بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހަނިމާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަނާއި ބޯޑުގެ ޑިރެކްޓަރުން އަދި އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމްނަޒީމް، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ރަށުގެ ކައުންސިލުގެ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ހަނިމާދޫގައި ފުރަތަމަ ފަހަރަށް މި ޒަމާނުގެ ފެންވަރަށް ތާރު އެޅިގެން ހެދޭ މަގެއް ހެދުމުގެ މަޝްރޫޢު ފެށޭ ދުވަސް މިއަދު މިއީ. ﷲ އިރާދަކުރެއްވިއްޔާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ރަށުގެ ތެރެއަށް މިއަންނަ މައި މަގު، އަތިރިމަތީ މަގު، މި މަގުގެ މަސައްކަތް މިހާރު ދެން މި ފެށުނީ. އެއާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް، އަޅުގަނޑު ދަންނަވާނީ ގިނަވެގެން 4،5 މަހެއްގެ ތެރޭގައި މިމަގު ހަދައި ނިމޭނެއޭ.

އާދެ! މި މަގު ހަދާއިރުގައި އެބަޖެހޭ މި ދިމާލުން ގޮނޑުދޮށްވެސް ހިމާޔަތް ކުރުމަށްޓަކައި މަސައްކަތްކުރަން. ރަށުގެ ބައެއް ދިމަދިމާއިން މިހާރު ވަރަށް ބޮޑަށް ގިރާފައި މިހުރީ. ބަނދަރު ހެދުމަށްފަހުގައި، ޚާއްޞަކޮށް އެފަރާތުން ވަރަށް ބޮޑަށް ގިރަމުން ގެންދަނީ. އެހެންވީމާ، އެތަން ހިމާޔަތް ކުރުމަށްޓަކައި ޖަހަންޖެހޭ ތޮށިޖަހައި، އެކަމުގައި ކުރަންޖެހޭ އިންޖިނޭރިންގ މަސައްކަތްތައްވެސް ކުރުމަށްފަހުގައި މަގުގެ އެބައި ހެދިގެންދާނީ. މަގު މި ހެދެނީ ދެ ލޭން، ދެ މަގެއްގެ ގޮތުގައި. ދެކޮޅަށް ދުއްވާ ދެ މަގުގެ ގޮތުގައި. ވަކި ހިސާބަކުން އެއްމަގެއްގެ ގޮތުގައި އައިސް، އެ މަގު ކަފިވެގެން ގޮސް ރަށުގައި ހުރި ބައެއް އާސާރީ ބޮޑެތި ގަސްގަސް ނުނަގައި އޭގެ ދެފަރާތުން މަގު ދާގޮތަށް ސްޓޭޑިއަމާ ހަމައަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރެވެމުން މިދަނީ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެ ސަބަބުން އެއަރޕޯޓަށް ގޮސް އައިސް އުޅުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މިއީ ފުރަތަމަ މަގު. މި މަގު ހަދައި ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެހެން މަގުތައް ހެދުމުގެ މަސައްކަތްވެސް ފެށޭނެ. އޭރުން އަޅުގަނޑު އުންމީދު ކުރަނީ މިރަށުގެ ޞިއްޙީ މަރުކަޒަށް ދިޔުމަށާއި، ސްކޫލަށް ދިޔުމަށާއި، މިހެން ހުރި މުހިންމު ތަންތަނަށް ދަތުރުކުރުމުގައި، ފެންގަނޑަށް ނޭރި ފަސޭހަކަމާއެކީގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނެ.

މިރަށުގެ ޢުމްރާނީ އެކިއެކި ކަންކަމުގައި މި ވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި. އެގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން ފުރަތަމަ ވަރަށް ގިނަ އަދަދެއްގެ ފްލެޓްތަކެއް މިހާރު އަޅައި ނިމިފައި އެހެރީ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓްތަކެއް މިހާރު ވަނީ ހަވާލު ކުރެވިފައި. ހަމައެއާއެކީގައި، މިރަށުގެ ނަރުދަމާގެ މަޝްރޫޢު މިހާރު މިއޮތީ ފެށިފައި. ނަރުދަމާ ހެދުމުގެ މަސައްކަތް ފުރަތަމަ މިފެށީ އަލަށް އެޅުނު ގެތައް ކައިރީގައި. އެއީ، އެ ގެތަކަށް އަދި ފާޚާނާ ކުރެވޭނެ ނިޒާމުގެ ކަންކަން ހަމަޖެހިފައި ނެތީމާ. ފުރަތަމަ އެދިމާއިން މި ފެށުނީ. އެހެންނަމަވެސް، ދާދި އަވަހަށް އެ މަޝްރޫޢު ރަށުގެ ތެރެއަށް ފެތުރިގެންދާނެ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މި ރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމް ކުރެވޭނެ.

ނަރުދަމާގެ ހޮޅިތައް ވަޅުލަމުން، މަސައްކަތް ކުރިއަށްދިޔަ ވަރަކަށް އެހެން މަގުތައްވެސް ހެދޭނީ. އެހެންވީމާ، އެގޮތުން މި ދެ މަޝްރޫޢު ގުޅިގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދިޔުން އަޅުގަނޑުމެންގެ އުންމީދަކީ. ދެން އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑު ވަރަށް ގާތުން ހަނިމާދޫގެ ޢުމްރާނީ ކަންކަމާ ބެހޭގޮތުން ބަލަމުން މިގެންދަނީ. ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑު ވަރަށް ގާތުން މިމަޝްރޫޢުތައް ބަލަމުން ގެންދާނަން.

އިއްޔެގައި އަޅުގަނޑުމެން މި އިފްތިތާޙުކުރީ ކުޅުދުއްފުށީގެ އަމީނީމަގު. ކުޅުދުއްފުށީގެ އަމީނީމަގަކީ، އެއީ ކިތަންމެ ސީދަލަށް އޮތް މަގެއް ކަމުގައިވިނަމަވެސް، ވަރަށް ގުދުގުދު ލައްވާފައިގޮސް އެމަގު މިހެދުނީ. އަޅުގަނޑު އުއްމީދުކުރަން އެކަހަލަ ދަތިތައް ކުރިމަތި ނުވާނެ ކަމަށް މިރަށުގައި. މިރަށުގެ ރައްޔިތުންނަކީ ސަރުކާރަށް އަބަދުވެސް އެއްބާރުލުންދޭ ރައްޔިތެއް އޮތް ރަށެއް. އެހެންވީމާ، މި މުހިންމު މަޝްރޫޢުތައް މިރަށުގައި ފެށިގެންދާއިރުގައި އެމަސައްކަތްކުރަން އައިސް ތިބޭ ސަރުކާރުގެ ކުންފުނި، އެއީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އަދި ސަބްކޮންޓްރެކްޓަރ ސްރީލަންކާގެ ކުންފުނި، މި ބޭފުޅުންނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރައްޔިތުން ދެއްވުމަކީ އެއީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. ތިޔަބޭފުޅުން އެ މީހުންނަށް ހިތްވަރު ދެއްވައި، މަސައްކަތްކުރާ މީހުންނަށް އެހީވެދެއްވައި، އެމީހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތްކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. ﷲ އިރާދަކުރެއްވިއްޔާ އޭރުން ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތްކޮށް ނިމޭނެ. އެހެންވީމާ، އެކަން ތިޔަ ހުރިހާ ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެން. އެ އެއްބާރުލުމާއި އެހީތެރިކަން އެފަރާތްތަކަށްދޭތޯ. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް، އެކަން އެގޮތަށް، އެ އެހީތެރިކަން ދެއްވާނެ ކަމާމެދު.

އާދެ! އަޅުގަނޑު ދެކޭ ގޮތުގައި މިރަށަކީ މިއީ، ރާއްޖޭގައި އޮތް އެންމެ ރީތި އެއް ރަށް. މިރަށުގެ ރީތިކަން، މިރަށުގެ ހިޔާވަހިކަން، މި ރަށް ހިމާޔަތްކޮށް ބެލެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް. އެހެންވީމާ، އެގޮތުން އަދިވެސް މިހާރަށްވުރެވެސް ބޮޑަށް ރަށުތެރެ ފިނި ކުރުމަށްޓަކައި ގަސް އިންދުމުގެ ޕްރޮގްރާމްވެސް ރާވަމުން ގެންދެވުން އެދެން. އަދި މި މަގުތައް ހަދާއިރުގައި މިހާރު ހުރި ގަސްތައް ބެހެއްޓުމުގެ އިތުރުން، އަލަށް ގަސް އިންދާނެ ތަންތަންވެސް ފާހަގަކުރައްވައި، ކައުންސިލުގެ އެހީއާއެކީގައި، އެހެން މަގުތައްވެސް ހައްދަވާއިރުގައި އެމަގުތަކުގައި ގަސް ޖެހޭނެ ގޮތެއްވެސް ވިސްނަވާފައި މަގުތައް ހަދަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އޭރުން މިރަށް ވަރަށް ހިތްފަސޭހަ ތަނަކަށް ވެގެންދާނެ.

އެހެންވީމާ، މި ދެންނެވި ކަންކަމަށް ހުރިހާ ބޭފުޅުންވެސް ވިސްނާވަޑައިގެން ވަރަށް ފޯރީއާ އެކީގައި މި މަގު ހެދުމުގެ މަސައްކަތާއި، ނަރުދަމާ ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަން އަޅުގަނޑު ޔަޤީންކުރަން.

ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ހުރިހާ ބޭފުޅުންނަށްވެސް، ތިޔަބޭފުޅުން ތިޔަދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް. އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ހަނިމާދޫގެ ތަރައްޤީއަށް މާތް ﷲ ތައުފީޤު ދެއްވައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލެއްވުން. ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތް ﷲ ރަޙުމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ތިޔަ ހުރިހާ ބޭފުޅުންގެ ޢާއިލާއާއި، ތިޔަބޭފުޅުންނަކީ ފުރިހަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވި އަދި އުފާ ފާގަތިކަމާއެކީގައި ދިރިއުޅުއްވާ ރައްޔިތެއްކަމުގައި މާތް ﷲ މިންވަރު ކުރެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم.