ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަން އުފެދޭފަދަ ވާހަކަތަކާއި ޢިބާރާތްތައް ވިދާޅުނުވުމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހޫނުވިޔަނުދެއްވުމަށް، ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން މިއަދު މެންދުރުފަހު 1 ޖެހިއިރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިމޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމުގެ މަތީ މަޞްލަޙަތު އިސްކުރެއްވުމަށާއި، ޤާނޫނީ ޙުކޫމަތެއް ޤާއިމްކޮށް ހިންގުމަށްޓަކައި އުފެދިފައިވާ މުއައްސަސާތަކަށް އިތުބާރު ކުރައްވައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް ނެގެހެއްޓުމުގައި އިޚްލާޞްތެރިކަމާއެކު ދެމިތިއްބެވުމަށް، ރާއްޖޭގެ ފުލުހުންނަށާއި ސިފައިންނަށް ގޮވާލެއްވިއެވެ. އަދި ދިވެހި ޤައުމު، މި އުނދަގޫ މަރްޙަލާއިން ސަލާމަތް ކުރެއްވުމަށް، މާތްﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުމުގައި ދެމިތިއްބެވުމަށް، ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް ވެރިކަމެއްގައި، ރައްޔިތުންގެ އެންމެބޮޑު ޙައްޤަކީ، މިނިވަންކަމާއި އިންޞާފުވެރިކަމާއެކު ވޯޓްލުމުގެ ޙައްޤު ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިނިވަން ދައުލަތެއްގެ އެންމެ އިސް ވާޖިބަކީ، ކޮންމެ މީހެއްގެ ވޯޓަށް އަމާނާތްތެރިވުމެވެ. ކޮންމެ ވޯޓެއް ގުނުމެވެ. އަދި ހަމަ އެކަކަށްވެސް އެއްވޯޓަށްވުރެ ގިނަ ވޯޓްލުމުގެ ފުރްޞަތު ނުދިނުމެވެ.

 

ސެޕްޓެމްބަރު 7 ގައި އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ އުފުލި އަދި އިންތިޚާބުގެ ވޯޓުގެ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވިގެން، އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓެއްގެ ފަރާތުން އެ މައްސަލަ، ޤާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއަށްފަހު، ހިނގަމުންމިދާ ކަންތައްތަކުގެ ސަބަބުން މިއަދު ދިވެހި ޤައުމު މިވަނީ އަނެއްކާވެސް ވަރަށްބޮޑު ހާސްކަމެއްގެ ތެރެއަށް ގޮސްފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާތަނަށްވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ އުނދަގޫ ސިޔާސީ ކަންކަމުގެ ތެރެއިން އަރައިގެންފައިވަނީ، ކެތްތެރިކަމާއި ޞުލްޙަވެރިކަމާއެކު މަސައްކަތްކޮށްގެން ކަމަށާއި، ވޯޓްގެ މައްސަލައިގައި ދިމާވެފައިވާ މައްސަލަތައް، ޞުލްޙަވެރިކަމާއެކު ޙައްލުކޮށް، ރިޔާސީ އިންތިޚާބު ކުރިއަށް ގެންގޮސް ނިންމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާމެދު ސުޕްރީމް ކޯޓުގެ ނިންމެވުމެއް، ވެވަޑައިގެންނެވި އެންމެ އަވަހަކަށް ނެރުއްވައިދެއްވުމަކީ، މައްސަލަ ފިނިކުރުމަށްޓަކައި އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެހެން، ވޯޓް އޮޅުވާލެވިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ، ޙަޤީޤީ ހެކިތަކެއް ހުރި ކަންތައްތައް ކަމަށްވާނަމަ، އެކަން ސާބިތު ކުރެވުމަކީ، މި މައްސަލަ ޙައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރިޔާސީ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، ދިވެހި ރައްޔިތުންނާއި، އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކާއި ޖަމްޢިއްޔާތައް އިންތިޒާރު ކުރަމުންދަނީ، އަވަސް މުއްދަތެއްގެ ތެރޭގައި، ޞުލްޙަވެރިކަމާއެކު އިންތިޚާބު ބޭއްވި، އިންތިޚާބުވާ ރައީސަކު، ނޮވެމްބަރު 11 ގައި ސަރުކާރާ ޙަވާލުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޤްޞަދު ޙާޞިލު ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ދިވެހި ރައްޔިތުންނާއި، ސިޔާސީ ބޭފުޅުން ކެތްތެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބޯލެނބުމަށާއި އަދި މުޖްތަމަޢުގައި ޞުލްޙަމަސަލަސްކަން ދެމެހެއްޓެވުމަށް އިސްކަން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ މެދުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތަކީ، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުޅުވާލެވޭ ދޮރެއް ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތަކީ ވެރިކަން ހިންގުމުގެ ތިންބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއް ނޫން ކަމަށާއި، އެއްބާރުން އަނެއް ބާރަށް ޙަމަލާދޭންވީ ވަގުތެއްވެސް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިވަގުތަކީ، ހަމަ ބުއްދި އިސްކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފާރަވެރިވާންވީ ވަގުތު ކަމަށާއި، އަޅުގަނޑުމެންގެ ސިޔާސީ އުންމީދުތަކަށްވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރަންވީ ވަގުތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.