بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުން،

މިއަދަކީ މި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ހަމަގައިމުވެސް ލިބުނު އެންމެ އުފާވެރި އެއް ދުވަސް. ކުޅުދުއްފުށްޓަކީ، އިތުރު ތަޢާރުފަކަށް ބޭނުން ނުވާނެ ފަދައިން، މުޅި ދިވެހިރާއްޖޭގައިވެސް އޮތް އެންމެ އާބާދީ ގިނަ، އެންމެ މުރާލި، އެންމެ ރީތި އެއް ރަށް. މިރަށުގައި، މިރަށުގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް މިވަރުގެ މަގެއް ހަދައި ނިމުނުކަމީ ތާރީޚީގޮތުން ވަރަށް ބޮޑު އުފަލެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ފުރަތަމަވެސް ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! މިފަދަ މަޝްރޫޢުތަކުގައި އަޅުގަނޑުމެންނަށް ކުރިއަށް މިދެވެނީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި، މިފަދަ މަސައްކަތް ކުރުމުގެ ތައުފީޤު މިންވަރު ކުރައްވާތީ. މިކަންކަމަށް އަޅުގަނޑުމެން ޝުކުރުވެރިވުމަކީ، އަޅުގަނޑުމެންނަށް ލިބޭ މިފަދަ ނިޢުމަތްތަކުގައި، މިފަދަ ރޯދީގައި، އަޅުގަނޑުމެން އިޚްލާސްތެރިކަމާއެކީގައި، ހެޔޮ ނިޔަތުގައި، ހުރިހާ އެންމެންވެސް އެކީގައި މަސައްކަތްކުރުން. ޝުކުރުވެރިވުމަކީ މިފަދަ ކޮންމެ ނިޢުމަތެއް ބަލައިގަތުން. މިކަމުގެ ފެށުމުން ފަށައިގެން ގޮސް ނިމެންދެންވެސް.

މިމަގު ހެދުމަށްޓަކައި، މިމަގު ހަދަން ނަގަންޖެހޭ މުއްދަތަށްވުރެން މާދިގު މުއްދަތެއް ނެގުނު. އޭގެ ސަބަބުތައްވެސް އެބަހުރި. އެހެން ނަމަވެސް، އެސަބަބުތަކުގެ ތެރެއަށް ދިޔުމެއް ނޫން މިއަދު އަޅުގަނޑުގެ މަޤްސަދަކީ.

މިއަދަކީ އުފާވެރިކަމުގެ ދުވަސް. މިއަދަކީ އަޅުގަނޑުމެން މިމުނާސަބަތުގައި ނަށަންވީ ދުވަސް. މިއަދަކީ ޝަކުވާ ކުރަންވީ ދުވަހެއް ނޫން. މިއަދު މިއީ އަޅުގަނޑުމެން ޝުކުރުވެރި ވާންޖެހޭ ދުވަސް. އަޅުގަނޑު، ތިޔަ ހުރިހާ ބޭފުޅުންނަށް، މިރަށުގެ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑަށް ޝުކުރުވެރިވަން މި މަގު ހެދުމުގައި ބެހެއްޓެވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި. އަދި މިމަގު ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ޙަވާލުކޮށް، މިމަސައްކަތުގައި އެންމެ ބޮޑު ދައުރެއް ކުޅުނީ ދިވެހިރާއްޖޭގެ މަގުތައް ހެދުމާބެހޭ ކުންފުނި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން. އެހެންވީމާ، އެ ކޯޕަރޭޝަނުގެ ޗެއަރމަނަށާއި ބޯޑު މެމްބަރުންނަށް އަދި މެނެޖިންގ ޑިރެކްޓަރަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރުން. ހަމައެހެން، މި މަގު ހެދުމުގައި އަޅުގަނޑުމެންގެ ސަބްކޮންޓަރެކްޓަރެއްގެ ގޮތުން މަސައްކަތްކުރި ސިލޯނުގެ ކުންފުންޏަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އާދެ! އިރާދަކުރެއްވިޔާ މިއީ ހަމަ ފެށުން. ދެން ހަމަ އިތުރު މަގުތަކެއް ހެދިގެން ދާނެ މިރަށުގައި. އިރާދަކުރެއްވިއްޔާ މާދަމާ، ހޮސްޕިޓަލު މިހުރި ބަންޑާރަމަގުގެ މަސައްކަތް ފެށޭނެ. އިރާދަކުރެއްވިއްޔާ ބަންޑާރަމަގުގެ މަސައްކަތް މާދަމާއިން ފެށިގެން ނުހުއްޓި ކުރިއަށްދާނެ.

އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ބޭފުޅުންވެސް މި މަސައްކަތް ކުރާ ކުންފުންޏަށާއި، މަސައްކަތުގައި އުޅޭ އެންމެންނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުން. ﷲ އިރާދަކުރެއްވިއްޔާ އޭރުން އަޅުގަނޑުމެންނަށް ކާމިޔާބުވާނެ. ﷲ އިރާދަކުރެއްވިއްޔާ މިރަށުގެ ހުރިހާ މަގުތަށްވެސް އިރާދަކުރެއްވިއްޔާ ހަދައި ނިމޭނެ.

އަދިވެސް އެއްފަހަރު މިމަގު އިފްތިތާޙުކުރުމަށްޓަކައި، މިއަދު މަގު ހުޅުވުމަށްޓަކައި، ތިޔަ ހުރިހާ ރައްޔިތުން މިތަނަށް ވަޑައިގެން، މިކަމުގެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ! މަރުޙަބާއާއި މުބާރަކްބާދު!

والســّلام عليــكم. ޝުކުރިއްޔާ ވަރަށް ބޮޑަށް.