގެ ޙަޔާތަށް މުޅިން އަލަށް ވެދެވަޑައިގެންނެވި ބޭފުޅުން. އެހެންކަމާއެކު، ވަކިން ޚާއްޞަކޮށް، އެބޭފުޅުންނަށް، އަދި ޢާންމުކޮށް މަޖްލިސްގެ އާ ދައުރުގެ ހުރިހާ މެންބަރުންނަށް، މިފުރްޞަތުގައި އަދިވެސް އެއްފަހަރު އަޅުގަނޑު މަރްޙަބާ ދަންނަވަން.
ޢުމުރު ހަމަވެގެން ނިމިގެންދިޔަ ރައްޔިތުންގެ މަޖްލިސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 9 ބިލް ފާސްކުރައްވާފައިވޭ. މަޖްލިސްގެ މަސައްކަތްތައް ކުރިޔަށް ގެންދެވުމުގައި، މަޖްލިސްގެ މެންބަރުން އެބޭފުޅުންގެ ވާޖިބުތައް އަދާކުރައްވާފައިވަނީ، ދައުލަތަށް އިޚްލާޞްތެރިވެވަޑައިގެން ތިއްބަވައިގެން، ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނަވަމުން ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި އިސްވެ ދެންނެވި ބިލްތަކާމެދު މަޖްލިސްގައި ބަޙުޘް ކުރައްވައި ޚިޔާލު ފާޅުކުރައްވައި ހެއްދެވީ، ތެދުވެރިކަމާއި، ސާބިތުކަމާ އެކުގައި ކަމަށްވެސް އަޅުގަނޑު ދެކެން. މިކަމަށްޓަކައި، ނިމިގެންދިޔަ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑު ޝުކުރު އަދާކުރަނީ ނުހަނު އިޚްލާޞްތެރިކަމާއެކު.
ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި އިންތިޚާބު ކުރެވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖްލިސްގެ މަސައްކަތާ ބެހޭގޮތުން ދަންނަވަންޖެހެނީ، އެމަސައްކަތް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރިޔަށް ގެންދެވިފައެއް ނުވެއޭ. އެ މަޖްލިސްގެ ދެބައިކުޅައެއްބައި މެންބަރުންނަކީ، ރައްޔިތުންގެ މަޖްލިސްގެ މެންބަރުން ކަމަށްވެފައި، ރައްޔިތުންގެ މަޖްލިސްގެ ޢުމުރު ހަމަވާން ކައިރިވެފައި ވުމާއެކު، ބޮޑަށް ހަމަޖެހޭ ގޮތަކަށްވާނީ، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައްޔިތުންގެ އާ މަޖްލިސް އިންތިޚާބުވުމަށްފަހު ކުރިޔަށް ގެންދިޔުން ކަމުގައި އަޅުގަނޑު ދެކެން.
ކޮންމެއަކަސް، މިހާރު އަލަށް އިންތިޚާބުކުރެވުނު ރައްޔިތުންގެ މަޖްލިސްގެ މެންބަރުންނާއެކު، ރައްޔިތުންގެ ޚާއްޞަ މަޖްލިސްގެ މަސައްކަތްތައް މީގެ ކުރިޔަށްވުރެ ހަލުވިގޮތެއްގައި، ކުރިޔަށް އޮތް ތާނގައި ހިންގަމުން ގެންދެވޭތޯ އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނަން.
ޚާރިޖީ ހިންގުން
1980ގެ އަހަރުތައް ނިމިގެން އެދިޔައީ، އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމު ބޭރުގެ ދުނިޔެއަށް މީގެކުރިން ދުވަހަކުވެސް ތަޢާރުފުވެފައި ނުވާފަދަ މަތީ ދަރަޖައަކަށް ތަޢާރުފުކޮށްދީފައި. ބައިނަލްއަޤްވާމީ ކަންތައްތަކުގައި މީގެކުރިން ދުވަހަކުވެސް ބައިވެރިވެފައިނުވާފަދަ މިންވަރަކަށް ބައިވެރިކޮށްފައި. އެހެންކަމުން، އެ 10 އަހަރު ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭނީ، ދިވެހިރާއްޖެ ބައިނަލްއަޤްވާމީ މަސްރަޙުގައި އެކަށީގެންވާ މަޤާމެއް ހޯދި 10 އަހަރު ކަމުގައި ކަމަށް އަޅުގަނޑު ދެކެން.
ކަން މިހެން ހުރުމާއެކު، އެ 10 އަހަރު ނިމޭ 1989 ވަނަ އަހަރު ހިމެނުނީ، ރާއްޖޭގެ ޚާރިޖީ ހިންގުމުގެ ދާއިރާގައި ވަރަށް މުހިންމު ކަންތައްތަކެއް ހިނގި އަހަރެއް ކަމުގައި. އޭގެތެރެއިން އެންމެ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަނީ، ކުދި ޤައުމުތަކުގެ ސަލާމަތާ ބެހޭގޮތުން ރާއްޖޭގެ ފަރާތުން އ.ދ. މަޖްލިސަށް ހުށަހެޅި ޤަރާރު، ވޯޓަކާ ނުލައި އ.ދ.ގެ ޢާންމު މަޖްލިސުން ފާސްވިކަން. އަދި އެ ޤަރާރަށް ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެށިގެން ކުދި ޤައުމުތަކާ ހަމައަށް އެޤައުމުތަކުގެ ފުރިހަމަ ތާއީދު ލިބިގެންދިޔަކަން.
ވޭތުވެދިޔަ އަހަރު ބޭރާ ގުޅިގެން ހިނގި މުހިންމު އަނެއްކަމަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެ ދުށް ނުރައްކާތެރި ޢުދްވާނީ ޙަމަލާއާ ގުޅިގެން، އަޅުގަނޑުމެންނަށް އެހީވެދިނުމަށްޓަކައި އިންޑިޔާއިން ފޮނުވާފައި ތިބި ސިފައިން ރާއްޖެ ދޫކޮށް، އެމީހުންގެ ޤައުމަށް އެނބުރި ދިޔަދިޔުން. ޝައްކެއްނެތްގޮތުގައި، އެމީހުން ރާއްޖެ އައީވެސް، އަދި ރާއްޖޭގައި ތިބީވެސް، އަދި ރާއްޖެ ދޫކޮށްލާފައި ދިޔައީވެސް، އަޅުގަނޑުމެން އެދުނު އެދުމާ އެއްގޮތްވާ ގޮތުގެ މަތީން. އަދި އަޅުގަނޑުމެންގެ އިޙްތިރާމާއި ޤަދަރު އެމީހުންނަށާއި، އެމީހުންގެ ސަރުކާރަށް އަދާކުރެވޭފަދަ ގޮތެއްގައި. އެހެންކަމުން، އިންޑިޔާ ސިފައިން އެނބުރި ދިޔުން ހިމެނުނީވެސް، ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަށް އިތުރު ރީތި ނަމަކާއި ޝަރަފެއް ލިބިގެންދިޔަ ކަމަކަށް.
1989 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މެލޭޝިޔާގެ ވެރިރަށް ކުއާލާލަމްޕޫރުގައި އޮތް، ކޮމަންވެލްތު ޤައުމުތަކުގެ ވެރީންގެ ޖަލްސާގައި އަޅުގަނޑު ބައިވެރިވިން. އެޖަލްސާގެ ދުވަސްވަރު ވަރަށްގިނަ ޤައުމުގެ ވެރީންނާ ބައްދަލުކޮށް، ރާއްޖޭގެ ޙާލަތު އެބޭފުޅުންނަށް އޮޅުންފިލުވައިދީ، ރާއްޖެއާ އެޤައުމުތަކާ ދެމެދު އޮންނަ ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު. އޭގެއިތުރަށް ސިންގަޕޫރަށާއި، އިންޑިޔާއަށް މިދިޔަ އަހަރު އަޅުގަނޑު ރަސްމީގޮތުން ޒިޔާރަތްކުރިން.
1989 ވަނަ އަހަރު ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ރާއްޖެ އިތުރު 10 ޤައުމަކާ ގުޅުން އުފައްދާފައިވޭ. މި ޤައުމުތަކާއެކު، މިހާރު ރާއްޖެ ސިޔާސީގޮތުން ގުޅިފައިވާ ޤައުމުތަކުގެ ޢަދަދަކީ 97.
ދައުލަތުގެ ސިޔާސަތު
ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، ކުރިޔަށް އޮތް އަހަރުވެސް ދައުލަތް ހިންގުމުގެ ސިޔާސަތަކަށްވާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދަމަހައްޓައި، ރާއްޖޭގެ ތަރައްޤީއާއި ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ ސިޔާސަތު. އަޅުގަނޑުމެންގެ ހެޔޮ ނަޞީބު ކަމުގައި اللّـه سبحـانـه وتعـالى ލައްވާފައިވާ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށް ހިތައި، ޤައުމުގެ އެންމެހައި މުވާޠިނުންގެ ހިތުގައި ޤައުމުދެކެ ލޯބިވުމުގެ ޝުޢޫރުތައް ދިރުވައި އާލާކުރެވޭތޯ މަސައްކަތް ކުރުމުގެ ސިޔާސަތު. ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި ޢަދްލުއިންޞާފު ޤާއިމުކުރުމުގެ ސިޔާސަތު. ހަމައެއާއެކު، ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރާއި ޤަދަރު މަތިވެރިވެގެންދާނޭ ގޮތަށް ކަންތައްތައް ގެންދިޔުމުގެ ސިޔާސަތު.
މިދެންނެވި މައިގަނޑު އުޞޫލުތަކުގެ އަލީގައި، ކުރިޔަށް އޮތް އަހަރުވެސް، ދައުލަތުގެ ދާޚިލީ ސިޔާސަތުގެ ބިންގަލަކަށްވާނީ، އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، މިނިވަންކަމުގެ އަސާސީ ޙައްޤުތައް ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ލިބިދިނުން. ރައްޔިތުންނަށް ލުއިފަސޭހަކަން ލިބެނިވި ގޮތްތައް ހޯދައިދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން. ދިވެހީންގެ އެއްބައެއްވަންތަކަމާއި، ދިވެހިވަންތަކަން ގެއްލުނަނުދީ ހިފެހެއްޓުމުގެ ޢަޒުމް އާކުރުން.
ދައުލަތުގެ ދާޚިލީ ސިޔާސަތުގެ މުހިންމު އަނެއް ބަޔަކަށްވާނީ، ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ރޫޙު އާލާކުރުން. ދިވެހީންގެ އަގުހުރި މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކޮށް ދެމެހެއްޓުމުގެ ހިތްވަރު އުފެއްދުން. މިކަމަށްޓަކައި، ކުރީ އަހަރެކޭވެސް އެއްފަދައިން، ޤައުމުގެ ދިފާޢާބެހޭ ކަންތައްތައް ވަރުގަދަކޮށް ހަރުދަނާކުރުން. އަދި ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމާ ބެހޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން. މިހާރު ހިނގަމުންމިދާ 1990 ވަނަ އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މިދެންނެވި އުޞޫލުތައް ދިރުވައި ދެމެހެއްޓުމުގައި އިތުރު ހިތްވަރަކާއެކު ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުން ގެންދިޔުން.
މީގެއިތުރުން، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވަމުންދާ ނުރައްކާތައް ގިނަކަމާއެކު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ، ރާއްޖޭގެ ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ވާނެ.
ވޭތުވެދިޔަ އަހަރުތަކުގައި ހިންގަމުން އައިސްފައިވާ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ، ހަރުދަނާ ސިޔާސަތެއްކަން ވަނީ ތަޖްރިބާއިން ޔަޤީންކުރެވިފައި. އަދި އެ ސިޔާސަތުގެ ސަބަބުން، ޚާރިޖީ ދުނިޔޭގައި ރާއްޖޭގެ ޤަދަރު ދަނީ އުފުލެމުން. އެހެންކަމާއެކު، ކުރިޔަށް އޮތް އަހަރުވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަދަލެއް ގެންނާކަށް ސަރުކާރަކުން ޤަޞްދެއް ނުކުރޭ. އެސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ، ވަކިފަރާތަކަށް ނުޖެހުން. އަޅުގަނޑުމެންނާ ރަޙްމަތްތެރިކަން ބަހައްޓާ، އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި އަމިއްލަވެރިކަމަށް ޙުރްމަތްތެރިކޮށްހިތާ ކޮންމެ ޤައުމަކާވެސް އެކުވެރިކަން ދެމެހެއްޓުން. ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކާ ރާއްޖެއާ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން ބަދަހިކޮށް ތަރައްޤީ ކުރުން. ހަމައެފަދައިން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ ރާއްޖެއާ ދެމެދުގައި އޮންނަ އެކުވެރިކަމާއި ރަޙްމަތްތެރިކަން އިތުރުކޮށް ހަރުދަނާކުރުން.
ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަނެއް މައިގަނޑަކީ، ދުނިޔޭގައި ޞުލްޙަވެރިކަން ދެމެހެއްޓުމަށާއި، ޢަދްލުއިންޞާފު ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއާ އެކަށީގެންވާ މިންވަރަކުން ބައިވެރިވަމުން ދިޔުން. އަދި މިނިވަންކަން ހޯދުމަށާއި، އިންސާނީ ޙައްޤުތައް ލިބިގަތުމަށް ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ކުރެވެމުންދާ މަސައްކަތްތަކަށް ތާއީދުކުރުން.
މިދެންނެވި އުޞޫލުތަކުގެ މައްޗަށް ބިނާކުރެވޭ ރާއްޖޭގެ ދާޚިލީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތު ހިންގުމުގައި، ރައްޔިތުންގެ މަޖްލިސްގެ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ ތާއީދާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މަތިވެރި އެއްބާރުލެއްވުން އަޅުގަނޑަށް ލިބުމަކީ، އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކު އެދޭ ކަމެއް. އަދި ވޭތުވެދިޔަ އަހަރުތަކުގައިވެސް، އެ ތާއީދާއި އެއްބާރުލެއްވުން އަޅުގަނޑަށް ލިބެމުންދިޔަގޮތަށް، ކުރިޔަށް އޮތް އަހަރުވެސް ލިބޭނޭ ކަމުގައި އަޅުގަނޑު ފުރިހަމައަށް ޔަޤީންކުރަން.
ރައްޔިތުންގެ މަޖްލިސްގެ ޢިއްޒަތްތެރި މެންބަރުންނޭވެ!
ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތާއި ކުރިޔަށް އޮތް އަހަރު ދައުލަތުގެ ސިޔާސަތު ބިނާކުރަން ޤަޞްދުކުރާގޮތް، ދެންމެ ތިޔަބޭފުޅުން ތިޔަ އެއްސެވީ. ކުރިޔަށް އޮތް 1990 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ ސިޔާސަތަށް ބަދަލެއް ގެންނަން ޤަޞްދުކުރެވިފައި ނެތް ނަމަވެސް، ތަރައްޤީގެ މަގުގައި ހަލުވިކަމާއެކު ކުރިޔަށްދިޔުމަށްޓަކައި، އަޅުގަނޑުމެންގެ ތެރެއަށް މުހިންމު ބަދަލުތަކެއް މިހާރުވަނީ ގެންނަން ޖެހިފައި. މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ތަޤްރީރުގައި އަޅުގަނޑު ވާނީ މިވާހަކަ ދަންނަވާފައި. އާދެ! އެދުވަހު އަޅުގަނޑު ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް މިހާރުވަނީ، ޑިމޮކްރަސީގެ އާ ތަޖްރިބާއެއް ކުރަން ފަށަން ޖެހިފައި. މި އާ ތަޖްރިބާ ކުރަން ފެށުމަށްޓަކައި، އަޅުގަނޑުމެންގެ ޚިޔާލާއި ވިސްނުމަށް، އާ ތާޒާކަމެއް ގެންނަން ބޭނުންވޭ. އަދި ޤައުމުގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއެރުވުމަށްޓަކައި، އިސްލާމީ ހަމަތަކާ ޚިލާފުނުވާ ގޮތުގެ މަތިން ފުރިހަމަ މިނިވަންކަމާއެކު، ރައްޔިތުން ޚިޔާލު ފާޅުކުރަމުން ގެންދިޔުމުގެ މަގު ތަނަވަސްކޮށްދީ، އެކަމަށް ހިތްވަރުދޭން ބޭނުންވޭ. ހަމަމިއާއެކު، އެކެއްގެ މިނިވަންކަމުގެ ސަބަބުން، އަނެކެއްގެ މިނިވަންކަމާއި ރީތިނަމަށް އުނިކަން ނުލިބޭނެ ހަރުދަނާ އަދި އިންޞާފުވެރި އުޞޫލުތަކެއް ޤާއިމުކުރަންވެސް ބޭނުންވޭ. ވީމާ، އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި ބަދަލުގެންނަންޖެހޭ ކަމަށް ފެންނަ ބައެއް ޤާނޫނުތަކަށް ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ފެނިވަޑައިގަންނަވާ ބަދަލުތަކެއް ގެންނެވުމަށްޓަކައި، އެމައްސަލަ ތިޔަ މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ މިފުރްޞަތުގައި ދަންނަވާލަން.
ހަމަ އެހެންމެ، ދައުލަތް ހިންގުމުގެ ބައެއް ކަންތައްތަކަށް އެދެވޭ އިޞްލާޙުތަކެއް ގެންނަންވެސް އަޅުގަނޑު ވިސްނަމުން ގެންދާކަން މިފުރްޞަތުގައި ހާމަކުރަން. އޭގެތެރޭގައި، މިހާރު ދައުލަތް ހިންގުމުގެ ކަންތައްތަކުގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުތަކުގައި، ޤާނޫނީގޮތުން ބައެއް އެހެން ފަރާތްތައްވެސް ޝާމިލުވާނޭގޮތް ހެދުމަށް އަޅުގަނޑު ޤަޞްދުކުރަން. އެއީ، މާގިނަ ބާރުތަކެއް އެއްފަރާތަކަށް އޮތުމުގެ ބަދަލުގައި، ގިނަ ފަރާތްތަކެއްގެ ކޮނޑުގައި އެ މަސްއޫލިއްޔަތު އެޅިފައި އޮތުން ރަނގަޅުވާނެ ކަމަށް ފެންނާތީ. މިފަދަ ބަދަލުތައް ގެނައުމަށްޓަކައި ބައެއް ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ހުށަހަޅަމުން ގެންދާނަން.
ދެންމެ މިދެންނެވި ފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ޤާނޫނީ ބާރުތަކުގައި ޙިއްޞާވާނޭ އިތުރު ފަރާތްތަކެއް ހަމަޖެހިގެން ދިޔުމުން، ޢިއްޒަތްތެރި މަޖްލިސްގެ މަސްއޫލިއްޔަތު މިހާރަށްވުރެ ބޮޑުވެގެންދާނޭ ކަމުގައި އަޅުގަނޑަށް ޔަޤީންކުރެވޭ.
އެހެންކަމާއެކު، މިއަދު ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފެށޭއިރު، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުން، ތިޔަބޭފުޅުންގެ ވާޖިބުތަކާމެދު ވަރަށް ބޮޑަށް ވިސްނާވަޑައިގަތުމަކީ އަޅުގަނޑު އެދޭ ކަމެއް. ރާއްޖޭގެ ސިޔާސީ އަދި ޤައުމީ ޙަޔާތުގައި، ރައްޔިތުންގެ މަޖިލީހުން ކުޅޭބައި މިހާރަށްވުރެ ބޮޑުވެ ތަރައްޤީވުމަކީ، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ! އަޅުގަނޑުމެން މިއަދު މި ކުރިމަތިލަނީ 1990ގެ އަހަރުތަކާ. މިހާރު ހިނގަމުންމިދާ ޤަރްނުގެ އެންމެފަހު 10 އަހަރާ. އެ ޤަރުނުގެ އަހަރުތައް ވަނީ އަޅުގަނޑުމެންގެ ރާއްޖެއަށްވެސް، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައި. ސިޔާސީގޮތުންނާއި، އިޖްތިމާޢީ ގޮތުން، އިޤްތިޞާދީ ގޮތުންނާއި އަދިވެސް ކިތަންމެ ގޮތަކުން، އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަން ހަމަޖެހިފައިވާ އުޞޫލު، އެއަހަރުތަކުގެ ތެރޭގައި ވަނީ ބަދަލުވެފައި. އަޅުގަނޑުމެންގެ ތަޢްލީމީ ފެންވަރާއި، ޞިއްޙީ ފެންވަރު ވަނީ ބަދަލުވެފައި. ރާއްޖޭގެ ވިޔަފާރިއާއި، މުވާޞަލާތުގެ ވަސީލަތްތައް ވަނީ ބަދަލުވެފައި. ދިރިއުޅުމުގެ ބީދައާއި، ގޮތްތައްވަނީ ބަދަލުވެފައި. މިހެންގޮސް އަޅުގަނޑުމެންގެ މުޖްތަމަޢުގެ ހުރިހާ ކަމެއްވެސް ވަނީ ބަދަލުވެފައި. އަދި ދަނީ ބަދަލުވަމުން. އަދި ދާނީވެސް ބަދަލުވަމުން. ވީމާ، މިދަނޑިވަޅުގައި އަޅުގަނޑުމެން ވިސްނަންވީ ކުރިޔަށް އޮތް ތާނގައި އަޅުގަނޑުމެން ބަދަލުވާންވީ ކޮންކަހަލަ ކަމެއްގައިތޯ؟ ނުވަތަ އަޅުގަނޑުމެން މަރްޙަބާ ކިޔަންވީ ކޮންކަހަލަ ބަދަލުތަކަކަށްތޯ؟
މިކަމާ ގުޅޭގޮތުން ވިސްނާ ބަލައި ހެދިވަރަކަށް، އަޅުގަނޑުމެންނަށް ފާޅުވެ އެނގެމުންދާނޭ އެންމެބޮޑު ޙަޤީޤަތަކީ، ރާއްޖޭގެ ކަންތައްތަކަށް ކިތަންމެ ގިނަ ބަދަލުތަކެއް އަންނަމުން ގޮސްފައިވިޔަސް، ބަދަލުވިޔަނުދީ ހިފެހެއްޓިފައިވާ މައިގަނޑު ކަންތައްތަކެއް އެބަހުރިކަން. އަދި އެކަންތައްތަކަކީ، އަޅުގަނޑުމެންގެ ޤައުމަކީ މިނިވަން އަމިއްލަ ވެރިކަމެއް ހިނގާ، އަދި ވަކި ޤައުމީ ޝަޚްޞިއްޔަތެއް ލިބިފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ކަންތައްތަކެއްކަން. މިދެންނެވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ޢަޤީދާ، މާތްވެގެންވާ އިސްލާމްދީން. އަނެއްކަމަކީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައެއްވަންތަކަން.
އެހެންކަމުން، މިއަދުވެސް އަޅުގަނޑުމެންގެ ތެރެއަށް ބަދަލުތަކެއް ގެންނަނަމަ، އެބަދަލުތަކެއް ވާންވާނީ، މިދެންނެވި މައިގަނޑު ކަންތައްތަކުން ހެދޭ ގިއުގަނޑެއްގެ ތެރެޔަށް ފެތޭ ބަދަލުތަކަކަށް ކަމުގައި އަޅުގަނޑު ދެކެން. ހަމައެކަނި ބަދަލެއް ގެނައުމުގެ ގޮތުން ގެނެވޭ ބަދަލަކަށްނުވެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް ލާބައާއި މަންފާ ލިބިދޭ ބިނާކުރަނިވި ބަދަލުތަކަކަށް ކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ. އަޅުގަނޑުމެންނާ ބައްދަލުވާން އަންނަ 21 ވަނަ ޤަރްނުގެ ތެރޭގައި ދިމާވެދާނެ ތަޙައްދީތަކާ ކުރިމަތިލާން ކެރޭ، ޤާބިލް ދިވެހި ދަރީންތަކެއް އުފެއްދުމަށް އެކަށޭނަ ބަދަލުތަކަކަށް ކަމުގައި އަޅުގަނޑަށް ވިސްނޭ.
ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ފައިދާއަށްޓަކައި މިދެންނެވިފަދަ ރަނގަޅު ބަދަލުތަކެއް އަޅުގަނޑުމެންގެ ޤައުމަށް ގެނައުމުގެ ހެޔޮވިސްނުމާއި، ތައުފީޤު ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށާއި އަޅުގަނޑަށް ދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ދުޢާކުރާ ޙާލު،
އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން، ޤާނޫނު ނަންބަރު 1/68ޖ.ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ އުފަލާއި ޝަރަފު ލިބިގަންނަން.
رَبَّـنَا آتِنَـا مِنْ لَّدُنْكَ رَحْمَةً، وَهَـيِّءْ لَنَا مِنْ أَمْرِنَا رَشَدًا. رَبَّنَا عَلَيْكَ تَوَكَّلْنَا، وَإِلَيْكَ أَنَبْنَا، وَإِلَيْكَ اْلمَصِيرُ.
وَالسَّلاَم عَلَيْكُمْ وَرَحْمَةُ اْللَّـهِ وَبَركَاتُهُ.