2013 އޮކްޓޯބަރ 13 ވާ އާދީއްތަ ދުވަސް، ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި، އެދުވަހުގެ ބަދަލުގައި 2013 ނޮވެމްބަރ 23 ވާ ހޮނިހިރު ދުވަހަކީ، އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، އޮކްޓޯބަރ މަހުގެ 13 ވާ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެނަމަ، އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގަޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، މެދުކެނޑުމެއްނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމުން، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އޮކްޓޯބަރު މަހުގެ 20ވާ އާދީއްތަ ދުވަހު ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.