بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން!

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ޑިމޮކްރެޓިކް ވެރިކަމެއްގައި ރައްޔިތުންގެ އެންމެބޮޑު ޙައްޤަކީ މިނިވަންކަމާއި އިންޞާފުވެރިކަމާއެކު ވޯޓްލުމުގެ ޙައްޤު. މިނިވަން ދައުލަތެއްގެ އެންމެ އިސް ވާޖިބަކީ، ކޮންމެ މީހެއްގެ ވޯޓަށް އަމާނާތްތެރިވުން. ކޮންމެ ވޯޓެއް ގުނުން. އަދި ހަމަ އެކަކަށްވެސް އެއްވޯޓަށްވުރެ ގިނަ ވޯޓްލުމުގެ ފުރްޞަތު ނުދިނުން.

ސެޕްޓެމްބަރު 7 ގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ނިމިގެންދިޔައީ، ވަރަށް އޮމާންކަމާއެކުގައި. އެކަމަށްޓަކައި އަޅުގަނޑުވެސް އުފާކުރިން. ނަމަވެސް ވޯޓްލީތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ އުފުލި އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެ އިންތިޚާބުގެ ވޯޓްގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން، އިންތިޚާބުގައި ބައިވެރިވެވަޑައިގެން ކެންޑިޑޭޓެއްގެ ފަރާތުން ވަނީ މައްސަލަ، ޤާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި. އެއަށްފަހު ދެން ހިނގަމުންމިދާ ކަންތަކުގެ ސަބަބުން މިއަދު ދިވެހި ޤައުމު މިވަނީ އަނެއްކާވެސް ވަރަށްބޮޑު ހާސްކަމެއްގެ ތެރެއަށް ގޮސްފައި.

މިހާތަނަށްވެސް އަޅުގަނޑުމެނަށް ދިމާވެފައިވާ އުނދަގޫ ސިޔާސީ ކަންކަމުގެ ތެރެއިން އަރައިގެންފައިވަނީ ކެތްތެރިކަމާއި ޞުލްޙަވެރިކަމާއެކު މަސައްކަތްކޮށްގެން. ވީމާ، މިފަހަރުވެސް ވޯޓްގެ މައްސަލައިގައި ދިމާވެފައިމިވާ މައްސަލަތައް، ޞުލްޙަވެރިކަމާއެކު ޙައްލުކޮށް، ރިޔާސީ އިންތިޚާބު ކުރިއަށް ގެންގޮސް ނިންމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާމެދު ސުޕްރީމް ކޯޓުގެ ނިންމެވުމެއް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނެރުއްވައިދެއްވުމަކީ، މައްސަލަ ފިނިކުރުމަށްޓަކައި އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ. އަދި ހަމައެހެން، ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ޙަޤީޤީ ހެކިތަކެއްހުރި ކަންތައްތައް ކަމަށްވާނަމަ، އެކަން ސާބިތުކުރެވުމަކީ، މި މައްސަލަ ޙައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް.

މިއަދު ރިޔާސީ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، ދިވެހި ރައްޔިތުންނާއި އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި ޖަމްޢިއްޔާތައް އިންތިޒާރު ކުރަމުންދަނީ، އަވަސް މުއްދަތެއްގެ ތެރޭގައި، ޞުލްޙަވެރިކަމާއެކު އިންތިޚާބު ބޭއްވި، ނޮވެމްބަރ 11 ގައި އިންތިޚާބުވާ ރައީސަކު ސަރުކާރާ ޙަވާލުވުމަށް. މި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އިންތިޚާބުވާ ރައީސަކަށް ސަރުކާރު ޙަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ދަނީ ކުރަމުން.

މި ފުރްޞަތުގައި ތިޔަ ލޮބުވެތި ރައްޔިތުންނާއި، ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ޕާޓީތައް، ކެތްތެރިވެވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބޯލެނބުމަށާއި އަދި މުޖްތަމަޢުގައި ޞުލްޙަމަސަލަސްކަން ދެމެހެއްޓެވުމަށް އިސްކަން ދެއްވުމަށްވެސް އަޅުގަނޑު ގޮވާލަން.

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާނީ އެންމެ ކެންޑިޑޭޓެއް. ނަމަވެސް، އިންތިޚާބުގެ ކާމިޔާބަކީ އެންމެން ޙިއްޞާކުރަންޖެހޭ އެއްޗެއް. މިއަދު އަޅުގަނޑުމެންގެ ޅަނދޮޅު ޑިމޮކްރަސީ ތަޖްރިބާ ކުރަމުން މިގެންދަނީ ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ އާ ތަޖްރިބާއެއް. ކޮންމެ ފަރުދެއްގެ ވޯޓަކީ ރައްޔިތެއްގެ އެންމެ މުޤައްދަސް ޙައްޤު. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވިފައިވާ ހުރިހާ އިންތޚާބުތަކެއްގައިވެސް އިވިފައިވަނީ ވޯޓްލުމުގައި އޮޅުވާލުންތަކެއް ހުންނަ ވާހަކަ. ވީމާ، މިއިންތިޚާބުގައި އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައިވެސް ވޯޓްދޭ މީހާގެ ވޯޓްގެ ޞައްޙަކަން ޔަޤީން ކުރުމަކީ، ޑިމޮކްރަސީ ފުރިހަމަކުރުމުގައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމުގައި ދެކި، މި އިންތިޚާބުގެ އެކިއެކި އިޖްރާޢަތުތައް، ފުރިހަމަކަމާއި ސާފުކަމާއެކީ ކުރިއަށް ގެންދިޔުމަށް، ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ.

އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ ފަރާތްތަކަކުންވެސް އަމާނާތްތެރިކަމާއި ސުލްހަވެރިކަމާއެކީގައި، އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވުން.

އަޅުގަނޑުމެނަށް އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރެވޭނެ. ދިވެހިންނަކީ މިއަށްވުރެ މާ އުނދަގޫ ކަންކަން މީގެކުރިން ސުލްހަވެރިކަމާއެކު ނިންމާފައި ތިބި މީހުން. ނަމަވެސް، ކަންކަން ޙައްލުނުކުރެވި، ދިގުދެމިގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަންނަން ބޭނުންވާނެ. ސަބަބަކީ އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުން އުފެދި، ޤައުމު ހާލުގައި ޖެހޭ ހިނދެއްގައި، އެކަމުން ސަލާމަތް ކުރުމަށް ބޭރުގެ އެހީއަށް ބޭނުންވާތީ. އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ބޭރުގެ އެހީތެރިކަމަށް އެދެމުންދާތީ.

ރާއްޖެއަށް ބޭރު ޤައުމުތަކުގެ ސިފައިން އެރުވުމަށް ނުވަތަ ރާއްޖޭގެ ވެރިކަމާ ތޮޅުމަށް ގޮވާލާ ފަރާތްތަކުގެ ގޮވާލުންތައް އަޅުގަނޑު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އެފަދަ ގޮވާލުމަކަށް އަޅުގަނޑުމެން ޖެހިލުމެއްނުވޭ. އަދި ދިވެހިރާއްޖޭގެ ވެރިކަމާ ކުޅެން ދިމާކުރާ ބޭރުގެ ފަރާތަކުން ރާއްޖެ ސަލާމަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

މިއަދު އަނެއްކާވެސް އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ޚާއްޞަކޮށް، ސިޔާސީ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަންޖެހޭ، އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމާއި، ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތަކީ، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުޅުވާލެވޭ ދޮރެއްކަން. ރާއްޖޭގެ މުއައްސަސާތަކަކީ، ޢުމުރުން ހަގު، މުޅިން ފުރިހަމަނުވާ މުއައްސަސާތަކަކަށްވިޔަސް، އެއީ މިޤައުމުގެ އަމިއްލަ މުއައްސަސާތައް. އެތަންތަން ނިކަމެތިކޮށް އަގުވައްޓާލުމުން، އޭގެ ބަދަލުގައި ބޭރުގެ ފަރާތްތަކުން ގޮތްތައް ނެރެން އުޅުމަކީ، ދާދި ގާތުގައި އޮންނަ ކަންކަން. ވީމާ، ދިވެހިންގެ ކަންކަން ނިންމުމުގައި، ދިވެހިންނަށް ގޮތް ކަނޑައެޅޭނީ، މިޤައުމުގެ ދުސްތޫރާއި، އެ ދުސްތޫރުގެ ދަށުން ހެދިފައިވާ މުއައްސަސާތައް ޙިމާޔަތްކޮށްގެން. އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވެދީގެން. އެއްބަޔަކު އަނެއްބަޔަކު ހަލާކު ކުރަން މަސައްކަތް ކޮށްގެނެއް ނޫން.

މިވަގުތަކީ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއްނޫން. އެއްބާރުން އަނެއްބާރަށް ހަމަލާދޭންވީ ވަގުތެއްނޫން. ނިކަމެތި ދިވެހި ރައްޔިތުންނަށް ދައުލަތުން ދޭން ލާޒިމުކުރާ ރައްކާތެރިކަމާމެދު ކަންބޮޑުވުން އުފައްދަންވީ ވަގުތެއްނޫން. މިވަގުތަކީ، ހަމަބުއްދި އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފާރަވެރިވާންވީ ވަގުތު. އަޅުގަނޑުމެންގެ ސިޔާސީ އުންމީދުތަކަށްވުރެ ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު.

މި ޤައުމަކީ ވަކި މީހެއްގެ ނޫނީ ވަކި ބައެއްގެ ޤައުމެއް ނޫން. މިއީ، އަޅުގަނޑުމެން އެންމެންގެ ޤައުމު. ލިބޭ ކޮންމެ ގެއްލުމަކީ އެންމެންނަށް ލިބޭ ގެއްލުން. މިވަގުތު ޚާއްޞަކޮށް، މިކަމަށް ސަމާލުވުމަކީ، ޤައުމުގެ މިނިވަންކަމާއި ޞުލްޙަ ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަންތައް.

އިންތިޚާބާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ނިންމުން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެއަށްފަހު، އެ ނިންމުން ތަންފީޛު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުން އަޅުގަނޑު އެދެން. އިންޞާފުވެރި އިންތިޚާބެއް ބޭއްވި، އިންތިޚާބު ކުރެވޭ ރައީސަކީ އަޅުގަނޑުމެން އެންމެންގެ ރައީސް. އެބޭފުޅަކަށް އަރުވަންޖެހޭ ހުރިހާ އެހީތެރިކަމެއް އަޅުގަނޑު ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. ހަމަ އެފަދައިން، ދައުލަތުގެ އެހެން މުއައްސަސާތަކުންވެސް އެ އެހީތެރިކަން ދޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން.

މިވަގުތު އަޅުގަނޑު ޤައުމުގެ ލޮބުވެތި ފުލުހުންނާއި ސިފައިންނަށް މި ދަންނަވަނީ، ތިޔަބޭފުޅުން ފުރަތަމަ މި ޤައުމުގެ މަތީ މަޞްލަޙަތު އިސްކުރައްވާށޭ! ޤާނޫނީ ޙުކޫމަތެއް ޤާއިމުކޮށް ހިންގުމަށްޓަކައި އުފެދިފައިވާ މުއައްސަސާތަކަށް އިތުބާރު ކުރައްވައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓެވުމުގައި އިޚްލާޞްތެރިކަމާއެކު ދެމިތިއްބަވާށޭ!

އަޅުގަނޑުގެ ސިޔާސީ އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ގޮވާލަނީ، ރުޅިވެރިކަމާއި، ނަފުރަތާއި، ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކާއި ޢިބާރާތްތައް، އެއްބަޔަކު އަނެއްބަޔަކަށް ވިދާޅުނުވުމަށް. ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވިޔަ ނުދެއްވުމަށް.

ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވަނީ، ކެތްތެރިކަމާއެކު ދިވެހި ޤައުމު، މި އުނދަގޫ މަރްޙަލާއިން ސަލާމަތް ކުރެއްވުމަށް މާތްﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައި ދެމިތިއްބެވުމަށް.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެން އެންމެންނަށް ކެތްތެރިކަން ދެއްވައި، އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އޯގާތެރި ބައެއް ކަމުގައި ލެއްވުން. ދިވެހި ޤައުމަށް ޞުލްޙަވެރިކަމާއި އަމާންކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.