މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މުދައްރިސާއިންނަށާއި މުދައްރިސުންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވައި، އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް އަރިސް ކުރަމެވެ. އަދި ރާއްޖޭގައި މުދައްރިސާއިންނާއި މުދައްރިސުން އުފެއްދެވުމަށް މަސައްކަތް ކުރައްވާ އެކިއެކި މުއައްސަސާތަކުން އެކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރަމުން، އެ މުއައްސަސާތަކުގެ ވެރިންނަށާއި، ހީވާގި ހިންގުންތެރިންނަށާއި، މުދައްރިސުންނަށް އަޅުގަނޑު، މިމުނާސަބަތުގެ ތަހުނިޔާ ރައްދުކޮށް ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާޞިމް އަޙްމަދަށާއި، އެމިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށާއި، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ހީވާގި ޚިދުމަތްތެރިންނަށްވެސް ތަހުނިޔާ ދަންނަވަމެވެ.

ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރުމުގެ ޝަރަފު ލިބިފައިވާ މީހެއްގެ ޙައިޘިއްޔަތުން މިއަދު އަޅުގަނޑަށްވެސް ކުރެވެނީ ވަރަށް ފުން އިޙްސާސްތަކެކެވެ. ޚާއްޞަކޮށް، މުދައްރިސެއްގެ ވާޖިބު އަދާކުރުމަކީ، އެހާމެ ބުރަ އަދި ބޮޑު މަސްއޫލިއްޔަތެއްކަން މިއަދުވެސް އަޅުގަނޑުގެ ހަނދާނުން ފުހެވިގެނެއް ނުދެއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "އަ ކޯލް ފޮރ ޓީޗަރސް" ނުވަތަ "ޓީޗަރުންނަށްވުމަށް ގޮވާލަން" މި ޝިޢާރުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، މުދައްރިސުންގެ މަޢުލޫމާތާއި ހުނަރުވެރިކަން އިތުރުކުރުމުގެ މުހިންމުކަމެވެ. ބަދަލުވަމުން އަންނަ ދުނިޔޭގެ ގޮންޖެހުންތަކަށް ކުދިން ތައްޔާރުކޮށް، އެކުދިންގެ ދިރިއުޅުމަށާއި ކުރިމަގަށް ބޭނުންވާ ތަޢުލީމާއި ހުނަރު ހޯދައިދިނުމުގެ ވިސްނުމާއި، ޝައުޤުވެރިކަމާއި، ޤާބިލުކަން މުދައްރިސުންގެ ކިބައިގައި އަށަގެންނެވުމުގެ މުހިންމުކަމެވެ. މިލަނޑުދަނޑި ހާސިލު ކުރެވޭނީ، މުދައްރިސުންގެ ފެންވަރާއި ހުނަރު ކުރިއަރުވައި ދަމަހައްޓައިގެންކަމަށްވާތީ، މުދައްރިސުންނަށް ހިންގާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޙަރަކާތްތައް އިތުރުކޮށް ހަރުދަނާކުރަންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ. "ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން"ގެ ނަމުގައި ސަރުކާރުން ވަކި އިދާރާއެއް މިއަހަރުގެ ތެރޭގައި އުފައްދާފައިވާއިރު އެ އިދާރާގެ އެންމެ މުހިންމު އެއް މަޤުޞަދަކީ، އުނގެނުމާއި އުނގަންނައިދިނުމަށް ހިންގޭ ހަރަކާތްތައް ހަރުދަނާ ކުރުމެވެ. މުދައްރިސުންގެ ފަންނީ ޤާބިލުކަމާއި ހުނަރުވެރިކަން އިތުރުކޮށްދިނުމެވެ. އެހެންކަމުން، އަލަށް އުފެދުނު އިދާރާއާއެކު، އުނގަންނައިދިނުމާއި ދަރިވަރުންގެ ޞިއްޙީ އަދި ނަފުސާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމުގައި މުދައްރިސުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި އެހީތެރިކަން ފޯރުވައިދޭ މިންވަރު، އިހުނަށްވުރެ ހަރުދަނާވެގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.

މިއަދު މުދައްރިސުންގެ ދުވަސް ފާހަގަކުރަމުންދާއިރު، މުދައްރިސުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ މަތިން ހަނދާންކުރަން ޖެހެއެވެ. މުދައްރިސުންނަކީ ޤައުމުގެ މާދަމާގެ ޖީލު ބިނާކުރެއްވުމުގައި، ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. އެހެންކަމުން، މުދައްރިސުން އެ ކުރައްވާ ޚިދުމަތް، ޤައުމުގެ ކޮންމެ ރައްޔިތަކު ވަޒަން ކުރައްވަން ޖެހޭނެއެވެ. އެ ޚިދުމަތަށް އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭނެއެވެ. އެ ޚިދުމަތުގެ މަތިން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ޤައުމުގެ ތަރައްޤީއަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ، ތަޢުލީމީ ދަރިންތަކެއް އުފެއްދުން ކަމަށްވީހިނދު، އެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވުމަށް މިއަދު ނުކުމެވަޑައިގެން ތިއްބެވި ހީވާގި މުދައްރިސުން، ޤައުމުގެ ތަރައްޤީގައި އެ އަދާކުރައްވަނީ، ޚާއްޞަ ގޮތެއްގައި ހަނދާންކޮށްލަންޖެހޭ ދައުރެކެވެ. ހަމައެއާއެކު، ޤައުމެއްގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ޤާބިލު، ހުނަރުވެރި މުދައްރިސުންތަކެއް އުފެއްދުމަށްޓަކައި އެކި މުއައްސަސާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ފުޅާކުރައްވަމުން ގެންދެވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޤައުމުގެ ތަޢުލީމީ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ ދަރިންތަކެއް މުޖުތަމަޢަށް ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިން ހަރުދަނާ ރަނގަޅު ތަރުބިއްޔަތެއް ކުދިންނަށް ދިނުމުގެ މުހިންމު ކަމުގެ މައްޗަށެވެ. ހަމައެހެން، ތަޢުލީމުގެ ތެރެއިން ދިރިއުޅުމަށް ބޭނުންވާ ޢިލްމާއި ހުނަރު ލިބިފައިވާ ދަރިވަރުން އުފެއްދުމަށް ދޭންޖެހޭ އަހަންމިއްޔަތުވެސް ވަކި ކުޑައެއް ނޫނެވެ.

ރާއްޖެއަށް މިއަދު އެކި ބަދަލުތައް އަންނަމުންދާއިރު، ދަރިވަރުންގެ އުޅުމާއި އަޚްލާޤަށް އަންނަމުންދާ ބަދަލުތަކާމެދުވެސް ވަރަށް ފުންކޮށް އަޅުގަނޑުމެން ވިސްނަން އެބަޖެހެއެވެ. އެކުދިންނަކީ ރިވެތި އަޚްލާޤެއްގެ މަތީގައި ބޮޑެތިވާ އަދި ސްކޫލްތަކުގެ ވެރިންނަށާއި، މުދައްރިސުންނަށާއި، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރަން ދަންނަ ކުދިބަޔަކަށް ހަދަން އެބަޖެހެއެވެ. އެހެން ނޫންނަމަ، ޤައުމުގެ އަޚްލާޤީ މިންގަނޑުތަކަށް ބަދަލުއައިސް، އަޚްލާޤީ މިންގަނޑުން ބޭރުވެވޭތަން އައުމަކީ، ދުރުގައި އޮންނާނެ ކަމެއް ނޫނެވެ. އެހެންކަމުން، ސްކޫލްތައް ހިންގަވާ ފަރާތްތަކުންނާއި މުދައްރިސުން މިކަމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައި، ޤައުމުގެ އިޖުތިމާޢީ ފޭރާން މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މުދައްރިސުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަރަށް ފުރިހަމައަށް ވަޒަންކުރާ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް، އެބޭފުޅުން އެކުރައްވަމުން ގެންދަވާ މުހިންމު ޚިދްމަތުގައި ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުމެވެ. މުދައްރިސުން އެ އުފުއްލަވާ ބުރަ މަސްއޫލިއްޔަތުގެ ނަތީޖާ ހެޔޮގޮތުގައި ދެއްކެވުމެވެ.