ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދެއްވަނީ ޤައުމުގައި ހަމަޖެހުން ދެމެހެއްޓެވުމަށް ކަމުގައި ވިދާޅުވިއެވެ.