ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ކުރީގެ ރައީސް މުޙަންމަދު ނަޝީދާ ރޭ ބައްދަލުކުރައްވައިފިއެވެ. މިއީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކެވީ، ރިޔާސީ އިންތިޚާބާ ބެހޭގޮތުންނެވެ. މިގޮތުން، ދެއްކެވި ވާހަކަފުޅުގައި، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑަނޭޅި ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން، ރައީސް ނަޝީދު ފާޅުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިއްޔެ އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިފަދައިން، މާލަހެއްނުވެ، އިންތިޚާބާބެހޭ ނިންމެވުމެއް ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެހެން، އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާ ސަރުކާރު ޙަވާލުކުރެއްވުމުގެ މަސައްކަތް، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އުންމީދަކީ، އަވަސް، ޞުލްޙަވެރި، ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވި، ޤައުމަށް ހަމަޖެހުން އައިސް، ޞުލްޙަމަސަލަސްކަން ޤާއިމުވެގެންދިޔުން ކަމުގައިވެސް ވިދާޅުވިއެވެ.